[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٤ (މުޤައްދިމާ ، ف 1 ، د 1 – އެންމެހާ މަޚްލޫޤުން ޚަލްޤުކުރެއްވުމުގެ ޙިކުމަތް)

thauheedh 4 pic

މުޤައްދިމާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين

މިދަރުސް ތަކަކީ ސުޢޫދީ އަރަބިއްޔާގެ ތަޢުލީމާއި ތަރުބިއްޔަތު މިނިސްޓްރީގެ ފަރާތުން އެޤައުމުގެ ސްކޫލު ތަކުގައި “ތައުޙީދު” ކިޔަވައިދޭން ތައްޔާރުކުރައްވާފައިވާ ބައެއް ފޮތްތައް އަސްލެއްކަމަށް ބަލައި، ތައްޔާރު ކުރެވޭ ދަރުސްތަކެކެވެ. ތައުޙީދު (މާތް ﷲ އެއްކައުވަންތަކަން) އަކީ އިސްލާމްކަމުގެ ބިންގަލަށް ވާއިރު ކުޑަކުދިންނަށް މިބިންގާ ހެޔޮ ގޮތުގައި އަޅައިދިނުމަކީ މައިން ބަފައިންގެ ކޮނޑުގައި އެޅިފައިވާ ނުހަނު ބޮޑު މަސްއޫލިއްޔަތެކެވެ. ފަހެ މިދަރުސްތަކަކީ ދިވެހިރާއްޖޭގެ ލޮބުވެތި ކުޑަކުދިންނަށް ތައުޙީދު ދެނެގަތުމަށް ހުޅުވާލެވުނު މަގެއް ކަމުގައި ﷲ ތަޢާލާ ލައްވާށި! އާމީން.

މިފޮތާ ބެހޭ ގޮތުން ފާހަގަ ކޮށްލަން ޖެހޭ ބައެއް މުހިއްމު ނުކުތާތައް:

1 މިފޮތްތައް އެކުލަވާލަން ގަސްދުކުރެވިފައިވަނީ ގްރޭޑް 6 އާ ހަމައަށެވެ.

2 ކޮންމެ ގްރޭޑެއްގެ ފިލާވަޅުތައް ނިމުމުން، ސުވާލު ތަކުގެ ރަނގަޅު ޖަވާބު ހިމެނޭ ޞަފްޙާއެއް ޝާޢިއު ކުރެވިފައިވާނެއެވެ. އެއީ އުނގަންނަވައިދެއްވާ ބޭފުޅުންނަށް ފަސޭހައަކަށާޓަކައި އަޅުގަނޑު ތައްޔާރު ކޮށްފައިވާ ޞަފުޙާއެކެއެވެ.

ދުޢާއަކީ ﷲ ތަޢާލާ މިމަސައްކަތް ޤަބޫލުކުއްވާ އަޅަމެންގެ ފާފަތައް ފުއްސަވައި ދެއްވުމެވެ.

**************************************************

ފުރަތަމަ ފަޞްލު

 

ފުރަތަމަ ފިލާވަޅު: އެންމެހާ މަޚްލޫޤުން ޚަލްޤުކުރެއްވުމުގެ ޙިކުމަތް

ޙަމްދުހުރީ ﷲ ތަޢާލާއަށެވެ. އަދި އެއިލާހުގެ އަޅާއަށް އެއިލާހު ފުދިގެންވެއެވެ. އަދި އެކަލާނގެ އިޚްތިޔާރުކުރެއްވި އަޅުތަކުންނަށް ސަލާމް ހުއްޓެވެ. އެއަށްފަހު ދަންނާށެވެ.

– ﷲ ތަޢާލާ ތިބާއަށް ރަޙްމަތްލައްވާށެވެ. – ހަމަކަށަވަރުން ﷲ ތަޢާލާ އެންމެހާ މަޚްލޫޤުން ހެއްދެވީ އެކަލާނގެއަށް އެކަނި އަޅުކަންކުރުމަށެވެ. އަދި އެކަލާނގެއާއި އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަށެވެ. މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

﴿ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴾ [سورة الذاريات ٥٦]

މާނައީ: “ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ.”

ފިލާވަޅުގެ އިރުޝާދުތައް

* އިންސާނުންނާއި ޖިންނީން ހެއްދެވުމުގެ އެންމެ މަތިވެރި މަޤްޞަދަކީ: ﷲ ތަޢާލާއަށް އެކަނި އަޅުކަންކުރުމެވެ.

* މިދުނިޔެވީ ޙަޔާތައް އިންސާނާ ޚަލްޤުކުރެވުނީ އޭނާ ޙާޞިލުކުރުމަށް މަސައްކަތް ކުރަންޖެހޭ އެއްވެސް އަމާޒެއް ނެތިއެއްނޫނެވެ.

* ދުޢާކުރުމާއި ޛަބަޙަކުރުން ފަދަ އަޅުކަމެއް ﷲ ނޫން އެހެން ފަރާތަކަށް ކޮށްފި މީހާ ފަހެ ހަމަކަށަވަރުން އޭނާ ﷲ ތަޢާލާއަށް ޝިރުކުކޮށްފިއެވެ. ފަހެ އެގޮތުގައި މަރުވެއްޖެ އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމްވެގެންވެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:

﴿ إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴾ [سورة المائدة ٧٢]

މާނައީ: “ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހާ، ފަހެ ހަމަކަށަވަރުން ﷲ ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.”

ސުވާލުތައް

1. އެންމެހާ މަޚްލޫޤުން ޚަލްޤުކުރެއްވުމުގެ ޙިކުމަތަކީ ކޮބާ؟ އަދި އެކަމުގެ ދަލީލަކީ ކޮބާ؟

2. ކެއުމާއި ބުއިމަކީ މިދުނިޔަވީ ޙަޔާތުގައި ކޮންމެހެންވެސް ބޭނުން ކަންތައްތަކެވެ. ފަހެ އަޅުގަނޑުމެން ޙަލްޤުކުރެވުނީ އެދެކަމަށްޓަކައި ހެއްޔެވެ؟

3. ހުސްތަންފުރާށެވެ.

ﷲ ތަޢާލާ ފިޔަވާ އެހެން ފަރާތަކަށް އަޅުކަންކުރާމީހަކަށް ކިޔަނީ …………………………….. އަދި އޭނާގެ ޢުޤޫބާތަކީ ………………………………………………..

4. އަންނަނިވި ކަންތައްތައް ﷲ ފިޔަވާ އެހެން ފަރާތަކަށް ކުރުމުގެ ޙުކުމަކީ ކޮބާ؟

ނަމާދުކުރުން:

ދުޢާކުރުން:

ބިރުވެތިކަން:

ޛަބަޙަކުރުން:

ޠަވާފުކުރުން:

___________________________________________

مادة التوحيدގެ އެހެނިހެން ފިލާވަޅުތައް ބައްލަވާލައްވާ