
ކާފަރުން ކޮންމެ އަހަރަކު ތަކުރާރުކޮށް ފާހަގަކުރާ ދުވަސްތަކުގައި އިޙްތިފާލު ބާއްވާ މުސްލިމުން އުޅެއެވެ. އަދި ޝަރީޢަތުގައި ފާހަގަކުރުން ހުއްދަވެގެން ނުވާ ދުވަސްތަކުގައި މިފަދަ މީހުން ޢީދު [1] ހަދާ އުޅެއެވެ. މިޘާލަކަށް: މަންމައިންގެ ދުވަސް، ‘ޝިއްމިއްނަސީމް’ [2] ދުވަސް އަދި އާ އަހަރު ފެށޭ ދުވަސް ފާހަގަކުރުން ހިމެނެއެވެ. މިދުވަސްތައް ކޮންމެ އަހަރެއްގައި ތަކުރާރުކޮށް ފާހަގަކުރާ މީހުންގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
ޖަވާބު: މިހުރިހާ ދުވަސްތައް ޢީދުތަކެއްކަމުގައި ހަދާ ކޮންމެ އަހަރަކު ތަކުރާރުކޮށް ފާހަގަކުރުމަކީ ބިދުޢައެކެވެ. އިސްލާމްދީނުގައި ދެ ޢީދު ފިޔަވާ އިތުރު ޢީދެއް ނުވެއެވެ. އެއީ ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ.
ފަހެ މިކަންކަމުގެ ޙައްޤުގޮތް އެނގިފައިވާ މީހުންގެ މައްޗަށް އޮތީ އަލަށް ފާހަގަކުރެވޭ މިދުވަސްތައް ފާހަގަކުރާ މީހުންނަށް މަޑުމައިތިރިކަމާ އެކީ ނަޞީޙަތްތެރިވެ އިރުޝާދު ދިނުމެވެ.
ފަހެ އެއްގޮތަކީ އެފަދަ ދުވަސްތައް ފާހަގަކުރާމީހުން އެކަންތައްކުރުން ހުއްޓާލުމެވެ. ނޫންނަމަ އެފަދަ މީހުން ބެލެވޭނީ ބިދުޢައެއްގެ މައްޗަށް ޘާބިތުވެގެން ތިބޭ ފާފަވެރި ބައެއްގެ ގޮތުގައެވެ.
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ
عبد العزيز بن عبد الله بن باز
بكر أبو زيد
عبد العزيز آل الشيخ
صالح الفوزان
عبد الله بن غديان
عبد الرزاق عفيفي
_____________________________________________
[1] ޢީދު: މިއީ ޢާންމު ގޮތެއްގައި މީސްތަކުން އެކަމަކަށްޓަކައި ޖަމާވާ ކަންތައްތަކަށް ކިޔާ ނަމެކެވެ. އެއީ އަހަރަކު އެއްފަހަރު ނުވަތަ ހަފްތާއަކު އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު ނުވަތަ އެފަދަ ގޮތަކަށެވެ.
ބައްލަވާ: اقتضاء الصراط المستقيم لإبن تيمية
[2] ޝިއްމިއްނަސީމް: މިއީ ނަޞާރާއިންގެ ޢީދެއްކަމުގައިވާ ‘އީސްޓަރ’ އަށް ފަހު މިސްރުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެކެވެ.
މިފަތުވާގެ އަޞްލު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން