[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ދައުލަތެއްގެ ޒިންމާ (3)

dawlaމުސްލިމް ދައުލަތަކަށް އެންމެ މުހިއްމުވާނެ ކަންތައް:

ވަލިއްޔުލް އަމުރެއްގެ ދަށުން އުފެއްދޭ އިސްލާމީ ދައުލަތަކަށް އެންމެ މުހިއްމު ވެގެންވާ ކަންތައް ކުރުން ވާޖިބުވެގެންދާނެއެވެ. އެކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޝަރީޢަތް ޤާއިމުކުރުމެވެ. އަޅުކަމުގައި އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރާފަދައިން ޙުކުމްތަކުގައިވެސް އެކަލާނގެ އެއްކައުވަންތަ ކުރަންޖެހޭނެއެވެ. އެކަލާނގެ ޙުކުމްފުޅުތަކުގެ މައްޗަށް އެއްވެސް އެހެންމީހެއްގެ ޙުކުމެއް އިސްކޮށްގެންނުވާނެއެވެ. އަދި އެ ޙުކުމްފުޅުތަކާއެކު އެ ޙުކުމްފުޅުތަކާ ޚިލާފުވާކަންކަން މަސްހުނިކޮށް، އެކަލާނގެ ޙުކުމުން ބައެއްނަގައި އަމިއްލަ ކަންކަން ޙުކުމްފުޅުތަކުގެ ތެރެއަށް ލައި ގަޑުބަޑުކުރުމަކީ އެއްވެސްމީހަކަށް ހުއްދަވާނޭކަމެއް ނޫނެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙުކުމްފުޅުތަކަށް ތަބަޢަވާންޖެހެނީ އިންސާނުންނަށް ދެއްވަވާފައިވާ ބިމުގެ ޚަލީފާކަން ޤާއިމުކުރުމަށްޓަކައެވެ. އެކަލާނގެ އިންސާނާ ޚަލީފާވެރިކޮށްދެއްވީ އެކަލާނގެ ޙުކުމްފުޅުތަކާއި ޝަރީޢަތް ބިމުގައި ތަންފީޒުކުރުމަށްޓަކައެވެ. އެކަލާނގެއީ ޙުކުމްކުރެއްވުމުގައި ހަމައެކަނި އެންމެ ފުރިހަމަވެގެންވާ ފަރާތެވެ. އަދި ޝަރުޢުކުރެއްވުމުގައި އެންމެ ޢަދުލުވެރި ފަރާތެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((… إِنِ الْحُكْمُ إِلَّا لِلَّـهِ أَمَرَ‌ أَلَّا تَعْبُدُوا إِلَّا إِيَّاهُ ذَٰلِكَ الدِّينُ الْقَيِّمُ وَلَـٰكِنَّ أَكْثَرَ‌ النَّاسِ لَا يَعْلَمُونَ)) (يوسف: ٤٠) މާނައީ: “ﷲ އަށް މެނުވީ ޙުކުމް ކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ އަމުރު ކުރައްވާފައެވެ. އެއީ ޙައްޤު ތެދު ދީނެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.”

އެހެންކަމުން، އިސްލާމީ ދައުލަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުވެތިވުމުގައި ކުރިއަށްދާ، އަދި ޙަޔާތުގެ ކޮންމެ ޙާލަތެއްގައިވެސް އެއިލާހުގެ ޝަރީޢަތާއި ޙުކުމްފުޅުތައް ތަންފިޒުކުރާ ދައުލަތެކެވެ. އެދައުލަތެއްގެ އެންމެހާ ފަރުދުންގެ ހުރިހާކަމެއްގައިވެސް ރުޖޫޢަވާހުށީ އެއިލާހުގެ ޙުކުމްފުޅަށެވެ. އެ ޙުކުމްފުޅުގައިވާ އެންމެހާކަމެއް ހިތުންރުހުމުން ބަލައިގަންނާނެއެވެ. އެ ޙުކުމްފުޅާމެދު ހިތްހަމަޖެހޭނެއެވެ. އެ ޙުކުމްފުޅުގައި ވަނީ ތިމާއާ އިދިކޮޅަށް ނަމަވެސްމެއެވެ.

އެފަދަ ދައުލަތެއްގައި އެބައިމީހުންގެ ކަންކަމުގައި ފައިސަލާކުރައްވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާކަމުގައި ހަދަންޖެހޭނެއެވެ. ކަންކަން ނިންމަންޖެހޭނީ އެއިލާހުގެ ޝަރީޢަތާ އެއްގޮތްވާގޮތުގެ މަތިންނެވެ. ޝަރީޢަތް ބަވާލެއްވުމާއި ޙުކުމްތައް ބަވާލެއްވުމަކީ އެއިލާހުގެ އުލޫހިއްޔަވަންތަކަމުގެ އެންމެ ޚާއްޞަކަންކަމެވެ. ﷲގެ އުލޫހިއްޔަވަންތަކަމަށް އީމާންވުމަކީ ތައުޙީދުގެ އެއްބަޔެވެ. އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެކަންކަމުގައި ﷲ އެއްކައުވަންތަކުރުމެވެ.

އިސްލާމްދީނުގައި ބަޔާންކޮށްދެއްވާފައިވަނީ، އަދި އެދީނުގެ އެންމެ މުހިއްމު އެއް އަސާސަކީ ޙުކުމްކުރައްވާ ފަރާތަކީ ހަމައެކަނި ﷲ ކަމުގައި ހެދުމެވެ. އެއިލާހުގެ ޙުކުމްފުޅުތަކާ ޚިލާފުނުވާގޮތަށް ހެދޭ ކޮންމެ ވަޟުޢީ ޙުކުމަކީ އެއިލާހު ހުއްދަކުރައްވާފައިވާކަމެކެވެ. މަސްއަލަޖެހޭ ހިސާބަކީ އެއިލާހުގެ ޙުކުމްފުޅުތަކާ ޚިލާފަށް ކަންކަން ނިންމާ ހިސާބެވެ. ﷲ އީ އެކަލާނގެ ޙުކުމްފުޅުގެ ދަށުން މިކާއިނާތު ހިންގަވާ ކަލާނގެއެވެ. މި ކާއިނާތުގައި އެއިލާހުގެ ޙުކުމްފުޅާ ނުލައި އެއްވެސްކަމެއް ނުހިނގާނެއެވެ. އެއްވެސް ބައިވެރިއަކު ބައިވެރި ނުކުރައްވައި، އަދި ދެކޮޅުވެރިކަމެއްނެތި މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއެކު ޙުކުމްކުރައްވާ ފަރާތަކީ ހަމަ އެކަލާނގެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ((… إِنِ الْحُكْمُ إِلَّا لِلَّـهِ أَمَرَ‌ أَلَّا تَعْبُدُوا إِلَّا إِيَّاهُ)) (يوسف: ٤٠) މާނައީ: “ﷲ އަށް މެނުވީ ޙުކުމް ކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ އަމުރު ކުރައްވާފައެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((اتَّبِعُوا مَا أُنزِلَ إِلَيْكُم مِّن رَّ‌بِّكُمْ وَلَا تَتَّبِعُوا مِن دُونِهِ أَوْلِيَاءَ)) (الأعراف: ٣) މާނައީ: “ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން ތަބަޢަވާށެވެ! އަދި އެކަލާނގެ ފިޔަވައި، އެހެން އެހީތެރިންތަކަކަށް ތަބަޢަނުވާށެވެ!” އަދި އެކީއެކަށް އެއިލާހުގެ ޙުކުމްފުޅުން މޫނު އަނބުރާލުމަކީ ޞަރީޙަ ކުފުރެއްކަން ބަޔާންކުރައްވައި ވަޙީ ކުރައްވާފައިވެއެވެ. ((وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْكَافِرُ‌ونَ)) (المائدة: ٤٤) މާނައީ: “ﷲ ބާވައިލެއްވި ޙުކުމުން ޙުކުމުނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ ކާފަރުންނެވެ.”

މި ބަޔާންވެދިޔަ ކަންކަމުން ފާޅުކަންބޮޑުގޮތެއްގައި އެނގިގެންދަނީ އިސްލާމްކަމާއި އީމާންކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙުކުމްފުޅުތަކަށް ކިޔަމަންވުމާއި ބޯލެނބުމަށް ބޭނުންކުރެވޭ ޢިބާރާތްތަކެއްކަމެވެ. އަދި އެކަމާ ދެކޮޅުހެދުމަކީ ޞަރީޙަ ކުފުރެއްކަމެވެ.