[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ އާއި ރަސޫލާصلى الله عليه وسلمގެ ޙައްޤުތައް ދެނެގަތުން

imageއިބްނުލް ޤައްޔިމު ރަޙިމަހުﷲ، އެކަލޭގެފާނުގެ ޤަޞީދާ “އަންނޫނިއްޔާ” ނުވަތަ “الكافية الشَّافية في الاِنْتصَارِ للفِرْقَةِ النَّاجية” އަކީ އަހުލުއްސުންނަތުގެ ޢަޤީދާ ބަޔާންކޮށް، ގާތްގަނޑަކަށް 6000 ބައިތުގެ މައްޗަށް އެކުލެވިގެންވާ ޤަޞީދާއެކެވެ. ކޮންމެ ބައިތެއްވެސް ނިންމަވާލައްވާފައި ވަނީ ނޫނުން ނެވެ. “އަންނޫނިއްޔާ” އޭ ކިޔެނީ މި ސަބަބާހުރެއެވެ. މި ޤަޞީދާގައި ﷲ އާއި ރަސޫލާގެ ޙައްޤުތައް ބަޔާންކޮށްދެއްވާފައިވެއެވެ. އެ ޙައްޤުތަކަކީ އަޅުގަނޑުމެން ދެނެގަތުން ވަރަށް މުހިއްމު ކަމަކަށްވުމާއެކު، އެ ޙައްޤުތައް ނަންގަނެވިފައިވާ ބަޔާއި، އޭގެ ކުރު ޝަރަޙައެއް ލިޔެލަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވާށި!

އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

الرَّبُّ رَبٌّ والرَّسُولُ فَعَبْدُهُ ••• حَقًّا وليْسَ لَنَا إلهٌ ثَاني

ރައްބުވަންތަ ފަރާތަކީ ޙައްޤު ރައްބެވެ. އަދި ރަސޫލާއަކީ ޙައްޤުގޮތުގައި އެކަލާނގެ ރަސޫލާއެވެ. އަދި އަހަރެމެންނަށް ދެވަނަ އެހެން އިލާހެއް ލިބިގެންނުވެއެވެ.

ޝަރަޙަ: މި ކާއިނާތު ޚަލްޤުކުރައްވައި، އެތަކެއްޗަށް ރިޒްޤު ދެއްވައި، މި ކައުނުގައިވާ ކަންތައްތައް ތަދުބީރުކުރައްވާ، އެ މަޚްލޫޤާތްތަކުގެ ވެރި ﷲ އީ ޙައްޤު ވަންތަ ރައްބެވެ. “الرَّبُّ” އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކުގެ ތެރެއިން އެއް އިސްމުފުޅެވެ. އަދި ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭނެ ދެވަނަ އިލާހެއް އަހަރެމެންނަށް ލިބިގެންނުވެއެވެ. އަދި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ ޙައްޤުގޮތުގައި އެކަލާނގެ އަޅެކެވެ. މި ބަސްފުޅުން މި އަންގައިދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެއިލާހުގެ ރަސޫލާއަކީ ދެފަރާތެއްކަމެވެ. މިދެ ފަރާތަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމުގައި ރައްކާތެރިވެ، އެ ދެފަރާތް އެއްފަރާތަކަށް ނުހެދުމަށް ސަމާލުކަން ދިނުމަށް އިރުޝާދުދެއެވެ.

فَلِذَاكَ لمَ نَعْبُدْهُ مِثْلَ عِبَادَةِ الْـ ••• رَّحْمَن فِعْلَ المُشْرِكِ النَّصْرَانِي

ފަހެ، އެހެންކަމުން ރަޙްމާންވަންތަ ކަލާނގެއަށް އަޅުކަންކުރާ ފަދައިން އަހަރެމެން އެކަލޭގެފާނަށް އަޅުކަމެއް ނުކުރަމެވެ. (އެފަދައިން އެކަލާނގެއަށް އަޅުކަންކުރާ ފަދައިން އެކަލާނގެ ރަސޫލާއަށް އަޅުކަންކުރުމަކީ) މުޝްރިކު ނަޞާރާއިން ޢަމަލުކުރާ ގޮތެވެ.

ޝަރަޙަ: ﷲ އަކީ އަހަރެމެންގެ ރައްބުވަންތަ ކަލާނގެކަމުގައި ވެފައި، އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަކީ އެކަލާނގެ އަޅެއްކަމަށްވާތީ ރަޙްމާންވަންތަ ކަލާނގެއަށް އަޅުކަންކުރާ ފަދައިން އަހަރެމެން އެކަލޭގެފާނަށް އަޅުކަމެއް ނުކުރަމެވެ. އެކަލޭގެފާނަކީ އެކަލާނގެ އަޅެއްކަމަށްވުމާއެކު، އެކަލޭގެފާނަށް އަޅުކަންކުރުމަކީ ޙައްޤުވެގެންވާނޭ ކަމެއް ނޫނެވެ. ﷲ އަށް އަޅުކަންކުރާ ފަދައިން އެކަލާނގެ ރަސޫލުންނަށް އަޅުކަންކުރުމަކީ މުޝްރިކު ނަޞާރާއިން ޢަމަލުކުރާ ގޮތެވެ. އެހެނީ، އެބައިމީހުން ﷲ ކަލާނގެއެއްކަމަށް ޤަބޫލުކުރުމާއެކު ޢީސާގެފާނަކީވެސް ކަލާނގެއެއްކަމަށް ޤަބޫލުކުރެއެވެ. އަދި ﷲ އަށް އަޅުކަންކުރާ ފަދައިން ޢީސާގެފާނަށް އަޅުކަންކުރެއެވެ.

كَلاَّ وَلَمْ نَغْلُ الغُلُوَّ كَمَا نَهَى ••• عَنْهُ الرَّسُولُ مَخَافَةَ الكُفْرَانِ

ހަމަހިލާ އެހެނަކުން ނުވާނެއެވެ. ރަސޫލާ ނަހީ ކުރައްވާފައިވާ ފަދައިން އެކަލޭގެފާނާ މެދުގައި އަހަރެމެން ހައްދުފަހަނައަޅައި ނުދާނަމެވެ. އެއީ ކުފުރާމެދު ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ.

ޝަރަޙަ: ހަމަހިލާ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އަޅުކަންކޮށްގެން އެކަލާގެފާނާ މެދުގައި އަހަރެމެން ހައްދުފަހަނައަޅައި ނުދާނަމެވެ. އެކަލޭގެފާނު ވަނީ އެކަން ނަހީ ކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ((إِيَّاكُمْ وَالْغُلُوَّ فِي الدِّينِ، فَإِنَّمَا أَهْلَكَ مَنْ كَانَ قَبْلَكُمُ الْغُلُوُّ فِي الدِّينِ)) (رواه النسائى) މާނައީ: “ތިޔަބައިމީހުން ދީނުގައި ޙައްދުފަހަނައަޅައި ދިޔުމުން ރައްކާތެރިވެ ދުރުހެލިވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީހުން ހަލާކުވެގެން ދިޔަކަންކަށަވަރީ ދީނުގައި ޙައްދުފަހަނައަޅައި ދިޔުމުގެ ސަބަބުންނެވެ.” އަދިވެސް ރަސޫލާ صلى الله عليه وسلم  ޙަދީޘްކުރައްވާފައިވެއެވެ. ((لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ فَإِنَّمَا أَنَا عَبْدُهُ فَقُولُوا عَبْدُ اللهِ وَرَسُولُه)). (صحيح البخاري) މާނައީ: “ނަޞާރާއިން ޢީސާ އިބްނު މަރްޔަމް އާމެދު ކަންތައްކުރި ފަދައިން ތިމަންކަލޭގެފާނާމެދު ތިޔަބައިމީހުން ކަންތައް ނުކުރާށެވެ. (އެބަހީ: ނަޞާރާއިން ޢީސާ އިބްނު މަރްޔަމް އާމެދު ކަންތައްކުރި ފަދައިން ﷲ އާއި އެކު ޝަރީކު ކުރެވޭފަރާތެއް ކަމުގައި ނުހަދާށެވެ.) ހަމަކަށަވަރުން ތިމަންކަލޭގެފާނީ އެއިލާހުގެ އަޅެއްކަން ދަންނާށެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ﷲ ގެ އަޅާއޭ އަދި އެއިލާހުގެ ރަސޫލާ އޭކިޔާށެވެ.” އަހަރެމެން އެފަދައިން ކަންތައް ކުރަނީ ކުފުރާމެދު ގަންނަ ބިރެއްގެ ސަބަބުންނެވެ. ﷲ ނޫން ފަރާތަކަށް އަދި ﷲ އާއެކު އެހެން ފަރާތަކަށް އަޅުކަންކުރުމަކީ ކުފުރުވާނޭ ކަމެކެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَمَن يَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ‌ لَا بُرْ‌هَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَ‌بِّهِ إِنَّهُ لَا يُفْلِحُ الْكَافِرُ‌ونَ)) (المؤمنون: ١١٧) މާނައީ: “ﷲ އާއެކު އެހެން އިލާހަކަށް އަޅުކަންކޮށްއުޅޭ މީހަކު، އެކަމުގެ މައްޗަށް އެމީހަކަށް (ލިބޭނޭ) އެއްވެސް ދަލީލެއް ނެތެވެ. ފަހެ، އެމީހެއްގެ ހިސާބު ބެއްލެވުން ވާކަންކަށަވަރީ، އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައެވެ. ހަމަކަށަވަރުން، ކާފަރުންނެއް ނުދިނޭނެތެވެ.” މި އާޔަތުން އެކަން ބަޔާންވެގެން އެބަދެއެވެ.

لِلَّهِ حَقٌّ لا يَكُونُ لِغَيْرِهِ ••• وَلِعَبْدِهِ حَقٌّ هُمَا حَقَّانِ

ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށްނުވާ ޙައްޤުތަކެއް (ހަމައެކަނި) އެކަލާނގެއަށް ވެއެވެ. އަދި އެކަލާނގެ އަޅާއަށް (އެބަހީ؛ ރަސޫލާއަށް) ޙައްޤުތަކެއް ވެއެވެ. (މި ދެފަރާތުގެ ޙައްޤުތަކަކީ ތަފާތު) ދެ ޙައްޤެކެވެ.

ޝަރަޙަ: މުސްލިމަކު ދެނެގަންނަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ ތިމާގެ ފަރާތުން ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އަދާކުރަންޖެހޭ ޙައްޤުތަކެއްވާކަމެވެ. އެއީ އެމީހަކު އަދާކުރަންޖެހޭ އެންމެ މުހިއްމު ދެ ޙައްޤެވެ. އެހެންހުރިހާ ޙައްޤުތަކެއްގެ މައްޗަށް މި ދެ ޙައްޤު މަތިވެރިވެގެންވެއެވެ. ތިމާގެ އަމިއްލަ ނަފްސަށާއި، މައިންބަފައިންނަށާއި، ދަރިންނަށާއި، ގާތްތިމާގެ މީހުންނަށާއި، އަދި މިނޫންވެސް އެހެނިހެން ޙައްޤުތައް އަންނަހުށީ މި ދެ ޙައްޤުގެ ދަށުންކަމުގައި ދެނެގަތުން ހުއްޓެވެ. މި ދެފަރާތަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ މައްޗަށް އެހެން ފަރާތްތަކުގެ ޙައްޤުތައް މަތިކުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާނޭ ކަމެއް ނޫނެވެ. އަދި ހަމައެހެންމެ، ދެނެގަންނަންޖެހޭ ކަމަކީ ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އަދާކުރަންޖެހޭ ޙައްޤުތަކަކީ ތަފާތު ދެ ޙައްޤެއްކަމެވެ. އެގޮތުން ހަމައެކަނި ﷲއަށް ޚާއްޞަވެގެންވާ ޙައްޤުތަކަކާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށްވާ ޙައްޤުތަކެއްވެއެވެ.

لا تَجْعَلُوا الحَقَّيْنِ حَقًّا وَاحِدًا ••• مِنْ غَيْرِ تَمْيِيزٍ ولا فُرْقَانِ

ފަރަޤުކުރުމެއްނެތި އަދި ތަފާތުކުރުމެއް ނެތި (ﷲ އާއި އެއިލާހުގެ ރަސޫލާގެ) ޙައްޤުތައް އެއް ޙައްޤެއްކަމުގައި ނަހަދާށެވެ.

ޝަރަޙަ: ﷲ އާއި އެއިލާހުގެ ރަސޫލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އެއްކުރުމަކީވެސް ޝިރުކުގެ ތެރެއަށް މީހާ ވެއްޓިގެންދާނޭކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ކަމަށް ވީނަމަވެސް، ނުވަތަ މަލާއިކަތް ބޭކަލަކަށް ކަމަށް ވީނަމަވެސް، ނުވަތަ ޞާލިޙު ބޭކަލަކަށް ވީނަމަވެސް ﷲ އަށް ޚާއްޞަވެގެންވާ ޙައްޤެއް އެ އިން ފަރާތަކަށް ދިނުމަކީ ﷲ ރުއްސަވާވޮޑިގެންވާ ކަމެއް ނޫނެވެ. އެފަދައިން ކަންތައް ކުރާމީހަކު ވެގެންދާނީ ޝިރުކުގެ އަހުލުވެރިންގެ ތެރެއިންނެވެ. އެހެންކަމުން މުސްލިމުންގެ މައްޗަށް ވަނީ މި ދެ ޙައްޤު ފަރަޤުކޮށް، ﷲ އަށް ހަމައެކަނި އަދާކުރަންޖެހޭ ޙައްޤުތައް ހަމައެކަނި ﷲއަށް އަދާކުރުމާއި، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އަދާކުރަންޖެހޭ ޙައްޤުތައް އެކަލޭގެފާނަށް އަދާކުރުމެވެ.

فَالْحَجُّ للرَّحْمَنِ دُونَ رَسُولِهِ ••• وَكَذَا الصَّلاَةُ وَذَبْحُ ذَا القُرْبَانِ

ފަހެ، ޙައްޖުވުން ވަނީ ރަޙްމާންވަންތަ އިލާހަށެވެ. އެއިލާހުގެ ރަސޫލާއަކަށް ނޫނެވެ. އަދި ހަމައެފަދައިން ނަމާދާއި، ޤުރުބާނުގެގޮތުގައި ކަތިލެވޭ ކަތިލެވުންވެސް މެއެވެ.

ޝަރަޙަ: އިބްނުލް ޤައްޔިމު ރަޙިމަހުﷲ މި ހިސާބުން މި ބަޔާންކޮށްދެއްވަން މި ފައްޓަވަނީ ﷲ އަށް ހަމައެކަނިވާ ޙައްޤުތަކާއި، އެއިލާހުގެ ރަސޫލާއަށްވާ ޙައްޤުތަކާއި، އެ ދެ ފަރާތަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރެއިން ދެ ފަރާތަށްވެސް ޝާމިލުވާ ޙައްޤުތަކެވެ. އެގޮތުން ޙައްޖުގެ އަޅުކަމާއި، ނަމާދާއި، ޛަބަޙަކުރުމަކީ ހަމައެކަނި ﷲ އަށް އަދާކުރަންޖެހޭ ކަންކަމެވެ. މި ކަންކަމަކީ އަޅުކަންތައްތައް ކަމަށްވުމާއެކު ﷲ ނޫން ފަރާތަކަށް ނުވަތަ ﷲއާއެކު އެހެން ފަރާތެއް ބައިވެރިކުރުމަކީ ބޮޑު ޝިރުކެކެވެ. ޛަބަޙަކުރުމަކީ ޝަރުޢުގައި ކަތިލުމަށް އަންގަވާފައިވާ ޖަނަވާރެއް ޝަރުޢީ ހަމަތަކުގެ މަތިން ކަތިލުމެވެ. ﷲގެ އިސްމުފުޅު ނޫން އެހެން ފަރާތެއްގެ ނަން ގަނެގެން ކަތިލުމަކީ ޝިރުކެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَ‌بِّ الْعَالَمِينَ)) (الأنعام: ١٦٢) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ޛަބަޙަކުރުމާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމްތަކުގެ ވެރި ﷲ އަށެވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޢަލީގެފާނު ގެންނަވާފައިވާ ޙަދީޘެއްގައިވެއެވެ. ((لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ)) (مسلم) މާނައީ: “ﷲ ނޫން ފަރާތަކަށް ޛަބަޙަކުރާމީހާގެ މައްޗަށް ﷲ ލަޢުނަތް ލެއްވިއެވެ.”

وَكَذَا السُّجُودُ ونَذْرُنَا ويَمِينُنَا ••• وكَذَا مَتَابُ العَبْدِ مِنْ عِصْيَانِ

އަދި ހަމައެފަދައިން ސަޖިދަތަކާއި، އަހަރެމެން (ބުނާ) ނަދުރާއި، (ކުރާ) ހުވާވެސް މެއެވެ. އަދި ނުކިޔަމަންތެރިކަމުން އަޅާވާ ތައުބާވެސް ހަމައެފަދައެވެ.

ޝަރަޙަ: ސަޖިދަކުރުމާއި، ނަދުރުބުނުމާއި، ހުވާކުރުމާއި، ތައުބާވުންވެސް ވަނީ ހަމައެކަނި ﷲއަށެވެ. ﷲ ނޫން ފަރާތަކަށް ސަޖިދަކުރުމާއި، ނަދުރުބުނުމާއި، އެއިލާހު ނޫން ފަރާތެއް ގަންދީ ހުވާކުރުމަކީ ޝިރުކެކެވެ. އަދި ފާފަތަކުން ތައުބާވުމަށްޓަކައި ހަމައެކަނި ދަންނަވަންޖެހޭނީ ﷲ އަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަވިޔަސް، ނުވަތަ ޒިޔާރަތަކަށްވިޔަސް، ނުވަތަ ޞާލިޙު ބޭކަލަކަށްވިޔަސް ފާފަތައް ފުއްސަވައި ދިނުމަށް ﷲ ނޫން ފަރާތަކަށް އެދުމަކީ ޝިރުކެކެވެ. އެހެނީ، މީސްތަކުންގެ ފާފަތައް ފުއްސެވުން ވަނީ ހަމައެކަނި ﷲ އަށެވެ. އެނޫން ފަރާތެއްގެ ކިބައިން ފާފަ ފުއްސެވުމަށް އެދުމަކީ އެއިލާހަށް ހަމައެކަނި ލިބިވެގެންވާ ފުއްސެވުން އެހެން ފަރާތަކަށް ލިބިގެންވާކަމަށް ޤަބޫލުކުރުމެކެވެ.

وكَذَا التَّوَكُّلُ والإنَابَةُ والتُّقَى ••• وكَذَا الرَّجَاءُ وَخَشْيَةُ الرَّحْمَنِ

ވަކީލުކުރުމާއި، އަލްއިނާބަތާއި، ތަޤްވާވެރިވުމާއި، އުއްމީދުކުރުމާއި، ރަޙްމާންވަންތަ އިލާހަށް ޚުޝޫޢަތްތެރިވުންވެސް ހަމައެފަދައެވެ.

ޝަރަޙަ: ހަމައެކަނި ﷲ އަށް އަދާކުރާ ޙައްޤުތަކުގެ ތެރޭގައި އެއިލާހަށް ވަކީލުކުރުމާއި، އަލްއިނާބަތާއި، ތަޤްވާވެރިވުމާއި، އުއްމީދުކުރުމާއި، ރަޙްމާންވަންތަ އިލާހަށް ޚުޝޫޢަތްތެރިވުން ވެއެވެ. އަލްއިނާބަތަކީ ތައުބާވުމަށްފަހު ޙައްޤުމަގަށް ރުޖޫޢަވެ އެގޮތުގެ މަތީގައި ހިފެހެއްޓުމެވެ. މުސްލިމުންނަކީ ﷲގެ މަގުން އެއްކިބާވެވިއްޖެނަމަ އަވަހަށް ﷲގެ މަގަށް ރުޖޫޢަވެ، އެ މަގުގައި ޘާބިތުވުމަށް ވަރުގަދަވެގެންވާ ޢަޒުމެއް ކުރާ ބަޔެކެވެ.

وكَذَا العِبَادَةُ واسْتِعَانَتُنَا بِهِ ••• إِيَّاكَ نَعْبُدُ ذَانِ تَوْحِيدَانِ

އަޅުކަމާއި، އަހަރެމެން އެއިލާހުގެ ޙަޟްރަތުން ވާތްގަށްއެދުންވެސް ހަމައެފަދައެވެ. އަހަރެމެން ހަމައެކަނި އަޅުކަންކުރަނީ އިބަ އިލާހަށެވެ. އެދެކަމަކީ (އެބަހީ؛ އަޅުކަންކުރުމާއި ވާތްގަށް އެދުމަކީ) އެއްކައުވަންތަކުރުމުގެ (ތެރޭގައި ހިމެނޭ) ދެ ކަމެވެ.

وعَلَيْهِمَا قَامَ الوُجُودُ بِأَسْرِه ••• دُنْيَا وأُخْرَى حَبَّذَا الرُّكْنَانِ

އަދި ދުނިޔެއާއި އާޚިރަތުގެ އެންމެހާކަމެއް ވުޖޫދުގައިވުން ބިނާވެފައިވަނީ މި ދެކަމުގެ މައްޗަށެވެ. މިއީ ވަރުގަދަވެގެންވާ ދެ ރުކުނެކެވެ.

ޝަރަޙަ: އަޅުކަން ކުރަންޖެހޭ ފަރާތަކީ ހަމައެކަނި ﷲއެވެ. އަދި ކަންކަމުގައި ވާގި ދެއްވުމަށް އެދެންޖެހޭނީވެސް ހަމައެކަނި އެއިލާހަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ސޫރަތުލް ފާތިޙާގައި ވަޙީ ކުރައްވާފައިވެއެވެ. ((إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ)) މާނައީ: “އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ  ހަމައެކަނި އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.” އަދި ދުނިޔެއަށް ﷲ އިންސާނާ ވުޖޫދުކުރެއްވުމާއި، އާޚިރަތްދުވަހުގެ ޙިސާބު ބެއްލެވުމާއި، ހެޔޮލަފާ ޞާލިޙު އަޅުންނަށް ސުވަރުގެ، އަދި ކާފަރުވި އަޅުންނަށް ނަރަކަ ދެއްވުން ފަދަ އާޚިރަތްދުވަހުގެ އެންމެހާ ކަމެއް ބިނާވެފައިވަނީ މި ދެ ކަމުގެ މައްޗަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ)) (الذاريات: ٥٦) މާނައީ: “ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.”

وكَذَلِكَ التَّسْبِيحُ والتَّكْبِيرُ والتَّـ ••• هْلِيلُ حَقُّ إِلَهِنَا الدَّيَّانِ

އަދި ތަސްބީޙަކިޔުމާއި، ތަކްބީރުކިޔުމާއި، ތަހްލީލުކިޔުމަކީ ހަމައެފަދައިން އަހަރެމެންގެ ދައްޔާނުވަންތަ އިލާހަށްވާ ޙައްޤެކެވެ.

ޝަރަޙަ: ﷲއަށް ހަމައެކަނިވާ ޙައްޤުތަކުގެ ތެރޭގައި އެއިލާހަށް ތަސްބީޙަކިޔުމާއި، ތަކްބީރުކިޔުމާއި، ތަހްލީލުކިޔުންވެއެވެ. ތަސްބީޙަކިޔުމަކީ ﷲ އެންމެހާ ހުތުރުކަމަކުންނާއި، ޢައިބުކަމަކުން އެއިލާހު ހުސްޠާހިރުވަންތަ ކުރުމުގެ ގޮތުން سبحان الله ކިޔުމެވެ. އަދި ތަކްބީރުކިޔުމަކީ އެކަލާނގެ  ބޮޑުވަންތަކުރުމުގެ ގޮތުން الله أكبر ކިޔުމެވެ. އަދި ތަހްލީލުކިޔުމަކީ ﷲ އެއްކައުވަންތަ އިލާހުކަން ހާމަކުރުމުގެގޮތުން لا إله إلا الله ކިޔުމެވެ. “الدَّيَّانِ” އަކީ ﷲ ގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. ޢަބްދުﷲ ބުން އުނައިސް ރަޟިޔަﷲ ޢަންހުގެ ކިބައިން އިމާމް އަޙްމަދު ގެންނަވާފައިވާ ޙަދީޘެއްގައިވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޤިޔާމަތްދުވަހު، އޮރިޔާން ޙާލުގައި، އަދި ޚިތާނުނުކޮށް ހުންނަ ޙާލުގައި މީސްތަކުން މަޙްޝަރުކުރެއްވުމަށްފަހު ވަޙީ ކުރައްވާނެއެވެ. ((أَنَا الْمَلِكُ أَنَا الدَّيَّانُ)) (مسند أحمد: 16085، وصححه الألباني في ظلال الجنة) މާނައީ: “ތިމަން އިލާހީ އަލްމަލިކު އެވެ. ތިމަން އިލާހީ އައްދައްޔާނުއެވެ.”

“މުޢުޖަމުލް ވަސީޠު” ގައި “الدَّيَّانِ” ގެ މާނައަކީ ޙުކުމް ކުރައްވާފަރާތްކަމުގައާއި، ޙިސާބުބައްލަވާ ފަރާތްކަމުގައި އައިސްފައިވެއެވެ. އަދި އެއީ ހެޔޮކަންކަމަށާއި ނުބައިކަންކަމަށް ޖަޒާދެއްވާ ފަރާތްކަމުގައި އައިސްފައިވެއެވެ. އަދި “الدَّيَّانِ” މި އިސްމުފުޅުގެ މާނައަކީ “القهَّار” މި އިސްމުފުޅާ އެއް މާނައެއްކަމުގައިވެސް އައިސްފައިވެއެވެ. އެގޮތުން ޤިޔާމަތްދުވަހަށް “يوم الدِّين” (އެބަހީ: ޖަޒާދެއްވާ ދުވަހޭ) ކިޔައެވެ.

لَكِنَّمَا التَّعْزِيرُ والتَّوْقِيرُ حَـ ••• ــــقٌّ للرَّسُولِ بِمُقْتَضَى القُرْآنِ

އެހެންނަމަވެސް ކީރިތި ޤުރުއާނުގައި ވާފަދައިން މަތިވެރިކުރުމާއި، މާތްކޮށް ހިތުމަކީ ރަސޫލާއަށް (އަދާކުރަންޖެހޭ) ޙައްޤެކެވެ.

ޝަރަޙަ: ކުރިން ބަޔާންވެގެން ގޮސްފައިވަނީ ހަމައެކަނި ﷲއަށް އަދާކުރަންޖެހޭ ޙައްޤުތަކެވެ. އޭގެފަހުގައި ބަޔާންކުރައްވަނީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އަދާކުރަންޖެހޭ ޙައްޤުތަކެވެ. އެ ޙައްޤުތަކުގެ ތެރޭގައި އެކަލޭގެފާނު މަތިވެރިކުރުމާއި، އެކަލޭގެފާނަށް މާތްކޮށްހިތުންވެއެވެ.

والحُبُّ والإيمَانُ والتَّصْدِيقُ لا ••• يَخْتَصُّ بَلْ حَقَّانِ مُشْتَرِكَانِ

އަދި ލޯބިވުމާއި، އީމާންވުމާއި، ތެދުކުރުމަކީ (ހަމައެކަނި ﷲ އަށް ނުވަތަ ހަމައެކަނި ރަސޫލާއަށް) ޚާއްޞަވެގެންވާ ކަމެއްނޫނެވެ. އެހެނެއްކަމަކު އެ ދެފަރާތުގެވެސް ޙައްޤެކެވެ.

ޝަރަޙަ: ލޯބިވުމާއި، އީމާންވުމާއި، ތެދުކުރުމަކީ ހަމައެކަނި ﷲ ނުވަތަ ހަމައެކަނި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އަދާކުރަންޖެހޭ ޙައްޤެއް ނޫނެވެ. އެހެނެއްކަމަކު، އެ ދެ ފަރާތަށް އަދާކުރަންޖެހޭ ޙައްޤެކެވެ. އެގޮތުން ހުރިހާ ފަރާތަކަށްވުރެ ﷲ ދެކެ ލޯބިވުމާއި، އެއިލާހީ ޙައްޤު އިލާހުކަމަށް އީމާންވުމާއި، އެއިލާހު ތެދުކުރުމަކީ މީސްތަކުންގެ ފަރާތުން އެއިލާހަށް އަދާކުރަންޖެހޭ ޙައްޤުތަކެކެވެ. ހަމައެފަދައިން އެންމެހާ މީސްތަކުންނަށްވުރެ ބޮޑަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެކެ ލޯބިވުމާއި، އެކަލޭގެފާނަކީ ޙައްޤު ރަސޫލެއްކަމަށް އީމާންވުމާއި، އެކަލޭގެފާނު ތެދުކުރުމަކީ މީސްތަކުންގެ ފަރާތުން އެކަލޭގެފާނަށް އަދާކުރަންޖެހޭ ޙައްޤުތަކެކެވެ. އެހެންކަމުން ލޯބިވުމާއި، އީމާންކަމާއި، ތެދުކުރުމަކީ ﷲއަށްވެސް އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށްވެސް އަދާކުރަންޖެހޭ ޙައްޤުތަކެކެވެ.

هَذِي تَفَاصِيلُ الحُقُوقِ ثَلاَثَةٌ ••• لا تَجْهَلُوهَا يا أُولِي العُدْوَانِ

މިއީ ތިން ޙައްޤުތަކެއްގެ ތަފްޞީލެވެ. އޭ ބާރުގެ އަހުލުވެރިންނޭވެ! މި ތިން ޙައްޤަށް ޖާހިލުނުވާށެވެ.

ޝަރަޙަ: ކުރިން ބަޔާންވެގެން އެ ދިޔައީ ތަފާތު ތިން ޙައްޤުތަކެއްގެ ވާހަކަ ބަޔާންވެގެންނެވެ. އެއީ ހަމައެކަނި ﷲ އަށް އަދާކުރަންޖެހޭ ޙައްޤުތަކަކާއި، އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަދާކުރަންޖެހޭ ޙައްޤުތަކަކާއި، ﷲއަށާއި ރަސޫލާއަށް އަދާކުރަންޖެހޭ ޙައްޤުތަކެކެވެ. އަހަރެމެން މުސްލިމުންގެ މައްޗަށް ވަނީ މި ޙައްޤުތަކާމެދު ޣާފިލުނުވެ، އަދި ފަރުވާކުޑަކުރުމެއްނެތި އެ ދެ ފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް އަދާކުރަންޖެހޭ ޙައްޤުތައް އެންމެ ފުރިހަމަގޮތުގައި އަދާކުރުމެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބު ލިބުމަށްޓަކައެވެ.