[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަފްސީރު ޢިލްމަށް މަގެއް 2


ބައެއް މަޝްހޫރު ތަފްސީރު ފޮތްތައް

1-      ތަފްސީރުއްޠަބަރީ: މިފޮތުގެ ފުރިހަމަ ނަމަކީ ‘ޖާމިޢުލްބަޔާން ޢަން ތައުވީލި އާޔިލްޤުރުއާން’ އެވެ. ލިޔުއްވީ އަލް އިމާމުލް މުފައްސިރު މުޙައްމަދު ބިން ޖަރީރު އައްޠަބަރީ ރަޙިމަހުﷲއެވެ. އެކަލޭގެފާނަކީ އެންމެފުރަތަމަ ތަފްސީރު ޢިލްމުގައި ފޮތެއް ލިޔުއްވި ޢިލްމުވެރިޔާއެވެ. އަވަހާރަވެފައިވަނީ ހިޖުރައިން 310 ވަނަ އަހަރުގައެވެ. ޞަޙާބީންނާއި ތާބިޢީންނާއި އަތްބާޢުއްތާބިޢީންގެ ބޭކަލުންގެ ޤައުލުތައް މިފޮތުގައި ޖަމަޢަކުރައްވާފައިވެއެވެ. އެކަލޭގެފާނަށްފަހު ވަޑައިގެންނެވި ހުރިހާ ތަފްސީރު ޢިލްމުވެރިންވެސް އެންމެ އިސްރިފަރެންސަކަށް ބެއްލެވި ފޮތަކީ މިއެވެ.

2-      ތަފްސީރުލް ޤުރްޠުބީ: މިފޮތުގެ ފުރިހަމަ ނަމަކީ ‘އަލް ޖާމިޢު ލިއަޙްކާމިލް ޤުރުއާން’ އެވެ. ލިޔުއްވީ އަބޫ ޢަބްދިﷲ މުޙައްމަދު ބިން އަޙްމަދު އަލްއަންޞާރީ އަލްޤުރްޠުބީ ރަޙިމަހުﷲއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ ހިޖުރައިން 671 ވަނަ އަހަރުގައެވެ. މިފޮތުގައި އާޔަތް ޒިކުރުކުރެއްވުމަށްފަހު، ޙަދީޘާއި ސަލަފުންގެ ބަސްފުޅުތަކާއި ރައުޔުން އެ އާޔަތްތައް ތަފްސީރުކުރައްވާފައިވެއެވެ. އެއަށްފަހު އެ އާޔަތްތަކުން ނެރެވޭ ފިޤުހީ މައްސަލަތައް ބަޔާންކުރައްވާފައިވެއެވެ. އަދި ހަމައެއާއެކު ޤިރާއަތްތަކާއި ޢަރަބިބަހުގެ ޤަވާޢިދުވެސް ބަޔާންކުރައްވާފައިވެއެވެ. މި ތަފްސީރު ހިމެނެނީ ބޮޑެތި ތަފްސީރުފޮތްތަކުގެ ތެރޭގައެވެ.

3-      ތަފްސީރު އިބްނި ކަޘީރު: މިފޮތުގެ ފުރިހަމަ ނަމަކީ ‘ތަފްސީރުލް ޤުރުއާނިލް ޢަޡީމް’ އެވެ. ލިޔުއްވީ އަލްޙާފިޡް އަލްމުޙައްދިޘް އަލްމުވައްރިޚު އިސްމާޢީލް ބިން ކަޘީރު އައްދިމިޝްޤީ ރަޙިމަހުﷲއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ ހިޖުރައިން 774 ވަނަ އަހަރުގައެވެ. މިފޮތަކީ ތަފްސީރު ބިލް މައުޘޫރު (ޙަދީޘްތަކާއި ސަލަފުންގެ ބަސްފުޅުތަކަށް ބިނާކޮށް ކުރެވޭ ތަފްސީރު)ގައި އެންމެ މަޝްހޫރު ފޮތެވެ. ތަފްސީރުއްޠަބަރީ އަށްފަހު، ތަފްސީރުޢިލްމުގެ އެންމެ މުހިންމު ރިފަރަންސްއަކީ މިފޮތެވެ. ޤުރުއާނުގެ އެހެން އާޔަތްތަކުންނާއި، ޙަދިޘާއި، ޞަޙާބީންނާއި ސަލަފުންގެ އެހެންބޭކަލުންގެ ޤައުލުތަކުން ޤުރުއާން ތަފްސީރުކުރެވިފައިވާ ފޮތަކަށް ބަލަން ބޭނުންނަމަ އެންމެ މުހިންމުފޮތަކީވެސް މިފޮތެވެ.

4-      ތަފްސީރު އަލްބަޙްރުލް މުޙީޠު: މިފޮތް ލިޔުއްވީ އަލް އިމާމް އައްނަޙުވީ އަލްމުފައްސިރު މުޙައްމަދު ބިން ޔޫސުފް ބިން ޢަލީ ބިން ޙައްޔާން އަލްއަންދަލުސީ ރަޙިމަހުﷲ އެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ ހިޖުރައިން 745 ވަނަ އަހަރުގައެވެ. އަރަބި ބަހުޤެ ޤަވާޢިދާއި، ޤިރާއަތްތަކާއި އާޔަތްތައް ބާވައިލެއްވުނު ސަބަބަތަކުގެ އެންމެ މުހިންމު ރިފަރަންސްއަކީ މިފޮތެވެ.

5-      ފަތުޙުލް ޤަދީރު: ލިޔުއްވީ އަލްއިމާމުލް މުޙައްދިޘުލް ފަޤީހު މުހައްމަދު ބިން ޢަލީ އައްޝައުކާނީ ރަޙިމަހުﷲއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ ހިޖުރައިން 1250 ވަނަ އަހަރުގައެވެ. މިފޮތަކީ އުޞޫލުއްތަފްސީރުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ. ކުރީގެ އެހެން ތަފްސީރު ފޮތްތަކުގައިވާ މަޢުލޫމާތުގެ އިތުރަށްވެސް އެކަލޭގެފާނު މިފޮތުގައި ލިޔުއްވާފައިވެއެވެ. އާޔަތްތަކާއި އޭގެ މާނަ އަދި ތަފާތު ޤިރާއަތްތައް ބަޔާންކުރެއްވުމަށްފަހު، އެ އާޔަތްތަކުން ނެރެވޭ ޙުކުމާމެދު ޢިލްމުވެރިންގެ ބަސްފުޅުތައް މިފޮތުގައިވެއެވެ.

އަދި މިނޫންވެސް ތަފާތު އެތައް ފޮތްތަކެއް ތަފްސީރު ޢިލްމުގައި ލިޔެވިފައިވެއެވެ.