ސަނާކިއުމުގައި ދިމާވާ އެންމެބޮޑު މުޞީބާތަކީ، “ސާހިބާ” ފަދަ ބަސްތަކުން މުނާފިޤުންނާއި ފާޖިރުންނާއި ކާފިރުންނަށް ސަނާކިޔުމެވެ. ރަސޫލުﷲ ޙަދީޘްކުރައްވާފައިވެއެވެ.
«لَا تَقُولُوا لِلْمُنَافِقِ سَيِّدَنَا؛ فَإِنَّهُ إِنْ يَكُ سَيِّدَكُمْ فَقَدْ أَسْخَطْتُمْ رَبَّكُمْ» [رواه أحمد وصححه الألباني]
މާނައީ: “މުނާފިޤަކަށް އަހަރެމެންގެ ސާހިބާއޭ ނުބުނާށެވެ. ފަހެ، ހަމަކަށަވަރުން އޭނާއަކީ ތިޔަބައިމީހުންގެ ސާހިބާކަމަށް ހަދައިފިނަމަ ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަވަނީ ތިޔަބައިމީހުންގެ ވެރިރައްބު ކޯފާވެވޮޑިގެންވާކަމެއްކޮށްފައެވެ.”
މިހަދީޘްގެ ޝަރަޙައިގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެމީހަކީ ޙަޤީޤަތުގައިވެސް އޭނާގެ ޤައުމުގައި ޖާހާއި މާލުގެ ގޮތުން ބޮޑުމީހެއް ކަމުގައިވިޔަސް މުނާފިޤަކަށް ސާހިބެއްގެ ގޮތުގައި މުޚާޠަބުކުރުމަކީ ﷲ ކޯފާވެދޮޑިގަންނަވާނެކަމެކެވެ. ފަހެ، އެމުނާފިޤަކީ އަޞްލު “ސާހިބެއް” ނޫންނަމަ އަދި ކޮންފަދައެއް ހެއްޔެވެ؟
ވަރަށް ގިނަ މުސްލިމުން މިއަދު ދަނީ ފާޖިރުންނާއި ފާސިޤުންނާއި، ބިދުޢަވެރިންނާއި، މުނާފިޤުން މަތިވެރިކޮށް މާތްކޮށް ހިތަމުންނެވެ. އަދި އެއްވެސް ހައްދެއްނެތި އެބައިމީހުންނަށް ސަނާކިޔަމުންނެވެ. މިއީ އެއްވެސް ޙާލެއްގައި ހުއްދަކަމެއް ނޫނެވެ.
ބައެއްފަހަރު ގާތްމީހަކު ނުވަތަ ދަންނަ މީހަކު މަރުވުމުން މީހުން ބުނެ އުޅެއެވެ. “އޭނާ އެދިޔައީ ﷲ ގެ ރަޙްމަތަށެވެ.” “އޭނާ މަރުވީ އެވެނިމިވެނި ގޮތަކަށެވެ. އެހެންކަމުން ފާފަތައްވަނީ ފުއްސެވިގެންނެވެ.” “މިވެނި މީހަކީ ޝަހީދެކެވެ.” “އޭނާ މަރުވީ ޝަހީދެއްގެ ގޮތުގައެވެ.” އަދި ބައެއްފަހަރު ﷲ ތަޢާލާގެ މިވަޙީ ބަސްފުޅުންވެސް މުޚާޠަބުކޮށް އުޅޭއެވެ.
يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨﴾ [سورة الفجر]
މާނައީ: “އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! [27] ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރައްބުގެ ޙަޟްރަތަށް އެނބުރިދާށެވެ! [28]”
އަދި “މަރްޙޫމް” (އެބަހީ: އޭނާގެ މައްޗަށް ރަޙްމަތް ލެއްވިގެންވާމީހާ) ފަދަ ލަފްޒުތައްވެސް ބޭނުންކޮށް އުޅެއެވެ. ނަމަވެސް ދަންނާށެވެ. އޭނާ އެދިޔައީ ﷲ ގެ ރަޙްމަތަށް ކަމެއް ނުވަތަ ކޯފާއާއި ޢަޛާބަށް ކަމެއް އަހަރެމެންނަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ ނަފްސަކީ ނުބައިކަންކަމަށް އަމުރުކޮށް އުޅުނު ނަފްސެއްކަން ނުވަތަ ހިތްހަމަޖެހިގެންވާ ނަފްސެއްކަން އަހަރެމެންނަކަށް ނޭނގެއެވެ. އެހެންކަމުން އެފަދަ ގޮތަކަށް ޙުކުމްކުރާނީ ކިހިނެތް ހެއްޔެވެ.
އޭނާ މަރުވުމަށްފަހު ސުވަރުގެ ވަންނާނެކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. އަދި ﷲ ތަޢާލާ އޭނާއަށް ފާފަ ފުއްސެވިކަމެއް ނުވަތަ ނޫންކަމެއްވެސް އަހަރެމެންނަކަށް ނޭނގެއެވެ. އަދި ހަމައެހެންމެ އޭނާއަކީ ޝަހީދެއް ކަމެއް ނުވަތަ ނޫންކަމެއްވެސް އަހަރެމެންނަކަށް ނޭނގެއެވެ. އެހެންކަމުން މިޙަދީޘް އަޑުއަހާށެވެ. އޭރުން ތިޔަބައިމީހުންނަށް އަރާފައިވާ އޮޅުންތައް ފިލައިދާނެއެވެ.
މުހާޖިރުން މައްކާއިން މަދީނާއަށް ހިޖުރަކުރެއްވިއިރު އެބޭކަލުން ތިއްބެވީ ވަންނާނެ ގެދޮރެއްނެތް ނިކަމެތި ފަޤީރުންގެ ގޮތުގައެވެ. ދެންފަހެ، ނަބިއްޔާ صلى الله عليه وسلم މުހާޖިރުންނާއި އަންޞާރުން އަޚުކުރެއްވިއެވެ. އޭގެފަހުން އަންޞާރުން މުހާޖިރުންނަށް ނުހަނު ރަނގަޅަށް ކަމޭހިއްތެވިއެވެ.
ޚާރިޖަތު ބުން ޒައިދު ބުން ޘާބިތުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
أَنَّ أُمَّ العَلاَءِ، امْرَأَةً مِنَ الأَنْصَارِ بَايَعَتْ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، أَخْبَرَتْهُ: أَنَّهُمُ اقْتَسَمُوا المُهَاجِرِينَ قُرْعَةً، قَالَتْ: فَطَارَ لَنَا عُثْمَانُ بْنُ مَظْعُونٍ وَأَنْزَلْنَاهُ فِي أَبْيَاتِنَا، فَوَجِعَ وَجَعَهُ الَّذِي تُوُفِّيَ فِيهِ، فَلَمَّا تُوُفِّيَ غُسِّلَ وَكُفِّنَ فِي أَثْوَابِهِ، دَخَلَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقُلْتُ: رَحْمَةُ اللَّهِ عَلَيْكَ أَبَا السَّائِبِ، فَشَهَادَتِي عَلَيْكَ لَقَدْ أَكْرَمَكَ اللَّهُ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «وَمَا يُدْرِيكِ أَنَّ اللَّهَ أَكْرَمَهُ» فَقُلْتُ: بِأَبِي أَنْتَ يَا رَسُولَ اللَّهِ، فَمَنْ يُكْرِمُهُ اللَّهُ؟ فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَمَّا هُوَ فَوَاللَّهِ لَقَدْ جَاءَهُ اليَقِينُ، وَاللَّهِ إِنِّي لَأَرْجُو لَهُ الخَيْرَ، وَوَاللَّهِ مَا أَدْرِي وَأَنَا رَسُولُ اللَّهِ مَاذَا يُفْعَلُ بِي» فَقَالَتْ: وَاللَّهِ لاَ أُزَكِّي بَعْدَهُ أَحَدًا أَبَدًا. [رواه البخاري ١٢٤٣]
މާނައީ: އަންޞާރުންގެ ތެރެއިން އަންހެންބޭކަނބަލެއްކަމުގައިވާ، އުންމުއްޢަލާއު، ރަސޫލުﷲ صلى الله عليه وسلم އަށް ބައިޢަތު ހިއްޕެވިއެވެ. ޤުރުޢަތު ލައިގެން މުހާޖިރުން ބައްސަވާކަމަށް އެކަލޭގެފާނު އެކަމަނާއަށް ޚަބަރު ދެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. “ތިމަންމެންނަށް ޖެހުނީ ޢުޘްމާނު ބުން މަޡްޢޫނެވެ. ފަހެ، ތިމަންމެންގެ ގެތަކަށް އެކަލޭގެފާނު ގެންދެވީމެވެ. ފަހެ، އެކަލޭގެފާނު އެއާލާސްކަންފުޅެއްގައި އަވަހާރަވީ އާލާސްކަންފުޅު ޖެހިވަޑައިގެންނެވިއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވުމުން ހިނެވުމަށްފަހު އެކަލޭގެފާނުގެ ހެދުންކޮޅުން ކަފުންކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ވަދެވަޑައިގެންނެވިއެވެ. ތިމަންކަމަނާ ދެންނެވީމެވެ. “އަބޫ އައްސާއިބެވެ. (މިއީ ޢުޘްމާނު ބުން މަޡްޢޫންގެ ކުންޔާއެވެ.) ހަމަކަށަވަރުން ﷲގެ ރަޙްމަތްފުޅު ކަލޭގެފާނަށް ވެއެވެ. ފަހެ، ތިމަންކަމަނާގެ ހެކިބަސް ކަލޭގެފާނަށްޓަކައިވެއެވެ. ﷲ ކަލޭގެފާނު މާތްކުރެއްވިއެވެ.”
ފަހެ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ﷲ އެކަލޭގެފާނު މާތްކުރެއްވިކަން ކަމަނާއަށް އެނގިވަޑައިގެންނެވީ ކިހިނެތް ހެއްޔެވެ؟”
ފަހެ، ތިމަންކަމަނާ ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ތިމަންގެ ބައްޕަ ކަލޭގެފާނަށްޓަކައި ފިދާކުރަމެވެ. ފަހެ ﷲ މާތްކުރައްވަނީ ކާކު ހެއްޔެވެ؟”
ފަހެ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެކަލޭގެފާނާމެދު ދަންނައެވެ. ފަހެ، ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނުގެ އަރިހަށް މަރު އައިއްސިއެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނު އުންމީދު ކުރައްވަނީ އެކަލޭގެފާނަށް ހެޔޮގޮތް ވުމަށެވެ. އަދި ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަކީ ﷲ ގެ ރަސޫލާއަށް ވީއިރުވެސް ތިމަންކަލޭގެފާނާމެދު އެއިލާހު ކަންތައްކުރައްވާނެ ގޮތެއްވެސް ތިމަންކަލޭގެފާނަށް އެނގިވަޑައިނުގަންނަވައެވެ.”
ފަހެ އެކަމަނާ ދެންނެވިއެވެ. “ﷲ ގަންދީ ބުނަމެވެ. މީގެފަހުން ތިމަންކަމަނާ އެއްވެސް މީހަކަށް އެއްގޮތަކަށްވެސް ތަޒްކިޔާއެއް ނުދޭނަމެވެ.”
=ނުނިމޭ=
______________________________________________________
މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.