[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާ 3

ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވެވީ އިންސީންނާއި، ޖިންނީންގެ ގާތަށް ޙައްޤު ދީނާއިގެންނެވެ. ރަޙްމަތެއް ކަމުގައެވެ. ޢަމަލުކުރާ މީހުންނަށްވާ ނަމޫނާއެއް ކަމުގައެވެ. އެމާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ﷲގެ ޙަދީޘްފުޅުތަކާ އެސާހިބާގެ މައްޗަށް ބާވާލެއްވެވި ކީރިތި ޤުރްއާންގައި މީސްތަކުންނަށް ދުނިޔެއާއި އާޚިރަތުގައި ލާބަހުރި ހުރިހާ ކަމެއް ބަޔާން ވެގެންވެއެވެ. އެގޮތުގައި ހިފަހައްޓައިފި މީހަކު ސީދާމަގުގައި ވާނެ ކަމާމެދު ޝައްކެއް ނެތެވެ. އޭގައި ޞަޙީޙު ޢަޤީދާއާއި ހެއު ޢަމަލުތަކާއި ރީތި އަޙްލާޤާއި މަތިވެރި އަދަބުތައްފަދަ ހުރިހާ ކަމެއް ހިމެނެއެވެ. އެމާތް ނަބިއްޔާ ދުނިޔެ ދޫކުރައްވާ ﷲ ތަޢާލާގެ ޙަޟްރަތަށް ދަތުރު ކުރެއްވެވީ އިސްލާމީ އުއްމަތް އުޖާލާ ސާފު އަލިމަގަށް ދޫކުރައްވާފައެވެ. އޭގެ ރޭގަނޑު އަލިވެ އުޖާލާވެގެންވާ ދުވާލު ފަދައެވެ. ހަލާކުވާހުށީ އެމަގުން އެއްކިބާވެއްޖެ މީހެކެވެ. ދެންފަހެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުއްމަތުގެ މަތިވެރި އަޞްޙާބު ބޭކަލުންނާ ތާބިޢީ ބޭކަލުންނީ މިދެންނެވި މަގުގައި ޘާބިތުވެ ތިއްބެވި ބޭކަލުންނެވެ. އެބޭކަލުންނީ މާތްﷲގެ ޙަޟްރަތުން ބާވައިލެއްވި ޝަރީޢަތަށް ތަބަޢަވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގޮވައިލެއްވި ގޮވައިލެއްވުމަށް އިޖާބަދެއްވާ އެޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރެއްވި ސާހިބުންނެވެ. އެސާހިބުންނަކީ ޝަރީޢަތް ޤާއިމްކުރެއްވެވި ސާހިބުންނެވެ. އެސާހިބުންނީ ޝަރީޢަތް ޤާއިމްކުރެއްވެވި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ފުރިހަމައަށް ހިފެހެއްޓެވި ސާހިބުންނެވެ. ޢަޤީދާއާއި އަޅުކަމާއި އަޚްލާޤާއި މަތިވެރި އަދަބުތަކުން ޒީނަތްތެރިވެ ވަޑައިގެންނެވި ސާހިބުން މެއެވެ. މިބަރަކާތްތެރި ޖަމާޢަތާ ފުރިހަމަގޮތުގައި ތަބަޢަވެ ޤުރްއާނާއި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައިފި ބަޔަކީ ޤިޔާމަތާ ޖެހެންދެން ޙައްޤުގޮތުގެ މަތީވުމުގައި ފިލައި ނުދާނެކަމުގެ އުފާވެރިޚަބަރު ދެއްވާފައިވާ ބަޔެކެވެ. އެޖަމާޢަތަށް ދެވޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެއެވެ. ޤިޔާމަތްދުވަސް އަތުވެއްޖައުމަށް ދާންދެން، އެޖަމާޢަތް ވާހުށީ އިސްލާމީ ޝަރީޢަތަށް ނަޞްރު ދިނުން މަތީގައެވެ. އަހުރެމެންނަށްވެސް ވާޖިބުވެގެންވަނީ އެގޮތުގެ މަތީގައި ހިގުމެވެ. ޢަމަލީގޮތުން ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ މަތީގައި ހިނގުމެވެ. އަހުރެން ﷲ ތަޢާލާގެ ޙަޟްރަތަށް އެދި ދުޢާ ކުރަނީ އަހުރެމެންނާއި އަދި އެންމެހާ މުސްލިމް އަޚުންނަށް لا إله إلا الله محمد رسول الله މިކަލިމައިގެ މަތީގައި ލެހެއްޓެވުމަށެވެ.
މުސްލިމް އަޚުން ތަފާތު ޢަޚުން ތަފާތު ޢަޤީދާތަކުގައި ހިފަހައްޓައިގެން ވާތީއާއި ޢަޤީދާގެ މުހިއްމުކަމާއި ބޭނުންތެރިކަން ފެނިފައި އަހްލުއްސުންނަތި ވަލްޖަމާޢަތިގެ ޢަޤީދާ ކުރުގޮތަކަށް ބަޔާންކުރުމަށް ޤަޞްދު ކުރީއެވެ. އަޞްލުގައި ޢަޤީދާއަކީ ﷲ ތަޢާލާއަކީ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި ބާވައިލެއްވި ފޮތްތަކާއި ރަސޫލުންނަށާއި ޤިޔާމަތް ދުވަހަށާއި، ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމަށް ކިޔާ ނަމެކެވެ.
ﷲތަޢާލާގެ ޙަޟްރަތުން މިއަޅާ އެދި ދަންނަވަނީ މި ޢަމަލަކީ އެކަލާނގެއަށްޓަކައި ކުރާ ޚާލިސް ޢަމަލެއްކަމުގައި ލެއްވުމަށެވެ. އެކަލާނގެ ލޯބިވެ ވޮޑިގެންނަވާ ރުހިވޮޑިގަންނަވާ ކަމެއް ކަމުގައި ލެއްވެވުމަށެވެ. އަދި އަޅުތަކުންނަށް ފައިދާހުރި ކަމެއްކަމުގައި ލެއްވުމަށެވެ. آمين يا رب العالمين
(ނުނިމޭ)