ނަރަކައިގެ ދޮރުތައް
ނަރަކައިގައި ވަނީ ހަތް ދޮރުކަމަށް، ﷲ ތަޢާލާ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
(وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ ﴿٤٣﴾ لَهَا سَبْعَةُ أَبْوَابٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ ﴿٤٤﴾)[سورة الحج 43,44]
މާނައީ:“އަދި ހަމަކަށަވަރުން ނަރަކައަކީ އެ އެންމެންނަށް ﷲ ވަޢުދު ކުރައްވާފައިވާ ތަނެއްކަން ކަށަވަރެވެ. އެ ނަރަކައަށް ހަތް ދޮރުވެއެވެ. އެއިން ކޮންމެ ދޮރަކަށް ކަނޑައެޅިގެންވާ ބައެއްވެއެވެ.”
އިބްނު ކަޘީރު رحمه الله މިއާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ. “މީގެ މާނައަކީ، ކޮންމެ ދޮރަކުންވެސް އިބިލީހަށް ތަބާވީ މީހުންކުރެ އެދޮރަކުން ނަރަކަޔަށް ވަންނާނެ މީހުންވަނީ ކަނޑައެޅިގެންނެވެ. އަދި އެމީހުން އެދޮރުން ނުވަދެ ސަލާމަތްވެވޭނެ ގޮތެއް ނެތެވެ. – ﷲ އަހަރުމެން ސަލާމަތް ކުރައްވާށީއެވެ. – ނަރަކަ ވަންތަވެރީންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލުތަކާއި އެކަށީގެންވާ ދޮރަކުން އެނަރަކަޔަށް ވަންނާނެތެވެ. އަދި އޭނަގެ ޢަމަލުތަކާއި އެކަށީގެންވާ ވަތްގަނޑެއްގައި ޤަރާރު ކުރެވޭނެވެ.”
ޢަލީ ބުން އަބީ ޠާލިބު ޚުޠުބާއެއް ދެއްވަމުން ވިދާޅުވިއެވެ. “ނަރަކައިގެ ދޮރުތައް ވަނީ މިހެންނެވެ.- އަބޫ ހާރޫނު ވިދާޅުވިއެވެ.- އެކަތީގެ މައްޗަށް އަނެކަށްޗެއް ވާހެންނެވެ.” އަދިވެސް ޢަލީގެފާނު ވިދާޅުވިކަމަށް އައިސްފައިވެއެވެ. ” ނަރަކައިގެ ދޮރުތަކުގެ ޢަދަދަކީ ހަތެކެވެ. އެދޮރުތައް ވަނީ އެއްދޮރެއްގެ މައްޗަށް އަނެއް ދޮރު ވާހެންނެވެ. ފުރަތަމަ ފުރޭނީ ފުރަތަމަ ބަޔެވެ. ދެން ދެވަނައެވެ. ދެން ތިންވަނައެވެ. ދެން މިގޮތަށް ގޮސް ހުރިހާ ބަޔެއް ފުރިއްޖައުމަށް ދާންދެނެވެ.”
ނަރަކައިގެ ކައިރިޔަށް ކާފަރުން ގެނެވޭ ހިނދު އެނަރަކައިގެ ދޮރުތައް ހުޅުވޭނެއެވެ. ދެން އެމީހުން ދާއިމަށް ދެމިތިބެންވީ ގޮތުގައި އެނަރަކަޔަށް ވަންނާނެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
(وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَـٰذَا ۚ قَالُوا بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ) [سورة الزمر 71]
މާނައީ:“އަދި ކާފިރުވި މީހުން ބައިބަޔަށް ނަރަކަޔާދިމާއަށް ލަވައި ގެންދަވާނެތެވެ. އެއުރެންނަށް ނަރަކައިގެ ކައިރިޔަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާނެތެވެ. އަދި އެ ނަރަކައިގެ ބަނޑޭރިން، އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އާޔަތްތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާނޭ، އަދި ތިޔަބައިމީހުން މިދުވަހާ ބައްދަލުވާނޭކަމުގެ އިންޛާރު ކުރައްވާނޭ ރަސޫލުން ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންގެ ގާތަކަށް ވަޑައެއްނުގަނޭ ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. (ވަޑައިގަތެވެ.) އެހެނެއްކަމަކު، ޢަޛާބުގެ ބަސްފުޅު ކާފިރުންގެ މައްޗަށް ޙައްޤު ވެއްޖެއެވެ.”
ދެން އެބައިމީހުންނަށް ބުނެވޭ ހުއްޓެވެ.
( قِيلَ ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ) [سورة الزمر 72]
މާނައީ:“އަންގަވާހުށްޓެވެ. އެތާނގައި ދެމިތިބެނިވިގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) ކިބުރުވެރި ވެގެންވާމީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ.”
މުޖްރިމުން ނަރަކަޔަށް ވެއްދެވުމަށްފަހު މިދޮރުތައް ބަންދުކޮށް ތަޅުލެވޭނެއެވެ. އަދި އެބައިމީހުން އެނަރަކައިން ނުކުމެ ސަލާމްވުމުގެ އެއްވެސް އުއްމީދެއް އެބައިމީހުންނަކަށް ނުކުރެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ ﴿١٩﴾ عَلَيْهِمْ نَارٌ مُّؤْصَدَةٌ ﴿٢٠﴾)[سورة البلد 19,20]
މާނައީ:“އަދި ތިމަންރަސްކަލާނގެ އާޔަތް ތަކަށް ކާފިރުވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ. އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ.”
=ނުނިމޭ=