[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަންބޭނުންނަމަ..1

އެންމެހައި ޙަމްދު ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ﷲ ތަޢާލާ އަށެވެ. އެއިލާހީ އަޅުގަނޑުމެން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވައި ޙައްޤާއި ބާޠިލު ވަކިކޮށް ދެއްވެވި އިލާހެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ޙައްޤާއި ބާޠިލް ވަކިކޮށްދެއްވެވުމަށްޓަކާ މި އުންމަތަށް ފޮނުއްވެވި، ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށެވެ. އަދި މިޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެކަލޭގެފާނު ނަމުނާއަކަށް ބަލައިގެން ދުނިޔަވީ ޙަޔާތް ވޭތުކުރަމުންދާހާ ބަޔަކު ޝާމިލުކުރަމެވެ.

ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަން ބޭނުންކަމުގައިވަނީނަމަ : –

1.މާތް ﷲއަށް ޚާލިޞްކޮށް ދުޢާ ކުރާށެވެ. އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާށެވެ. އަދި އެއިލާހަށް ދުޢާ ކުރުމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރާށެވެ. އެއީ ކިތަންމެ ބޮޑު ވަލީ ވެރިއެއްކަމުގައި ވިއަސްމެއެވެ. ފަހެ ހަމަކަށަވަރުން ދުޢާއަކީ އަޅުކަމެކެވެ. އަދި ކިއެއްތަ އަޅުކަމުގެ ތެރެއިންވެސް އެންމެ މާތް އެންމެ ޝަރަފުވެރި އަޅުކަމެވެ. އެހެންކަމުން ﷲއަށް ޚާލިޞްކޮށް ނުކުރާހާ ހިނދަކު، އެއިލާހު ދުޢާ އިޖާބަނުކުރައްވަވާނެތެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. وَأَنَّ ٱلْمَسَـٰجِدَ لِلَّهِ فَلاَ تَدْعُواْ مَعَ ٱللَّهِ أَحَداً (الجن:18) ” އަދި ހަމަކަށަވަރުން މިސްކިތްތައްވަނީ ﷲތަޢާލާއަށެވެ. ފަހެ ތިޔަބައިމީހުން އެއިލާހާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ(އަޅުކަން) ނުކުރާށެވެ.” އަދިވެސް އެއިލާހު ވަޙީކުރައްވަވާފައިވެއެވެ. فَٱدْعُواْ ٱللَّهَ مُخْلِصِينَ لَهُ ٱلدّينَ وَلَوْ كَرِهَ  ٱلْكَـٰفِرُونَ (غافر: 14) ” ފަހެ ތިޔަބައިމީހުން ﷲއަށް ޚާލިޞްކޮށް ދުޢާކުރާށެވެ. ކާފިރުން ކިތަންމެ ނުރުހުނު ކަމުގައިވިއަސްމެއެވެ.” އިބްނު އައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނަށް ޙަދީޘްކުރެއްވެވިއެވެ. إِذَا سَأَلْتَ فَاسْأَلِ اللهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللهِ  (صححه الألباني في صحيح الجامع) “ތިބާ ކަމަކަށް އެދެންޔާ (ދުޢާކުރަންޔާ)، ﷲގެ ޙަޟްރަތުން އެދޭށެވެ. އަދި ތިބާ އެހީތެރިކަމަކަށް އެދެންޔާ، ﷲގެ ޙަޟްރަތުން އެދޭށެވެ.”

2.ކެތްތެރިވާށެވެ. ތިމަންނަގެ ދުޢާ އަދިވެސް އިޖާބަ ނުކުރައްވައޭ ބުނެ އަވަސްއަރައިނުގަންނާށެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. يُسْتَجَابُ لِأَحَدِكُمْ مَا لَمْ يَعْجَلْ، يَقُوْلُ: دَعَوْتُ فَلَمْ يُسْتَجَبْ لِيْ (رواه البخاري ومسلم) ” ތިޔަބައިމީހުން ‘އަހަރެން ދުޢާކޮށްފީމެވެ. އަދިވެސް އަހަރެންގެ ދުޢާ އިޖާބަނުކުރައްވަވައެވެ.’ ބުނެ އަވަސްއަރައިނުގަންނަހާ ހިނދަކު، ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރެއްވޭނެއެވެ.” އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ އެހެން ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. لَا يَزَالُ يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيْعَةِ رَحِمٍ، مَا لَمْ يَسْتَعْجِلْ. قِيْلَ: يَا رَسُوْلَ اللهِ، مَا الْاِسْتِعْجَالُ؟ قَالَ: يَقُوْلُ: قَدْ دَعَوْتُ، وَقَدْ دَعَوْتُ، فَلَمْ أَرَ يَسْتَجِيْبُ لِيْ، فَيَسْتَحْسِرُ عِنْدَ ذَلِكَ، وَيَدَعُ الدُّعَاءَ (رواه مسلم ) ” އަޅާ ފާފައަކަށް ނުވަތަ ރަޙިމްގެ ގުޅުންކެނޑުމަށް ދުޢާ ނުކުރާހާ ހިނދަކު، އޭނާ އަވަސްއަރައިނުގަންނަ ކަމުގައިވަނީނަމަ އޭނާގެ ދުޢާ އިޖާބަ ކުރެއްވޭނެއެވެ. އެހިނދު ސުވާލުކުރެވުނެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އަވަސްއަރައިގަތުމަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. އޭނާ ބުނެތެވެ. އަހަރެން ދުޢާކޮށްފީމެވެ. ދުޢާކޮށްފީމެވެ. އަދިވެސް އަހަރެންގެ ދުޢާ އިޖާބަކުރައްވާތަނެއް އަހަންނަކަށް ނުފެނެއެވެ. ދެންފަހެ ދުޢާކުރުމަށް ފޫހިކޮށް އޭނާ ދުޢާކުރުން ދޫކޮށްލަތެވެ.” އިބްނުލް ޤައްޔިމް ރަޙިމަހުﷲގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. ” އިޖާބަ އަވަސްނުވުމުގެ ސަބަބުން ދުޢާކުރުން ދޫކޮށްލާ މިހާގެ މިސާލަކީ، އޮށްތަކެއް އިންދައި އެއަށް ފެންދީ ބަލަހައްޓަމުންއައިސް، މެވާއެޅުން ލަސްވުމުން އެ ދޫކޮށްލާ މީހާގެ މިސާލެވެ.”(الجواب الكافي)

3.ހުރިހާ ފާފަތަކުން ތައުބާވާށެވެ. އަދި ﷲގެ ސީދާވެގެންވާ މަގަށް ރުޖޫޢަވާށެވެ. ފަހެ ހަމަކަށަވަރުން، ގިނަމީހުންގެ ދުޢާތައް އިޖާބަވުން ލަސްކުރަނީ އެބައިމީހުންގެ ފާފަތަކެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ” ﷲޙަރާމްކުރައްވަވާފައިވާ ކަންތައްތަކުން ދުރުވެގެންވާމީހާގެ ދުޢާއާއި އަޅުކަންތައް ﷲ ތަޢާލާ ޤަބޫލުކުރައްވަވައެވެ.” އަދި ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވާކަމުގައިވެއެވެ. ” ދުޢާ އިޖާބަވުން ލަސްވެގެން ނުއުޅޭށެވެ. ތިބާވަނީ ފާފަތަކުން، (އިޖާބަވުން އަވަސްވުމުގެ) މަގު ބަންދުކޮށްފައެވެ.” 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދުޢާކުރާ ފާފަވެރިޔާގެ މިސާލަކީ ދުނިޔޭގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލަކާ ހަނގުރާމަކޮށް، އޭނައާއި ޢާދާވާތްތެރިކަމުގައި އެތައް ދުވަސްތަކެއް ވޭތުކުރުމަށްފަހު، އޭނާގެ އިޙްސާންތެރިކަމަށް އެދި ދާމީހާގެ މިސާލެވެ. އެނައާއި އެރަސްގެފާނާއި ދެމެދުގައިވާ ގުޅުން ރަނގަޅު ނުކުރަނީސް، ރަސްގެފާނު އެފަދަމީހަކަށް އިޙްސާންތެރިވާނެ ހެއްޔެވެ؟