ސުވާލު:
ޕޯޕު މަރުވުމުން، ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން، އޭނާ ކޮށްދީފައިވާ ރަނގަޅު ކަންތައްތައްކަމަށް އެމީހުން ދަޢުވާ ކުރާ ކަންތައްތަކުގެ ޛިކުރާ އާކުރަން ފަށައިފިއެވެ. އަދި އޭނާގެ ސިފަތަށްވެސް މީސްތަކުންނަށް ފާޅުކުރަންފަށައިފިއެވެ. އަދި ކަންތައް ގޮއްސަ އޮތް ހިސާބަކީ ބައެއް މީހުން އޭނާއަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކޮށް އޭނާގެ މަރަކީ އުންމަތަށް ދިމާވި ބޮޑު މުޞީބާތެއްކަމަށާއި ގެއްލުމެއްކަމުގައި ދެކެން ފަށައިފިއެވެ. މިކަމުގެ ޝަރުޢީ ޙުކުމަކީ ކޮބާ ހެއްޔެވެ؟
ޖަވާބު:
الحمد لله والصلاة والسلام على رسول الله وبعد:
އިސްލާމްދީން ފިޔަވާ އެހެން ހުރިހާ ދީންތަކަކީ ބާޠިލު ދީންތަކެއްކަން އެނގުމަކީ ވާޖިބުކަމެކެވެ. ނަޞާރާދީނާއި ޔަހޫދީދީންވެސް މިކަމުގައި ޝާމިލުވެއެވެ.
ފަހެ ޔަހޫދީންނާއި ނަޞާރާއިންނަކީ ކާފިރުންނެވެ. އެއީ އެބައިމީހުންކޮށްފައިވާ ކުފުރުގެ ޢަމަލުތަކުގެ ސަބަބުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ ރަސޫލާ މުޙައްމަދު محمد صلى الله عليه وسلم ރިސާލަތު ދޮގުކޮށް އެއަށް އިންކާރުކުރުމެވެ. އެއީ އެކަލޭގެފާނުފާނު صلى الله عليه وسلم ވަޑައިގަންނަވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު އެބައިމީހުންށް އެނގިތިބެއެވެ.
ފަހެ އެގޮތުގައި ހުރެ އެބައިމީހުންގެ ތެރެއިން މަރުވާ މީހަކީ ނަރަކައިގެ އަހުލުވެރިއެކެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَـٰئِكَ هُمْ شَرُّ الْبَرِيَّةِ﴾ [سورة البينة ٦]
މާނައީ: “ހަމަކަށަވަރުން ފޮތުގެ އަހުލުވެރިންނާއި މުޝްރިކުންގެ ތެރެއިން ކާފިރުވިމީހުންވަނީ ނަރަކައިގެ އަލިފާނުގެ ތެރޭގައެވެ. އެތަނުގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ. އެއުރެންނީ މަޚްލޫޤުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ.”
އަދި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
((وَالَّذِي نَفْسِي بِيَدِهِ لَا يَسْمَعُ بِي أَحَدٌ يَهُودِيٌّ أو نَصْرَانِيٌّ ولم يُؤْمِن بِما أُرْسِلْتُ بِهِ إِلا كَانَ مِنْ أَهل النَّار))
މާނައީ: “ތިމަންކަލޭގެފާނުގެ ނަފްސު އެއިލާހެއްގެ އަތްޕުޅުގައިވާ އިލާހު ގަންދީ ޙަދީޘްކުރައްވަމެވެ. ޔަހޫދީން ނުވަތަ ނަޞާރާއިންގެ ތެރެއިން އެކަކަށްވެސް ތިމަންކަލޭގެފާނުގެ ޚަބަރުލިބި، ތިމަންކަލޭގެފާނު އެތަކެއްޗަކައިގެން ފޮނުއްނުވުނު ތަކެއްޗަށް އީމާންނުވެއްޖެނަމަ ނަރަކައިގެ އަހުލުވެރިއެއްކަމުގައި މެނުވީ އޭނާ ނުވެއެވެ.”
ފަހެ ޔަހޫދީންނާއި ނަޞާރާއިންނަކީ ޞައްޙަ ދީނެއްގެ މަތީގައި ތިބި ބަޔަކުކަމުގައި ޤަބޫލުކޮށް އިޢުތިޤާދުކޮށްފި މީހަކީ ފަހެ ކާފިރެކެވެ. އެއީ އިސްލާމްދީނުގެ ހުރިހާ ޝިޢާރެއް އެމީހާ ޢަމަލީ ގޮތުން ކުރިނަމަވެސްއެވެ. އަދި ހަމަކަށަވަރުން އޭނާއަކީ ނަބިއްޔާ صلى الله عليه وسلم ގެ ރިސާލަތަށް ޖުމްލަގޮތެއްގައި ދޮގުކޮށްފައިވާ މީހެކެވެ.
މިއަށް ބިނާކޮށް، ފަހެ ކާފިރުންގެ ކިބައިގައިވާ ރިތެރި އަޚްލާޤުގެ ވާހަކަދައްކާ، އެބައިމީހުންނަށް މަދަޙަ ކިޔުމުގެ ގޮތުން ނުވަތަ އެމީހުންނާމެދު ފަޚުރުވެރިވެ އެމީހުންނަށް މާތްކޮށް ހިތުމުގެ ގޮތުން އެވާހަކަތައް ކިޔުމަކީ ޙަރާމްކަމެކެވެ. އެހެނީ އެއީ ﷲ ތަޢާލާ އެބައިމީހުންނާމެދު ކުރައްވާފައިވާ ޙުކުމާ ޚިލާފު ޙުކުމެކެވެ. ﷲ ވަނީ އެބައިމީހުންނަށް ބަދުބަސް ރައްދުކުރައްވާ، ވަޢީދުގެ ބަސްވަޙީކުރައްވާ، ނަޢަމްސޫފިތަކާ އެބައިމީހުން ވައްތަރުކުރައްވާފައެވެ.
އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ الْجِنِّ وَالْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا ۚ أُولَـٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ ۚ أُولَـٰئِكَ هُمُ الْغَافِلُونَ﴾ [سورة الأعراف ١٧٩]
މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (ޙައްޤު ގޮތް) ނުވިސްނޭ ހިތްތަކެއް އެބައިމީހުންނަށްވެއެވެ. އަދި އެ ލޯތަކުން (ޙައްޤު މަގު) ނުދެކޭ ލޯތަކެއް އެބައިމީހުންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (ޙައްޤު އަޑު) ނާހާ ކަންފަތްތަކެއްވެސް، އެބައިމީހުންނަށްވެއެވެ. އެބައިމީހުން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ، އެތަކެއްޗަށް ވުރެވެސް އެބައިމީހުން މަގުފުރެދުން ބޮޑެވެ. އެބައިމީހުންނަކީ ހަމަ ޣާފިލުވެގެންވާ ބަޔެކެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿أَرَأَيْتَ مَنِ اتَّخَذَ إِلَـٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا﴾ [سورة الفرقان ٤٣]
މާނައީ: “އެމީހެއްގެ އެދުންތައް އެއީ، އެމީހެއްގެ އިލާހުކަމުގައި ހެދިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ. ފަހެ އޭނާ ބަލަހައްޓާ ވަކީލަކު ކަމުގައި، ކަލޭގެފާނު ވާނެތޯއެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَالَّذِينَ كَفَرُوا يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ الْأَنْعَامُ وَالنَّارُ مَثْوًى لَّهُمْ﴾ [سورة محمد ١٢]
މާނައީ: “އަދި ކާފިރުވިމީހުން (ދުނިޔޭގެ ދިރުއުޅުމުގައި) އެބައިމީހުން ފަސޭހަކަމާއި އަރާމު ލިބިގަނެ، ނަޢަމްސޫފި ކައިއުޅޭފަދައިން އެބައިމީހުން ކައިއުޅެއެވެ. އަދި އެބައިމީހުން ތިބެނިވި ތަނަކީ ނަރަކަޔެވެ.”
ހުރިހާ ދީނެއްގެ ކާފިރުންނަށްވެސް އޮތީ މިފަދައިންނެވެ. ކުފުރުގެ މައިގަނޑު އިސްމީހުންގެ ތެރޭގައި ޕޯޕުންނާއި [ކާފަރު] ދައުލަތްތަކުގެ ވެރިން ހިމެނެއެވެ. އެމީހުންނަކީ ކުފުރުގެ އިމާމުންނެވެ. އެހެނީ އެބައިމީހުންނަކީ މަގުފުރެދިފައިވާ، އެބައިމީހުންގެ އުންމަތާއި ޤައުމުގެ މީހުން މަގުފުރައްދާ މީހުންނެވެ. ފަހެ އެބައިމީހުންނަށް ތަބާވި މީހުންގެ ފާފަވެސް އެބައިމީހުންގެ މައްޗަށްވެއެވެ.
އެއީ ރަސޫލާ صلى الله عليه وسلم އެކަލޭގެފާނު ރޫމީންގެ ބޮޑަކަށް ހުރި ހިރަޤަލްއަށް ލިޔުއްވި ސިޓީފުޅުގައިވާ ފަދައިންނެވެ.
((فَإِنْ تَوَلَّيْتَ، فَعَلَيْكَ إِثْمُ الأَرِيسِيِّينَ))
މާނައީ: “ފަހެ ތިބާ ފުރަގަސްދީފިނަމަ ފަހެ ތިބާއަށް ތަބާވާ ރައްޔިތުންގެ ފާފަވެސް ތިބާގެ މައްޗަށް ހުއްޓެވެ.”
މަރުވެފައިވާ މި ޕޯޕާއި އޭނާގެ ކުރިންއައި ޕޯޕުންނާއި ފަހުން އަންނާނެ ޕޯޕުންނަކީ ނަޞާރާދީނަށް ދަޢުވަތުދިނުމުގެ އިސްފަރާތްތަކެވެ. އެބައިމީހުން އެކަމަށް ކިޔަނީ التَّبْشِيْر ) Evangelism (އެވެ. އެއީ ކުފުރަށް ދެވޭ ދަޢުވަތެކެވެ.
ނަޞާރާއިންގެ ޖަމާޢަތްތަކާއި ނަޞްރާނީ ދައުލަތްތަކުން މުސްލިމުންގެ ޤައުމުތަކުގައި ކުރާ މަސައްކަތްތަކަކީ އެންމެންނަށްވެސް އެނގޭ ކަންތައްތަކެކެވެ. ޙައްޤުދީނުން މީސްތަކުން އެއްކިބާކުރުވުމަށް އެމީހުން މެދުނުކެނޑި މަސައްކަތްކުރެއެވެ. މިކަމަށް އެބައިމީހުންނަށް އެހީތެރިވެދީފައިވަނީ އެމީހުންގެ ކިބައިގައިވާ ކުޅަދާނަކަމާއި ވަސީލަތްތަކެވެ. އަދި މުސްލިމުންގެ ކިބައިގައި އިތުރުވެފައިވާ ބަލިކަށިކަމާއި ޖާހިލުކަމެވެ.
ނަޞާރާދީނަށް ގޮވާމީހުން މުސްލިމުންނާ ޞުލްޙަވެރިވާކަމަށް ދެއްކިނަމަވެސް އަދި އެއްބަޔަކު އަނެއްބަޔަކަށް ދޫދޭންޖެހޭނެކަމަށް ދެއްކިނަމަވެސް އެއީ މަކަރުވެރިކަމުގެ ކުލައެކެވެ. އެކަމުން ކެހި ލިބެނީ މުސްލިމުންގެ ތެރެއިން ޖާހިލު އަދި އެބައިމީހުންނަށް ހެއްލިފައި ތިބޭ މީހުންނެވެ. ނުވަތަ އެމީހެއްގެ ޢަޤީދާގައި އުނިކަމެއް ހުރިމީހެކެވެ. އެއީ ޢިލްމަށް ނިސްބަތްވާ މީހަކުކަމުގައިވީ ނަމަވެސްއެވެ.
ފަހެ އިސްވެދިޔަ ވާހަކަތަކުން ބަޔާންވެގެންދަނީ ޕޯޕު މަތިވެރިކޮށްގެން، އޭނާގެ ޛިކުރާ އާލާކޮށް އަދި އޭނާ ކޮށްފައިވާކަމަށް ދަޢުވާ ކުރާކަންތައްތަކާއި، އޭނާގެ މަރަކީ މުޞީބާތެއްކަމުގައި ދެކުމާއި އޭނާގެ މައްޗަށް ރަޙްމަތްލެއްވުމަށް އެދި ބައެއްމީހުން ދުޢާކުރުމާ، މިއެންމެހާ ކަންތައްތަކާ ބެހޭގޮތުން ޓީވީ ޗެނަލްތަކުން ފަތުރާ ޚަބަރުތަކަކީ ޖާހިލުކަމެއްކަމަށާއި ބޮޑުވެގެންވާ މަގުފުރެދުމަކާއި މުންކަރާތެއްކަމެވެ. މީޑިއާގެ އެކި ވަސީލަތްތަކުގައި މިކަމާމެދު ވާހަކަދައްކާ މީހުންގެ ތެރެއިން ބައެއް މީހުންނަކީ ނަޞާރާއިންނަށްވުން އެކަށީގެންވެއެވެ. އެމީހުން އެކަންކުރުމުން ހައިރާންވާކަށް ނުޖެހެއެވެ. އަނެއް ގޮތަކީ އެވާހަކަތައް ދައްކާ މީހުންނަކީ އިސްލާމްދީނަށް ނިސްބަތްވާ މީހުންނެވެ. ނަމަވެސް އެމީހުންނަކީ މުސްލިމެއް ކާފިރެއް ފަރަޤުނުކުރާ މީހުންނެވެ. ޙަޤީޤަތުގައި މިފަދަ މީހުންނަކީ ކާފިރުންނެވެ.
ނުވަތަ މިފަދަ މީހުންނަކީ މުސްލިމުންގެ ތެރެއިންވާ ޖާހިލުންނެވެ. މިފަދަ މީހުން ހީކުރާގޮތުގައި ކާފިރުންގެ ކިބައިގައި ހުންނަ ރިވެތި އަޚްލާޤަށް އެބައިމީހުންނަށް ޘަނާ ކިއިދާނެއެވެ. އޭގެ ސަބަބުން ކިޔާ މީހުންނަށް ނުވަތަ އަޑުއަހާމީހުންނަށް ކޮށްފާނެ ނޭދެވޭ އަޘަރަށް އެބައިމީހުން ސަމާލުވެފައެއްނުވެއެވެ.
އަދި ކާފަރުންނާއި މުޝްރިކުންގެ ތެރެއިން މަރުވާމީހުންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރުމަކީ ހުއްދަކަމެއް ނޫންކަން އެނގުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. އެބައިމީހުންނަށް ރަޙްމަތް ލެއްވުމަށް އެދުމަކީ ފާފަފުއްސުމަށް އެދުމަށްވުރެވެސް އަދި މާ ބޮޑުކަމެކެވެ. ﷲ ތަޢާލާވަނީ އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم އަށާއި މުއުމިނުންނަށް، މުޝްރިކުންނަށްޓަކައި ފާފަ ފުއްސެވުމަށް އެދި ދުޢާކުރުން ނަހީކުރައްވާފައެވެ.
އެއިލާހު ވަޙީކުރެއްވިއެވެ.
﴿ مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَاتَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ﴾ [التوبة: ١١٣]
މާނައީ: “ނަބިއްޔާއަކަށްވެސް، އަދި އީމާންވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާ ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ އަހުލުވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ.”
ފަހެ ކުފުރުގެ މަތީގައި މަރުވެއްޖެމީހެއްގެ ފާފަ ﷲތަޢާލާ ނުފުއްސަވާ ދެއްވާނެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّ الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّـهِ ثُمَّ مَاتُوا وَهُمْ كُفَّارٌ فَلَن يَغْفِرَ اللَّـهُ لَهُمْ﴾ [سورة محمد ٣٤ ]
މާނައީ: ” ހަމަކަށަވަރުން ކާފަރުވެ ﷲ ގެމަގުން (އެހެންމީހުން) އެއްކިބާކޮށް، ދެން ކާފިރުންކަމުގައި ވެގެންތިބެ މަރުވި މީހުން (ދަންނާށެވެ!) ފަހެ، ﷲ އެބައިމީހުންނަކަށް ފާފައެއް ނުފުއްސަވާނެއެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ …﴾ [سورة النساء ٤٨ ، ١١٦]
މާނައީ: “ހަމަކަށަވަރުން، ﷲ އެއިލާހަށް ޝަރީކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ…”
ފަހެ މި ޕޯޕު ނުވަތަ އެނޫނަސް ކުފުރުގެމަތީ މަރުވި މީހަކީ ﷲގެ ޙަޟްރަތުގައި ޤަބޫލުކުރެވޭ ދީނެއްގެ މަތީގައި މަރުވި މީހެއްކަމުގައި ދެކި، މުސްލިމަކު އެފަދައިން ޤަބޫލުކޮށް އެފަދަ މީހުންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރާނަމަ ފަހެ އެމުސްލިމު މީހާ ކާފިރުވާނެއެވެ. ނުވަތަ އެމީހާ އަކީ ފާފަވެރިއަކު ކަމުގައި ބެލެވޭނެއެވެ. އެއީ މުޝްރިކުންނަށް ފާފަ ފުއްސެވުމަށް އެދި ދެންނެވުން ނަހީކުރެވިފައިވުމާއެކު ވެސް އެފާފައަށް އޭނާ އަރައިގަތީމައެވެ.
ފަހެ މުސްލިމު މީހާގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ ތަޢާލާ އަށް އުރެދެވޭ އެންމެހާ ކަންތައްތަކުން ރައްކާތެރިވުމެވެ. ޚާއްޞަ ގޮތެއްގައި އިސްލާމްދީން ދޫކޮށްފައި ދިޔުމަށް މެދުވެރިވެދާނެ ކަންތައްތަކުންނެވެ. ހަމައެފަދައިން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ކާފިރުން ކިބައިން ބަރީއަވުމެވެ. އަދި އެބައިމީހުންގެ ދީނުންވެސް ބަރީއަވުމެވެ. އެއީ [އިބްރާހީމްގެފާނު] އަލްޚަލީލް އާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّـهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّـهِ وَحْدَهُ …﴾ [ سورة الممتحنة ٤ ]
މާނައީ: ” އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެބައިމީހުން، އެބައިމީހުންގެ ޤައުމުގެ މީހުންނަށް ބުނިހިނދެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނާއި، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ ދީނަށް ތިމަންމެން ކާފިރުވަމެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ޢަދާވަތްތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ ﷲ އަށް ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާނދެނެވެ…”
ދުޢާއަކީ ﷲގެ މިންނަތްވަންތަކަމާއި ދީލަތިވަންތަކަމުން އަޅުގަނޑުމެން މަގުފުރެދިގެން ދިޔުމުގެ އެންމެހާ މަގުތަކުން ރައްކާތެރި ކޮށްދެއްވުމެވެ.
والله أعلم.
الشيخ عبدالرحمن بن ناصر البراك
މިފަތުވާގެ ތާރީޚް: 12-3-1426 هـ.
________________________________________