[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ދައުލަތެއްގެ ޒިންމާ (2)

dawlaތަމްހީދު:

މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރިސާލަތަށްފަހު، ސަމާވީ ރިސާލާތްތައް ޚަތިމުކުރެއްވުމަށް ﷲ ވަނީ މިންވަރުކުރައްވާފައެވެ. ﷲ ތަޢާލާ އެކަލޭގެފާނު ފޮނުއްވާފައިވަނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައެވެ. އެކަލޭގެފާނުގެ އެގެނެސްދެއްވި އިލާހީ ރިސާލަތަކީ އެންމެހާ ޒަމާނަކަށާއި ތަނަކަށް ޝާމިލުވެގެންވާ، އަދި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބާގުޅިފައިވާ ހުރިހާކަމެއް ޖަމްޢުވެގެންވާ ރިސާލަތެކެވެ. އަދި މުޅި ޢާލަމަށް އައިސްފައިވާ، ޤިޔާމަތާޖެހެންދެން ދެމިއޮންނާނެ ރިސާލަތެކެވެ. އެ ރިސާލަތުގެ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ ފަރުދުންނާއި މުޖުތަމަޢު އިޞްލާޙުކުރާނޭ މަގު ދައްކައިދިނުމެވެ. މުޅި އިންސާނީ މުޖުތަމަޢުއަށް ހެވާއި ލާބަޔާއި މަންފާ ގެނެސްދިނުމެވެ.

މި ފުރިހަމަ ރިސާލަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ވާނީ، މީހަކު އެމީހާ ޚަލްޤުކުރެއްވި ޚާލިޤުވަންތަ ކަލނާގެއާ ދެމެދުގައިވާ ގުޅުމުގެ ނިޒާމެއް އޮވެގެންނެވެ. އަދި މުޖުތަމަޢުގައި އެމީހަކާއި އެމީހާގެ އަޚާއާމެދު އޮންނަންޖެހޭ ގުޅުމުގެ ނިޒާމެއް އޮވެގެންނެވެ. އަދި އެމީހަކާއި އެމީހަކު އެއުޅޭ މުޖުތަމަޢުއަކާ އޮންނަންޖެހޭ ގުޅުމުގެ ނިޒާމެއް އޮވެގެންނެވެ. މިގޮތުން އިސްލާމީ ދަޢުވަތު އައިސްފައިވަނީ ތައުޙީދުގެ ދަޢުވަތުގެ މަތީގައި  މިހުރިހާ ގުޅުންތަކެއް ޝާމިލުވާގޮތުންނެވެ. އެ ރިސާލަތަކީ އިންސާނާގެ ކަރާމާތައް އެކަމުގެ ފުރިހަމަ ޙައްޤު ލިއްބައިދޭ ރިސާލަތެވެ. އަދި އެންމެ ޙައްޤުގޮތުގައިވާ، އަދި އެންމެ ހެޔޮވެގެންވާ، އެންމެހާ މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކުރި ރިސާލަތެވެ.

ހަމައެފަދައިން، މި މަތިވެރި ޝާމިލުވެގެންވާ އިލާހީ ދަޢުވަތު އައީ ކޮންމެ މައިދާނެއްގައިވެސް އިންސާނުންނަށް މަގު ދައްކައި ދެމުންނެވެ. ހަމައެކަނި ފަރުދުންގެ މެދުގައި އޮންނަ ޢާއިލީގުޅުންތަކާއި، ކައިވެންޏާއި، ދޭދޭފަރުދުންގެ މެދުގައި އޮންނަ ތަފާތު މުޢާމަލާތްތައްފަދަ ކަންކަމުގެ ނިޒާމުތައް އެކަށައަޅައިފައި ފުއްދާލިއެއް ނޫނެވެ. އެހެނެއްކަމަކު ބޮޑު ދައުލަތެއް ނަގަހައްޓާނޭގޮތުގެ ނިޒާމުތައް ވަނީ އެކަށައަޅައިފައެވެ. މިކަމުން އެނގިގެންދަނީ އިސްލާމްދީނަކީ ހަމައެކަނި ރޫޙާނީގޮތުން ޤަބޫލުކުރާ ކަންކަމަށް ހަމައެކަނި ހުއްޓިފައިވާ ދީނެއް ނޫންކަމެވެ. އިސްލާމްދީނަކީ ދުނިޔެއާއި ދައުލަތާ ގުޅުން ނެތް ދީނެއްކަމުގައި ޤަބޫލުކުރުމަކީ ކުށްހީއެކެވެ. އެހެންނަމަވެސް އެދީނާ ދައުލަތަކީ ގުޅި ލާމެހިފައިވާ ދޭއްޗެވެ. އެދެއެއްޗަކީ ވަކި ނުކުރެވޭނެ ދެއެއްޗެކެވެ. ފަހެ، ދައުލަތްވަނީ ދީނުގެ ތެރެއިންނެވެ. މިއީ މިއަދަކު ދައްކާވާހަކައެއް ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އިސްލާމީ ދައުލަތުގެ ބިންގާ އެޅުއްވީ ދައުލަތާއި ދީން، އޭގެ އެކަތި އަނެކަތި ތެރޭގައި ޝާމިލުވާގޮތުގެ މަތިންނެވެ. އެހެންކަމުން، ދައުލަތުން ދީން ވަކިކުރުމަކީ ނުވަތަ ދީނުން ދައުލަތް ވަކިކުރުމަކީ އިސްލާމީ އުޞޫލުތަކާ ޚިލާފުކަމެކެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެނެސްދެއްވި މަންހަޖާ ފުށުއަރާކަމެކެވެ.

މި ލިޔުމުގައި ދައުލަތުގެ މާނަ:

މި ބަހުޘްގައި ދައުލަތުގެ މުރާދަކީ ވަޟުޢީ ޤާނޫނުގެ ޢިލްމުލިބިފައިވާމީހުންގެ މުރާދެއް ނޫނެވެ. އެބައިމީހުން މާނަކުރާގޮތުގައި ދައުލަތަކީ “މީސްތަކުންކުރެ ޖަމާޢަތެއްގެ ބަޔަކު، ބިމުގެ ވަކިތަންކޮޅެއްގައި ދާއިމީގޮތަށް ދިރިއުޅެ، އެބައިމީހުންގެ ދާޚިލީ އަދި ޚާރިޖީ ކަންކަން ބެލެހެއްޓުމަށްޓަކައި އުފެދޭ ވެރިކަން” މިއެވެ.

މިއާޚިލާފަށް މި ލިޔުމުގައި ދައުލަތޭ ބުނެވިއްޖެނަމަ؛ ޙާކިމުމީހާ (އެބަހީ؛ ވެރިމީހާ) ނުވަތަ ދައުލަތް ތަމްސީލުކުރާ ވަލިއްޔުލް އަމުރާއި، ބިމުގައި ﷲގެ ޙުކުމްފުޅު ތަންފީޒުކުރުމަށް ތެދުވާކޮންމެ މީހަކު ހިމެނޭނެއެވެ. އަދި މީގެ ތެރެއަށް ވެރިކަމުގެ ފަރާތުން ކަނޑައަޅާ ތަފާތު ނައިބުންނާއި، މީސްތަކުންގެ ކަންކަން ހިންގުމުގެ ޒިންމާއާ ޙަވާލުވެފައިވާ ކޮންމެ މީހަކު ހިމެނޭނެއެވެ.

ﷲ ގެ ވަޙީ ބަސްފުޅު ((يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّ‌سُولَ وَأُولِي الْأَمْرِ‌ مِنكُمْ )) ﴿النساء: ٥٩﴾ (މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިންވާ ވަލިއްޔުލް އަމުރަށް ކިޔަމަންވާށެވެ!”) މި އާޔަތުގައިވާ ވަލިއްޔުލް އަމްރުގެ މުރާދާމެދުގައި ޢިލްމުވެރިންގެ ބަސްފުޅުތައް ތަފާތުވެފައިވެއެވެ.

އެގޮތުން އެއީ އަމީރުންނާއި ވެރިންކަމުގައި ބުނެވިފައިވެއެވެ. މިފަދައިން އައްޠަބަރީ، އަބޫހުރައިރާގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އަދި މައިމޫން ބުން މިހުރާން އާއި އެނޫން ބޭކަލުންގެ ކިބައިންވެސް މިފަދައިން އައިސްފައިވެއެވެ. އަދި މިއީ އިމާމް ބުޚާރީ ރާޖިޙުކުރައްވާގޮތެވެ. އިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގެ ޙުކުމްތަކާބެހޭ ކިތާބުގައި ބާބު ބަންނަވަމުން ވިދާޅުވެފައިވެއެވެ. ((باب قول الله تعالى: أَطِيعُوا اللَّـهَ وَأَطِيعُوا الرَّ‌سُولَ وَأُولِي الْأَمْرِ‌ مِنكُمْ )) މީގެފަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމަގެ އަރިހުން އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ޙަދީޘް ގެންނަވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((مَنْ أَطَاعَنِي فَقَدْ أَطَاعَ اللَّهَ، وَمَنْ عَصَانِي فَقَدْ عَصَى اللَّهَ، وَمَنْ أَطَاعَ أَمِيرِي فَقَدْ أَطَاعَنِي، وَمَنْ عَصَى أَمِيرِي فَقَدْ عَصَانِي)) (البخاري: 7137) މާނައީ: “ތިމަންކަލޭގެފާނަށް ކިޔަމަންވެއްޖެމީހާ، ފަހެ، ހަމަކަށަވަރުން ﷲއަށް ކިޔަމަންގެންފިއެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންވެއްޖެމީހާ ފަހެ ހަމަކަށަވަރުން ﷲއަށް ނުކިޔަމަންގެންފިއެވެ. އަދި ތިމަންކަލޭގެފާނުގެ އަމީރަށް ކިޔަމަންވެއްޖެމީހާ ފަހެ ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް ކިޔަމަންގެންފިއެވެ. އަދި ތިމަންކަލޭގެފާނުގެ އަމީރަށް ނުކިޔަމަންވެއްޖެމީހާ ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ނުކިޔަމަންވެއްޖެއެވެ.” އަދި މިޙަދީޘަށް އަންނަނިވި އަނަސްގެފާނުގެ ޙަދީޘުން ބާރުލިބެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ((اسْمَعُوا وَأَطِيعُوا وَإِنْ اسْتُعْمِلَ عَلَيْكُمْ عَبْدٌ حَبَشِيٌّ كَأَنَّ رَأْسَهُ زَبِيبَةٌ)) (البخاري: 7142) މާނައީ: “ތިޔަބައިމީހުންގެ މައްޗަށް ޙަބަޝީ އަޅު ކުޑަކުއްޖެއް ވެރިއަކަށް ލެވުނުނަމަވެސް ތިޔަބައިމީހުން އަޑުއަހައި ކިޔަމަންވާށެވެ!”

އަދި އެ އާޔަތުގައިވާ ވަލިއްޔުލް އަމުރުގެ މުރާދަކީ ޢިލްމުވެރިކަންކަމުގައިވެސް ބުނެވިފައިވެއެވެ. މިފަދައިން މުޖާހިދާއި، ޢަޠާއާއި، އަލްޙަސަނުލް ބަޞަރީއާއި، އަބުލް ޢާލިޔާ ކިބައިން ނަޤުލުވެފައިވެއެވެ. އަދި ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. “އެއީ ޢިލްމާއި ހެޔޮކަމުގެ އަހުލުވެރިންނެވެ.” (ބައްލަވާ: ފަތުޙުލް ބާރީ: 8/254، ތަފްސީރު އަލްފަޚުރުއް ރާޒީ: 10/144، ތަފްސީރު އައްޠަބަރީ: 5/95)

އަދި ބައެއް ޢިލްމުވެރިން ބަޔާންވެދިޔަ ދެ މުރާދު ޖަމްޢުކުރައްވައެވެ. މިފަދައިން ވިދާޅުވާ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެ އާޔަތުގައިވާ ވަލިއްޔުލް އަމުރުގެ މުރާދަކީ؛ އަމީރުންނާއި ޢިލްމުވެރިންނެވެ. އެހެނީ “ވަލިއްޔުލް އަމުރު” މިނަން މި ދެބަޔަށްވެސް ބޭނުންކުރެވެއެވެ. އަމީރުންނަކީ ލަޝްކަރުތައް ރަނގަޅުގޮތުގައި ތަރުތީބުކޮށް، މީސްތަކުންގެ މަޞްލަޙަތުތައް ހިމާޔަތްކުރަން ތިބޭބައެކެވެ. އަދި ޢިލްމުވެރިންނަކީ ޝަރީޢަތް ޙިމާޔަތްކޮށް، ހުއްދަކަންތައްތަކާއި ހުއްދަނޫން ކަންތައްތައް ބަޔާންކޮށްދޭން ތިބޭ ބައެކެވެ. މި މަސްއަލާގައި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަދި އުލުލްއަމުރު ދަންނައެވެ. އެއީ އަމުރުކުރާމީހުންނާއި އެބައިމީހުންނާ އެއްގިންތީގެ މީހުންނެވެ. އަދި މީސްތަކުންނަށް (ކަންކަމަށް) އަމުރުކުރާ މީހުންނެވެ. އެހެންކަމުން މީގެ ތެރޭގައި ބާރުވެރިންނާއި، އަމުރުވެރިންނާއި، ރަނގަޅަށް ކަންކަން ވިސްނޭ ތަންދޮރު ދަންނަމީހުން ހިމެނެއެވެ. މިސަބަބާހުރެ އުލުލްއަމުރުގެ ދެ ބައެއް ވެއެވެ. އެއީ ޢިލްމުވެރިންނާއި އަމީރުންނެވެ. އެބައިމީހުން ހެޔޮވެއްޖެނަމަ މީސްތަކުންވެސް ހެޔޮވާނެއެވެ. އަދި އެބައިމީހުން ފަސާދަވެއްޖެނަމަ މީސްތަކުންވެސް ފަސާދަވާނެއެވެ.” (انظر : الحسبة لابن تيمية ص. ( 87 ) ، السياسة الشرعية ص. ( 236) ، المنتقى من منهاج الاعتدال ص. ( 177) )

އިސްލާމީ އުއްމަތުގެ ވަރަށް މަދުބަޔަކު މެނުވީ ވަލިއްޔުލް އަމުރު (އެބަހީ؛ ވެރިމީހާ ނުވަތަ ޚަލީފާ) އެއް އިސްކުރުމަކީ ވާޖިބެއްކަމާމެދު އެއްބަސްވެފައިވެފައިވެއެވެ. ޝަރުޢީ ނައްޞުތަކުގެ މިކަމާގުޅޭ ދަލީލުތައް ގިނަގުނަވެގެންވެއެވެ. މިގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((أَلَا كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ فَالْإِمَامُ الَّذِي عَلَى النَّاسِ رَاعٍ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ)) (متفق عليه) މާނައީ: “ތިޔަބައިމީހުންކުރެ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެ މީހަކުވެސް އެމީހާގެ ބެލެހެއްޓުމާމެދު މަސްއޫލުވާންޖެހޭނެއެވެ. ފަހެ މީސްތަކުންގެ މައްޗަށް ވެރިކުރެވިފައިވާ އިމާމް (އެބަހީ؛ ވެރިމީހާ) އަކީ ބެލެހެއްޓުންތެރިއެކެވެ. އޭނާގެ ބެލެހެއްޓުމާމެދު އޭނާ މަސްއޫލުވާންޖެހޭނެއެވެ.”

ޝަރުޢީ ނައްޞުތަކުގެ އިތުރަށް ވެރިކަމުގައި އިމާމެއް ބެހެއްޓުމަކީ ވާޖިބެއްކަމުގައި އިޖުމާޢުވެފައިވެއެވެ. މި ދަލީލަކީ ޞަޙާބީންގެ ޒަމާނުންސުރެ ފެންނަން އޮތް ގަދަވެގެންވާ ދަލީލެކެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަވުމަށްފަހު، އެބޭކަލުން އަވަސްވެވަޑައިގެންނެވީ އަބޫބަކުރުގެފާނަށް ބައިޢަތު ހިއްޕެވުމަށެވެ. އެބޭކަލުންގެ ކަންކަމުގައި އެކަލޭގެފާނު އިސްކުރެއްވުމަށެވެ. މިފަދައިން ކޮންމެ ޒަމާނެއްގައިވެސް ކަންހިނގާފައިވެއެވެ.

ވެރިކަމުގައި އިމާމެއް ހުރުމަކީ ޟަރޫރީކަމެކެވެ. އެއީ އުފެދޭ ހަމަނުޖެހުންތައް ހަމަޖެއްސުމަށާއި، އުއްމަތުގެ ވަކިވަކިފަރުދުންނަށް ނުކުރެވޭ ދީނީ އެތައް ވާޖިބުތަކެއް ތަންފީޒުކުރުމަށެވެ. މުސްލިމުންގެ މެދުގައި ޢަދުލުވެރި ހެޔޮވެރިއެއް ހުރެގެން މެނުވީ މުސްލިމުންގެ ތެރޭގައި ޢަދަލުވެރިކަމެއް ޤާއިމެއް ނުކުރެވޭނެއެވެ. އެބައިމީހުންގެ މައްޗަށް އެއިސްކުރެވޭ ޢަދުލުވެރި ހެޔޮލަފާ ވެރިންނަކީ ދުނިޔެވީގޮތުންނާއި އުޚްރަވީގޮތުން އެބައިމީހުންގެ މަޞްލަޙަތުތައް ހިމާޔަތްކޮށްދޭނެބައެކެވެ. އެހެންކަމުން، ޝަރުޢީގޮތުން އިސްކުރެވޭ ވެރިމީހަކީ މީސްތަކުންނަށް ދީނާއި ދުނިޔެ ޙިމާޔަތްކޮށްދޭނެމީހެކެވެ.

(ނުނިމޭ)

_______________________

އިސްލާމީ ޝަރީޢަތުގައި ދައުލަތެއްގެ ޒިންމާ (1)