[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އުނގެނޭ ކުއްޖާ ޢިލްމީ ޙަޔާތުގައި ބަހައްޓަންޖެހޭ އަދަބުތައް


1. ޢިލްމު އުނގެނުމުގައި ހިންމަތްކުރުން.

ހިންމަތާއެކު މަސައްކަތްކުރުމަކީ ފޫހިވުމުންނާއި ނާއުއްމީދުވުމުން ދުރުކުރުވާނެކަމެކެވެ. ހިންމަތާއި ކިބުރުވެރިކަން އެއްނުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ހިންމަތްކުރުމަކީ ނަބީބޭކަލުންނާއި ޞާލިޙުބޭކަލުންގެ ރިވެތި އަޚްލާޤުގެ ތެރެއިންވާކަމެކެވެ. ނަމަވެސް ކިބުރުވެރިކަމަކީ މީހާ ކުރާ ކަންކަން ނެތިކޮށް ހަލާކުކޮށްލާނެ ކަމެކެވެ.

2. ޢިލްމު އުނގެނުމުގައި ގިނަވަޤުތު ހޭދަކުރުން.

އެގޮތުން ޢިލްމު އުގެނުމަށާއި، ޢިލްމު ހޯދުމަށާއި، ޢިލްމާމެދުގައި ވިސްނާފިކުރުކުރުމަށް ވަޤުތު ދިނުން ވެއެވެ.

3. ޢިލްމު އުނގެނުމަށްޓަކައި ދަތުރުކުރުން.

ތަނަވަސްކަމާއި ޤާބިލުކަން ހުރިކަމުގައިވާނަމަ ޢިލްމުވެރިން ތިބި ރަށްތަކަށާއި ޤައުމުތަކަށް ދަތުރުކޮށްގެން ޢިލްމު ހޯދުމަކީ ވަރަށް މުހިއްމުކަމެކެވެ. ސަލަފުއްޞާލިޙުން ޢިލްމު ޙާޞިލުކުރުމަށްޓަކައި އެކިރަށްރަށަށް ދަތުރުކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވިއެވެ.

4. ލިޔެގެން ޢިލްމު ރައްކާކުރުން.

ލިޔެގެން ޢިލްމު ރައްކާކުރުމަކީ ޢިލްމު ހަނދާންނެތުމާއި، އޮޅުން އެރުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ. އަދި މަޢުލޫމާތެއް ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތަކަށް އަވަސްކަމާއެކު ވާޞިލުކޮށްދޭނެ ކަމެކެވެ. އައްޝަޢަބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ((ތިބާއަށް (ޢިލްމީގޮތުން) އެއްޗެއް އިވިއްޖެކަމުގައިވާނަމަ ފާރެއްގައި ނަމަވެސް ލިޔާށެވެ.))

5. ހިތުދަސްކުރުމަށް ސަމާލުކަންދިނުން.

6. ހިތުދަސްކޮށްފައިވާ ތަކެތި މުރާޖަޢާކުރުން.

ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ((ޢިލްމަށް ދިމާވާ އެންމެ ބޮޑު އާފަތަކީ ހަނދާންނެތުމެވެ.)) ކީރިތި ޤުރުއާން މުރާޖަޢާ ނުކުރާކަމުގައިވާނަމަ ޖަމަލު އޭގެ ވާފަށުން ދެމިގަންނަހާ އަވަހަށް ހަނދާންނެތިގެންދާނެކަމަށް ޙަދީޘްގައި އައިސްފައިވެއެވެ. އެހެންކަމުގައިވާނަމަ އެހެން ޢިލްމުތައް ހަނދާންނެތޭނެ މިންވަރު ވިސްނާލުން ހުއްޓެވެ. އެންމެ ރަނގަޅު ޢިލްމަކީ ކޮންމެ ޢިލްމެއްގެވެސް އަޞްލުތައް ހިތުދަސްކޮށް، އެޢިލްމެއްގެ ފަރުޢުތައް ހަނދާން ބެހެއްޓުމެވެ.

7. ޢިލްމު އުނގެނުމުގައި ﷲގެ ޙަޟްރަތުން މަދަދަށް އެދުން.

8. ތެދުވެރިވުން.

9. ޢިލްމަށް އަމާނާތްތެރިވުން.

ޢިލްމު އުގެނނުމާއި، އެ ޢިލްމު ރައްކާކުރުމާއި، ޢަމަލުކުރުމާއި، އެފޯރުކޮށްދިނުމުގައި ޢިލްމަށް އަމާނާތްތެރިވުމަކީ ކިޔަވާ ކުއްޖާ އަހައްމިއްޔަތުކަންދޭންޖެހޭ ކަމެކެވެ. ކޮންމެ ޢިލްމެއްގެ ޞައްޙަކަން ބިނާވެފައިވަނީ އެޢިލްމު އުފުލާމީހުންގެ އަމާނާތްތެރިކަމަށެވެ.

10. ކިޔަވާކުއްޖާގެ އައްޑަނާގައި ހިފުން.

ކިޔަވާ ކުއްޖާގެ އައްޑަނައަކީ ((لا أدري)) އެވެ. [މާނައީ: އަހަންނަކަށް ނޭނގެއެވެ.]

އެހެނީ އެބަހަކީ ޢިލްމުގެ ދެބައިކުޅަ އެއްބައެވެ. އަދި ޖާހިލުކަމުގެ ދެބައިކޮށްފަ އެއްބަޔަކީ ((ހީވަނީ)) ނުވަތަ ((ބުނެވިފައިވަނީ)) މިފަދަ ބަސްތައް ބޭނުންކުރުމެވެ.

11. ވަޤުތަށް ފަރުވާތެރިވުން.

12. ނަފްސު ފޫހިކުރުވުމުން ދުރުކުރުން.

13. ސުވާލުކުރުމުގައި އަދަބުވެރިވުން.

ސުވާލުކުރާއިރު ރަނގަޅަށް ސުވާލުކުރުމާއި، ޖަވާބަށް ކަނުލައި އަޑުއެހުމާއި، ރަނގަޅަށް ޖަވާބު ދެނެގަތުން ހުއްޓެވެ. ޖަވާބު ލިބުމުން ((އެވެނި ޝެއިޚަކު ވިދާޅުވީ މިފަދައިންނޭ)) ބުނުމުން ދުރުހެލިވާށެވެ. އެހެނީ އެއީ އަދަބުވެރިކަން ދުރުކުރާކަމެކެވެ. އަދި ޢިލްމުގެ އަހުލުވެރިން އެކަކު އަނެކަކާ ޖެއްސޭ ޖެއްސުމެކެވެ. ކޮންމެހެން ބުނަންޖެހިއްޖެ ޙާލަތެއްގައި ސުވާލު ތަފްޞީލުކޮށްދީ، ((މިވެނި ކަމެއްގައި މިފަދަ ޙުކުމަކީ ރަނގަޅު ޙުކުމެއްތޯ)) މިފަދަ ޢިބާރާތަކުން ސުވާލުކުރާށެވެ.

14. ރިވެތިގޮތުގައި ބަސްބުނުން.

މަސްއަލައެއްގައި ރިވެތިކަމާއި އަދަބުވެރިކަމާއެކު ބަހުސްކުރުމަކީ މުހިއްމުކަމެކެވެ. އެއީ ޢިލްމު ފެތުރި، ޢިލްމު ހަނދާން ހުންނާނޭކަމެކެވެ. ނަމަވެސް ޖަދަލުކުރުމާއި، ޒުވާބުކުރާގޮތަށް ވާހަކަ ދެއްކުމަކީ ރުޅިވެރިކަމާއި، ދެއްކުންތެރިކަން ގެންނާނޭ ކަމެކެވެ. އަދި ޤަދަރު ގެއްލޭނޭ ކަމެކެވެ.