އަޅުގަނޑުމެން މިދުނިޔޭގައި ވޭތުކުރަމުން މިދާ ދުވަސްތަކުގައި ކުރާ ކޮންމެ ޢަމަލެއްވެސް ﷲ ތަޢާލާ ޤަބޫލުކުރެއްވުމުގެ ދެ ޝަރުތެއް ވެއެވެ. އެއީ ކުރާ ޢަމަލުގައި އިޚްލާސްތެރިވުމާއި އެ ޢަމަލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި އެއްގޮތަށް ކުރެވޭ ޢަމަލެއްކަމުގައިވުމެވެ. މިގޮތުން ބަލާއިރު ނިޔަތް އިޚްލާސްތެރި ކުރުމަކީ ކުރާޢަމަލުގައި އިޚްލާސްތެރިވުމުގެ ތެރެއިންވާ ކަމެކެވެ.
ބައެއްމީހުން ހެޔޮޢަމަލުކުރަނީ އެމީހުންގެ ނިޔަތުގައި ދުނިޔެވީ ކޮންމެވެސް ފައިދާއެއް އޮތުމުގެ ސަބަބުންނެވެ. ނުވަތަ ދުނިޔެވީ ކޮންމެވެސް ޓާރގެޓަކަށް ވާޞިލް ވުމުގެ ގޮތުންނެވެ. މިފަދައިން ޢަމަލު ކުރާމީހުންނަކީ އެބައިމީހުންގެ ޢަމަލުގައި އެއްވެސް ބުރަދަނެއް ހުރިބައެއްނޫނެވެ. މިފަދައިން ޢަމަލު ކުރާމީހުންނާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾ މާނައީ: “ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ ޢަމަލުތައް ތިމަންރަސްކަލާނގެ އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ. (15)އެއުރެންނީ އާޚިރަތުގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލް ވެގެންވެތެވެ. (16)” މިއާޔަތުން އެނގިގެންދާގޮތުގައި ތިމާކުރާ ޢަމަލަކީ ﷲ ތަޢާލާއަށް އެކަނި ޚާލިޞްކޮށްގެން ކުރާޢަމަލެއްކަމުގައި ނުވާނަމަ އެ ޢަމަލަކީ ކުރިޔަސް ބާޠިލްވެގެންވާ ޢަމަލެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ޢަޚަކު ނުވަތަ އުޚްތަކުވެސް އެބޭފުޅެއްގެ ޢަމަލު ހަމައެކަނި ދުނިޔެވީ ފައިދާއެއްގެ މައްޗަށް ބިނާކޮށްގެން ނުވާނެއެވެ. އަދި މިކަމުގެ ބިރުވެރި ކަމަކީ އާޚިރަތުގައި ނަރަކައިގެ ވޭންދެނިވި ޢަޒާބުގެ ގޯތީގައި، ﷲ ތަޢާލާ އަށް ޢަމަލުތައް ޚާލިޞްނުކުރާ މީހުން ތިބެންޖެހޭކަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ހާދީޘެއް ބަލާލަމާ ހިންގަވާށެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުގައި ވެއެވެ. عن عمر بن الخطاب – رضي الله عنه – قال: سمعت رسول الله – صلى الله عليه و سلم – يقول: { إنما الأعمال بالنيات، وإنما لكل امرئٍ ما نوى، فمن كانت هجرته إلى الله ورسوله فهجرته إلى الله ورسوله، ومن كانت هجرته لدنيا يصيبها أو امرأةٍ ينكحها، فهجرته إلى ما هاجر إليه } متفق عليه މާނައީ: ޢުމަރު ބުނުލް ޚައްޠާބު – رضي الله عنه – ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. “ހަމަކަށަވަރުން ޢަމަލު ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. އެހެންކަމުން ﷲ އާއި އެއިލާހުގެ ރަސޫލާއަށްޓަކައި ހިޖުރަކޮށްފިމީހާގެ ހިޖުރަވަނީ ﷲ އާއި އެއިލާހުގެ ރަސޫލާއަށްޓަކައެވެ. އަދި ދުނިޔެއަށްޓަކައި ނުވަތަ އަންހެނަކާއި ކައިވެނި ކުރުމަށްޓަކައި ހިޖުރަ ކޮށްފި މީހެއްނަމަ އެމީހަކަށްވަނީ އެމީހަކު އެ ހިޖުރަ ކުރި ކަމެކެވެ.” މި ޙަދީޘުން އެނގިގެންދަނީ އެމީހަކު އެކުރި ޢަމަލެއް ބިނާވެގެންވަނީ އެމީހެއްގެ ނިޔަތުގެ މައްޗަށްކަމެވެ. ކުރާ ކަމަކީ އެއްކަމެއް ކަމުގައިވިޔަސް ތަފާތުނިޔަތުގައި މީސްތަކުން ކަންތައް ކުރާކަން މި ޙަދީޘުން އެނގިގެންދެއެވެ. އަދި ޢަމަލުން ލިބޭ ސަވާބު ޢަމަލުގެ މައްޗަށްއެކަނި ބަރޯސާނުވެ ނިޔަތުގެ މައްޗަށްވެސް ބިނާވެގެންވާކަންވެސް މި ޙަދީޘްފުޅުން އެނގިގެންދެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެހެން ޙަދީޘްފުޅެއްގައި އެކަލޭގެފާނު އުއްމަތަށް ވަރަށް ޢިބުރަތްތެރި ވާހަކަޔެއް ކިޔާދެއްވާފައިވެއެވެ. މި ޙަދީޘްފުޅުގައި ވެއެވެ. عن أبي هريرة – رضي الله عنه – قال: سمعت رسول الله -صلى الله عليه و سلم- يقول: { إن أول الناس يقضى يوم القيامة عليه، رجل استشهد فأتي به، فعرفه نعمه فعرفها، قال: فما عملت فيها؟ قال: قاتلت فيك حتى استشهدت، قال: كذبت، لكنك قاتلت لأن يقال: جريء، فقد قيل، ثم أمر به فسحب على وجهه حتى ألقي في النار، ورجل تعلم العلم وعلمه، وقرأ القرآن، فأتي به فعرفه نعمه فعرفها، قال: فما فعلت فيها؟ قال: تعلمت العلم وعلمته وقرأت فيك القرآن، قال: كذبت، ولكنك تعلمت العلم ليقال: عالم وقرأت القرآن ليقال: هو قارئ، فقد قيل، ثم أمر به فسحب على وجهه، حتى ألقي في النار، ورجل وسع الله عليه وأعطاه من أصناف المال كله، فأتي به فعرفه نعمه فعرفها، قال: فما عملت فيها؟ قال: ما تركت من سبيل تحب أن ينفق فيها إلا أنفقت فيها لك، قال: كذبت، ولكنك فعلت ليقال: هو جواد، فقد قيل، ثم أمر به فسحب على وجهه ثم ألقي في النار } أخرجه مسلم މާނައީ: “އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ޤިޔާމަތް ދުވަހުން އެންމެފުރަތަމަ ހިސާބު ބެއްލެވޭހުށީ ޝަހީދުވި މީހެއްގެ އެވެ. އޭނަ ގެނެވޭނެއެވެ. ދެން(ޝަހީދެއްގެ ދަރަޖަ ހާސިލްކުރުމަށްޓަކައި) އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ ޝަހީދުވަންދެން އިބަ އިލާހުގެ މަގުގައި ހަނގުރާމަ ކުރީއެވެ. އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ހަނގުރާމަކުރީ ކަލޭތީ ބަޠަލެކޭ ނުވަތަ ކެރޭ މީހެކޭ މީސްތަކުން ބުނުމަށްޓަކައެވެ. (ދުނިޔެމަތީގައި) މީސްތަކުން ކަލޭތީ ބަޠަލެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ދެވަނަމީހަކީ ޢިލްމު އުނގެނި އެ ޢިލްމު އުނގަންނައިދޭން އުޅުނު މީހެކެވެ. އަދި ޤުރުޢާން ކިޔަވައިދޭން އުޅުނު ޤާރީއެކެވެ. އޭނާ ގެނެވޭނެއެވެ. ދެން އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ އިލްމު އުނގެނި އެޢިލްމު އުނގަންނައިދިނީ އެވެ. އަދި އިބަ އިލާހައްޓަކައި ޤުރުއާން ކިޔެވީމެވެ. އެއަށްފަހު އޭނައަށް ބުނެވޭނެ އެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ޢިލްމު އުނގެނުނީ މީސްތަކުން ކަލޭތީ ޢާލިމެކޭ ބުނޭތޯއެވެ. އަދި ކަލޭ ޤުރުއާން ކިޔަވާ އުޅުނީ ކަލޭތީ ޤާރީ އެކޭ ބުނެއުޅުމަށްޓަކައެވެ. ދެން ބުނެވޭނެއެވެ. ދުނިޔެމަތީގައި މީސްތަކުން ކަލޭ އެދުނު ގޮތަށް ޤާރީއެކޭ ، ޢާލިމެކޭ ބުނެއުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ތިންވަނަ މީހަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވާ ތަފާތު ބާވަތްބާވަތުގެ މުދާ ދެއްވި މީހެކެވެ. އޭނާ ގެނެވޭނެއެވެ. ދެންއޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. އިބަ އިލާހު އެމަގަކުން ހޭދަކުރައްވަން ރުހިވޮޑިގެންނެވި އެއްވެސް މަގެއް ތިމަންނަ އިބައިލާހަށްޓަކައި ހޭދަނުކޮށް ދޫނުކުރަމެވެ. ދެން އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ތިކަންކުރީ މީސްތަކުން ކަލެއަށް ނިސްބަތްކޮށް އެއީ ދީލަތި މީހެކޭބުނުމަށްޓަކައެވެ. ދުނިޔެމަތީގާ މީސްތަކުން ކަލޭތީ ދީލަތި މީހެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ.” މި ޙަދީޘުގައި މިވާ ތިން މީހުންވެސް ބިމުގައި ދާމާގެންގޮސް މޫނުވަތަށް ނަރަކަޔަށް އެއްލާލެވުނީ އެބައިމީހުން އެބައިމީހުންގެ ޢަމަލުގައި އިޚްލާޞްތެރު ނުވުމުންނެވެ. ނަމަވެސް އެމީހުން ކުރި ޢަމަލު ތަކަކީ ﷲ ތަޢާލާގެ وجه ފުޅަށް (1) އެދި އެކަންތައް ކޮށްފިކަމުގައި ވަނީނަމަ ގިނަގުނަ ސަވާބާއި ދަރުމަ ދެއްވާ ކަންކަމެވެ. އެހެންނަމަވެސް އެމީހުންގެ ޢަމަލުތައް ﷲ އަށް ޚާލިޞް ނުކުރުމުގެ ސަބަބުން އެ މީހުންގެ ޢަމަލުތައް ބާޠިލް ކުރެއްވީއެވެ.
ނޯޓު: (1) ﷲ ތަޢާލާގެ وجه ފުޅަކީ އެއިލާހުގެ މަތިވެރިވެގެންވާ މޫނުފުޅެވެ. އަޅުގަނޑުމެންނަށް ވަނީ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި އައިސްފައިވާ ގޮތަށް ﷲ ތަޢާލާގެ ސިފަފުޅުތައް ސާބިތު ކުރުމެވެ.