ވަޅުލުމަށްޓަކައި މައްޔިތާ ކަށްވަޅުގައި ބޭއްވުމަށްފަހު، ފަސްއެޅުމުގައި ޖަނާޒައިގައި ބައިވެރިވާމީހުން ވެލިމުށްތައް އުކުމަކީ ވަޅުލުމުގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ކުރާ ކަމެކެވެ. އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން އައިސްފައިވާ ޙަދީޘްގައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ފަސްދާނުވަޑުވައި ނިމުމުން ފާޠިމަތު ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ((يَا أَنَسُ، أَطَابَتْ أَنْفُسُكُمْ أَنْ تَحْثُوا عَلَى رَسُولِ اللهِ صلّى الله عليه وسلّم التُّرَابَ؟)) (البخاري: 4462) މާނައީ: “އޭ އަނަސްއެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ވެލިމުށް އުކުމަށް ތިޔަބައިމީހުންގެ ނަފްސުތައް ހިތްހަމަޖެހުނު ހެއްޔެވެ؟” ފާޠިމަތުގެފާނުގެ މި ބަސްފުޅުން ދޭހަކޮށްދެނީ މައްޔިތާ ވަޅުލުމަށްޓަކައި ދާމީހުން އެ ޤަބުރުގެ ވެލިތައް އަނބުރާ އެ ޤަބުރަށް އެޅުމަށެވެ.
މައްޔިތާ ވަޅުލުމަށްޓަކައިދާ ކޮންމެ މީހަކު ޤަބުރަށް ވެލިއުކުން މުސްތަޙައްބުވެގެން ވޭ ހެއްޔެވެ؟
މި މަސްއަލާގައި ޢިލްމުވެރިންގެ ކިބައިން 2 ބަސްފުޅެއް އައިސްފައިވެއެވެ.
ފުރަތަމަ ބަސްފުޅު:
މައްޔިތާ ވަޅުލުމަށްޓަކައިދާ ކޮންމެ މީހަކު ޤަބުރަށް ވެލިއެކުމަކީ ހުއްދަކަމެކެވެ. މުސްތަޙައްބުކަމެއް ނޫނެވެ. މިގޮތަށް އިމާމް މާލިކާއި އަޙްމަދުގެ ކިބައިން ބަސްފުޅު ރިވާވެފައިވެއެވެ.(1)
މި ފަދައިން ވިދާޅުވާ ބޭކަލުންގެ ދަލީލަކީ؛ އެބޭކަލުންނާ ހަމައަށް މިކަމުގެ މުސްތަޙައްބުކަމާގުޅޭ ޙަދީޘެއް ފޯރާފައިނުވުން ކަމުގައި ވެދާނެއެވެ. އެހެނީ، އިމާމް މާލިކުގެ ކިބައިން ނަޤުލުވެފައިވާ ބަސްފުޅެއްގައިވެއެވެ. “ޤަބުރަށް ތިން މުށްވެލި ނުވަތަ އެއަށްވުރެ މަދުން ނުވަތަ އެއަށްވުރެ ގިނައިން އުކުމާމެދު ތިމަންނައަށް އެނގިގެންނުވެއެވެ. އަދި އެކަމަށް އަމުރުކުރާމީހެއްގެ ވާހަކަވެސް ތިމަން ނާހަމެވެ. ވަޅުލުމުގެ ކަންކަމުގައި އިސްކޮށްއުޅޭމީހުން އެ ޤަބުރުގެ ވެލިތައް އެ ޤަބުރަށް ރައްދުކުރާނީއެވެ.”(2)
ދެވަނަ ބަސްފުޅު:
މައްޔިތާ ވަޅުލުމަށްޓަކައިދާ ކޮންމެ މީހަކު ޤަބުރަށް، އެމީހާގެ ދެއަތުން ތިން މުށްވެލި އުކުމަކީ މުސްތަޙައްބުކަމެކެވެ. މިއީ ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންނާއި، މާލިކީ މަޛްހަބުގެ ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. އަދި ޝާފިޢީގެފާނުގެ އަޞްޙާބުން އެގޮތަކަށް އިއްތިފާޤުވެވަޑައިގަންނަވާގޮތެވެ. އަދި މިއީ ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންގެ އަރިހުގައިވެސް ޞައްޙަވެގެންވާ އަދި އެންމެ ގިނަ ބޭކަލުން ބުރަވެވަޑައިގަންނަވާ ގޮތެވެ.(3)
މާލިކީ މަޛްހަބުގެ ޢިލްމުވެރިއެއްކަމަށްވާ އަލްޤަރާފީ ވިދާޅުވެފައިވާގޮތުގައި އުކަންޖެހޭނީ ހަތަރު މުށް ވެއްޔެވެ. އެހެންނަމަވެސް މި ބަސްފުޅަކީ އަލްޤަރާފީ ވިދާޅުވިކަމަށް ސަނަދެއްނެތް ޟައީފު ބަސްފުޅެކެވެ.(4) އަދި ވެލިއުކުން މުސްތަޙައްބުވެގެންވަނީ މައްޔިތާގެ ބޮލާވީކޮޅަށް ވެލިއުކުންކަމުގައި ބުނެވިފައިވެއެވެ.(5) އަދި ބައެއް ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިންނާއި، މާލިކީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވެލައްވާގޮތުގައި ވެލިއުކުން މުސްތަޙައްބުވެގެންވަނީ ކަށްވަޅުގެ ކައިރީގައި ތިބޭމީހުންނަށް އެކަންޏެވެ.(6)
މި ބޭކަލުންގެ ދަލީލުތައް:
(1) އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ((أَنَّ رَسُولَ اللهِ صَلَّى الله عَليْهِ وسَلَّمَ صَلَّى عَلَى جِنَازَةٍ، ثُمَّ أَتَى قَبْرَ الْمَيِّتِ، فَحَثَى عَلَيْهِ مِنْ قِبَلِ رَأْسِهِ ثَلاَثًا.)) (سنن ابن ماجه: 1565) މާނައީ: “ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކަށުނަމާދެއް ކުރެއްވިއެވެ. އަދި އޭގެފަހުގައި މައްޔިތާގެ ޤަބުރު ކައިރިއަށްވަޑައިގެން، އެ މައްޔިތާގެ ބޮލާވީކޮޅުން ތިން މުށްވެލި އުއްކެވިއެވެ.” މި ޙަދީޘުގެ ސަނަދު ރަނގަޅުކަމުގައި އަންނަވަވީ ‘އަލްމަޖުމޫޢު’ ގައި ވިދާޅުވެފައިވެއެވެ. އަދި އަލްޙާފިޡު އިބްނު ޙަޖަރު ‘ތަލްޚީޞުލް ޚަބީރު’ ގައި ވިދާޅުވެފައިވެއެވެ. “މި ޙަދީޘްގެ އިސްނާދު ބޭރުފުށުން ޞައްޙައެވެ. އަދި އެ ސަނަދުގެ ރާވީންނަކީ އިތުބާރުކުރެވޭ ރާވީންނެވެ.” ބައެއް ޢިލްމުވެރިން މި ޙަދީޘްގައި ޢިއްލަތެއްވާކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް، އެ ޢިއްލަތަކީ ޙަދީޘްގެ ޞައްޙަކަމަށް އަސަރުކުރުވާފަދަ ޢިއްލަތެއް ނޫނެވެ. އަދި ‘އިރުވާއުލް ޣަލީލު’ އާއި ‘ޞަޙީޙު އިބްނު މާޖާ’ ގައި މިއީ ޞައްޙަ ޙަދީޘެއްކަމަށް ޝެއިޚު އަލްއަލްބާނީ ވިދާޅުވެފައިވެއެވެ. އަދި އަންނަނިވި ޙަދީޘްތަކުންވެސް މިޙަދީޘަށް ބާރު ލިބެއެވެ.
(2) ޢާމިރު ބިން ރަބީޢާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ޢާމިރު ވިދާޅުވިއެވެ. ((رَأَيْتُ النَّبِىَّ -صلى الله عليه وسلم- حِينَ دُفِنَ عُثْمَانُ بْنُ مَظْعُونٍ رَضِىَ اللَّهُ عَنْهُ فَصَلَّى عَلَيْهِ وَكَبَّرَ عَلَيْهِ أَرْبَعًا وَحَثَا بِيَدَيْهِ ثَلاَثَ حَثَيَاتٍ مِنَ التُّرَابِ وَهُوَ قَائِمٌ عَلَى الْقَبْرِ.)) ((السنن الكبرى للبيهقي: 6730، سنن الدارقطني: 1836) މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ، ޢުޘްމާން ބުން މަޡްޢޫން ރަޟިޔަﷲ ޢަންހު ވަސްދާނުލެއްވިތަން ތިމަން ދެކުނީމެވެ. ފަހެ، އެކަލޭގެފާނު ޢުޘްމާނު ބުން މަޡްޢޫނުގެ މައްޗަށް ކަށުނަމާދުކުރެއްވިއެވެ. އަދި (އެ ނަމާދުގައި) ހަތަރު ތަކުބީރު ކިޔުއްވިއެވެ. އަދި ޤަބުރުކައިރީ ހުންނަވައިގެން އެކަލޭގެފާނުގެ ދެއަތްޕުޅުން ތިން މުށް ވެލި އުއްކެވިއެވެ.” މި ހަދީޘާ ބެހޭގޮތުން އަލްބައިހަޤީ ވިދާޅުވެފައިވެއެވެ. “މި ޙަދީޘުގެ ސަނަދު ޟަޢީފެވެ. އެހެންނަމަވެސް ޖަޢުފަރު ބުން މުޙައްމަދު، އެނާގެ ބައްޕަގެ ކިބައިން މުރުސަލުކޮށް ރިވާކުރައްވާފައިވާ ޙަދީޘާއި، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ކިބައިން މަރުފޫޢުކޮށް އައިސްފައިވާ ޙަދީޘް (އެބަހީ؛ ކުރިން ފުރަތަމަ ދަލީލަކަށް މަތީގައި ބަޔާން ކުރެވުނު ޙަދީޘް) މި ޙަދީޘްގެ ހެއްކަކަށް ވެއެވެ.” މި ޙަދީޘަކީ ޟަޢީފު ޙަދީޘެއްކަމަކަށް ‘އިރުވާއުލް ޣަލީލު’ ގައި ޝެއިޚު އަލްއަލްބާނީ ވިދާޅުވެފައިވެއެވެ.
(3) ޖަޢުފަރު ބުން މުޙައްމަދު، އެކަލޭގެފާނުގެ ބައްޕަގެ ކިބައިން ރިވާކުރެއްވިއެވެ. ((أَنّ النَّبِيَّ صلى الله عليه وسلم حَثَا عَلَى الْمَيِّتِ ثَلاثَ حَثَيَاتٍ بِيَدَيْهِ جَمِيعًا.)) (الأمّ للشافعي: 1685، المراسيل لأبي داود: 211، شرح السنة للبغوي: 1515) މާނައީ: “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ ދެއަތްޕުޅުން މައްޔިތާއަށް ތިން މުށް ވެލި އުއްކެވިއެވެ.” މިއީ މުރުސަލު ޙަދީޘެކެވެ. އަދި އެއާއެކު ޟަޢީފުކަން ބޮޑު ޙަދީޘެކެވެ.(7)
(4) އަބޫ އުމާމާ އަލްބާހިލީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އަބޫ އުމާމާ ވިދާޅުވިއެވެ. ((تُوُفِّيَ رَجُلٌ فَلَمْ تُصَبْ لَهُ حَسَنَةٌ، إِلَّا ثَلَاثُ حَثَيَاتٍ حَثَاهَا فِي قَبْرٍ فَغُفِرَتْ لَهُ ذُنُوبُهُ)) (سنن البهقي الكبرى: 6731، الصغرى: 1136) މާނައީ: “ޤަބުރަކަށް މީހަކު އުކާފައިވާ ތިން މުށް ވެލި ފިޔަވައި އިތުރު ހެޔޮކަމެއް ނުލިބި މީހަކު މަރުވިއެވެ. ފަހެ، އެކަމުގެ ސަބަބުން އެމީހާގެ ކުށްފާފަތައް ފުއްސެވުނެވެ.” މިޙަދީޘަކީ މި ބާބުގައި ރަނގަޅު ޙަދީޘެއްކަމުގައި އަލްބައިހަޤީ ވިދާޅުވެފައިވެއެވެ. އަދި އިބްނު ޙަޖަރު ރަޙިމަހުﷲ “ތަލްޚީޞުލް ޚަބީރު” ގައި މި ޙަދީޘަށް ޙުކުމްނުކުރައްވައި ދޫކޮށްލައްވާފައިވެއެވެ.
މި ހުރިހާ ޙަދީޘްތައް އެއްޙަދީޘް އަނެއް ޙަދީޘަށް ބާރުދެއެވެ. މިކަމުން ދޭހަކޮށްދެނީ ޝަރީޢަތުގައި މިއީ އަޞްލެއްވާކަމެއްކަމެވެ. އަދި ދަލީލުކޮށްދޭގޮތުގައި މުސްތަޙައްބުވެގެންވަނީ ތިން މުށް ވެލި، ދެއަތުން، މައްޔިތާގެ ބޮލާވީކޮޅުން އުކުމެވެ.
(5) ޞަޙާބީންގެ އަމަލުފުޅުތަކުންވެސް މިކަން ސާބިތުވެއެވެ. އެގޮތުން:
* ޢަލީ ރަޟިޔަﷲ ޢަންހު މިފަދައިން ޢަމަލުކުރައްވާފައިވެއެވެ. ޢަލީ ރަޟިޔަﷲ ޢަންހު އިބްނު މުކައްފިފުގެ ޤަބުރަށް ދެފަހަރަށް ނުވަތަ ތިން ފަހަރަށް ވެލިމުށް އުއްކަވަނިކޮށް ދެކެވަޑައިގެންކަމަށް ޢުމައިރު ބުން ސަޢީދު ވިދާޅުވެފައިވެއެވެ. (سنن البهقي الكبرى: 6733) މި އަޘަރުގެ ސަނަދު ޞައްޙަކަމުގައި ޝެއިޚް އަލްއަލްބާނީ ‘އިރުވާއުލް ޣަލީލު’ ގައި ވިދާޅުވެފައިވެއެވެ.
* ހަމަ މިފަދައިން އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިންވެސް މިކަން ޘާބިތުވެފައިވެއެވެ. ޒައިދު ބުން ޘާބިތު ރަޟިޔަﷲ ޢަންހު ފަސްދާނު ލެއްވުމަށްފަހު، އިބްނު ޢައްބާސް ވެލިމުށް އުއްކެވިއެވެ. އަދި ވިދާޅުވިއެވެ. “ޢިލްމު ނެތިގެންދަނީ މިފަދައިންނެވެ.” (سنن البهقي الكبرى: 6734)
* އަދި އަބުއްދަރުދާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ((مِنْ تَمَامِ أَجْرِ الْجِنَازَةِ أَنْ يَحْثُوَ فِي الْقَبْرِ.)) (مسند ابن أبي شيبة: 11836) މާނައީ: “ޤަބުރަށް ވެލި އުކުމަކީ ޖަނާޒާގެ އަޖުރު ފުރިހަމަވުމުގެ ތެރެއިންވާކަމެކެވެ.”
މަސްއަލައިގެ ރާޖިޙު:
މައްޔިތާ ވަޅުލުމަށްޓަކައި އެމީހާގެ ޤަބުރުގެ ކައިރިއަށްދާ ކޮންމެ މީހަކު ތިން މުށް ވެލި އުކުމަކީ މުސްތަޙައްބުކަމެކެވެ. އަދި މުސްތަޙައްބުވެގެންވަނީ ދެއަތުން، މައްޔިތާގެ ބޮލާވީކޮޅުން އުކުމެވެ. އައްޞަންޢާނީ ރަޙިމަހުﷲ ‘ސުބުލުއް ސަލާމް’ ގައި ވިދާޅުވެފައިވެއެވެ. “މި ޙަދީޘްތައް އޭގެ އެއްޙަދީޘް އަނެއް ޙަދީޘަށް ހެކިދެއެވެ. މިކަމުން ދޭހަކޮށްދެނީ ތިން މުށްވެލި އުކުމަކީ މަޝްރޫޢުވެގެންވާކަމެކެވެ. އަދި އުކުން ވަނީ ދެއަތުން އެކުގައެވެ….” އައްޝައިޚު އަލްއަލްބާނީ ރަޙިމަހުﷲ ‘އަޙްކާމުލް ޖަނާއިޒު’ ގައި ވިދާޅުވެފައިވެއެވެ. “ލަޙްދު ވަޅުގަނޑުގެ ގާގަނޑު ބޭއްވުމަށްފަހު، ޤަބުރުކައިރީގައި ހުންނަމީހާ، އެމީހާގެ ދެއަތުން ތިން މުށް ވެލި އުކުމަކީ މުސްތަޙައްބުވެގެންވާ ކަމެކެވެ.”
އެގޮތަށް ވެލި އުކުން މުސްތަޙަބު ވެގެންވަނީ ހަމައެކަނި ޤަބުރުކައިރީގައި ތިބޭ މީހުންނަށްކަމަށް ވިދާޅުވާ ބޭކަލުންގެ އެފަދައިން އެވިދާޅުވަނީ، ޖަނާޒާއެއްގައި އެތައް ބަޔަކު ބައިވެރިވެ، ހުރިހާ މީހުން ވެލި އުކަން އުޅެއްޖެނަމަ ފިތުމާއި އުދަނގޫވެދާނެކަމަށްޓަކައި ކަމުގައި ވެދާނެއެވެ. އެފަދަ ޖަނާޒައެއްގައި ކައިރީގައި ތިބިމީހުންނަށް އެކަނި ވެލި އުކުން އިސްތިޙުބާބު ކުރެވިދާނެއެވެ. އެހެންނަމަވެސް ޢާއްމުކޮށް ބަލާއިރު، މައްޔިތާ ވަޅުލުމަށްދާ ކޮންމެ މީހަކަށް މުސްތަޙަބުވެގެންވެއެވެ.
ވެލިމުށްތައް އުކާއިރު ވަކި ދުޢާއެއް ކިޔަންޖެހޭތަ؟
ޙަނަފީ މަޛްހަބާއި މާލިކީ މަޛްހަބާއި ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބުގެ ބައެއް ފިޤްހު ޢިލްމުވެރިން ބަޔާންކުރައްވާފައިވާގޮތުގައި؛ ފުރަތަމަ ވެލިމުށާއެކު ((مِنْهَا خَلَقْنَاكُمْ))، އަދި ދެވަނަ މުށާއެކު ((وَفِيهَا نُعِيدُكُمْ))، އަދި ތިންވަނަ މުށާއެކު ((وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَى)) މިފަދައިން ކިޔުން މުސްތަޙައްބުކަމުގައި ވިދާޅުވެއެވެ. (طه: 55)
މި ފަދައިން ވިދާޅުވާ ބޭކަލުންގެ ދަލީލަކީ އަބޫ އުމާމާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ޙަދީޘެކެވެ. އަބޫ އުމާމާ ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދަރިކަނބަލުން އުއްމު ކުލްޘޫމް ޤަބުރުގައި ބޭއްވެވުމަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކިޔަވާ ވިދާޅުވިއެވެ. ((مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَى))” ((أحمد: 22187، سنن البهقي الكبرى: 6733) މި ޙަދީޘާބެހޭގޮތުން އަލްބައިހަޤީ ވިދާޅުވެފައިވެއެވެ. “މިއީ (އެބަހީ؛ ޙަދީޘްގެ ސަނަދަކީ) ޟަޢީފު ސަނަދެކެވެ.” އަދި ‘ތަލްޚީޞުލް ޚަބީރު’ ގައި އިބްނު ޙަޖަރު މި ޙަދީޘް ޟަޢީފުކުރައްވާފައިވެއެވެ. އަދި ‘މަޖުމަޢުއް ޒަވާއިދު’ ގައި އަލްޙައިޘަމީވެސް މި ޙަދީޘްގެ ސަނަދު ޟަޢީފުކުރައްވާފައިވެއެވެ. އަދި އަންނަވަވީ ‘އަލްމަޖުމޫޢު’ ގައި މި ޙަދީޘްގައި ހިމެނޭ ތިން ރާވީންކަމުގައިވާ ޢަބްދުﷲ ބުން ޒަޙްރުއާއި، ޢަލީ ބުން ޒައިދުއާއި، އަބޫ ޢަބްދުއްރަޙްމާން ޤާސިމު އަކީ ޟަޢީފު ރާވީންތަކެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި މިތިން ރާވީން ހިމެނިގެން އަންނަ ޙަދީޘަކީ މައުޟޫޢު ޙަދީޘެއްކަމަށް އިބްނު ޙިއްބާން ‘އަލްމަޖްރޫޙީން’ ގައި ވިދާޅުވެފައިވެއެވެ. (މައުޟޫޢު ޙަދީޘަކީ ރަސޫލާގެ މައްޗަށް ހަދާފައިވާ ދޮގެވެ.)
އެހެންކަމުން، މި ޙަދީޘަކީ ޟަޢީފުކަން ބޮޑުވެގެންވާ ޙަދީޘެކެވެ. އަދި އިބްނު ޙިއްބާން ފަދަ ބޭކަލުންގެ އަރިހުގައި މައުޟޫޢު ޙަދީޘެކެވެ. އެހެންކަމުން މިފަދަ ޙަދީޘަކުން ޝަރުޢީ ޙުކުމެއް ނެގުން ހުއްދަވެގެންނުވެއެވެ. އަދި ޙަދީޘް ޞައްޙަކަމުގައިވީނަމަވެސް، ވެލިމުށް އުކުމާ މިފަދައިން ކިޔުމާ ގުޅުމެއްވާކަން ޙަދީޘުން ޘާބިތެއްނުވެއެވެ. ކޮންމެ ވެލިމުށަކާއެކު އާޔަތުގެ ވަކިބައެއް ކިޔުމަށް ޙަދީޘުން ދަލީލެއް ނުކުރެއެވެ.
އެހެންކަމުން، ޞައްޙަގޮތަކީ ވެލިމުށް އުކާއިރު މިފަދައިން ކިޔުމަކީ ބިދުޢައެއްކަމެވެ. އެހެނީ، މިފަދައިން ނުވަތަ އެނޫން އެހެން ދުޢާއެއް ވެލިމުށް އުކާއިރު ޚާއްޞަކޮށް ކިޔުމަށް ޞައްޙަ ޞަރީޙަ ދަލީލެއް ވާރިދުވެފައިނެތެވެ. އައްޝައިޚު އަލްއަލްބާނީ ރަޙިމަހުﷲ ‘އަޙްކާމުލް ޖަނާއިޒު’ ގައި މި މަސްއަލައާގުޅޭ ޙަދީޘްތައް ގެންނެވުމަށްފަހު ވިދާޅުވެފައިވެއެވެ. “މި ފަދައިން ކިޔުމަށް އެއްވެސް އަޞްލެއް މަތީގައި އިޝާރާތްކުރެވުނު ޙަދީޘްތަކުން (ފެންނާކަށް) ނެތެވެ.”
ޚުލާސާ:
ބަޔާންވެދިޔަ ދަލީލުތަކުން ދަލީލުކޮށްދެނީ، މައްޔިތާ ވަޅުލުމަށް އެ މައްޔިތާގެ ކަށްވަޅުގެ ކައިރީގައި ހުންނަމީހަކު، މައްޔިތާ ވަޅުގައި ބޭއްވުމުން، މައްޔިތާގެ ބޮލާވީކޮޅުން، ދެ އަތުން، ތިން މުށްވެލި އުކުމަކީ މުސްތަޙައްބުކަމެއްކަމެކެވެ. އަދި ވެލިމުށް އުކާއިރު ވަކި ޚާއްޞަ ދުޢާއެއް ޛިކުރެއްކިޔުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން ޞައްޙަކޮށް ވާރިދުވެގެންނުވެއެވެ. والله أعلم.
____________________________
(1) الذخيرة: 2/ 478، التاج والإكليل: 2/ 228، الفروع: 2/ 270، الإنصاف: 2/ 547.
(2) التاج والإكليل: 2/ 228.
(3) الفتاوى الهندية: 1/166، تبيين الحقائق: 1/245، رد المختار: 2/236، مختصر خليل مع التاج والإكليل: 2/228، الذخيرة: 2/478، القوانين الفقهية: ص. 66، الأم: 1/462، المهذب والمجموع: 5/256، 259، المغني: 3/329، المستوعب: 3/ 155، الإنصاف: 2/ 547.
(4) الذخيرة: 2/ 478.
(5) الفروع: 2/ 270، الإنصاف: 2/ 537.
(6) الفروع: 2/ 270، الإنصاف: 2/ 537.
(7) إرواء الغليل: برقم: 751.
_________________________________
މަރުޖިޢު:
أحكام المقابر في الشريعة الإسلامية: عبدالله بن عمر بن محمد السحيباني.