[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރިންގެ މެދުގައި ޢަދުލުވެރިވުން

عَنِ النُّعْمَانِ بْنِ بَشِيرٍ – رضي الله عنه – قَالَ تَصَدَّقَ عَلَىَّ أَبِى بِبَعْضِ مَالِهِ فَقَالَتْ أُمِّى عَمْرَةُ بِنْتُ رَوَاحَةَ لاَ أَرْضَى حَتَّى تُشْهِدَ رَسُولَ اللَّهِ -صلى الله عليه وسلم-. فَانْطَلَقَ أَبِى إِلَى النَّبِىِّ -صلى الله عليه وسلم- لِيُشْهِدَهُ عَلَى صَدَقَتِى فَقَالَ لَهُ رَسُولُ اللَّهِ -صلى الله عليه وسلم- « أَفَعَلْتَ هَذَا بِوَلَدِكَ كُلِّهِمْ ». قَالَ لاَ. قَالَ « اتَّقُوا اللَّهَ وَاعْدِلُوا فِى أَوْلاَدِكُمْ ». فَرَجَعَ أَبِى فَرَدَّ تِلْكَ الصَّدَقَةَ. (رواه البخاري في الهبة باب 12، ومسلم في الهبات باب كراهة تفضيل بعض الأولاد في الهبة، واللفظ له).

 ޙަދީޘުގެ މާނަ

ﷲ ތަޢާލާ ރުއްސުންލެއްވި ނުޢުމާން ބިން ބަޝީރުގެ ކިބައިން ރިވާވެގެންވެއެވެ. ބައްޕަގެ މުދަލުން ބައެއް، ބައްޕަ ތިމަންކަލޭގެފާނަށް ޞަދަޤާތްކުރެއްވިއެވެ. އެހިނދު ތިމަންކަލޭގެފާނުގެ މަންމަ ޢަމްރަތު ބިންތު ރަވާޙާ ދެންނެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހެކި ނުކުރާހާހިނދަކު، ތިމަންނާ ތިކަމަކަށް ނުރުހެމެވެ. ދެން، ބައްޕަ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހެކިކުރެއްވުމަށްޓަކާ ދިޔުމުން، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” ތިބާގެ ހުރިހާދަރިންނާމެދު ތިފަދައިން ކަންތައް ކުރިންހެއްޔެވެ؟ (ހުރިހާ ދަރިންނަށްވެސް ތިފަދައިން ޞަދަޤާތްކުރިން ހެއްޔެވެ؟ ) ” ދެން ބައްޕަ ނޫނެކޭ ބުނުމުން ޙަދީޘްކުރެއްވިއެވެ. ” ﷲ އަށް ބިރުވެތިވާށެވެ! އަދި ތިޔަބައިމީހުންގެ ދަރިންގެ މެދުގައި ޢަދުލުވެރިވާށެވެ!” ދެންފަހެ، ބައްޕަ އައިސް އެ ޞަދަޤާތް އަނބުރާ ގެންދެވިއެވެ.

ތަފްޞީލީ މާނަ

ދަރިންނަށް އެއްޗިހި ދިނުމުގައިވެސް އަދި އެހެން ހުރިހާ ކަމެއްގައިވެސް ޢަދުލުވެރިވެ، ހުރިހާ ދަރިންގެ މެދުގައި ހަމަހަމަ ގޮތަކަށް ކަންތައް ކުރުމަކީ މައިންބަފައިންގެ މައްޗަށްވާ ވާޖިބެކެވެ. އެއީ ﷲ އާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަމުރު ކުރައްވާފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. وَأَقْسِطُوا إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ [الحجرات:9] “އަދި ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! ހަމަކަށަވަރުން، ޢަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”  އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ الْمُقْسِطِيْنَ عِنْدَ اللهِ يَوْمَ الْقِيَامَةِ عَلَى مَنَابِرَ مِنْ نُوْرٍ عَنْ يَمِيْنِ الرَّحْمَٰنِ وَكِلْتَا يَدَيْهِ يَمِيْنٌ، الَّذِيْنَ يَعْدِلُوْنَ فِيْ حُكْمِهِمْ وَأَهْلِيْهِمْ وَمَا وَلَّوْا “. (رواه مسلم وغيره ). ” ޤިޔާމަތްދުވަހު، ޢަދުލުވެރިން ވާނޭކަން ކަށަވަރީ، ރަޙުމާންވަންތަ އިލާހުގެ ކަނާއަތްފަރާތްޕުޅުގައި ނޫރުން ހެދިފައިވާ މިންބަރުތަކެއްގައެވެ. އެއިލާހުގެ ދެއަތްޕުޅަކީވެސް ކަނާއަތެވެ.[1] އެބައިމީހުންނަކީ އެމީހުން ޙުކުމްކުރާއިރާއި، އެމީހުންގެ އަހުލުންގެ މެދުގައްޔާއި، އެމީހުންގެ ބެލުމުގެ ދަށުގައިވާ މީހުންގެ މެދުގައި ޢަދުލުވެރިވާމީހުންނެވެ.”

ޢިލްމިވެރިންގެ ރައުޔުތަކުގެތެރެއިން، ޞައްޙަ ވަރުގަދަ ރައުޔުގައިވަނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަސްފުޅު اتَّقُوا اللَّهَ وَاعْدِلُوا فِى أَوْلاَدِكُمْ ” ﷲ އަށް ބިރުވެތިވާށެވެ! އަދި ތިޔަބައިމީހުންގެ ދަރިންގެ މެދުގައި ޢަދުލުވެރިވާށެވެ!” ގައި އައިސްފައިވާ އަމުރަކީ ވާޖިބުގެ ދަރަޖައަށްދާ އަމުރެއްކަމުގައެވެ. މިއީ އިމާމުލް ބުޚާރީ އާއި އިމާމް އަޙްމަދާއި އިސްޙާޤާއި ޘައުރީ (ރަޙިމަހުމުﷲ) އާއި އަދި މިނޫން އެހެން އެތައް ބޭކަލެއްގެ ރައުޔެވެ. މިކަމުގެ ސަބަބެއްކަމުގައި ބަޔާންވެފައިވަނީ މައިންބަފައިން، އެމީހުންނަށް ކިޔަމަންތެރިވުމުގައި ހުރިހާ ދަރީންވެސް ހަމަހަމަވުމަށް އެދޭފަދައިން، އެދަރީންނަށް ކަންތައް ކޮށްދިނުމުގައިވެސް ހަމަހަމަ ވާންޖެހޭނެކަމަށެވެ. އެއީ މި ޙަދީޘްގައި ހަމަހަމަ ކުރުމަށް އައިސްފައިވާތީއެވެ.

އެހެންވީމާ މިއާއި ޚިލާފަށް ޢަމަލުކޮށްފައިވާނާމަ ތައުބާވާންޖެހެއެވެ. އަދި އެހެންދަރީންނަށް ނުދޭ އެއްޗެއް އެއްވެސް ދަރިއަކަށް ދީފައިވާނަމަ އެއެއްޗެއް އަނބުރާގެންދަންވާނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް ޞަޙީހު މުސްލިމުގައި އައިސްފައިވެއެވެ. فَلَيْسَ يَصْلُحُ هَذَا وَإِنِّيْ لَا أَشْهَدُ إِلَّا عَلَى حَقٍّ فَأَرْدِدْهُ  ” ތިއީ ރަނގަޅު ގޮތެއް ނޫނެވެ. ހަމަކަށަވަރުން ޙައްޤުގޮތުގައި ކުރެވޭކަމަކަށް މެނުވީ ތިމަންކަލޭގެފާނު ހެކިވެ(އެއްބަސްވެ) ވަޑައެއްނުގަންނަވާނަމެވެ. ފަހެ އެ އަނބުރާގެންދާށެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މިފަދައިން ޙަދީޘް ކުރެއްވުމާއެކު، އެ މާތް ޞަޙާބީ އެ އަނބުރާގެންދެވިއެވެ.

ހުރިހާ މުސްލިމުންގެ ޢަމަލުވެސް ހުންނަންވާނީ މިފަދައިންނެވެ. ﷲ އާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަމުރެއް އައުމާއެކު އެއަށް ބޯލަނބައި، އެ އަމުރު ތަނފީޒު ކުރުމުގައި އަވަސްވެގަންނަންވާނެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ [الأحزاب:36]  ” އަދި ﷲއާއި އެއިލާހުގެ ރަސޫލާ (ޞައްލަﷲ ޢަލައިހިވަސައްލަމަ) ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، (އެއާއި ޚިލާފަށް ޢަމަލުކުރުމުގެ) އިޚްތިޔާރެއް ލިބިގެނެއްނުވެއެވެ.”

މި ޙަދީޘުންލިބޭ ބައެއް ފައިދާތައް

  1. އުޚުވަތްތެރިކަން ގެއްލި  ރުޅިވެރިކަން އުފެދި،ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ސަބަބެއްކަމުގައި ވެދާނެ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމުގެ މުހިންމުކަން.
  2. ހިބައިން އެއްޗިހި ދޭއިރު ބަޔަކު ހެކި ކުރުމަކީ ހުއްދަ ކަމެއްކަން.
  3. ހުއްދަ ނޫންކަމެއްގައި މީހަކު އެދުނަސް، ހެކިވުން ހުއްދަ ނުވާނޭކަން
  4. ދަރިންގެ ތެރެއިން ވަކި ކުއްޖެއްދެކެ އެހެން ކުދިންނަށްވުރެ ބޮޑަށް ލޯބިވިޔަސް، ހުރިހާ ކަމެއްގައިވެސް އެމީހުންގެ މެދުގައި ހަމަހަމަ ކުރަން ޖެހޭނެކަން.
  5. ސުވާލުކުރާމީހާގާތު ދިމާވެގެން އުޅޭ ކަމުގެ ތަފްޞީލު އެހުމަކީ ހުއްދަކަމެއްކަން.
  6. ޙައްޤު އެނގުމާއެކު އެއަށް ތަބަޢަވުމުގެ މުހިންމުކަން.
  7. ދީނާއި ޚިލާފަށް ދެވިފައިވާ އެއްޗެހި އަނބުރާ ނަގަން ޖޭހޭނެކަން.
____________________________________________________________

[1]  (ﷲ ތަޢާލާގެ ސިފަފުޅުތައް، ޤުރުއާނާއި ޙަދީޘުން ޘާބިތުވެއްޖެނަމަ، އެއައިސްފައި އޮތް ގޮތަށް، އީމާންވުން އެއީ އަހްލުއްސުންނަތް ވަލް ޖަމާޢަތުގެ ޢަޤީދާއެވެ. އެ ސިފަފުޅުތަކުގެ ވައްތަރެއް އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. އެހެންކަމުން އެއިލާހުގެ ދެއަތްޕުޅޭ ބުނެވުމުން އެއީ އިންސާނުންގެ އަތް ކަހަލަ އަތްޕުޅެއް ކަމަށް އަޅުގަނޑުމެން ވިސްނައިގެން ނުވާނެއެވެ.)