[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 2

17760

ސުވަރުގެއާއި ނަރަކަ މިހާރުވެސް ވަނީ ހައްދަވާފައެވެ.

އިމާމު އައްޠަޙާވީ އެކަލޭގެފާނުގެ ފޮތް ކަމުގައިވާ އަލްޢަޤީދަތުއް ޠަޙާވިއްޔާގައި ވިދާޅުވިއެވެ.

” ސުވަރުގެއާއި ނަރަކަ ވަނީ މިހާރުވެސް ހައްދަވާފައެވެ. މިދެތަން ދުވަހަކުވެސް ފަނާ ނުވާނެއެވެ. އަދި ނިމުމަކަށްވެސް ނާއްނާނެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ސުވަރުގެއާއި ނަރަކަ އެހެން ޚަލްގުތަކުންނަށް ވުރެ ކުރިން ހެއްދެވިއެވެ. އަދި ކޮންމެ ތަނަކަށް ވެސް އެތަނެއްގެ އަހްލުވެރިން ހެއްދެވިއެވެ. އެކަލާނގެ އިރާދަ ކުރައްވާ ބަޔެއް އެކަލާނގެ ރަޙްމަތުން ސުވަރުގެ ވައްދަވައެވެ. އަދި އެކަލާނގެ އިރާދަ ކުރައްވާ ބަޔެއް އެކަލާނގެ ޢަދްލުވެރި ކަމުން ނަރަކަ ވައްދަވައެވެ. ކޮންމެ މީހަކުވެސް ޢަމަލުކުރާނީ އެމީހެއްގެ ތަޤްދީރުގައި ލިޔެވިގެންވާ ގޮތުގެ މަތިންނެވެ. އަދި އޭނަ ހެއްދެވިގެން ވަނީ އޭނަ ތަޤްދީރުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށެވެ. އަދި ހޮޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކަކީ ވެސް އަޅުތަކުންގެ މައްޗަށް ޤަދަރުގައި ލިޔުއްވިގެންވާ ކަންތައްތަކެވެ.”

މުޙައްމަދު ބިން މުޙައްމަދު ބިން ޢަބުލް ޢިއްޒުލް ޙަނަފީ އަލްޢަޤީދަތުއް ޠަޙާވިއްޔާގައި އިމާމުއް ޠަޙާވީގެ މިބަސްފުޅު ޝަރަޙަ ކުރަމުން ވިދާޅުވިއެވެ.

“ސުވަރުގެއާއި އަދި ނަރަކަ ވަނީ މިހާރުވެސް ހެއްދެވިގެން ކަމަށް ސުންނަތް ޖަމާޢަތުގެ އަހްލުވެރިން އިއްތިފާޤްވެއެވެ. އަދި ސުންނަތް ޖަމާޢަތުގެ އަހުލުވެރިން މިގޮތުގައި ތިއްބާ ސުންނަތް ޖަމާޢަތުގެ އަޤީދާއިން ބޭރުވެގެންވާ ބައެއް ކަމުގައިވާ ، މުޢުތަޒިލާއިން އަދި ޤަދަރިއްޔާއިން މިކަމަށް އިންކާރުކުރިއެވެ. އަދި އެމީހުން ބުންޏެވެ. ﷲ ތަޢާލާ ސުވަރުގެއާއި ނަރަކަ އުފައްދަވާނީ ޤިޔާމަތް ދުވަހުންނެއެވެ. އެމީހުން މިހެން ބުނަން ޖެހުނީ އެމީހުން ގަބޫލުކުރާ ބާޠިލް ޢަޤީދާއެއް ކަމުގައިވާ، ﷲ ތަޢާލާ މިވެނި ކަމެއް ކުރުން އެކަށީގެން ނުވެއެވެ، އަދި މިވެނި ކަމެއް ކުރުން އެކަށީގެން ވެއެވެ، މި ބާޠިލް ޢަޤީދާގެ ސަބަބުންނެވެ. މިމީހުން ﷲތަޢާލާގެ ޚަލްޤުތަކުން އެކަލާނގެ ޢަމަލުތަކުން އަޅާ ކިޔަނީއެވެ.

އަދި މިބައިމީހުން ބުންނެވެ. ޙިސާބު ބައްލަވައި ޖަޒާދެއްވުމުގެ ކުރިން ސުވަރުގެ (އަދި ނަރަކަ) ހެއްދެވުމަކީ ބޭކާރު ކަމެކެވެ. އެހެނީ އެތަން ވަރަށް ގިނަ ޒަމާން ތަކެއް ވަންދެން ބޭނުން ނުކޮށް ފަޅުކޮށް ހުންނާނެވެ. އަދި މިބައި މީހުންގެ މިބާޠިލް ޢަޤީދާ ދެކޮޅަށް ޤުރުއާނާއި އަދި ސުންނަތުގައި އައިސްފައި ހުރި ނައްޞުތައް ގަބޫލު ނުކޮށް ދޫކޮށްލައި އަދި އެ ނައްޞުތައް ނުބައިކޮށް މާނަކޮށް، އެބައިމީހުންނާ ޚިލާފްވާ މީހުންނަކީ މަގުފުރެދިފައިވާ ބިދްޢަވެރިން ކަމުގައި ބުންޏެވެ.”

ދެން އެއަށް ފަހުގައި ޤުރުއާނާއި ސުންނަތުގައި ސުވަރުގެއާއި ނަރަކަ މިހާރުވެސް  ﷲ ތަޢާލާ ވަނީ ހައްދަވާފައި ކަމަށް ހުރި ނައްޞުތައް އެކަލޭގެފާނު ބަޔާން ކޮށްދެއްވިއެވެ.

ﷲ ތަޢާލާ ސުވަރުގެއާއި ބެހޭގޮތުން ވަޙީކުރެއްވިއެވެ.

(أُعِدَّتْ لِلْمُتَّقِينَ) [سورة آل عمران 133]

މާނައީ:”އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށެވެ.”

(أُعِدَّتْ لِلَّذِينَ آمَنُوا بِاللَّـهِ وَرُسُلِهِ) [سورة الحديد 21]

މާނައީ:” އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، ﷲއަށާއި، އެކަލާނގެ ރަސޫލުންނަށް އީމާންވި މީހުންނަށްޓަކައެވެ.”

އަދި ނަރަކަޔާ ބެހޭގޮތުން ވަޙީކުރެއްވިއެވެ.

(وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ) [سورة آل عمران 131]

މާނައީ:”އަދި، ނަރަކަޔަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ނަރަކަޔަކީ، ކާފިރުންނަށްޓަކައި ތައްޔާރުކުރައްވާފައިވާ ތަނެކެވެ.”

(إِنَّ جَهَنَّمَ كَانَتْ مِرْصَادًا ﴿21﴾ لِّلطَّاغِينَ مَآبًا ﴿22﴾)[سورة النبإ 21,22]

މާނައީ:” ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ. ކާފިރުންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ.”

(وَلَقَدْ رَآهُ نَزْلَةً أُخْرَىٰ ﴿١٣﴾ عِندَ سِدْرَةِ الْمُنتَهَىٰ ﴿١٤﴾ عِندَهَا جَنَّةُ الْمَأْوَىٰ ﴿١٥﴾ )[سورة النجم 13, 15,14]

މާނައީ:”ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) އެހެންފަހަރަކުވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. ސިދްތަރުލް މުންތަހާގެ ކައިރިންނެވެ .އެތާނގެ ކައިރީގައި ޖަންނަތުލް މައުވާވެއެވެ. (އެއީ މުއުމިންތަކުންގެ ފުރާނަތަކުގެ މަރްކަޒެވެ.).”

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ސިދްރަތުލް މުންތަހާ (ސުވަރުގޭގައިވާ ގަހެއް) ފެނިވަނޑައި ގެންނެވިއެވެ. އަދި އެތާނގެ ކައިރީގައި ޖަންނަތުލް މައުވާ ވަނިކޮށް ފެނިވަނޑައި ގެންނެވިއެވެ. މިވާހަކަ ޞަޙީޙު ބުޚާރީ އަދި މުސްލިމުގައި އަނަސްގެފާނުގެ ކިބައިން އިސްރާ އަދި މިޢްރާޖުގެ ހާދިޘާ ގައި ރިވާ ވެގެން އައިސްފައިވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

“ދެން ޖިބްރީލުގެފާނު ތިމަން ކަލޭގެފާނު ގޮވައިގެން ސިދްތަރުލް މުންތަހާ ހަމަޔަށް އައެވެ. އަދި އެތަން ވަނީ ބުނެދެން ނޭގޭ ކުލަތަކުން ފޮރުވިގެންނެވެ. ދެން ތިމަންކަލޭގެފާނު ސުވަރުގެއަށް ވަނީމެވެ. އެނތާގެ ޤުއްބުތަށް ވަނީ މުތުންނެވެ. އަދި އެތާގެ ވެއްޔަކީ )ގޮމަކަސްތޫރިއެވެ(މިސްކެވެ.”

  =ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ