[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްޖާހިލިއްޔަތު އަލްފިސްޤު – މިކަންކަމުގެ ބައިތަކާއި ޙުކުމްތަކާއި ޙަޤީޤަތް ބަޔާންކޮށްދިނުން 3

20121018_035415_HDR2- އަލްފިސްޤު: (ފާސިޤުކަން) ބަހުގެ އަޞްލަށް ބަލާއިރު އަލްފިސްޤު އަކީ އަލްޚުރޫޖުއެވެ. އެބަހީ ނުކުތުމެވެ. ޝަރީޢަތުގައި އޭގެ މުރާދަކީ ﷲ ގެ ކިޔަމަންތެރިކަމުން ނުކުތުމެވެ. އެކީ އެކަށް ނުކުތުމުގެ މާނަވެސް އެކުލެވިގެންވެއެވެ. އެގޮތަކީ ސީދާ ކާފަރުންނަށްވެސް ފާސިޤުންނޭ ކިޔާ މާނައިގައެވެ. އަދި އެއްބަޔެއް ނުކުތުމުގެ މާނަވެސް އެކުލެވިގެންވެއެވެ. އެހެނީ ބޮޑުފާފަތަކުގެ ތެރެއިން ފާފައަކަށް އަރައިގަންނަ މުއުމިނަކަށްވެސް ފާސިޤު ކިޔާ މާނައިގައެވެ. ވީމާ، މި ލަފުޒު ޝަރީޢަތުގައި އިސްތިޢުމާލުކުރެވެނީ ޝަރީޢަތުން އެކަށް ނުކުތުމުގެ މާނައިގަތްޔާއި ޝަރީޢަތުގެ އެއްބައިން ނުކުތުމުގެ މާނައިގައެވެ.

ފާސިޤުކަން ހުރީ ދެބަޔަކަށެވެ.

1- ދީނުން އެކަށް ބޭރުކޮށްލާ ބާވަތުގެ ފާސިޤުކަމެވެ. އެއީ ކާފިރުކަމެވެ. ފަހެ ކާފިރުމީހާއަށް ފާސިޤުމީހާއޭ ކިޔައެވެ. ހަމަކަށަވަރުން ﷲ ތަޢާލާ އިބިލީހުގެ ވާހަކަ ބަޔާންކުރައްވަމުން ވަޙީކުރެއްވިއެވެ. فَفَسَقَ عَنْ أَمْرِ رَبِّهِ– الكهف 50މާނައީ: “ފަހެ އިބިލީހުގެ ކިބައިން އެވީ ފާސިޤުކަމަކީ ކާފަރުކަމެކެވެ.” އެ އާޔަތުގެ މާނައިގައި އެވަނީ އެސޮރު އެސޮރުގެ ރައްބުގެ އަމުރުފުޅަށް ފާސިޤުވިއެވެ. (އެބަހީ ކާފަރުވިއެވެ.) މިއެވެ. އަދި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَأَمَّا الَّذِينَ فَسَقُوا فَمَأْوَاهُمُ النَّارُ- السجدة 20މާނަ: “ފާސިޤުވީ މީސްތަކުން ދަންނައެވެ. ފަހެ އެމީހުންގެ ޖަޒާއަކީ ނަރަކައެވެ.” މިއެވެ.

މިފާސިޤުކަމުން މުރާދުކުރެވެނީ ކާފަރުކަމެވެ. އެކަމަށް ދަލީލުކުރަނީ ﷲ ތަޢާލާގެ މި ބަސްފުޅެވެ. كُلَّمَا أَرَادُوا أَنْ يَخْرُجُوا مِنْهَا أُعِيدُوا فِيهَا وَقِيلَ لَهُمْ ذُوقُوا عَذَابَ النَّارِ الَّذِي كُنْتُمْ بِهِ تُكَذِّبُونَ- السجدة 20 “އެބައިމީހުން އެނަރަކައިން ނުކުތުމަށް އެދޭ ކޮންމެ ހިނދެއްގައި އަލުންވެސް އެމީހުން އެތަނަށް އިޢާދަކުރެވޭނެއެވެ. އަދި އެމީހުންނަށް އެންގެވޭނެއެވެ. ކަލޭމެން ދޮގުކުރާ ކަމުގައިވި ނަރަކައިގެ ޢަޛާބުގެ ރަހަ ލިބިގަންނާށެވެ.” މިއެވެ.

2- ދީނުން އެކަށް ބޭރުނުވާ ފާސިޤުކަމެވެ. އެއީ އުރެދުމުގެ މާނައިގެ ފާސިޤުކަމެވެ. މުސްލިމުންގެ ތެރެއިން އުރެދޭ މީހުންނަށް ފާސިޤުއެވެ ކިޔައެވެ. އޭނާގެ އެ ފާސިޤުކަން ދީނުން ބޭރުނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا وَأُولَٰئِكَ هُمُ الْفَاسِقُونَ- النور4 މާނައީ: “ޢިއްފަތްތެރި މާތް އަންހެނުންނަށް ފާޙިޝްކަންތައް (ޒިނޭކުރިކަމަށް) ތުހުމަތުކުރާ މީހުން ދެން އެބައިމީހުން އެކަމުގެ މައްޗަށް ހަތަރު ހެކީން ނުގެނައިނަމަ އެމީހުންގެ އެކުރި ކުށުގެ ޙައްދެއްގެ ގޮތުން (އަނގަ ޙައްދު) އަށްޑިހަ އެތިފަހަރު ޖަހާށެވެ. އަދި އެމީހުންގެ ހެކިބަސް ދުވަހަކުވެސް ޤަބޫލުނުކުރާށެވެ. އެމީހުންނަކީ ކަނޑައެޅިގެން ފާސިޤުންނެވެ.” މިއެވެ. (މި ފާސިޤުކަމަކީ ދީނުން ބޭރުނުވާ ފާސިޤުކަމެކެވެ.)

އަދި އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. فَمَن فَرَضَ فِيهِنّ الحَجّ فَلاَ رَفَثَ وَلاَ فُسُوق ولا جِدَالَ فِي اْلحَجِ- البقرة 197މާނައީ: “ފަހެ އެމައްސަރުގައި ޙައްޖު ފަރުޟުކޮށްގެންފި މީހާ (އެބަހީ؛ ޙައްޖަށް އިޙްރާމް ބަނދެފި މީހާ) ދަންނައެވެ! ފަހެ އެމީހާގެ ޙައްޖުގެ ތެރޭގައި އަނބިފިރި ކަމުގެ ކަންތައް ހިންގުމެއް ނެތެވެ. އަދި ފާސިޤުވުމެއްވެސް ނެތެވެ. އަދި އަނިޔާކުރުންވެސް ޖަދަލުކުރުމެއްވެސް ނެތެވެ.” މިއެވެ. (އެބަހީ އެކަންކަން ހުއްދައެއް ނޫނެވެ.) ޢިލްމުވެރިން މިތާ ފުސޫޤުގެ (ފާސިޤުކަމުގެ) ތަފްސީރު ކުރައްވަނީ އުރެދުމުގެ މާނައިގައެވެ. (އިބްނު ތައިމިއްޔާގެ ކިތާބުލް އީމާން)