عَنْ أَبِيْ هُرَيْرَةَ -رَضِيَ اللهُ عَنْهُ- قَالَ: قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” أَكْمَلُ الْمُؤْمِنِيْنَ إِيْمَاناً أَحْسَنُهُمْ خُلُقاً، وَخِيَارُكُمْ خِيَارُكُمْ لِنِسَائِهِمْ خُلُقاً “. (رواه الترمذي في جامعه، في الرضاع، باب 11، واللفظ له. وقال: حديث حسن صحيح، وأبو داود في سننه، في كتاب السنة، باب 16).
ޙަދީޘުގެ މާނަ
ﷲ ތަޢާލާ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މުއުމިނުންގެތެރެއިން އީމާންކަން އެންމެފުރިހަމަ ވެގެންވަނީ، އެންމެ އަޚްލާޤު ރަނގަޅުމީހުންނެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ މާތްވެ މަތިވެރިވެގެންވަނީ، ޚުލުޤުގެގޮތުން އަނބީންނަށް އެންމެ ހެޔޮމީހުންނެވެ.”
ތަފްޞީލީ މާނަ
މި ޙަދީޘްގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ އުއްމަތަށް ހިއްވަރު ދެއްވަނީ އެންމެ މާތް ޞިފަތަކުން ޞިފަލިބިގަތުމަށެވެ. ފަހެ މުއުމިނުންގެ އެންމެ މާތް ޞިފައަކީ ރިވެތި އަޚްލާޤެވެ. ހުރިހާ އިންސާނުންނާއިވެސް ރިވެތިގޮތުގައި މުޢާމަލާތްކޮށް ރިވެތި އަޚްލާޤެއް ދެއްކުމަކީ އީމާންކަން ފުރިހަމަވުމުގެ ތެރެއިންވާކަމެކެވެ. ޚާއްޞަކޮށް އެމީހުންގެ ތެރެއިންވާ މުއުމިނުންނާއި މުޢާމަލާތްކުރާ ހިނދުގައެވެ. އަދި ހަމައެހެންމެ ގާތްތިމާގެ މީހުންނަކީވެސް ރިވެތިގޮތުގައި މުޢާމަލާތްކުރުމާއި ހެޔޮފޯރުވުމުގައި އިސްކަންދޭންޖެހޭ ބަޔެކެވެ. އެމީހުންގެ ތެރެއިންވެސް ޚާއްޞަކޮށް އަބީންނަށެވެ. އެހެނީ އެކަނބަލުންނަކީ ބަލިކަށި ބަޔެކެވެ.
ރިވެތި އަޚްލާޤަކީ، އެހެން ޢަމަލަކުން އިންސާނާއަށް ވާޞިލުނުވެވޭނެފަދަ މަތިވެރި ދަރަޖަތަކަށް އޭނާ ވާޞިލުކޮށްދޭ އެއްޗެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ذَهَبَ حُسْنُ الْخُلُقِ بِالْخَيْرِ كُلِّهِ ” ރިވެތި އަޚްލާޤު ހުރިހާ ހެޔޮކަމަކާއިގެން ގޮސްފިއެވެ.”
މި ޙަދީޘުންލިބޭ ބައެއް ފައިދާތައް
- ރިވެތި އަޚްލާޤުގެ މާތްކަމާއި މަތިވެރިކަން
- އީމާންކަން ފުރިހަމަވުން ވަނީ ރިވެތި އަޚްލާޤެއް ލިބުމުންކަން
- އެންމެ ރަނގަޅުބަޔަކީ އެބައިމީހުންގެ އަނބީންނަށް އެންމެހެޔޮ މީހުންކަން