އިސްލާމްދީން ފުހެލަން ނަޞާރާއިންގެ ލަޝްކަރު އެއްވި ޚަބަރު އަބޫ ޤުދާމަ އައް-ޝާމީ އަށް ފޯރުމުން އެކަލޭގެފާނު މިސްކިތުގެ މިންބަރަށް އަރާވަޑައިގަތެވެ. އަދި ވަރަށް ވަރުގަދަ އަދި އަސަރުން ފުރިގެންވާ، މީސްތަކުންގެ އިޙްސާސްތަކާ ކުޅެލާފަދަ ނަޞީޙަތެއް ދެއްވިއެވެ. އެމީހުންގެ ހިތުގައި އެމީހުންގެ ބިން ރައްކާތެރިކުރުމުގެ ޖޯޝާއި ޝައުޤު އުފެއްދިއެވެ. އެއީ ﷲ ގެ މަގުގައި ޖިހާދުކުރުމުގެ ޖޯޝާއި ފޯރިއެވެ. އެކަލޭގެފާނު މިސްކިތުން ފައިބާވަޑައިގެން ވަކިން އޮތް އަނދިރި މަގަކުން ވަޑައިގަންނަވަނިކޮށް އަންހެނަކު އެކަލޭގެފާނު ހުއްޓުވިއެވެ. އަދި ސަލާމްގޮވާލިއެވެ. “السلام عليكم ورحمة الله.” އަބޫ ޤުދާމާ ހުއްޓި ވަކި ޖަވާބެއް ނުދެއްވައި މަޑުކުރެއްވިއެވެ. އެ އަންހެން މިހާ އޭނާގެ ސަލާމް ތަކުރާރު ކުރިއެވެ. އަދި އިތުރަށް ވިދާޅުވިއެވެ. “ތިޔައީ ޞާލިޙް މީހުން ކަންތައް ކުރަން ވާނެގޮތެއް ނޫނެވެ.” އެ އަންހެންމީހާ ހިޔަނީގެ ތެރެއިން ކުރިއަށް ޖެހިލާފައި ބުންޏެވެ. “ތިބާ މުއުމިނުންނަށް ޖިހާދަށް ދާން ގޮވާލަނިކޮށް އަހަރެން އަޑު އެހީމެވެ. އަހަރެން އަތުގައި ދެވެން އޮތީ މި އެކަންޏެވެ…” ދެން އެ އަންހެންމީހާ އެކަލޭގެފާނަށް ގަތާފައިވާ ދިގު ދެ އިސްތަށިގަނޑު ދިއްކޮށްލިއެވެ. އަދި ބުންޏެވެ. “ތިބާގެ އަހުގެ ލަގަން ކަމުގައި މި ބޭނުން ކުރާށެވެ. އޭރުން ތިމަންނާއަކީ ވެސް ޖިހާދަށް ދިޔަ މީހަކު ކަމުގައި މާތްﷲ ލިޔުއްވަފާނެތެވެ.”
އޭގެ އަނެއް ދުވަހު މުސްލިމުންގެ މީހުން ޞަލީބީންގެ ލަޝްކަރާ ކުރިމަތިލާން ނުކުތް ތަނާހެން، ޒުވާން ކުއްޖެއް، އަބޫ ޤުދާމާގެ އަހުގެ ކައިރިއަށް އައިސް ބުންޏެވެ. “ﷲ އަށްޓަކައި މިލަޝްކަރުގައި އަހަރެން ބައިވެރި ކޮށްދިނުމަށް ތިބާގެ ގާތުން އެދެމެވެ.”
އެހިނދު އުމުރުން ދޮށީ ބައެއް މީހުން އެކުއްޖާއަށް މަލާމާތް ކޮށްފައި ހީ ހަދާފައި ބުންޏެވެ.
“އަސްތައް ކަލޭގެ ގައިމައްޗަށް އަރައި ޗިސްކޮށްލަފާނެއެވެ.”
އަބޫ ޤުދާމާ އެކުއްޖާގެ ލޮލަށް ބައްލަވާލެއްވިއެވެ. އެހިނދު އެކުއްޖާ އަނެއްކާވެސް ބުންޏެވެ. ” ﷲ އަށްޓަކައި، އަހަރެން ތިބާގެ ގާތުން މިއެދެނީ އަހަރެން މިލަޝްކަރުގައި ބައިވެރި ކޮށްދެއްވުމަށެވެ.”
ދެން އަބޫ ޤުދާމާ ވިދާޅުވިއެވެ. “އެއީ ޝަރުތެއްގެ މަތިންނެވެ. އެ ޝަރުޠަކީ ތިބާ މަރުވުމުން ތިބާއާ އެއްކޮށް ތިމަންނާވެސް ގޮވައިގެން ސުވަރުގެއަށް ދިޔުމެވެ. އެއީ ތިބާ ޝަފާޢަތްތެރިވާ މީހުންގެ ތެރެއިންނެވެ.”
އެކުއްޖާ ހިނިތުންވެލާފައި ބުންޏެވެ. “އެކަމަށް ވަޢުދު ވެއްޖައީމެވެ.”
ދެ ލަޝްކަރު ބައްދަލުވެ ހަނގުރާމަ އެންމެ ހޫނުވެގެން ދިޔަ ވަގުތު، އަބޫ ޤުދާމާގެ އަހުގެ ފަހަތުގައި އެކުއްޖާ އިނދެ، އެކަލޭގެފާނުގެ އަރިހުން އެދުނެވެ. “ﷲ އަށްޓަކައި އަހަރެން ތިބާގެ ކިބައިން އެދެމެވެ. އަހަރެންނަށް 3 ދުނި ދޭށެވެ.”
“ތިބާއަށް އެމީހުންގެ ގަޔަށް އެ ދުނި ނުޖެހޭނެއެވެ.” އަބޫ ޤުދާމާ ދެންނެވިއެވެ.
އަނެއްކާވެސް އެއްޖާ އެބަސް ތަކުރާރު ކުރިއެވެ. “ﷲ އަށްޓަކައި އަހަރެން ތިބާ ގާތުން އެދެމެވެ. އަހަންނަށް އެ ދޭށެވެ.”
އަބޫ ޤުދާމާ އެކުއްޖާއަށް 3 ދުނި ދިނެވެ. އެކުއްޖާ (ތީރު) އަމާޒު ކޮށްފައި ބިސްމި ކިޔާފައި ދޫކޮށްލިއެވެ. އެ ދުނިން ރޯމަނުންގެ މީހެއް މަރުވިއެވެ. ދެވަނަ ފަހަރަށްވެސް ބިސްމި ކިޔާފައި ދޫކޮށްލި ދުނިން ދެވަނަ މީހާވެސް މަރުވިއެވެ. (ހަމައެގޮތަށް) ތިންވަނަ ފަހަރު ބިސްމި ކިޔާފައި ދޫކޮށްލި ދުނިން ތިންވަނަ މީހާވެސް މަރުވިއެވެ. ދެން އެކުއްޖާގެ މެއަށް ދުންޏެއް ހެރުނެވެ. އަދި އެކުއްޖާ އަހުން ވެއްޓުނެވެ. އަބޫ ޤުދާމާ އަހުން ފައިބާވަޑައިގެން އެކުއްޖާގެ އެއްފަރާތުގައި އިށީންނެވިއެވެ. އެކުއްޖާގެ އެންމެ ފަހުނޭވާތަކުގައި އެކުއްޖާއަށް ހަނދާން ކޮށްދެމުން ދިޔައެވެ. “ތިބާ ވީ ވަޢުދު ހަނދާން ނައްތާ ނުލައްޗެވެ!”
އެކުއްޖާގެ ޖީބަށް އަތްލާފައި ކުޑަ ދަބަހެއް ނެގިއެވެ. އަދި ބުންޏެވެ. “(މި ދަބަސް) އަހަރެންގެ މަންމަ އަށް ރައްދު ކޮށްދޭށެވެ.”
އަބޫ ޤުދާމާ ސުވާލުކުރިއެވެ. “ތިބާގެ މަންމަ އަކީ ކާކުހެއްޔެވެ؟”
“އެއީ އިއްޔެ ތިބާއަށް ދެ އިސްތަށިގަނޑު ދިން މިހާއެވެ.” އެ ކުއްޖާ ޖަވާބުދިނެވެ.
އޭ އަޚުންނާއި! އޭ އުޚުތުންނޭވެ! މި މުސްލިމް އަންހެން މީހާ އާއި މެދު ވިސްނާލަބަލާށެވެ. އޭނާ ތަޤުވާވެރިކަމުގައި މިފަދަ މަތިވެރި ދަރަޖައަކަށް ދިޔައީ ކިހިނެއްތޯއެވެ؟ އޭނާގެ އިސްތަށިގަނޑުވެސް، އަދި ކިއެއްތަ އޭނަގެ ފިރިހެން ދަރިފުޅުވެސް ޤުރުބާން ކުރީއެވެ. ޔަޤީނެވެ. އޭނާގެ ޙަޔާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ހޭދަކުރީއެވެ. އަދި އިމްތިޙާން ކުރިމަތި ވުމުން ފާސްވެސް ވީއެވެ. ހަމައެކަނި އޭނާ ފާސްވީކީ ނޫނެވެ. އޭނާގެ ދަރިންވެސް އެފަދަ ރީތި އީމާނަކުން ވިދާ ބެބުޅިއެވެ. އެއީ އޭނާ ތަރުބިއްޔަތުކޮށްފައިވާ ދަރިންނެވެ.
އަބަދުވެސް ދީނީ ދަރުސްތައް، ޚުތުބާތައް، އަދިވެސް އެހެނިހެން ދީނީ ވާހަކަތައްވަނީ މުސްލިމް ފިރިހެނުންނަށް އަމާޒު ކުރެވިފައެވެ. އަހަރަމެންގެ ރަސޫލާ صلي الله عليه وسلم ގެ هدي (ދެއްކެވިގޮތް) ވަނީ ހަނދާންނައްތާލެވިފައެވެ. އެކަލޭގެފާނު ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް އެއްދުވަހެއް އަންހެނުންނަށް އުނގަންނައިދިނުމަށް ޚާއްޞަ ކުރައްވިއެވެ. އަންހެން ބޭކަނބަލުން އެކަލޭގެފާނުގެ ކިބައިން ދީނުގެ ކަންތައް އޮޅުން ފިލުވުމަށް ޙައްޖުގައިވެސް އަދި މަގުމަތިންވެސް އަދި ކިއެއްތަ ގެއަށްވެސް އާދެއެވެ. ޢީދު ނަމާދުގައި އެކަލޭގެފާނު ފިރިހެނުންނާ މުޚާތަބު ކުރެއްވުމަށްފަހުގައި އަންހެން ބޭކަނބަލުން ތިބޭ ތަނަށް ވަޑައިގެން އަންހެން ބޭކަނބަލުންނާ މުޚާތަބު ކުރައްވައެވެ. النساء (އަންހެނުން)ގެ ނަމުގައި ﷲ ވަނި ސޫރަތެއްވެސް ބާވައިލައްވާފައެވެ. އަދި އެހެން ސޫރަތެއް مريم މިނަމުގައި ވެސް ބާވައިލެއްވިއެވެ. އަދި އެހެން ސޫރަތެއް المجادلة މިނަމުގައި ވެސް ބާވައިލެއްވިއެވެ. އިތުރު އެކަލޭގެފާނުގެ ޠާހިރު ސުންނަތް ދިރުވުމުގެ ގޮތުން މިއަދު އަހަރެން މި ވާހަކަ އަމާޒުކުރާނީ މުއުމިން އަންހެނުންނަށެވެ. المؤمنات ންނަށެވެ.
އޭ އަހަރެންގެ ލޮބުވެތި އުޚުތުންނޭވެ! މަންމައިންނޭވެ! އަދި އަންހެން ދަރިންނޭވެ!. މިއަދު އެންމެންވެސް މަސައްކަތް ކުރަނީ އުފާވެރިކަމާއި މަޖަލާއި ހިތްހަމަޖެހުން ހޯދުމަށެވެ. މިކަމުގައި ތިބާވެސް އިސްތިސްނާވެގެން ނުދާނެކަން އަހަރެންނަށް ޔަޤީނެވެ. އެހެންނަމަވެސް، އެ އުފަލާއި ހިތްހަމަޖެހުން އަޅެ ކޮބައި ތޯއެވެ؟ ތިބާ އެ އުފާވެރިކަން ބޭނުމީ ކޮންއިރަކުތޯއެވެ؟ ތިބާ ބޭނުން ވަނީ އެ “އުފާވެރިކަން” ހޯދުމުގައި އާޚިރަތުގެ (އުފާވެރިކަމުން) މަޙްރޫމް ވެގަންނަންތޯއެވެ؟ ނޫނީ ތިބާ ބޭނުމީ ﷲ އާ ބައްދަލުވާހިނދު އާޚިރަތުގައި ތިބާ އުފަލުގައި ވުމަށްތޯއެވެ؟
ތިބާ ދާ ކޮންމެ ތަނެއްގައި ތިބާ އަށް ފެންނާނީ މީހުންނާއި މީޑިޔާ އަދި ޘަގާފަތް ވެސް، ޙަޤީޤީ އުފަލަކީ ދުނިޔޭގެ އުފާ ކަމުގައި ބުނަމުން ދަނިކޮށެވެ. އެކަމަކު ޙަޤީޤީ އުފާވެރިކަމަކީ އެއީތޯއެވެ؟ ކުރި ޢަމަލުތަކަށް ބަދަލުދެވޭ ދުވަހުގައި، ދުނިޔޭގައި އުޅުނު “އެންމެ އުފާވެރި” ކާފިރުމީހާ ކުޑަ ހިނދުކޮޅަކަށް ޖަހަންނަމަ އަށް ގަންބާލެވޭނެއެވެ. ދެން އޭނާއާ ސުވާލު ކުރެވޭނެއެވެ. ކަލޭ ދުވަހަކުވެސް އުފާވެރިކަން ދުށިންހެއްޔެވެ؟ (އިޙްސާސް ކުރިންހެއްޔެވެ؟) އޭނާ ބުނާނެއެވެ. “ނޫނެކެވެ. ދުވަހަކުވެސް ނުދެކެމެވެ.”
ދަންނާށެވެ! ހަޤީޤީ އުފާވެރިކަމަކީ އާޚިރަތުގެ އުފާވެރިކަމެވެ. އެއީ ކޮންމެފަދަ ގޮތެއް ދުނިޔޭގައިވީ ކަމުގައި ވިޔަސް މެއެވެ. ބަދަލުތައް ދެވޭ ދުވަހުގައި ދުނިޔޭގައި އެންމެ ގިނަ އިމްތިޙާންތަކާ ކުރިމަތިވި މީހާ ﷲ ގެންނަވާނެއެވެ. އަދި އޭނާ (ކުޑަ ހިނދުކޮޅަކަށް) ސުވަރުގެއަށް ވެއްދޭނެއެވެ. ދެން އޭނާއާ ސުވާލު ކުރެވޭނެއެވެ. “ތިބާ ދުވަހަކުވެސް ހިތާމަވެރިކަމެއް ދުށިންތޯއެވެ؟ (އިޙްސާސްކުރިންތޯއެވެ؟) އެ މީހާ ޖަވާބުގައި ބުނާނެއެވެ. “ނޫނެކެވެ. ދުވަހަކުވެސް ނުދެކެވެ.”
ﷲ މި ދެއްވާ އުފަލާއި ހިތްހަމަޖެހުންވަނީ ހަމައެކަނި އާޚިރަތުގައިކަމަށް ހީނުކުރާށެވެ. އެއުފަލާއި ހިތްހަމަޖެހުންވަނީ މިދިރިއުޅުމާވެސް ވަރަށް ބޮޑަށް ގުޅިފައެވެ. ވިސްނުންތެރިކަމާއެކު ﷲ ގެ މިބަސްފުޅާމެދު ފިކުރުކޮށްލަބަލާށެވެ.
﴿مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ [النخل ٩٧]
މާނައީ: “މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންއިލާހު ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެބައިމީހުން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެބައިމީހުންނަށް، ތިމަންއިލާހު ޖަޒާ ދެއްވާހުށީމެވެ.”
އޭ އުޚުތާއެވެ! ތިބާވެސް އަދި އެހެން މީހުންވެސް ނަރަކައަށް ވަންނަން ޖެހިދާނެކަން ތިބާ ވިސްނަން ޖެހޭނެއެވެ. ﷲ ގަންދީ ބުނަމެވެ. އަހަރަމެން ފާޠިމާ ރަޟިޔަﷲ ޢަންހާއަށް ވުރެ ވަކި ރަނގަޅު ވެގެން ނުވެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދަރިކަނބަލުންނެވެ. އެކަލޭގެފާނު އެކަމަނާ އާ މުޚާތަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ.
އޭ ފާޠިމާއެވެ. ތިމަންކަލޭފާނުގެ މުދަލުން ތިބާ ބޭނުންވާ އެއްޗަކަށް އެދޭށެވެ. ﷲ ގެ ޙަޟްރަތުގައި ތިމަންކަލޭގެފާނަށް، ކަމަނާއަށް އެއްވެސް އެއްޗަކުން ފައިދާކޮށެއް ނުދެވޭނެވެ.”
އެބަހީ: ކަމަނާއަކީ ތިމަންކަލޭގެފާނުގެ ދަރިކަނބަލުންކަމުގައި ވިޔަސް، ކަމަނާވެސް ސުވަރުގެ ހޯދަން މަސައްކަތް ނުކުރާ ކަމުގައި ވަނީނަމަ، ﷲ ހަޟްރަތުގައި ކަމަނާ، ތިމަންކަމަނާގެ ބައްޕައަކީ މިވެނި އެވެނި މީހެކޭ ބުނެގެން ފައިދާ އެއް ނުކުރާނެއެވެ.”
އިސްލާމީ ތާރީޚުވަނީ ﷲ އަށް ތަޤުވާވެރިވި އެތައް މުއުމިން އަންހެނުންގެ ވާހަކަތަކުން ފުރިފައެވެ. ތިބާގެ ވަށައިގެންވާ އެހެން ކުދީން ކާފިރު ލަވަކިޔުންތެރިންނާއި، ކުޅުންތެރިންނާއި، ފިލްމު ކުޅުންތެރިންގެ ޕޯސްޓަރުތައް ހިއްޕާއިރު، ތިބާ ތިބާގެ ހިތުގައި ފާޠިމާ ރަޟިޔަﷲ ޢަންހާއާ އެފަދަ އެހެނިހެން ބޭކަނބަލުންގެ ވާހަކަތައް ބިންވަޅު ނަގާށެވެ.
އެގޮތުން އެފަދަ އެއްބޭކަނބަލަކީ ޖައްބާރު ފިރުޢައުންގެ އަނބިކަނބަލުން އާސިޔާއެވެ. އެކަމަނާ ﷲ އަށް އީމާންވީ، ތިމަންނާއީ ތިޔަބައިމީހުންގެ އެންމެ މަތިވެރި ކަލާނގެއޭ ބުނި މީހެއްގެ ހިޔާވަހިކަމުގައި ވީހިނދުގައެވެ. ފިރިޢައުނަށް އޭނާގެ އަނބިކަނބަލުންގެ އީމާންކަމުގެ ޚަބަރު ލިބުމުން އެކަމަނާއަށް ވަރަށް އަނިޔާ ކުރިއެވެ. އަދި އެކަމާނާގެ ހަށިކޮޅުގައި ތަޅަން އޭނާގެ ސިފައިންނަށް އަމުރު ކުރިއެވެ. އަދި އެބައިމީހުން އެކަމަނާ ރަތްދަކައަތްވަށް ނެރުނެވެ. އަދި ދެއަތާއި ދެފައި ބަނދެ އަނިޔާ ކުރިއެވެ. އެކަމާނާ އެވަޤުތު އެހީތެރިކަމަށް އެދުނީ ކޮންފަރާތަކުންކަން ތިބާއަށް އެނގޭ ހެއްޔެވެ؟ އެކަމަނާ އެހީތެރިކަމަށް އެދުނީ ﷲ ގެ ހަޟުރަތުންނެވެ. އެކަމަނާ ދުޢާ ކުރެއްވިއެވެ.
“އަޅުގެ ވެރިރައްބެވެ! ތިމަންއަޅާއަށް އިބައިލާހުގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރުޢައުނާއި އޭނާގެ (ނުބައި) ޢަމަލުތަކުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!” [سورة التحريم 11]
އަދި ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ މިފަދައިން ދުޢާ ކުރެއްވުމުން، އެކަމަނާއަށް އުޑު ހުޅުވުނެވެ. އަދި އެކަމަނާއަށްޓަކައި ސުވަރުގޭގައިވާ ގަނޑުވަރު ދައްކާލެވުނެވެ. އެހިނދު އެކަމަނާ ހިނިތުންވިއެވެ. ބާރަށް ތަޅަމުން ދިޔައިރުވެސް އެކަމަނާ ހިނިތުންވުމާއެކު ތަޅަމުންދިޔަ ސިފައިން ވަރަށް ޢަޖައިބުވިއެވެ. އެހެނީ އެކަމަނާއަށް އަނިޔާކުރަމުން ދާއިރު އެކަމަނާ ހިނިތުންވެފައި ވުމުންނެވެ. ފިރުޢައުނު އެންގިއެވެ. ބޮޑު ހިލައެއް ގެނެސް އާސިޔާގެ މައްޗަށް ވައްޓާ ޗިސްކޮށްލާށެވެ. އެހެންނަމަވެސް އެހިލަ ގެނައުމުގެ ކުރިން ﷲ އެކަމަނާގެ ފުރާނަ އުފުއްލަވައިފިއެވެ. އަދި އެކަމަނާ ވެގެން ދިޔައީ މުއުމިން ފިރިހެނުންނާއި އަންހެނުންނަށްވާ ލާމަސީލް ނަމޫނާއަކަށެވެ. ތާރީޚުގައި އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މިދުނިޔެ ނިމުމާ ހަމައަށެވެ.
﴿وَضَرَبَ اللَّهُ مَثَلاً لِلَّذِينَ آمَنُوا اِمْرَأَةَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِنْدَكَ بَيْتاً فِي الْجَنَّةِ وَنَجِّنِي مِنْ فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنْ الْقَوْمِ الظَّالِمِينَ﴾ [سورة التحريم 11]
މާނައީ: “އަދި ފިރުޢައުންގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ މިޘާލެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރައްބެވެ! ތިމަންއަޅާއަށް އިބައިލާހުގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރުޢައުނާއި އޭނާގެ (ނުބައި) ޢަމަލުތަކުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!”
ޖިހާދުކުރުމާ އަދި ޝަހީދުންގެ ވާހަކަ އަހަރަމެން ދައްކާއިރު، އެންމެ ފުރަތަމަ ﷲ ގެ މަގުގައި ޝަހީދުވީ ކޮން މުސްލިމެއް ކަން ތިބާއަށް އެނގޭހެއްޔެވެ؟ އެއީ ޢައްމާރުގެ މަންމަ ސުމައްޔާއެވެ. އެކަމަނާ އާއި އެކަމަނާގެ ފިރިކަލުން ޔާސިރު އަދި އެކަމަނާގެ ދަރިކަލުން ޢައްމާރު އިސްލާމްވީ ޚަބަރު އަބޫޖަހުލަށް ލިބުމުން އެމީހުން ގައިގާ ތަޅައި ވަރަށް އަނިޔާ ކުރިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުންނަށް މިއިމްތިޙާން ކުރިމަތިވިހިނދު އެބޭކަލުންގެ ގާތަށް ވަޑައިގެން ޙަދީޘްކުރެއްވިއެވެ.
“ކެތްތެރިވާށެވެ. ޖަންނަތެވެ. (އެބަހީ: ތިޔަބައިމީހުންނަށްވަނީ ސުވަރުގެއެވެ.)”
އަދި އެއްދުވަހަކު އަބޫޖަހުލު، ސުމައްޔާއަށް އަނިޔާކުރުމުންވެސް އެކަމަނާ އިސްލާމްދީން ދޫކޮށްލަން ދެކޮޅު ހެއްދެވިއެވެ. އެކަންތައްވީ އަބޫ ޖަހްލު ވަރަށް ރުޅިއައި ކަމަކަށެވެ. އެކަމަނާ ގަދަ ހޫނުގައި ބިންމަތީ އުއްޑުން ބާއްވައި އަބޫ ޖަހްލު ލޮންސިއެއް ނަގައި އެކަމަނާގެ ހަށިގަނޑުގެ މެދަށް ހަރާލައި ޝަހީދު ކޮށްލިއެވެ. އެކަމަނާ ވެގެންދިޔައީ އެކަމަނާގެ ޢާއިލާގެ އެންމެ ފުރަތަމަ އަދި މުޅި މިއުއްމަތުގެ ވެސް އެންމެ ފުރަތަމަ ޝަހީދެއްގެ ގޮތުގައި ﷲ އާއި ބައްދަލު ކުރެއްވި އިންސާނާކަމުގައެވެ.
އޭ ލޮބުވެތި އުޚުތުންނޭވެ! އަހަރަމެންނަށް ޤުރުއާނުގައި ނަމޫނާތަކެއްވެއެވެ. ކުޑަ ކުއްޖަކާއި ރަސްކަލެއްގެ ވާހަކަ ތިބާ އަޑު އަހާފައިވެދާނެއެވެ. އެވާހަކާއިގައި އެންމެ ކުއްޖެއްގެ މަރުގެ ސަބަބުން މުޅި ރަށުގެ އެންމެން އިސްލާމްދީން ޤަބޫލު ކުރިއެވެ. އެހެންކަމުން ރަސްގެފާނު އަމުރު ކުރީ ބޮޑު އަލިފާންގަނޑެއް ރޯކުރުމަށެވެ އަދި އެންގިއެވެ. އިސްލާމް ދީން ދޫކޮށްނުލައިފިނަމަ ދިރިހުއްޓާ އަލިފާންގަނޑުގެ ތެރޭގައި އަންދާލާނަމެވެ. މުއުމިން އަންހެނެއް އެއަންހެންމީހާގެ ކުޑަ ކުޑަ ދަރިފުޅާއެކު އެއަލިފާންގަނޑުގެ ކައިރީގައި ހުއްޓުނެވެ. އެއަންހެންމީހާ ކުޑަ ކުޑަ ދަރިފުޅަށް ބަލައިލިއެވެ. އެކުއްޖާގެ ބަލިކަށިކަމާއި މައުސޫމްކަން ހިތަށްވަދެގެން ދިޔައެވެ. އަދި އެވަޤުތު އެ އަންހެންމީހާ އެނބުރި ދިޔުމަށް ނިންމިއެވެ. އެހިނދު އެކުއްޖާގެ މަންމަ އަށް އެކުއްޖާ ބުންޏެވެ. “މަންމާއެވެ! ތިޔަ މަޑުކުރައްވަނީ ކީއްކުރަންތޯއެވެ؟ ކުރިއަށް ދާށެވެ! މަންމަ ތިޔަވަނީ ހައްޤުގައެވެ.” އެ އަންހެންމީހާގެ އަތުގައި އެކުއްޖާ ވަނިކޮށް އެއަންހެންމީހާ އަންދާލުމަށްޓަކައި އަލިފާންގަނޑުގެ ތެރެއަށް އެއްލާލެވުނެވެ.
﴿وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّـهِ الْعَزِيزِ الْحَمِيدِ [٨] الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَاللَّـهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ [٩] ﴾ [سورة البروج]
މާނައީ: “އަދި ޢަޒީޒުވަންތަ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ﷲ އަށް އެއުރެން އީމާންވާކަމަށްޓަކައި މެނުވީ، އެކާފިރުން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެއެވެ. [8] އެއިލާހީ އުޑުތަކާއި، ބިމުގެ ވެރިކަން އެއިލާހަށް މިލްކުވެގެންވާ އިލާހެވެ. ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ އިލާހެވެ. [9]”
އޭ ލޮބުވެތި އުޚުތުންނޭވެ! ތިބާއަށްޓަކައިވާ ނަމޫނާތައް މިއަދުވެސް އެބަހުއްޓެވެ. މަންމައެއްގެ ލޯބިވާ ދަރިފުޅު އަހަރަމެންނަށް ކިޔައިދިނެވެ. މުސްލިމް ޤައުމެއްގައި އުޅުނު ދުވަސްވެފައިވާ އަންހެނެކެވެ. އަންހެނުން އެއްވެ ބާއްވާ ޖަލްސާތަކުގައި މުނިފޫހިފިލުވުމޭ ކިޔައިގެން ކުރެވޭ ބޭކާރު ކަންތައްތަކަކީ އޭނާ އެކަމުގައި ބައިވެރިވާން ނުޖެހޭ ކަންތައްތަކެއް ކަމުގައި ދެކި އެކަމުން ދުރުވުމަށް އޭނާ ނިންމިއެވެ. އޭނާ ނަމާދު ކުރުމުގައި ވަޤުތު ހޭދަކުރިއެވެ. ދުވަސްވެފައިވާ ޙާލުގައިވެސް ދަމުނަމާދުވެސް ކުރިއެވެ. އެއްރެއަކު އޭނާގެ ދަރިފުޅަށް ނަމާދުކުރާ ކޮޓަރިން ގޮވާލިއެވެ. އޭނާގެ ދަރިފުޅު ކިޔައިދިނެވެ. “އަހަރެން އަވަސްއަވަހަށް ކޮޓަރިއަށް ވަނީމެވެ. މަންމަ އޮތީ ސަޖިދާގައެވެ. މަންމަ ބުންޏެވެ. މަންމަ މިއޮތީ ވާގިގޮސްފައެވެ.” މަންމަ ގޮވައިގެން ދަރިފުޅު ޑޮކްޓަރަށް ދިޔައެވެ. އަދި ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު އެކަމުގެ އުއްމީދު ވަރަށް ކުޑައެވެ. އެހެންވެ އޭނާ ބޭނުންވީ ގެއަށް ދާށެވެ. ގެއަށް ދާންބޭނުންވާ ވާހަކަ ދަރިފުޅުކައިރީ ބުންޏެވެ. އޭނާގެ ނަމާދުކުރާ ކޮޓަރިއަށެވެ. އޭނާ ސަޖިދައިގައި އޮތް ޙާލަށެވެ.
أَسْتَوْدِعُكُمُ اللهَ الَّذِيْ لاَ تَضِيْعُ وَدَائِعُهُ
“އަހުރެން، ތިޔަބައިމީހުން މާތްﷲއާ ހަވާލުކުރަމެވެ. އެފަރާތަކީ އެފަރާތާ ހަވާލުކުރެވޭ އެއްޗެއް ގެއްލިގެންނުދާ ފަރާތެވެ.”
އޭނާ ނިޔާވީ ސަޖިދާގައި އޮއްވައެވެ. އޭނާގެ ގައިގެ މަސްތައް، އޭނާ ސަޖިދާގައި އޮއްވާ ގަނޑުވިއެވެ. އެހެންކަމުން އެމީހުން އޭނާ ހިނެވީ ވެސް ސަޖިދާގައިވާ ޙާލުގައެވެ. އަދި އެމީހުން އޭނާއަށް ކަށުނަމާދު ކުރީވެސް ސަޖިދާގައި ވާ ޙާލުގައެވެ. އޭނާ ސަހަރާއަށް ގެންދިޔައީވެސް ސަޖިދާގައި ވަނިކޮށެވެ. އަދި ހަމައެފަދައިން ވަޅުލެވުނީވެސް ސަޖިދާގައިވާ ޙާލުގައެވެ. ރަސޫލާ صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. އަހަރަމެން އަލުންދިރުއްވެވޭނީ އަހަރަމެން މަރުވާ އިރުވާ ޙާލުގައެވެ. ޤިޔާމަތްދުވަހުން އޭނާ ދިރުއްވެވޭނީ ﷲ – جل جلاله و تقدس أسماءه – އަށް ސަޖިދަކޮށްގެންވާ ޙާލުގައެވެ.
އަދިވެސް އެތައް ހިތްވަރުގަދަ މުއުމިން މަންމައިންނާއި، އަނބިންނާއި އަދި އުޚުތުންގެ ވާހަކަތައް ވެއެވެ. އަދި ހަމައެކަނި ﷲ ދެނެވޮޑިގެންވާ ވާހަކަތައްވެސް ވެއެވެ. ޙަލަޤާއެއް އޮވެއްޖެނަމަ އެތަނަށް ޙާޟިރުވާ މުސްލިމް އަންހެނުން މުސްލިމް ފިރިހެނުންނަށްވުރެ ގިނައެވެ. އިސްލާމް ޓީޗަރުންގެ ނުވަތަ މަދަރުސާތަކުގެ ބައްދަލުވުމަކަށް ވިޔަސް، ނޫނީ ދަރުސްއަކަށް ދިޔަޔަސް ފިރިހެނުންނާއި އަންހެނުން އެއްވަރު ނުވާނެކަން އެނގޭނެއެވެ. ބައެއްފަހަރު ގިނަ މުސްލިމް އުޚުތުންގެ ކިބައިގައި ހުންނަ ކެރުމާއި ހިތްވަރު އަޚުންގެ ކިބައި ނުހުރުމުން ވަރަށް ދެރަވެއެވެ. އެކަމަކު މީގައި ރިވެތި ނަމުނާއެއްވާނަމަ، إن شاء ﷲ އެ އުޚުތުން، އަންނަ ޖީލުތަކުން ބޮޑު ލަޝްކަރެއްގެ މުއުމިން ފިރިހެނުންނާއި އަންހެނުން ތަރުބިއްޔަތު ކުރާނެއެވެ.
އިމާމް އަޙުމަދު ވަރަށް ކުޑަ އިރު އެކަލޭގެފާނުގެ ބައްޕަ ނިޔާ ވެއްޖެއެވެ. އެކަލޭގެފާނުގެ ދަރިވަރުންގެ ގާތުގައި، މަންމާފުޅު އެކަލޭގެފާނު ތަރުބިއްޔަތު ކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތް ކިޔައިދެއްވިއެވެ. އަދި އެކަލޭގެފާނު އެކަމަނާއަށް ދުޢާ ކުރެއްވިއެވެ. ބަޣުދާދުގައި، ފިނި ރޭތަކުގައި، އެކަލޭގެފާނު ނިދިން ތެދުވުމުގެ މާކުރިން އެކަލޭގެފާނުގެ މަންމަ ނިދިން ތެދުވާނެއެވެ. އެއީ އެކަލޭގެފާނު ފަތިސްނަމާދަށް ވުޟޫ ކުރެއްވުމަށް ފެން ހޫނުކުރުމަށެވެ. ދެން އެކަމަނާ އެކަލޭގެފާނު ގައިގައި ރަޖާ އަޅުއްވައިގެން، އެކަމަނާ ހަމައެކަނި ޖިލްބާބު ތުރުކުރައްވައިގެން ރޭގަނޑުގެ އަނދިރީގައި އެކަލޭގެފާނު ގޮވައިގެން ފިނިކަމުގެ ތެރޭގައި ބަޣުދާދުގެ މަގުތަކުންހިންގަވައެވެ. އެއީ ފަތިސް ވުމުގެ ވަރަށް ކުރިންނެވެ. ސަބަބަކީ ކުލާހުގެ ރަނގަޅު ހިސާބަކުން ޖާގައެއް އެކަލޭގެފާނަށް ހޯދައިދިނުމެވެ. އެކަމަނާގެ ދަރިފުޅު، އިމާމް އަޙްމަދު އުމުރުން ގްރޭޑް 2 ނުވަތަ 3 ގައި އުޅޭވަރުގެ ކުއްޖެއްކަމުގައި ވިޔަސް އެކަލޭގެފާނު މުޅި ދުވަސް އެއްކޮށް ޤުރުއާނާއި ސުންނަތް އުނގެނުމުގައި ހޭދަކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ މަންމަ އެކަލޭގެފާނު ނިމެންދެކަށް މަޑު ކުރެއްވިއެވެ. އެއީ އެކަލޭގެފާނު ގެއަށް ރައްކާތެރިކަމާއެކު ގެންދިއުމަށެވެ. އުމުރުން 16 އަހަރު ވުމުން، އެކަމަނާ އެކަލޭގެފާނަށް، ކާނެ އެއްޗިއްސާއި އަދި ލާރި ހޯދާދީފައި އެކަލޭގެފާނަށް ވިދާޅުވިއެވެ. “ދަރިފުޅު ޢިލްމު ހޯދުމަށް ދަތުރުކުރާށެވެ.” އެކަލޭގެފާނު މައްކާއާއި މަދީނާއަށް އަދިވެސް އެތައް ތަނަކަށް ދަތުރު ކުރެއްވިއެވެ. އަދި އެތައް ޢިލްމުވެރިންނާ ބައްދަލު ކުރެއްވިއެވެ. އެކަމަނާ އަޙްމަދު ތަރުބިއްޔަތު ކުރެއްވިގޮތް ވިސްނަވާ ލައްވާށެވެ! އެކަލޭގެފާނު ވެގެންދިޔައީ އިސްލާމީ އުންމަތުގެ އެންމެ ބޮޑު ހަތަރު އިމާމުން ކުރެ އެއް ބޭކަލަކަށެވެ.
އޭ ލޮބުވެތި އުޚްތާއެވެ! މިވާހަކަތަކަށް ފަހު، ތިބާ މުސްލިމް ނޫން މީހެއްގާތުގައި އަހާބަލާށެވެ. އޭނާ ތިބާގެ ކިބައިން އެދެނީ ކޮންކަމެއްތޯއެވެ؟ އޭނާ ބޭނުންވަނީ ތިބާ މިނިވަނަކަށް ހަދަން ހެއްޔެވެ؟ އެއީ ކޮންކަމަކުން މިނިވަން ކުރަން ހެއްޔެވެ؟ ﷲ އާއި އެއިލާހުގެ ރަސޫލާ صلي الله عليه وسلم ގެ ކިބައިން ހެއްޔެވެ؟ ނޫނީ ޤުރުއާނާއި ސުންނަތުން ހެއްޔެވެ؟ ނޫނީ ޖަންނަތުން ހެއްޔެވެ؟ ނޫނީ ﷲ ތިބާއަށް އެކަށައަޅުއްވާފައިވާ މިދީނުން ހެއްޔެވެ؟
އަދި އޭގެ ބަދަލުގައި އޭނާ ތިބާއަށް ދޭނީ ފަހެ ކޮން އެއްޗެއް ހެއްޔެވެ؟ އުފާވެރިކަން ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ތިބާއަށް ދޭނޭ އެއްވެސް އުފާވެރިކަމެއް އޭނާއަށް މިލްކުވެގެން ނުވެއެވެ. ނޫނީ އޭނާ ތިބާއަށް ދޭނީ ލޯބި ހެއްޔެވެ؟ އަދި ކަށްވަޅުގެ އަޛާބުންނާއި ނަރަކައިގެ ދޮރުވާނުންނާއި މަރުން އޭނާ ތިބާ ރައްކާތެރި ކޮށްދޭނެ ހެއްޔެވެ؟ ތިބާ ކަހަލަ ރީތި އަންހެން ކުދިންނަށް އެބުނާ މިނިވަންކަން ދޭން އެމީހުން އެއުޅެނީ ފަހެ ކީއްވެ ހެއްޔެވެ؟ ޢުމުރުން ދުވަސްވެފައި ތިބޭ މީހުނަށް މިނިވަންކަން ހޯދައި ނުދެނީ ކީއްވެ ހެއްޔެވެ؟ މިނިވަން ނުވެގެން އުޅޭ ޤައުމުތަކުގެ އަހުލުވެރިންނަށް ތިޔަބުނާ މިނިވަންކަން ހޯދައި ނުދެނީ ކީއްވެ ހެއްޔެވެ؟ ޖަލުގައި ތިބޭމީހުންނަށް ތިޔަބުނާ މިނިވަންކަން ހޯދައި ނުދެނީ ކީއްވެ ހެއްޔެވެ؟ އެމީހުން އެހޯދައިދޭ މިނިވަންކަން، ޒުވާން އަންހެންކުދީންނަށް އަމާޒުކުރެވިފައި އެވަނީ ކީއްވެބާއެވެ؟ އެމީހުންގެ އެންމެ ފުރަތަމަވެސް ޙިޖާބު ނެގުމަށް ގޮވާލަނީ ކީއްވެބާއެވެ؟
ތިބާ ހަނދާންކުރާށެވެ. އެފަދައިން ބުނާ ރައްޓެއްސަކާމެދު ފުންކޮށް ވިސްނައިފިނަމަ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ބަދަލުތައް ދެވޭ ދުވަހުގައި އޭނާ ވާނީ ތިބާގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ކަމުގައިކަން ތިބާއަށް އިނގޭނެއެވެ.
﴿الأَخِلاَّءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلاَّ الْمُتَّقِينَ﴾ [سورة الزخرف 67]
މާނައީ: “އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމަނުން ކަމުގައެވެ. ތަޤުވާވެރިން މެނުވީއެވެ.”
ކާފިރު އަންހެނެއް، އަންހެނުންނާމެދު ދެކޭގޮތް ބަޔާންކުރިއެވެ. “އެމީހުންގެ ގާތުގައި ތިބާއަކީ ތިބާގެ ނަފްސެއް ނޫނެވެ. ތިބާ އަކި ތިބާ ތިޔަ ލާ ހެދުންތަކެވެ. އަދި ތިބާގެ ބޭރު ސޫރައެވެ!”
އަދި ފައިބާން ނަމަކަށްކިޔާ، ފްރާންސްގެ މޮޑެލެއް، ފެޝަން އިންޑަސްޓްރީއަށް ހަޖޫ ޖެހުމުގެ ގޮތުން ބުނެފައިވާ މިބަހަށް ބަލާލަބަލާށެވެ. އޭނާ ބުނެފައިވެއެވެ. “ފެޝަން ކުރާ ތަންތަން، އަހަރެންނަކީ ކުޅޭކުޅޭ ބުދަކަށް ހަދައިފިއެވެ. އެމީހުންގެ ލަނޑުދަނޑިއަކީ ހިތްތަކަށް ވަސްވާސް ވައްދައި، މީހުންގެ ވިސްނުން ބަދަލުކޮށްލާ ފިކުރުތައް އަނބުރާލުމެވެ. އަހަރެންނަށް ދަސްވީ އަގެއްނެތް މީހެއްފަދައިން ވާށެވެ. އެތެރޭގައި އެއްވެސް އެއްޗެއް ނެތްފަދައިން އުޅޭށެވެ. އަހަރެމެން ދިރިއުޅެމުން އައީ ހަޑިމުޑުދާރު ކަމުގެ ދުނިޔެއެއްގައެވެ.”
ރަސޫލާ صلي الله عليه وسلم ޢަރާފާތު ބިމުގައި ހުންނަވައި ދެއްވި ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި، އުއްމަތާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ.
“އަންހެނުންނާއި މެދު އޯގާތެރިކޮށް ކަންތައް ކުރާށެވެ!”
އިސްލާމްދީން މިފަދައިން ބުނަމުންދިޔައިރު ޔޫރަޕުގައި ނަޞާރާއިންގެ ފާދިރީން ބަޙުޘް ކުރަމުން ދިޔައީ އަންހެނުންނަކީ އިންސާނުންތޯ ނުވަތަ ޖަނަވާރުންތޯއެވެ!!!” އެ ފާދިރީންނަކީ މިއަދު ތިބާމެން މިނިވަން ކުރަން އުޅޭ ކާފަރުންގެ ކާބަފައިންނެވެ.
މިފަދައިން ބަޔާން ކުރެވޭ ވަރަށް ވުރެ މާގިނަ ވާހަކަތައް އެބަހުއްޓެވެ. މި ވާހަކަކޮޅު ނިންމާލާނީ ރަސޫލާ صلي الله عليه وسلم ކޮންމެ މުސްލިމް މަންމައަކަށް، އަދި ކޮންމެ މުސްލިމް އަންހެން ދަރިފުޅަކަށް، އަދި ކޮންމެ މުސްލިމް އަނތްބަކަށް ދެއްވި އަގުމާތްވި އިރުޝާދަކުންނެވެ.
“އަންހެނަކު ފަރުޟު ފަސް ނަމާދުކޮށް، (ރަމަޟާން) މަހު ރޯދަ ހިފައި، (ޒިނޭ އިން) އޭނާގެ ނަފްސް ރައްކައުތެރި ކޮށް {އެބަހީ: އިއްފަތްތެރިވެ} އޭނާގެ ފިރިމީހާ އަށް ކިޔަމަންވާނަމަ އޭނާ އަށް ދެންނެވޭނެއެވެ. ތިބާ އެދޭ ދޮރަކުން ސުވަރުގެއަށް ވަންނާށެވެ.”
﴿يَا أَيُّهَا الَّذِينَ آَمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ وَاعْلَمُوا أَنَّ اللَّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ﴾ [سورة الأنفال 24]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް ރަސޫލާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، ﷲ އަށާ ރަސޫލާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ﷲ އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (ޤިޔާމަތް ދުވަހުން) އެއްކުރައްވާހުށީ، އެއިލާހުގެ ހަޟުރަތަށެވެ.”
ﷲ އާއި އެއިލާހުގެ ރަސޫލާ صلي الله عليه وسلم ތިބާ އަށް އެގޮވާލައްވަނީ ދިރުމަކަށެވެ. އޭ ލޮބުވެތި އުޚުތާއެވެ. އިޖާބަދެއްވާށެވެ.