[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސިޔާސަތަކީ ކޮބާ؟

DSC_0010ސިޔާސަތޭ ކިޔައިގެން އެކިމީހުން އެކި ވާހަކަތައް ދައްކަމުންދާއިރު، “ސިޔާސަތު” މިލަފްޒަކީ ޢަރަބި ބަހުގެ ލަފްޒެއްކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯއެވެ؟

ޢަރަބި ބަހުގައި ލުޣަވީ ގޮތުން ސިޔާސަތުގެ މާނައަކީ ކަންކަން ރާވާ ހިންގުމެވެ. އަދި އިޞްޠިލާޙީގޮތުން ސިޔާސަތަކީ: “ވެރިކަން ކުރުމުގެ ނިޒާމާއި، ވެރިކަމަށް މީހަކު އިސްކުރެވޭ ގޮތާއި، ޙާކިމާގެ މައްޗަށްވާ ޙައްޤުތަކާއި ވާޖިބުތަކާއި، ރައްޔިތުންގެ މައްޗަށްވާ ޙައްޤުތަކާއި ވާޖިބުތަކާއި، ޙާކިމާއާއި ރައްޔިތުންނާއި ދެމެދުގައި އޮންނަ ގުޅުމާއި އަދި އަމާންކަމުގެ ޙާލަތާއި ހަނގުރާމައިގެ ޙާލަތުގައި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ކިޔާ ނަމެކެވެ.”

މިލަފްޒު ކީރިތި ނަބިއްޔާ صلّى الله عليه وسلّمގެ ޙަދީޘްފުޅެއްގައިވެސް ވާރިދުވެފައިވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރައްވާފައި ވެއެވެ:

“كَانَتْ بَنُو إِسْرَائِيلَ تَسُوسُهُمُ الْأَنْبِيَاءُ كُلَّمَا هَلَكَ نَبِيٌّ خَلَفَهُ نَبِيٌّ ، وَإِنَّهُ لَا نَبِيَّ بَعْدِي” (رواه البخاري ومسلم وغيرهما).
މާނައީ: “ބަނޫ އިސްރާއީލް ބާގައިގެ މީހުންގެ ސިޔާސަތުތައް ހިންގަވާކަމުގައިވީ ނަބީބޭބޭކަލުންނެވެ. އެއްނަބިއްޔަކު އަވަހާރަވެވަޑައިގަތުމުން އަނެއްކާ އޭގެފަހުން އެހެން ނަބިއްޔަކު ވަޑައިގަންނަވައެވެ. އަދި ދަންނާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށްފަހު އެހެން އެއްވެސް ނަބީބޭކަލަކު ނުވެއެވެ.”

ޤައުމެއްގައި ރަނގަޅު ސިޔާސަތެއް އޮތުމުގެ ބޭނުމަކީ، އެޤައުމެއްގައި ދިރިއުޅެމުންދާ މުވާޠިނުން (ރައްޔިތުން) ސުލްޙަމަސަލަސް ކަމާއިއެކު އަމާން އޮމާން ފާގަތި ދިރިއުޅުމެއް އުޅުމެވެ. އަދި އެބައިމީހުންގެ މެދުގައި އުފެދޭ އެންމެހައި މައްސަލަތަކާއި ދެބަސްވުންތަކުގައި އެންމެ ޢަދުލުވެރިގޮތަށް ޙުކުމްކޮށް، އިޞްލާޙީ މުޖްތަމަޢުއެއް ބިނާވެފައި އޮތުމެވެ. އާދެ އިސްލާމްދީން ބާއްވާލެއްވުނީ މިކަމަށްޓަކައެވެ. އެއީ އަޅުތަކުންގެ އަޅުވެތިކަމުން މީސްތަކުން ނެރެ، އަޅުތަކުންގެ ވެރި އެއްކައުވަންތަ އިލާހަށް އަޅުކަން ކުރުމަށެވެ. އަދި މީސްތަކުންގެ ޢަޤީދާއާއި، ނަފްސާއި، ނަސްލާއި މުދަލާއި އަބުރު ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް ޓަކައެވެ.

މިއުއްމަތުގެ ދަންނަބޭކަލުންގެ ތެރެއިން ބޮޑު ޢާލިމެއް ކަމުގައިވާ الإمام الشَّاطِبِي رحمه الله އެކަލޭގެފާނުގެ “އަލްމުވާފަޤާތު” އޭ ކިޔުނުފޮތުގައި ބަޔާންކޮށްފައިވެއެވެ. “މުޅި އުއްމަތާއި އަދި ހުރިހާ މިއްލަތްތައްވެސް އިއްތިފާޤުވެފައިވާ ގޮތުގައި އިސްލާމީ ޝަރީޢަތް ބާއްވާލެއްވުނީ މައިގަނޑު ފަސް ކަމެއް ރައްކާތެރިކުރުމަށްޓަކައެވެ. އެއީ: 1. ދީން، 2. ނަފްސު، 3. ނަސްލު، 4. މުދާ، އަދި 5. ބުއްދި، މިފަސް ކަންތަކެވެ.”

އިސްލާމްދީން މީސްތަކުންނަށް ގޮވާލަނީ އެއްކައުވަންތަ ﷲ އަށް ބިރުވެތިވެ ތަޤްވާވެރި ވުމަށެވެ. ފަރުޟު ވާޖިބު ކަންތައްތައް އަދާ ކުރުމަށާއި ނަހީކުރައްވާ ޙަރާމްކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމަށެވެ. އަދި އެންމެހައި ރިވެތި އަޚްލާޤުން އަޚްލާޤް ލިބިގަނެ އެންމެ ރިވެތި ގޮތަށް މުޢާމަލާތްތައް ބައްޓަންކުރުމަށެވެ. މިއަދު އަޅުގަނޑުމެންނަށް މިކަންކަން އުނގަންނައިދީ ފޯރުކޮށްދެއްވަން ތިއްބެވީ ނަބީބޭކަލުންގެ ވާރުތަވެރިންކަމުގައިވާ ދީނުގެ ޢިލްމުވެރިންނެވެ. އެބޭކަލުން ކީރިތި ޤުރްއާނާއި ސުންނަތުން، މީސްތަކުންނަށް މިކަންތައްތައް ހަނދުމަކޮށްދިނުމުން މީސްތަކުންގެ ހިތްތަކަށް ތަޤްވާވެރިކަންވަދެ ދީނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުތައް ސީދާކޮށް ނަހީކުރައްވާފައިވާ ކަންކަމުން ދުރުހެލިވެގަތުމަށް މަސައްކަތްކުރެއެވެ. ނަތީޖާއަކީ އޭގެ ސަބަބުން ވައްކަން ކުރުމާއި މަގުފޭރުމާއި ޒިނޭކުރުމާއި މާރާމާރީ ހިންގައި މީހުން މެރުންފަދަ ފާފަތަކުން މީސްތަކުން ދުރުހެލިވެގަތުމެވެ. ރިބާއާއި އަދި އެނޫންވެސް ޙަރާމް ވިޔަފާރިތަކުން އެއްކިބާވެ ދުރުހެލިވެއެވެ. އާދެ ސިޔާސަތޭ އަޅުގަނޑުމެން މިކިޔަނީ މިކަންކަމަށް ނޫންތޯއެވެ؟ އިޖްތިމާޢީ، އިޤްތިޞާދީ އަދި މިފަދަ ހުރިހާ ކަމެއް ހަމަމަގަށް އަޅުވައި ހިންގުމަށް ނޫންތޯއެވެ؟ އެކަން އިސްލާމްދީނުގައި މިވަނީ ބަޔާންވެފައެވެ. މިއަށްވުރެ ވަކިންބޮޑު ސިޔާސަތަކީ ފަހެ ކޮބައިތޯއެވެ؟

މީގެން އަޅުގަނޑުމެންނަށް އެނގިގެންދަނީ، ދީނީ ޢިލްމުވެރިން ސިޔާސީވެގެން ނުވާނޭކަމަށް ބަޔަކު ކިތަންމެ ވަރަކަށް ދަޢުވާކޮށް ބުނަމުންދިޔަ ކަމުގައިވީނަމަވެސް އެއީ ބާޠިލް ދަޢުވާއެއްކަމެވެ. ކިއެއްހެއްޔެވެ، ޤުރްއާނާއި ސުންނަތުގެ ވާހަކަ ދެއްކުމަށްވުރެ ވަކިބޮޑު ސިޔާސަތެއް ނުވެއެވެ.

އިސްލާމްދީނުގެ ސިޔާސަތާއި ޑިމޮކްރަސީގެ ސިޔާސަތުގެ ތަފާތު!

މިލިޔުމުގެ ކުރީގެ ބައިތަކުގައި އަޅުގަނޑު ވާނީ އިސްލާމްދީނުގައި ސިޔާސަތަކީ ކޮބައިކަމާއިމެދު ކޮންމެވެސް މިންވަރަކަށް އަލިއަޅުވާލާފައެވެ. އެހެންކަމުން ދެން މިތަނުގައި އަލިއަޅުވާލަން ޤަޞްދު މިކުރަނީ ޑިމޮކްރަސީގެ ނަޒަރިއްޔާތުގައި ސިޔާސަތު މާނަ ކުރެވޭ ގޮތެވެ.
އާދެ މިއަދު އަޅުގަނޑުމެންނަށް ވަރަށް ގިނައިން، ޑިމޮކްރެޓިސްޓް ސިޔާސީ ބޭބޭފުޅުން އެކިއެކި ކަންކަމުގައި ޙަޤީޤަތާއި ޚިލާފަށް އެތައް ވާހަކަތަކެއް ދެއްކުމަށްފަހު އެވާހަކަތައް ފޫބެއްދުމަށްޓަކައި، އެއީ ސިޔާސީ ގޮތުން ތިމަންނަ ބުނި އެއްޗެކޭ ވިދާޅުވާތީ އަޑުއިވެއެވެ.
ކޮންމެއަކަސް ޑިމޮކްރަސީއަށް ގޮވާލާ އެބޭބޭފުޅުންގެ ބަހުންނާއި ޢަމަލުން ސިޔާސަތު މާނަ ކުރައްވަމުން އެގެންދަވަނީ ސިޔާސަތަކީ ދޮގާއި މަކަރާއި ޙީލަތް ހެދުން ކަމެވެ. އޮޅުވާލުމާއި ޚިޔާނާތްތެރިވުން ކަމެވެ.

-ނުނިމޭ-

ނޯޓް: މިލިޔުމަކީ “އިސްލާމްދީނުގައި ވެރިކަމާއި ސިޔާސަތު”، މިމައުޟޫޢަށް އަޅުގަނޑު ލިޔަމުންދާ ލުއި ފޮތަކަށް ލިޔެފައިވާ ލިޔުމެކެވެ.