[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބައެއް ނަންތައް

 DSC_00131- ޤުރުއާން: މިއީ ކީރިތި ޤުރުއާނަށް ކިޔޭ ނަންތަކުގެ ތެރެއިން އެންމެ މަޝްހޫރު ނަމެވެ. ޠާހިރު އިބްނު ޢާޝޫރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ޤުރުއާނަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވައިލެއްވި ވަޙީއަށް ކިޔޭ ނަމެކެވެ. އޭގެ ކުރިން އެއްވެސް އެއްޗަކަށް އެނަން ކިއިފައިނުވެއެވެ. އެއީ ކީރިތި ޤުރުއާނުގެ ނަންތަކުގެ ތެރެއިން އެންމެ މަޝްހޫރު ނަމެވެ. އަދި ކީރިތި ޤުރުއާނުގެ ނަންތަކުގެ ތެރެއިން އެންމެ ގިނައިން ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ އެއް ނަމެވެ. އަދި ސަލަފުންގެ ދޫފުޅުމަތިންވެސް އެންމެ ގިނައިން ދައުރުވެފައިވަނީ އެ ނަމެވެ. التحرير والتنوير ( 1/ 71)

( شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ…) [ البقرة :185]

2- އަލްކިތާބު: ޢަރަބި ބަހުގައި ކިތާބު މި ލަފުޒުގެ މާނައަކީ އެއްކޮށްފައި ވުމެވެ. ނުވަތަ ޖަމްޢުކޮށްފައިވުމެވެ. އަލްއިމާމު ޒަރްކަޝީ ރަޙިމަހުﷲ ވިދާޅުވެފައިވާގޮތުގައި ކީރިތި ޤުރުއާނަށް “އަލްކިތާބު” އޭ ކިޔުނީ ޚާއްޞަ ގޮތެއްގައި އެފޮތުގައި ބާވަތްބާވަތުގެ ވާހަކަތަކާއި އާޔަތްތަކާއި(ހެކިތަކާއި) ދީނުގެ ޙުކުމްތަކާއި ފަހުން ވާނޭ ކަމުގެ ޚަބަރުތައް ޖަމާވެގެންވާކަމަށްޓަކައެވެ. – البرهان في علوم القرآن (1/276)

( ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ) [البقرة:2]

3- އަލްފުރްޤާން: ކީރިތި ޤުރުއާނަށް މި ނަން ކިޔުނީ އިދިކޮޅު އެއްޗިހި ފަރަޤު ކުރާ ކަމަށްޓަކައެވެ. އެގޮތުން ޙަލާލާއި ޙަރާމް- ޙައްޤާއި ބާޠިލު ކީރިތި ޤުރުއާނުގައި ފަރަޤުކުރައްވާފައިވެއެވެ. އިބްނުލް އަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަލްފުރްޤާން އަކީ ކީރިތި ޤުރުއާނުގެ ނަންތަކުގެ ތެރެއިން ނަމެކެވެ. އޭގެ މާނައަކީ އެއީ ޙައްޤާއި ބާޠިލު ފަރަޤުކުރާ ފޮތެއްކަމެވެ. އަދި ޙަލާލާއި ޙަރާމްވެސް މެއެވެ.” النهاية ( 3/439)

(  وَبَيِّنَاتٍ مِنَ الْهُدَىٰ وَالْفُرْقَانِ ) [ البقرة :185]

4- އައްޛިކްރު: ޛިކްރުގެ މާނައަކީ ހަނދުމަކުރުމެވެ. ހަނދާންކޮށްދިނުމެވެ. ކީރިތި ޤުރުއާނަށް އައްޛިކުރޭ ކިޔުނީ ކީރިތި ޤުރުއާނުގައި ވަޢުޡުތަކާއި ނަޞީޙަތްތަކާއި ނަބީބޭކަލުންގެ ޚަބަރުތަކާއި ކުރީގެ އުއްމަތްތަކުގެ ޚަބަރުތައް ބަޔާންވެގެންވާ ކަމަށްޓަކައެވެ. އިމާމު ޠަބަރީ ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި ކީރިތި ޤުރުއާނަށް އައްޛިކުރު ކިޔުނީ ދެ ސަބަބަކަށްޓަކައެވެ. އެއީ ޤުރުއާނުގެ ސަބަބުން ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ހަނދާންކޮށްދެއްވާތީ އާއި އެއަށް އީމާންވާމީހާއަށް ލިބޭ ޝަރަފަކާއި ފަޚުރެއްކަމަށްވާތީއެވެ.

( إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ) [ الحجر 9 ]

5- އައްތަންޒީލު: އޭގެ މާނައަކީ ބާވައިލައްވާފައިވުމެވެ. ކީރިތި ޤުރުއާނަށް އައްތަންޒީލު އޭ ކިޔުނީ އެއީ ﷲ ތަޢާލާ މި ބިމަށް އެ ޤުރުއާން ބާވައިލައްވާފައިވާކަމަށްޓަކައެވެ.

( وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ ) [ الشعراء :192 ]

—————————-

މިއީ ކީރިތި ޤުރުއާނަށް ކިޔޭ އެންމެ މަޝްހޫރު ފަސްނަމެވެ. މި ނޫންވެސް އެތައް ނަންތަކެއް ކީރިތި ޤުރުއާނަށް ކިޔެއެވެ. އޭގެ ތެރޭގައި އައްނޫރު، އަލްމައުޢިޡާ، އަލްހުދާ، އަލްޙައްޤު، ކަލާމުﷲ އަދި ޙަބްލުﷲ ހިމެނެއެވެ.

***************************

كَثْرَةُ الأَسْمَاءِ تَدُلُّ عَلَى عِظَمِ الْمُسَمَّى

އެއްޗަކަށް ގިނަ ނަންކިޔުން ދަލާލަތުކޮށްދެނީ އެ އެތީގެ މަތިވެރިކަމެވެ.

***************************