الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.
ޢަމަލުތައް ކުރުމުގައި މަޝްޣޫލުވެގެން ނުއުޅޭ މީހުންނަށް ހުރި ބަދުނާމު
ޢިލްމަށް ޢަމަލުނުކޮށް އަދި ޢަމަލުތައް ކުރުމުގައި މަޝްޣޫލުވެގެން ނުއުޅޭ މީހުންނަށް ސަލަފުންގެ ކިބައިން ބަދުނާމުކުރުމުގެ އެތައް ބަސްތަކެއް އައިސްފައި އެބަހުއްޓެއެވެ. އޭގެތެރެއިން ބައެއް އަޘަރުތައް މިތާގައި ބަޔާން ކޮށްލާނަމެވެ.
އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ.
(مَثَلُ عِلْمٍ لَا يُعْمَلُ بِهِ كَمَثَلِ كَنْزٍ لَا يُنْفَقُ مِنْهُ فِيْ سَبِيْلِ الله) [رواه الخطيب في الاقتضاء, قال الألباني إسناده موقوف لا بأس به]
މާނައީ: “އެޢިލްމަކަށް ޢަމަލުނުކުރެވޭ ޢިލްމެއްގެ މިޘާލަކީ، ﷲގެ މަގުގައި ހޭދަނުކުރެވޭ ކަންޒެއްގެ މިޘާލެވެ.”
އަދި ގިނައިން ޙަދީޘްތައް ހޯދާ ލިޔެ ރައްކާކުރާ މީހަކާ ބެހޭގޮތުން އިމާމް ޢަހްމަދާއި ސުވާލުކުރެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ.
“އޭނާ ގިނައިން ޙަދީޘް ހޯދާ މިންވަރަކަށް އެއަށް ގިނައިން ޢަމަލުކުރުން އޭނަގެ މައްޗަށް ވެޔެއެވެ.” އަދި އެއަށްފަހު ވިދާޅުވިއެވެ.
“ޢިލްމުގެ މަގުތަކުގެ މިޘާލަކީ މުދަލުގެ މަގުތަކުގެ މިޘާލެވެ. ހަމަކަށަވަރުން މުދާ ގިނަވި ވަރަކަށް އެއިން ނެރެންޖެހޭ ޒަކާތުގެ މިންވަރުވެސް ގިނަވެއެވެ.” [رواه الخطيب في الاقتضاء, قال الألباني إسناده موقوف لا بأس به]
ޚަޠީބުލް ބަޣްދާދީ رحمه الله ވިދާޅުވިއެވެ.
“މުދާވެސް އެ ހޭދަކޮށްގެން މެނުވީ އެއިން ފައިދާއެއް ނުހޯދޭ ފަދައިން، ޢިލްމުވެސް އެވާޖިބުކުރުވާ ކަންތަކަށް ރިޢާޔަތްކޮށް އެއަށް ޢަމަލުކޮށްގެން މެނުވީ އެއިން ފައިދާއެއް ނުހޯދޭނޭއެވެ.”
އަދި ޙަސަނުލް ބަޞަރީ رحمه الله ވިދާޅުވިއެވެ.
“ޤުރުއާން ބާވާލެއްވުނީ އެއަށް ޢަމަލުކުރާށެވެ. ދެން ހަމައެކަނި ޤުރްއާން ކިޔެވުމަކީ އެއަށް ޢަމަލުކުރުން ކަމުގައި މީސްތަކުން ހަދައިފިއެވެ.”
އިބްނުލް ޖައުޒީ އެކަލޭގެފާނުގެ ފޮތްކަމުގައިވާ ‘ތަލްބީސު އިބްލީސް’ ގައި ޙަސަނުލް ބަޞަރީ رحمه الله ގެ މިބަސްފުޅު އިތުރަށް ބަޔާން ކުރައްވަމުން ވިދާޅުވިއެވެ.
“މީގެ މާނައަކީ އެބައިމިހުން ޤުރުއާނަށް ޢަމަލުކުރުން ދޫކޮށްލާ، ހަމައެކަނި ޤުރްއާން ހަމައެކަނި ކިޔެވުމުގެ އިތުރަށް ނޫން އެހެން ކަމެއް ނުކުރާކަމެވެ.”
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ