[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް، މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ﷲ ތަޢާލާ އަޅުގަނޑުމެން ޚަލްޤުކުރައްވާ ރިޒްޤު ދެއްވައެވެ. އަދި ގިނަ ގުނަ ނިޢުމަތްތައް އަޅުގަނޑުމެންނަށް ދެއްވައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

 ﴿أَلَمْ نَجْعَل لَّهُ عَيْنَيْنِ  *  وَلِسَانًا وَشَفَتَيْنِ﴾  [سورة البلد ٨ ، ٩]

މާނައީ: “ތިމަން ﷲ އެއިންސާނާ އަށް ދެލޯނުދެއްވަމުހެއްޔެވެ. އަދި ދުލަކާއި ދެތުންފަތެވެ.”

މިފަދަ ނިޢުމަތްތައް ދެއްވުމުން އަޅުގަނޑުމެން އޭގެ ބޭނުން ހިފަންޖެހޭނީ އެ ނިޢުމަތްތައް ދެއްވިފަރާތް އެންގެވިގޮތަށެވެ. އެހެނީ ދެލޮލުން ﷲ ތަޢާލާ ޙަރާމް ކުރެއްވި ތަންތަން ބަލާ ދުލުން އެއިލާހު ޙަރާމްކުރެއްވި ބަސްތައް ބުނާނަމަ އެއީ ﷲ ތަޢާލާއަށް އުރެދުމެވެ. ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި ކުފުރުވެރިވުމެވެ. އަޅުގަނޑުމެން ނެތުމުގެ ތެރެއިން ޚަލްޤުކުރައްވާ ނިޢުމަތްދެއްވި އަޅުގަނޑުމެންގެ ވެރި ރައްބަށް ‘ޗެލެންޖު’ ކުރުމެވެ. އެއިލާހުގެ ކުރިފުޅުމަތީގައި އަޅުގަނޑުމެންނަކީ ކޮންފަދަ ނިކަމެތި ބައެއްކަން ހަނދާން ނައްތާލުމެވެ. އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ވެގެންވަނީ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވެ އެނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިއަދު އުފެދިފައިމިވާ ބައިބައިވުމާއި ދެކޮޅުވެރިކަމުގެ އަޞްލަކީ ﷲ ތަޢާލާ ދެއްވި ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ނުހިފުމެވެ. އެއިލާހު ދެލޮލާ، ދުލަކާއި ދެތުންފަތް ދެއްވުމުން އޭގެ ބޭނުން ހެޔޮގޮތުގައި ނުހިފުމެވެ. ދޮގުވާހަކަ ދެއްކުމާއި ޣީބަ ބުނުމާއި ނެތިމޮށުމެވެ. މީހުންގެ އަބުރަތް އަރައިގަތުމެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

﴿ … وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَـٰئِكَ هُمُ الظَّالِمُونَ  * يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّـهَ إِنَّ اللَّـهَ تَوَّابٌ رَّحِيمٌ ﴾ [الحجرات ١١ ، ١٢]

މާނައީ: “އަދި ތިޔަބައިމީހުން ނަފްސުތަކަށް ޢައިބު ނުކިޔާށެވެ. (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ.) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ. އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި އެކަންތަކުން ތައުބާނުވި މީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންނީ ހަމަ އަނިޔާވެރިންނެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ހީގެ ތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ. ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް، މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ. ފަހެ ތިޔަބައިމީހުން އެކަމަކަށް ނުރުހޭނެއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ތައުބާލައްވާ، ތައުބާ ޤަބޫލުކުރައްވާ  ރަޙީމުވަންތަ އިލާހެވެ.”

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((سِبَابُ الْمُسْلِمِ فُسُوْقٌ وَقِتَالُهُ كُفْرٌ)) [متفق عليه]

މާނައީ: “މުސްލިމަކާ ދިމާއަށް (ހަޑިހުތުރު) އެއްޗެހި ގޮވުމަކީ ފާސިޤުކަމެކެވެ. އަދި މުސްލިމަކާ ހަނގުރާމަ ކުރުމަކީ ކުފުރެކެވެ.”

ޞަޙީޙް މުސްލިމްގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްއެއްގައި ޣީބައަކީ ކޮބާ ކަން ރަސޫލާ صلى الله عليه وسلم ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.

عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال: ((أَتَدْرُونَ مَا الْغِيبَةُ؟))

قالوا: اللهُ وَرَسُولُهُ أَعْلَمُ،

قال: ((ذِكْرُكَ أَخَاكَ بِمَا يَكْرَهُ))

قيل: أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ؟

قال : ((إِنْ كَانَ فِيهِ مَا تَقُولُ، فَقَدِ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ))

މާނައީ: ނަބިއްޔާ صلى الله عليه وسلمގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޣީބައަކީ ކޮބައިކަން ތިޔަބައި މީހުންނަށް އެނގޭހެއްޔެވެ؟”

އެބޭކަލުން ދެންނެވިއެވެ. “އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އާއި އެއިލާހުގެ ރަސޫލާއެވެ.” 

ޙަދީޘްކުރެއްވިއެވެ. “ތިބާގެ އަޚާގެ ވާހަކަ އޭނާނުރުހޭ ފަދައިން ދެއްކުމެވެ.”

އެކަލޭގެފާނަށް ދެންނެވުނެވެ. “އަހަރެމެން ދެއްކީ (ހަޤީޤަތުގައިވެސް) އެއަޚާގެ ކިބައިގައި ވާކަމެއްގެ ވާހަކަ ނަމަވެސްތޯއެވެ.”

ހަދީޘްކުރެއްވިއެވެ. “އޭނާގެ ކިބައިގައި ތިޔަބައިމީހުން ބުނާފަދަ ސިފައެއް ވާނަމަ އެވާނީ ޣީބައަށެވެ. އަދި ތިޔަބައިމީހުން ބުނާފަދަ ސިފައެއް އޭނާގެ ކިބައިގައި ނުވާނަމަ، ތިޔަބައިމީހުން އޭނާގެ މައްޗަށް ދޮގުހަދައިފިއެވެ.”

އަޅުގަނޑުމެންނާ ހަމައަށް ޢިލްމެއް އަތުވެއްޖެނަމަ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެއަށް ޢަމަލުކުރުމަށެވެ. އެހެންކަމުން ޣީބައަކީ ކޮބައިކަން އެނގުމަށްފަހު، އަދި އޭގެ ނުރައްކާތެރިކަން އެނގުމަށްފަހު އެއިން ދުރުހެލިވާން ޖެހެއެވެ. މިޙަދީޘުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ޣީބައަކީ މީހެއްގެ ކިބައިގައި ހުރި (އެހެން މީހުންނަށް އެނގުމަށް) އޭނާ ނުރުހޭ ޞިފައެއްގެ ވާހަކަ އެހެންމީހުންގެ ގާތުގައި ދެއްކުމެވެ. މިއީ އަޅުގަނޑުމެންނަށް ނޭނގި ނަމަވެސް ވަރަށް ގިނައިން ކުރެވޭ ކަމެކެވެ. ވަރަށް އާދައިގެ ކަމެއް ކަމުގައި ދެކިގެން ކުރެވޭ ކަމެކެވެ. އަދި މިއީ އެކަމެއްގެ ސަބަބުން މުޖުތަމަޢު ބައިބައިވުމަށް މެދުވެރިވެފައިވާ އެއްކަމެވެ.

އެންމެހާ މުސްލިމުންނަކީ އަޚުންތަކެކެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އޭނާގެ އަޚާގެ އަބުރަށް ރައްކާތެރިވާން ޖެހޭނެއެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((لاَ يُؤْمِنُ أَحَدُكُمْ، حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ))  [متفق عليه]

މާނައީ: “ތިބާގެ އަމިއްލަ ނަފްސަށްޓަކައި ހުރުމަށް ލޯބިކުރާ ކޮންމެ ރަނގަޅުކަމެއް ތިބާގެ އަޚާއަށްވެސް ހުރުމަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައިމިހުންކުރެ އެކަކުވެސް އީމާން ނުވެއެވެ.”

އަޅުގަނޑުމެންނީ މުސްލިމުންކަމުގައިވީ ހިނދު ﷲ ތަޢާލާއަށާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلمގެ ބަސްފުޅުތަކަށް ކިޔަމަންވާންޖެހެއެވެ. އެގޮތުން އަޅުގަނޑުމެންގެ ދޫތައް ރައްކާތެރިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَنْ كَانَ يُؤْمِنُ بِالله وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ)) [رواه البخاري]

މާނައަކީ: “ﷲ އާއި އާޚިރަތްދުވަހަށް އީމާންވާމީހާ ހެޔޮބަސްބުނާހުށިކަމެވެ. ނޫންނަމަ ހަނުހުންނާށެވެ.”

އެންމެހާ މުސްލިމުންނީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާ އަދި އެއިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާ ބައެއްކަމުގައި ލައްވާށިއެވެ. އަދި އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިވާ ބައިބައިވުން ނެތިކުރައްވާ އަޅުގަނޑުމެންވީ އެއްބައިވަންތަ ބައެއްކަމުގައި ލައްވާށިއެވެ. އާމީން.