[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (15)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ނުވަވަނަ ނަސޭހަތް: ތިބާގެ ގޭގައި އެކަށީގެންވާ ރަނގަޅު އިސްލާމީ ކުތުބުޚާނާއެއް ހެދުން

 

ގޭގެ އަހުލުންނަށް އުނގަންނައިދިނުމުގައި އެހީތެރިވެދޭނެ އަނެއް ކަމަކީ ޝަރުޢީ ޙުކުމްތައް އުނގެނި އެކަންތައްތަކަށް ޢަމަލުކުރުމުގެ ފުރުޞަތުދީ އެހީތެރިވެދިނުމުގެ ގޮތުން ގޭގައި އިސްލާމީ ކުތުބުޚާނާއެއް ހެދުމެވެ. ކޮންމެހެން އެއީ މާބޮޑު ތަނަކަށް ވާކަށް ނުޖެހެއެވެ. ނަމަވެސް އަހަންމިއްޔަތުކަމެއް ދޭންވީ މުހިންމު ފޮތްތައް އިޚްތިޔާރުކުރުމަށެވެ. އަދި މިފޮތްތައް ބަހައްޓަންވާނީ ފަސޭހައިން އެތަނަށް ވަދެނިކުމެ ހެދޭނެ ތަނެއްގައެވެ. އަދި އެފޮތްތައް ކިޔުމަށް ގޭގެ އަހުލުންނަށް ހިތްވަރުދޭން ޖެހޭނެއެވެ.

ގޭގެ ފެންޑާގެ ސާފުޠާހިރު އަދި ތަރުތީބުކުރެވިފައިވާ ކަނެއްގައި ފޮތްތައް ބެހެއްޓިދާނެއެވެ. އަދި މިތަން ވާންވާނީ ފޮތްކިޔުމަށް އެކަށީގެންވާ ތަނަކަށެވެ. ނިދާ ކޮޓަރި އަދި މެހެމާނުން ތިބޭ ތަނުގައިވެސް ބެހެއްޓިދާނެއެވެ. އެއީ ގޭގައި އުޅޭ ފަރުދުންނަށް ދާއިމީކޮށް ކިޔުމަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުންނެވެ.

ވަރަށް ފުރިހަމަ ގޮތެއްގައި ކުތުބުޚާނާ ހެދުމަށްޓަކައި ތަފާތު އެކި މައްސަލަ ދިރާސާކުރެވޭވަރުގެ މަރުޖިޢުތަކެއް ހިމަނަންވާނެއެވެ. އެހެނީ ފުރިހަމަކަމަށް ﷲ ތަޢާލާ ލޯބިކުރައްވައެވެ. އެއީ ތަފާތު ކަންކަމުގެ މަޢުލޫމާތު ހޯދުމަށް އެހީވެދިނުމުގެ ގޮތުންނެވެ. އަދި ކުދިންނަށް މަދްރަސާތަކުގައި އެއިން ފައިދާ ލިބިގަތުމަށްޓަކައެވެ. އަދި ތަފާތު ފެންވަރުގެ (މަރުޙަލާތަކުގެ) ފޮތްތައް ހިމަނަންވާނެއެވެ. ކުޑަކުދިންނާއި، ބޮޑެތިމީހުން އަދި އަންހެނުންނާއި، ފިރިހެނުންނަށް މުނާސަބު ފޮތްތަކެވެ. އަދި މެހެމާނުންނާއި ކުދިންގެ ރަޙުމަތްތެރީންނާއި ޢާއިލާއަށް ޒިޔާރަތްކުރާ މީހުންނަށް ހަދިޔާއަށް ދިނުމަށްޓަކައި ވެސް ފޮތްތައް ހިމަނަންވާނެއެވެ. އެގޮތުން އޭގައިވާ ޙަދީޘްތައް ނެގިފައިވަނީ ކޮން ފޮތަކުންކަން އެނގޭގޮތަށް ހުންނަ އަދި ޝައުޤުވެރިވާފަދަ ގޮތަކަށް ހުށަހަޅައިދީފައިވާ ފޮތްތައް ލިބޭތޯ ބަލަންވާނެއެވެ. ގޭގައި ކުތުބުޚާނާ ހެދުމުގެ ކުރިން ފޮތްތަކުގެ ތަޖުރިބާހުރި މީހުންނާއި މަޝްވަރާ ކުރުމަށްފަހު ފޮތް މަޢުރަޟުތަކުގެ ބޭނުން ހިފިދާނެއެވެ.

އަދި ފޮތް ހޯދާ މީހާއަށް ފަސޭހަކޮށްދިނުމުގެ ގޮތުން މައުޟޫޢުތަކަށް ބަހާލައިގެން ފޮތްތައް ތަރުތީބު ކުރެވިދާނެއެވެ. ފަހެ ތަފްސީރު ފޮތްތައް އެއް ހަރުގައި ބެހެއްޓިދާނެއެވެ. އަދި ޙަދީޘް ފޮތްތައް އެހެން ހަރެއްގައި … އަދި ފިޤްހު ފޮތްތައް ތިންވަނަ ހަރެއްގައި … މިފަދައިންނެވެ. އަދި ޢާއިލާގެ އެއްފަރުދަކަށް އަލިފު ބާ ތަރުތީބުންނާ އަދި ފޮތްތަކުގެ މައުޟޫޢުގެ ތަރުތީބުން ފިހުރިސްތެއް ހެދިދާނެއެވެ. އެއީ ފޮތްތައް ހޯދަން ފަސޭހަ ކުރުމުގެ ގޮތުންނެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް