[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވިތުރީގެ ޤުނޫތުގެ ޝަރަޙަ – 6

ޤުނޫތު((إِنَّهُ لَا يَذِلُّ مَنْ وَالَيْتَ وَلَا يَعِزُّ مَنْ عَادَيْتَ ))  . މާނަ: ” އިބަ އިލާހު އެހީތެރިވެވޮޑިގެންފި މީހަކު ނިކަމެތި ނުވާހުއްޓެވެ . އަދި އިބައިލާހު އެމީހަކާ ޢަދާވާތްތެރިވެއްޖެމީހާއަށް ގަދަވެނުގަނެވޭ ހުއްޓެވެ.”

މި ބަސްފުޅުގައި މިވަނީ، ކުރިން ބަޔާންވެދިޔަ  (( وَتَوَلَّنِي فِيمَنْ تَوَلَّيْتَ  ))  މާނައީ : ” އިބަރަސްކަލާނގެ ވަލީންކަމުގައި ލެއްވި މީހުންގެ ތެރެއިން މިއަޅާވެސް ލައްވާފާނދެއެވެ.(އެބަހީ މިއަޅާއަށް ވާގިވެރިވެވޮޑިގަންނަވާ ފަރާތެއްކަމުގައި ވޮޑިގަންނަވާފާނދެއެވެ . “ މި ފަދައިން އެދި ދުޢާ ދެންނެވުމުގެ ސަބަބެވެ. އެހެނީ ﷲ ތަޢާލާގެ އެހީތެރިވެ ވޮޑިގަތުމާއި ވާގިވެރިވެވޮޑިގަތުން ލިބިއްޖެ އަޅަކު ނިކަމެތި ވެގެން ނުދާނެތީއެވެ. އަދި ﷲ ތަޢާލާގެ ރަޙުމަތާއި ދުރުކުރައްވައިފި އަޅަކު ޢިއްޒަތްތެރި ނުވާނެތީއެވެ.

މިބަސްފުޅުން އެނގިގެން ދަނީ، އަހަރެމެން ޢިއްޒަތަށް އެދެނީ ހަމައެކަނި ﷲ ތަޢާލާގެ ހަޟްރަތުންކަމާއި އަދި ނިކަމެތިވެގެން ދިޔުމުން ރައްކާތެރިކޮށްދެއްވުމަށް އެދެނީވެސް އެއިލާހުގެ ހަޟްރަތުން ކަމެވެ. ﷲ ތަޢާލާ އަޅެއްގެ ވަލިއްޔެއް( އެހީތެރިވެވޮޑިގެންވާ ފަރާތެއް) ކަމުގައި ވާނަމަ، އެމީހަކު ނިކަމެތިކޮށްލުމަކީ އެއްވެސް މީހަކަށް ވާނޭކަމެއްނޫނެވެ.  މުހިއްމުކަމަކީ މި ވިލާޔަތަކީ ހަޤީޤީ ވިލާޔަތެއްކަމުގައި ހެދުމެވެ. ފަހެ މި ޚާއްޞަ އެހީތެރިވެވޮޑިގަތުން ލިބެނީ ކޮންކަމަކުން ހެއްޔެވެ؟

މި އެހީތެރިވެވޮޑިގަތުމާއި ވާގިވެރިވެވޮޑިގަތުން ލިބުންވަނީ އަންނަނިވި އާޔަތުގައި ﷲ ތަޢާލާ ބަޔާންކޮށްދެއްވާފައި ދެ ޞިފައާއި އެކުގައެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ((أَلا إِنَّ أَوْلِيَاءَ اللَّهِ لا خَوْفٌ عَلَيْهِمْ وَلا هُمْ يَحْزَنُونَ * الَّذِينَ آمَنُوا وَكَانُوا يَتَّقُونَ )) – يونس62،63 – މާނަ: ” ދަންނާށެވެ! ﷲ ތަޢާލާގެ އަވްލިޔާއުންގެ މައްޗަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބައެއްކަމުގައިވެސް އެބައިމީހުން ނުވެއެވެ. އެއީ އީމާންވީމީހުންނެވެ. އަދި އެބައިމީހުންވަނީ ތަޤުވާވެރިން ކަމުގައެވެ. “ . އެއް ޞިފައަކީ ހިތުގެ ޞިފައެކެވެ. އަނެއް ޞިފައަކީ ބޭރުފުށުގެ ގުނަވަންތަކުގެ ޞިފައެކެވެ. (الَّذِينَ آمَنُوا) އަކީ ހިތުގެ ޞިފައެކެވެ. (وَكَانُوا يَتَّقُونَ) އަކީ ގުނަވަންތަކުގެ ޞިފައެކެވެ. މި ދެ ޞިފައިގެ ސަބަބުން ހިތާއި ، އެހެނިހެން ގުނަވަންތައް އިސްލާޙްވެ ރަނގަޅުވެއްޖެނަމަ އިންސާނާ ﷲ ތަޢާލާގެ ވިލާޔަތްތެރިކަން ލިބޭ އަޅުންގެތެރެއިން ހިމެނިގެންދެއެވެ.

މި ވިލާޔަތަކީ، ﷲ ތަޢާލާގެ ޝަރީޢަތުގައި އައިސްފައިނުވާ ކަންކަން އަޅުކަމުގެގޮތުގައި ދީނުގެތެރެއަށް ވައްދައި ބިދުޢަތައް ހަދާމީހުންނާއި، ދުނިޔެވީ އެންމެހައި ގުޅުންތަކުން ދުރުވެ ހަމައެކަނި ރޫޙާނިއްޔަތައް ގޮސް ހުސްވެފައިތިބޭމީހުން، ތިމަންނަމެންނަކީ ވަލީވެރިންކަމަށް ކުރާ ބާޠިލް ދަޢުވާއަކުން ހާޞިލްވާ ކަމެއްނޫނެވެ.

އޭގައި ޢިއްޒަތް އެކުލެވިގެންވާ ﷲ ތަޢާލާގެ ވަލީވެރިކަން ހާޞިލްވާނީ އީމާންކަމާއި ތަޤްވާވެރިކަމުގެ މަތިވެރި ދެ ޞިފަ އިންސާނާގެ ކިބައިގައި ޖަމާކުރެވިގެންނެވެ. މި އާޔަތުން ((الَّذِينَ آمَنُوا وَكَانُوا يَتَّقُونَ )) يونس:63 –  ދަލީލުގެންނަވަމުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (( ތަޤުވާވެރި ފުރިހަމަ މުއުމިނެއްކަމުގައިވާނަމަ އެމީހަކު ﷲ ތަޢާލާގެ ވަލިއްޔެއްކަމުގައި ވެއެވެ. )) . ޝެއިޚުލްއިސްލާމް ރަޙިމަހުﷲ ގެ ބަސްފުޅަކީ ތެދު ބަސްފުޅެކެވެ. އެހެނީ، ކީރިތި ޤުރުއާން ދަލީލްކޮށްދެނީ އެގޮތަށެވެ.

=ނުނިމޭ=

މަޞްދަރު :  ”شرح دعاء قنوت الوتر” لفضيلة الشيخ العلامة محمد بن صالح العثيمين

ކުރީގެ ބައިތައް