އަދި މާތްވެގެންވާ ޞަޙާބީ، ޢުމައިރު ބްންލްޙުމާމް [1] رضي الله عنه ވިދާޅުވެފައި ވެއެވެ.
رَكْـضًـا إِلَـى اللهِ بِـغَـيْرِ زَادٍ إِلاَّالـتُّقَى وَعَمَـلِ الْـمَعَـادِ
وَالصَّبْرِ فِي اللهِ عَـلَى الْجِهَـادِ وَكُـلُّ زَادٍ عُرْضَـةُ الـنَّفَـادِ
غَيْرَ الـتُّقَى وَالْـبِرِّ وَالرَّشَـادِ [2]
މިޅެމުގައި އެކުލެވިގެންވާ މާނައީ: “ކޮށްތަކާ ނުލާވެސް ﷲގެ ޙަޟްރަތަށް އަވަސްވެގަންނާށެވެ. ތަޤްވާވެރިކަމާއި އާޚިރަތަށްޓަކައި ކުރާ ޢަމަލެއް ފިޔަވައެވެ. އަދި ﷲގެ މަގުގައި ޖިހާދުކުރުމުގައި ކެތްތެރިވުމެވެ. އަދި ހުށަހަޅާލެވޭ ކޮންމެ ކޮށްތަކީ ނެތިގެން ދަނިވި އެއްޗެކެވެ. އެއީ ތަޤްވާވެރިކަމާއި ދީނުގެ ހިދާޔަތުން ހިދާޔަތްލިބުމާއި ހެޔޮކަން ފިޔަވައެވެ.”
މިއީ އެމީހެއްގެ ޙާލަތުކަމުގައިވާ މީހާއާއި، ﷲ އަށް އަދި އާޚިރަތް ދުވަހަށާއި އެދުވަހުގެ ޘަވާބާއި ޢަޒާބަށް އީމާންނުވާ މީހާއާ ދެމެދުގައި ފަރަޤެއް ވާނެއެވެ. ފަހެ ޤިޔާމަތް ދުވަސް ތެދުކޮށް ކަށަވަރުކުރާ މީހާ ޢަމަލުކުރާނީ އުޑުގެ ތިލަފަތުން [އެޢަމަލުތަކުގެ] ވަޒަން ބަލައިގެންނެވެ. ބިމުގެ މީޒާނުގައި [އެޢަމަލުތަކުގެ ބަރުދަން] ބަލައިގެނެއް ނުމެނޫންމެއެވެ. ފަހެ އެއީ އާޚިރަތުގެ ޙިސާބު ކުރުމެކެވެ. ދުނިޔަވީ ޙިސާބު ކުރުމެއް ނޫނެވެ. އަދި އޭނާގެ ޙަޔާތުގައިވަނީ [މީހެއްގެ] އަޅުވެތިކަމެއްނެތް މިޞްރާބެކެވެ. އެފަދަ މީހާ ފެނިގެންދަނީ ތަނަވަސް ތަޞައްވަރެއްލިބިގެންވާ އަދި ވަރުގަދަ އީމާންތެރިކަމަކާއެކު ތެދުމަގުގައި ގަދައަށް ޘާބިތުވެގެން ހުރި މީހެއްގެ ގޮތުގައެވެ. [އެފަދަ މީހާ] އޭނާއާ ކުރިމަތިވާ މުޞީބާތްތަކަށް ކެތްތެރި ވެއެވެ. އެކަމުން ދަރުމައާއި ޘަވާބަށް އެދޭ ޙާލުގައެވެ. ފަހެ ﷲގެ ޙަޟްރަތުގައިވާ [މެދުކެނޑުމެއްނެތް] ދާއިމީ ހެޔޮކަން އޭނާ ދަނެތެވެ.
އަދި އަލްއިމާމް މުސްލިމް -رحمه الله-، ޞުހައިބު رضي الله عنهގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ
((عَجَباً لأمْرِ الْمُؤْمِنِ! إِنَّ أَمْرَهُ كُلَّهُ لَهُ خَيْرٌ، وَلَيْسَ ذَاكَ لأَحَدٍ إلاَّ لِلْمُؤْمِنِ، إِنْ أَصَابَتْهُ سَرَّاءُ؛ شَكَرَ؛ فَكَانَ خَيْراً لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ، صَبَرَ؛ فَكانَ خَيْراً لَهُ)) [3]
މާނައީ: “މުއުމިނު އަޅާގެ ކަންކަން އަޖައިބުވާހާ ވެއެވެ! ހަމަކަށަވަރުން އޭނާގެ އެންމެހާ ކަމެއްގައި ވަނީ ހެޔޮކަމެވެ. މުއުމިނުއަޅާ ފިޔަވައި އެހެންމީހަކަށް އެކަން [ލިބިގެން] ނުވެއެވެ. އޭނާއަށް ހެޔޮކަމެއް ކުރިމަތި ވެއްޖެނަމަ ޝުކުރު އަދާކުރެއެވެ. ފަހެ އެއީ އޭނާއަށްވާ ހެވެކެވެ. އަދި އޭނާއަށް ދެރަގޮތެއް މެދުވެރިވެއްޖެ ނަމަ ކެތްތެރި ވެއެވެ. ފަހެ އެއީ އޭނާއަށްވާ ހެވެކެވެ.”
މުސްލިމުންނަކީ ހަމައެކަނި އިންސާނިއްޔަތަށް ނަފާހޯދައިދީ ނިންމައިލާ ބައެއްނޫނެވެ. ކީއްތޯއެވެ! ދިރޭ ޙައިވާނުންނާ ހަމައަށް އެކަން ފޯރުކުރުވައެވެ. ޢުމަރު ބިން ޚައްޠާބު رضي الله عنه ވިދާޅުވެފައިވާ މަޝްހޫރު ބަސްފުޅުގައި ވާފަދައިންނެވެ:
((لَوْ عَثَرَتْ بَغْلةٌ فِي الْعِرَاقِ؛ لَظَنَنْتُ أَنَّ اللهَ سَيَسْأَلْنِيْ عَنْهَا: لِمَ لَمْ تُسَوِّ لَهَا الطَّرِيْقَ يَا عُمَرُ)) [4]
މާނައީ: “ޢިރާޤްގައި ބަޣްލްއެއް (އެބަހީ އަހާއި ޙިމާރުގެ ދަރި) ވެއްޓިފައިވާނަމަ ނުވަތަ ވަޅުޖަހާފައި ވާނަމަ، [އެކަމާމެދު] ﷲ ތަޢާލާ ސުވާލު ކުރައްވާނެ ކަމުގައި ތިމަންކަލޭގެފާނު ހިތްޕުޅަށް އަރައިވަޑައިގަންނަވައެވެ: ‘އޭ ޢުމަރެވެ! ތިބާ އެއަށްޓަކައި މަގު އެއްވަރު ކޮށްނުދިނީ ކީއްވެ ހެއްޔެވެ؟'”
މިފަދަ ޝުޢޫރުތަކަކީ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވުމުގެ އަޘަރު ކަމުގައި މެނުވީ ނުވާނެއެވެ. އެއީ [އުފުލަންޖެހިފައިވާ] ބުރަ މަސްއޫލިއްޔަތާއި އަދި އިންސާނާ އުފުލަމުންދާ، އުޑުތަކާއި ބިން އަދި ފަރުބަދަތައް، އުފުލުމަށް ނުކުޅެދުންތެރިވި އަމާނާތުގެ ބޮޑުކަމުގެ ސަބަބުން އުފެދޭ އިޙްސާސްތަކެއް ވެސް މެއެވެ. އެހެންކަމުން ކިތަންމެ ކުޑަ މިންވަރެއްވިޔަސް އަދި ބޮޑު މިންވަރެއް ކަމުގައި ވިޔަސް އެއީ އޭނާގެ މަސްއޫލިއްޔަތުގެ ދަށުގައިވާ، އަދި އެކަންކަމާމެދުގައި ޙިސާބު ބެއްލެވޭނޭ އަދި ޖަޒާ ދެއްވޭނޭ ކަންކަން ކަމުގައި އޭނާ ދަނެތެވެ. ފަހެ ހަމަ ކަށަވަރުން ކޮންމެ ރަނގަޅުކަމަކީ ހެޔޮކަމެކެވެ. އަދި ކޮންމެ ނުރަނގަޅު ކަމަކީ ނުބައި ކަމެކެވެ.
﴿يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَرًا وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا﴾ (سورة آل عمران: 30)
މާނައީ: “ކޮންމެ ނަފްސެއްމެ، ހެޔޮކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމެއް ޙާޟިރު ކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ ނަފްސެއް ކުޅަ ނުބައިކަމަކާއި، އެ ނަފްސަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ.”
﴿وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لا يُغَادِرُ صَغِيرَةً وَلا كَبِيرَةً إِلا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلا يَظْلِمُ رَبُّكَ أَحَدًا﴾ (سورة الكهف: 49)
މާނައީ: “އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި ޢަމަލުތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ”
=ނުނިމޭ=
މިލިޔުމުގެ އެހެންބައިތައް ބައްލަވާ
__________________________________________
[1] އެއީ ބަދުރު ހަނގުރާމައިގައި ޝަހީދުވެ ވަޑައިގެންނެވި عُمَيْرُ بْنْ الحُمَام بْنْ الجَمُوْح بْنْ زَيْد الأَنْصَارِيْ رضي الله عنه އެވެ. އެއީ ރަސޫލުﷲ صلّى الله عليه وسلّم، މިފަދައިން [އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް ތިޔަބައިމީހުން ތެދުވާށެވެ] ޙަދީޘް ކުރެއްވުމުން ކަދުރުތައް އުކާލައްވައި [ތެދުވެ ވަޑައިގެންނެވި] ޞަޙާބީބޭކަލެވެ.
قَالَ النَّبِيُّ صَلَّ اللهُ عَلَيْهِ وَسَلَّم: ((قُومُوا إِلَى جَنَّةٍ عَرْضُهَا السَّمَوَاتُ وَالأَرْض))، وَقَالَ: بَخٍ بَخٍ. فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((مَا يَحْمِلُكَ عَلَى قَوْلِكَ بَخٍ بَخٍ؟)). قَالَ: لاَ وَاللهِ يَا رَسُولَ اللهِ، إِلاَّ رَجَاءَةَ أَنْ أَكُونَ مِنْ أَهْلِهَا، قَالَ: ((فَإِنَّكَ مِنْ أَهْلِهَا)). فَقَالَ: لَئِنْ أَنَا حَيِيتُ حَتَّى آكُلَ تَمَرَاتِي هَذِهِ، إِنَّهَا لَحَيَاةٌ طَوِيلَةٌ. ثٌمَّ رَمَى بِهَا وَقَاتَلَ حَتَّى قُتِلَ.
މާނައީ: ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން ތެދުވާށެވެ.” ވިދާޅުވިއެވެ. “ބަޚް ބަޚް”* ޙަދީޘް ކުރެއްވިއެވެ. “ތިބާ ‘ބަޚް ބަޚް’ ތިވިދާޅުވީ ކޮންކަމާހުރެތޯއެވެ.” ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނު އެތާންގެ އަހުލުވެރީންގެ ތެރެއިން ވުމަށް އެދިގެން މެނުވީ އެފަދައިން ނުބުނަމެވެ.” ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ފަހެ ތިބާވަނީ އެތާންގެ އަހުލުވެރީންގެ ތެރެއިންނެވެ.” ވިދާޅުވިއެވެ. ތިމަންނާ ދިރި ހުރެއްޖެނަމަ ތިމަންނާގެ މިކަދުރުތައް ތިމަންނާ ކާނެތެވެ.” ދެން އެތަކެތި އުކާލައްވުމަށްފަހު، ޝަހީދު ވެވަޑައިގެންފުމަށް ދާންދެން ހަނގުރާމަ ކުރައްވައިފިއެވެ.”
* “ބަޚް ބަޚް” ނުވަތަ މިއީ ކަމެއް ބުރަކޮށްލާ އަދި އެކަމުގެ ހެޔޮކަން މަތިވެރި ކުރުމުގެ ގޮތުން ބުނެ އުޅޭ ލަފްޒެކެވެ.
ބައްލަވާ: صحيح مسلم / كتاب الأمارة / باب ثوب الجنة للشهيد
[2] فقه السيرة للغزالي / ص 20
[3] صحيح مسلم / كتاب الزهد / باب في أحاديث متفرقة
[4] حلية الأولياء وطبقات الأصفياء / مجلد 1 / صفحة 53 / طبع دار الكتاب العربي