ﷲގެ ވަޙީ ބަސްފުޅު ((وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ)) މާނައީ: “އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.” ދަންނައެވެ. މި ޙަސަދައިގެ ތެރޭގައި ޖިންނީންނާއި އިންސީންގެ ތެރެއިން ޙަސަދަވެރިވާމީހުން ޢާއްމުވެގެންވެއެވެ. ފަހެ، ހަމަކަށަވަރުން މުއުމިނުންނަށް ﷲ ދެއްވަވާފައިވާ މަތިވެރިކަމާހުރެ ޝައިޠާނާއާއި އޭނާގެ ޖަމާޢަތުގެ މީހުން މުއުމިނުންނަށް ޙަސަދަވެރިވެއެވެ.
އެހެންނަމަވެސް ޚާއްޞަގޮތެއްގައި ވަސްވާސްދެނީ ޖިންނީންގެ ތެރެއިންވާ ޝައިޠާނުންނެވެ. އަދި ޚާއްޞަގޮތެއްގައި ޙަސަދަވެރިވަނީ އިންސީންގެ ތެރެއިންވާ ޝައިޠާނުންނެވެ. އަދި މިދެބައިމީހުންނަށް ވަސްވާސްދިނުން ޢާއްމުވެގެންވެއެވެ. ޖިންނީންނާއި އިންސީންގެ ތެރެއިންވާ ޝައިޠާނުންނަކީ ޙަސަދަވެރިވާ ވަސްވާސްދޭ ބައެކެވެ. އެހެންކަމުން، (ޙަސަދަވެރިވާމީހާގެ ކިބައިން) ސަލާމަތަށް އެދުމުން މި އެންމެހާ ޙަސަދަވެރިންގެ ކިބައިން ސަލާމަތަށް އެދެވުނީއެވެ.
ފަހެ، މި ސޫރަތުގައި ޢާލަމުގައިވާ ކޮންމެ ނުބައިކަމަކުން ސަލާމަތްތެރިކަމަށް އެދުން ޝާމިލުވެފައިވެއެވެ. މި ސޫރަތުގައި ހަތަރު ނުބައިކަމެއް ބަޔާންކުރެވިފައިވެއެވެ.
އޭގެތެރޭގައި ޢާއްމުވެގެންވާ ދެނުބައިކަމަކީ ޚަލްޤުކުރައްވާފައިވާ ތަކެތީގެ ނުބައިކަމުންނާއި، ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންނެވެ. މި ދެވައްތަރު ބަޔާންކުރެއްވުމަށްފަހު ބަޔާންކުރައްވާފައި ވަނީ ސިޙުރުވެރިންނާއި ޙަސަދަވެރިންގެ ނުބައިކަމުންނެވެ. މިއީވެސް ދެވައްތަރެކެވެ. މިދެކަންވެސް އަންނަނީ ނުބައި ނަފްސުތަކުގެ ފަރާތުންނެވެ. އެއިގެ ތެރެއިން ފުރަތަމަކަންކުރުމަށްޓަކައި ޝައިޠާނުންގެ ކިބައިން ވާތްގަށްއެދި، އެ ޝައިޠާނުންނަށް އަޅުކަންކުރެއެވެ. އެއީ ސިޙުރުވެރިޔާއެވެ. އަދި ޝައިޠާނާއަށް އަޅުކަންކޮށްގެންނާއި ޝައިޠާނުންނަށް ކުއްތަންވެގެން މެނުވީ ސިޙުރެއް ނުގެނެވޭނޭ ބުނާށެވެ. އެއީ އެ ޝައިޠާނާގެ ނަމުގައި ޛަބަޙަކުރުންކަމުގައިވެސްވެދާނެއެވެ. ނުވަތަ އެ ޝައިޠާނާ އެދޭގޮތެއްގެ މަތިން ޛަބަޙަކުރުމަށްވެސް ވެދާނެއެވެ. އެހައިރުން އެ ޛަބަޙަކުރުންވެގެންދާނީ ﷲ ނޫން ފަރާތަކަށް ޛަބަޙަކުރެވޭ ޛަބަޙަކުރުމަކަށެވެ. (ސިޙުރު ހަދަނީ) މިނޫންވެސް ތަފާތު ޝިރުކުގެ ވައްތަރުތައް ކޮށްގެންނެވެ.
އަދި ސިޙުރުވެރިޔާ ޝައިޠާނާއަށް އަޅުކަންކުރުމަށް ޝައިޠާނާގެ ނަން ނުގަތްނަމަވެސް އެއީ ޝައިޠާނާއަށް ވެވޭ އަޅުކަމެކެވެ. އަދި އެއީ ޝައިޠާނާ ބުނާ ނަމެއް އެކަމަށް ކީކަމުގައި ވީނަމަވެސްމެއެވެ. އެހެނީ، ޝިރުކާއި ކުފުރަކީ އޭގެ ޙަޤީޤަތުގައިވެސް އަދި މާނައިގައިވެސް ޝިރުކެކެވެ. އަދި ކުފުރެކެވެ. (ކަމެއް ޝިރުކަކަށް ނުވަތަ ކުފުރަކަށް ވުން ބިނާވެގެންވަނީ) އެކަމަކަށް ކިޔޭ ނަމުގެ މައްޗަށް ނުވަތަ ލަފުޒުގެ މައްޗަކަށް ނޫނެވެ. (މިސާލަކަށް) މީހަކު މަޚްލޫޤަކަށް ސަޖިދަޖެހުމަށްފަހު، މިއީ އެމަޚްލޫޤަށްޖެހި ސަޖިދައެއް ނޫނޭ، އަދި މިއީ އެމަޚްލޫޤެއްކައިރީ ނިކަމެތިވެ، ބިންމަތީގައި ނިތްކުރި ޖައްސާލީކަމުގައި ބުނުންފަދަ ކަމެކެވެ. މި ފަދަ ބަސްތައް ބުނުމަކީ ﷲ ފިޔަވައި އެހެން ފަރާތަކަށް ސަޖިދަކުރިކަމުން އެމީހާ ނެރެދޭނެ ބަސްތަކެއް ނޫނެވެ. އެމީހާ އެކަމަށް ކޮންމެ ނަމެއް ކީކަމުގައި ވީނަމަވެސްމެއެވެ.
ހަމައެފަދައިން ޝައިޠާނާއަށް ޛަބަޙަކޮށް، އެ ޝައިޠާނާއަށް ގޮވާ، އަދި އެއިގެ ކިބައިން ސަލާމަތްކަމަށްއެދި، އެ ޝައިޠާނާއާ ކުއްތަންވެއްޖެނަމަ އެއީ ޝައިޠާނާއަށް އަޅުކަންކުރުމެވެ. އެކަންކުރާމީހާ އެއީ އަޅުކަމޭ ނުކީކަމުގައި ވީނަމަވެސްމެއެވެ. އެފަދަމީހުން ބުނެ އުޅެނީ މިފަދަ ކަންކަން ކުރުމަކީ ޚިދުމަތްކުރުންކަމުގައެވެ. މިފަދަ މީހާގެ މިބުނުމަކީ ތެދެކެވެ. ޝައިޠާނާއަށް ޚިދުމަތްކޮށް، އެސޮރަށް އަޅުކަންކުރުމަކީ އެމީހާއަށް އެސޮރު ޚިދުމަތްކޮށްދޭނެކަމެކެވެ. މިސަބަބާހުރެ އެމީހާ އެ ޝައިޠާނާއަށް ޚިދުމަތްކުރަނީއެވެ. އެހެންނަމަވެސް، ޝައިޠާނާ އެމީހާއަށް އެކޮށްދޭ ޚިދުމަތަކީ އަޅުކަމުގެގޮތުން ކޮށްދޭ ޚިދުމަތެއް ނޫނެވެ. އެހެނީ، އެމީހާ އެ ޝައިޠާނާއަށް ނިކަމެތިވާފަދައިން ޝައިޠާނާ އެމީހާއަށް ނިކަމެތިނުވާނެއެވެ. އަދި އެމީހާ އެ ޝައިޠާނާއަށް އަޅުކަންކުރާ ފަދައިން އެމީހަކަށް އެސޮރު އަޅުކަމެއްވެސްނުކުރާނެއެވެ. އެހެންކަމުން، މިކަމަށް ސިޙުރުވެރިޔާ ޚިދުމަތްކުރުމޭ ކިޔުންކަމުގައިވީނަމަވެސް މިއީ އެމީހާގެ ފަރާތުން ޝައިޠާނާއަށް ވެވޭ އަޅުވެތިވުމެކެވެ.
ޙަސަދަވެރިޔާގެ ނުބައިކަމުން ސަލާމަތްވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މިއަންގަވާ އެންގެވުމާމެދު ވިސްނަވާ ލައްވާށެވެ. ((إِذَا حَسَدَ)) މާނައީ: “ޙަސަދަވެރިވެއްޖެހިނދުއެވެ.” އެހެނީ، މީހެއްގެ ކިބައިގައި ޙަސަދަވެރިކަން ހުރެދާނެއެވެ. އެހެންނަމަވެސް އެކަން އެމީހަކު ފޮރުވައި، އަދި ހިތުންވެސް އަދި ދުލުންވެސް އަދި އަތުންވެސް ގެއްލުމެއްނުދީ، ހަމައެކަނި ޙަސަދައިގެ މިންވަރެއް އެމީހެއްގެ ހިތުގައިވެ، އެމީހާގެ އަޚާއާމެދު ﷲ ލޯބިވެވޮޑިގެންވާގޮތަށް މެނުވީ ޢަމަލުތައް ނުބަހައްޓައެވެ. ﷲ އެމީހަކު ސަލާމަތްކޮށްދެއްވިމީހެއްމެނުވީ (ޙަސައިދައިން) ސަލާމަތްނުވާނެއެވެ.(1)
އަލްހަސަން އަލްބަޞަރީއަށް ދެންނެވުނެވެ. މުއުމިނަކު ޙަސަދަވެރިވެދާނެ ހެއްޔެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. ޔޫސުފްގެފާނުންގެ އަޚުންގެ (ޙާދިޘާ) ތިބާ ހަނދުމަނެތިކުރުވީ ކޮން އެއްޗެއް ހެއްޔެވެ؟ ފަހެ، މީހެއްގެ ކިބައިގައި ޙަސަދަވެރިކަން ހުރެ އެކަން ވަންހަނާކޮށްފާނެއެވެ. އަދި އޭގެ ސަބަބުން އެއްވެސް ގެއްލުމެއް އެއްވެސްގޮތަކުންނުދީ ހުރެދާނެއެވެ. އެމީހާގެ ހިތުންނާއި ދުލުންނާއި އަތުންވެސް ގެއްލުމެއް ނުދެއެވެ. އެފަދަ މީހަކު އެމީހާގެ އަޚާއާމެދު މުޢާމަލާތުކުރަނީ ﷲ ލޯބިވެވޮޑިގަންނަވާގޮތަށެވެ. އަދި އެމީހާގެ ނަފްސު އެދޭކަންކަމަށް ކިޔަމަންތެރިނުވެ، ﷲއަށް ބިރުވެތިވެ އެނަފްސަށް ނުކިޔަމަންތެރިވެއެވެ. އަދި ﷲ އެއިލާހުގެ އަޅުތަކުންނަށް ދެއްވަވާ ނިޢުމަތްތަކަށް ނުރުހުންވުމަށް ލަދުވެތިވެއެވެ. އެމީހާ ދެކޭގޮތުގައި (ﷲ އެއިލާހުގެ އަޅުތަކުންނަށް ދެއްވަވާ ނިޢުމަތްތަކަށް ނުރުހުންވުމަކީ) ﷲއާ ޚިލާފުވެވޭ ޚިލާފުވުމެކެވެ. އަދި ﷲ ލޯބިވެވޮޑިގަންނަވާ ކަންކަމާމެދު ރުޅިއައުމެކެވެ. މި އަންނަ ޙަސަދަވެރިކަން މަތަކުރުމަށްޓަކައި އެމީހާގެ ނަފްސާ ޖިހާދުކުރަމުން އެމީހާ ގެންދެއެވެ. އަދި އެފަދަ މީހަކަށް ލާޒިމުވެގެންވަނީ ޙަސަދަވެރިވެވޭ މީހާއަށް ހެޔޮދުޢާކޮށްދީ، އޭނާއަށް ހެޔޮކަން އިތުރުކޮށްދެއްވުމަށް އުއްމީދުކުރުމެވެ. މިފަދަ މީހެއްގެ ހިތުގައި މިވާފަދަ ޙަސަދައަކުން އެމީހަކަށް ގެއްލުމެއް ނުވެއެވެ. އަދި ޙަސަދަވެރިވެވޭމީހާއަށްވެސް ގެއްލުމެއް ނުމެވާނެއެވެ.
ބަޔާންވެ ދިޔަ ފަދަ މީހަކާ ޚިލާފަށް، އެހެންމީހަކަށް ޙަސަދަލައި، އެޙަސަދައިގެ އުނދަގޫ ހިތުންނާއި ދުލުންނާއި އެހެން ގުނަވަންތަކުން ފޯރުވާ ޙަސަދައަކީ ނުބައިވެގެންވާ ވައްތަރުގެ ޙަސަދައެވެ. މިއީ އެހެންމީހެއްގެ ކިބައިން ނިޢުމަތެއް ފިލާ ދިޔުމަށް ވާ ޙަސަދައެވެ. ޙަސަދައިގައި ތިން ހަރުފަތެއްވެއެވެ.
ފުރަތަމައީ: ނިޢުމަތް ފިލާދިޔުމަށް އެދުމެވެ.
ދެވަނައީ: ނިޢުމަތް ނުލިބުމަށް އެދުމެވެ. ﷲ އެއިލާހުގެ އަޅަކަށް ނިޢުމަތެއް ދެއްވުމަށް މިފަދަ މީހަކު ނުރުހޭނެއެވެ. އަބަދުވެސް އެދޭނީ އަނެކާ އެ ޖާހިލުކަމުގައި، ނުވަތަ ފަޤީރުކަމުގައި، ނުވަތަ ދީންވެރިކަމެއް ނެތި އުޅުމަށެވެ. ފަހެ، މިއީ އުނިކަމެއް ނުވަތަ ޢައިބުކަމެއް އަނެކާގެ ކިބާގައި ދާއިމުވެހުރުމަށް އެދެވޭ އެދުމެކެވެ. މިފަދައިން ޙަސަދަވެރިވާމީހާ އެ ޙަސަދަވެރިވަނީ ނެތް ކަމަކަށެވެ. ބުނެވިދިޔަ ފުރަތަމަ ވައްތަރުގެ ޙަސަދައަކީ ނިޢުމަތެއް ލިބިފައިވަނިކޮށް ފިލާދިޔުމަށް އެދުމެވެ. މި ދެވައްތަރަކީވެސް ޙަސަދަވެރިވުމެކެވެ. އެފަދަ މީހަކީ ﷲގެ ނިޢުމަތާމެދު ޢަދާވާތްތެރިވާ، އަދި އެއިލާހުގެ އަޅުތަކުންނާމެދު ޢަދާވާތްތެރިވާ މީހެކެވެ. އަދި މިފަދަ މީހަކީ ﷲ ގެ ޙަޟްރަތުގައާއި އެއިލާހުގެ އަޅުތަކުންގެ މެދުގައި މަލާމާތް ލިބިގެންވާ މީހެކެވެ.
ތިންވަނައީ: حَسَدُ الغِبْطَةِ އެވެ. އެއީ ޙަސަދަވެރިވެވޭ މީހާގެ ކިބައިގައިވާ ނިޢުމަތެއް ފިލާދިޔުމަށް އެދުމަކާނުލައި އެމީހާކަށްވެސް އެފަދަ ނިޢުމަތެއް ލިބުމަށް އެދުމެވެ. މިފަދަ ޙަސަދައެއްގައި ކުށެއްނެތެވެ. އަދި އެފަދަ މީހަކަށް ބަދުބަހެއްވެސް ނުބުނެވޭނެއެވެ. އަދި މިއީ ކަންކަމުގައި ވާދަކޮށް ކުރިއަރާދިޔުމާ ކައިރިކަމެކެވެ.(2) ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ﴾ المطففين: ٢٦ މާނައީ: “ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ!” އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޞައްޙަކޮށް އައިސްފައިވާ ޙަދީޘްގައިވެއެވެ. ((لَا حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٍ آتَاهُ اللَّهُ مَالًا فَسَلَّطَهُ عَلَى هَلَكَتِهِ فِي الْحَقِّ، وَرَجُلٍ آتَاهُ اللَّهُ حِكْمَةً فَهُوَ يَقْضِي بِهَا وَيُعَلِّمُهَا النَّاس)) މާނައީ: “ދެކަމެއްގައި މެނުވީ ޙަސަދަވެރިވުމެއް ނުވެއެވެ. އެއިގެތެރެއިން އެކަކީ ﷲ އެމީހަކަށް މުދާދެއްވައި، އެމުދާ ޙައްޤުވެގެންވާގޮތުގައި (އެބަހީ؛ އެމީހާއަށާއި އެހެންމީހުންނަށް މަންފާކުރާގޮތުގައި) ހޭދަކުރާމީހާއެވެ. އަދި އަނެކަކީ ﷲ އެމީހަކަށް ޙިކުމަތް (އެބަހީ؛ ޢިލްމު) ދެއްވައި، އެޢިލްމުން އެމީހާ މީސްތަކުންގެ މެދުގައި ޙުކުމްކޮށް، މީސްތަކުންނަށް އެ ޢިލްމު އުގަންނައިދޭ މީހާއެވެ.” (ޙަދީޘްގެ މުރާދަކީ؛ މި ދެ ޞިފައިންކުރެ ޞިފައެއް ލިބިފައިނުވާމީހަކު، އަނެކާ ކިބައިން އެކަން ފިލައި ދިޔުމަށް އެދުމަކާނުލައި، މިފަދަ ޞިފައެއް ލިބުމަށް އެދުމަކީ ހުއްދަވެގެންވާ ކަމެކެވެ.)
މިއީ حَسَدُ الغِبْطَةِ އެވެ. މި ފަދައިން ކަންކުރާމީހާއަށް އޮތީ ހެޔޮކަންކަމަށް ލޯބިކުރުމާއި، އެ ޞިފަތަކުގެ އަހުލުވެރިންނާ ވައްތަރުވުމާއި، އެބައިމީހުންގެ ޞިފަތަކުން ވީއެންމެ ބޮޑެއްކޮށް ޞިފަލިބިގަތުމެވެ. އަދި ކުރިއަރާދިޔުމަށް އެދުމާއެކު ޙަސަދަވެރި ވެވޭ މީހާއާ އެކަންކަމާމެދު ރިވެތިކަމާއި، ލޯތްބާއެކު ވާހަކަ ދައްކާ އުޅުމެވެ. އަދި އެމީހާއަށް އެލިބިފައިވާ ނިޢުމަތް ލެހެއްޓެވުމަށް އެދުމެވެ. މިފަދަ ޙަސަދައަކީ އެއްވެސްގޮތަކުން މިއާޔަތަށް (އެބަހީ؛ ((وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ)) މާނައީ: “އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.”) ވަންނާނޭ ކަމެއް ނޫނެވެ.
މި ސޫރަތަކީ ޙަސަދައިގެ ސުންޕާކަން ޖެހޭ މީހަކަށް ފައިދާކުރާނޭ އެންމެ ބޮޑު ބޭހެވެ. އެހެނީ މި ބޭހުގައި ﷲއަށް ވަކީލުކުރުމާއި، އެއިލާހަށް ބަރޯސާވުމާއި، ނިޢުމަތަށް ޙަސަދަވެރިވާމިހާގެ ކިބައިން ސަލާމަތަށް އެދުންވެއެވެ. والله تعالى أعلم.
(ނިމުނީ)
______________________
(1) ހަމަ މިފަދައިން އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން (ޙަސަދައަކީ) ނަފްސާނީގޮތުން ޖެހޭ ބަލިތަކުގެ ތެރެއިން އެއް ބައްޔެވެ. މިއީ ގިނަ ބަޔަކަށް ޖެހިފައިވާ ބައްޔެކެވެ. މީސްތަކުންގެ ތެރެއިން މަދުބަޔަކު މެނުވީ މިބަލިން ސަލާމަތްވެގެންނުވެއެވެ.” مجموع الفتاوى جـ 10 ص 124 – 125
(2) ކަންކަމުގައި ވާދަކޮށް ކުރިއަރައިދިޔުން ވަނީ ދެ ޙާލަތެއްގައެވެ. ފުރަތަމައީ؛ ދީނީކަމެއްގައި ވާދަކޮށް ކުރިއަރާދިޔުމެވެ. މިގޮތަށް މިކަން މެދުވެރިވާ ސަބަބަކީ ﷲ ތަޢާލާއަށް ލޯބިވުމާއި، އެއިލާހަށް ކިޔަމަންތެރިވުމަށް ލޯބިކުރުމެވެ. ދެވަނައީ؛ ދުނިޔަވީ މުބާޙުކަމެއްގައި (އެބަހީ ހުއްދަކަމެއްގައި) ވާދަކޮށް ކުރިއަރާދިޔުމެވެ. މިގޮތަށް މިކަން މެދުވެރިވާ ސަބަބަކީ ދުނިޔަވީ މުބާޙުކަންކަމަށް ލޯބިކުރުމާއި، ދުނިޔަވީ ނިޢުމަތްތަކުން ނިޢުމަތް ލިބުމަށް ލޯބިކުރުމެވެ.
މިކަންކަމުގެ ޙުކުމާމެދު އަލްޣަޒާލީ ވިދާޅުވެފައިވެއެވެ. “އެ (ޙަސަދަވެރިވާ) ނިޢުމަތަކީ އީމާންވުމާއި، ނަމާދާއި، ޒަކާތްފަދަ ދީނީ ވާޖިބު ނިޢުމަތެއްނަމަ މިކަންކަމުގައި ކުރިއަރައިދިޔުމަށް އެދުމަކީ ވާޖިބެކެވެ. އެހެނީ، މިކަންކަމަށް އެމީހާ ލޯބިނުކުރާކަމުގައި ވަނީނަމަ އެމީހާ ރުހޭނީ ނުބައިކަންކަމަށެވެ. އެއީ ޙަރާމްކަމެކެވެ. އަދި އެ އެދޭ ނިޢުމަތަކީ ހެޔޮކަންކަމުގައި މުދާހޭދަކުރުން، ޞަދަޤާތްކުރުންފަދަ މަތިވެރިކަމުގެގޮތުންވާ ނިޢުމަތެއްނަމަ، މިކަންކަމުގައި ކުރިއަރައިދިޔުމަށް އެދުމަކީ މުބާޙު (އެބަހީ ހުއްދަ) ކަމެކެވެ.” الإحياء جـ3 ص 187. މިފޮތުގެ ތަޙްޤީޤުގައި ޑރ. ފަހުދު ބުން މުޙައްމަދު އައްރޫމީ ވިދާޅުވެފައިވެއެވެ. “ޙަރާމްކަމެއްގައި ކުރިއަރައިދިޔުމަށް އެދުމަކީ ޙަރާމްކަމެކެވެ. އަދި މަކްރޫހަކަމެއްގައި ކުރިއަރައިދިޔުމަށް އެދުމަކީ މަކްރޫހަކަމެކެވެ.” އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. “ކަންކަމުގައި ކުރިއަރައިދިޔުމަށް އެދުމަކީ ކޮންމެ ޙާލެއްގައި މަލާމާތް ލިބިގެންވާ ކަމެއް ނޫނެވެ. ހެޔޮކަންކަމުގައި ކުރިއަރައިދިޔުމަށް އެދުމަކީ މަތިވެރިކަން ލިބިގެންވާކަމެކެވެ.” مجموع الفتاوى جـ 10 ص 113.
___________________