[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގޭގެއަށް ޒިޔާރަތްކުރުމުގެ އަދަބުތައް (1)

permissionﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

((يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ‌ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ‌ لَّكُمْ لَعَلَّكُمْ تَذَكَّرُ‌ونَ ﴿٢٧﴾ فَإِن لَّمْ تَجِدُوا فِيهَا أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ارْ‌جِعُوا فَارْ‌جِعُوا ۖ هُوَ أَزْكَىٰ لَكُمْ ۚ وَاللَّـهُ بِمَا تَعْمَلُونَ عَلِيمٌ ﴿٢٨﴾ لَّيْسَ عَلَيْكُمْ جُنَاحٌ أَن تَدْخُلُوا بُيُوتًا غَيْرَ‌ مَسْكُونَةٍ فِيهَا مَتَاعٌ لَّكُمْ ۚ وَاللَّـهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ ﴿٢٩﴾)) النور 27 – 29

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންގެ އިޛުނަ ހޯދައި ސަލާމްކޮށްފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. ފަހެ، އެ ގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް އިޛުނަ ދެވިއްޖައުމަށްދާނދެން އެ ގެތަކަށް ތިޔަބައިމީހުން ނުވަންނާށެވެ! އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އެގޮތް ތިޔަބައިމީހުންނަށް ޠާހިރުކަންބޮޑެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެ ގެތަކުގައި ތިޔަބައިމީހުންނަށް ބޭނުމެއްވާ، އަދި މީހުންނޫޅޭ (ފަޅު) ގެތަކަށް ތިޔަބައިމީހުން ވަނުމަކުން، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި، ވަންހަނާކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ.”

އާޔަތުގެ އިޖުމާލީ މާނަ:

ހައްދަވާ ގެންގުޅުއްވާ މަތިވެރިވެގެންވާ އިލާހު، އެއިލާހުގެ މުއުމިނު އަޅުން އަދަބުވެރިކޮށްދެއްވަނީ އެންމެ މަތިވެރިވެގެންވާ އަދަބުތަކުންނެވެ. ހެޔޮ ރަނގަޅު އަދަބުތަކުން ޒީނަތްތެރިވުމަށް އެއިލާހު އެބައިމީހުންނަށް އަންގަވައެވެ. ފަހެ، މިއާޔަތްތަކުގައި އެއިލާހު މުއުމިނުންނަށް އަމުރުމިކުރައްވަނީ މީސްތަކުންގެ ގެތަކަށް ވަނުމަށް އެދޭނަމަ އިޛުނަ ހޯދުމަށެވެ. އަދި އިޛުނަ ހޯދުމުގައި މަޑިމައިތިރިވުމަށެވެ. އަދި އެ ގެއެއްގެ އަހުލުވެރިންނަށް ސަލާމް ގޮވުމަށެވެ. އެހެނީ، ސަލާމްގޮވުމުގެ ސަބަބުން އެކަކު އަނެކަކު ދެކެ ލޯބިވުމަށާއި، އުފާވެރިކަމަށާއި، ބާއްޖަވެރިކަމަށް މަގުފަހިކުރުވައެވެ. އަދި އެއިލާހު މީސްތަކުންނަށް ނަހީ ކުރައްވާފައިވަނީ އިޛުނައާނުލައި މީސްތަކުންގެ ގެތަކަށް ނުވަނުމަށެވެ. އެއީ އިޛުނަ ނުހޯދައިވަނުމުގެ ސަބަބުން އެ ގެއެއްގެ އަހުލުވެރިން އެހެންމީހުންނަށް ފެނުމަށް ހިތްނުރުހޭކަންކަން ފެނިގެން ހިނގައިދާނެތީއެވެ. އަދި މީސްތަކުންގެ ޢައުރަތައް ފެނިގެން ހިނގައިދާނެތީއެވެ. އަޅުގަނޑުމެންނަށް އެނގިގެންވާފަދައިން މީސްތަކުން ގޭތެރޭގައި އުޅޭގޮތް ތަފާތެވެ. އަންހެން ކަނބަލުން، އެކަނބަލުންގެ މަޙުރަމުންގެ ކުރިމަތީގައި ބުރުގާ ނަގައިގެން އުޅުމާއި، ގޭގައި އުޅޭ މީހުން ފިޔަވައި އެހެންމީހުންނަށް ފެންނަން ނޭދޭގޮތަށް ހެދުމާއި، އިސްތަށިގަނޑުހުރެއެވެ. އަދި ހަމައެފަދައިން ފިރިހެން ބޭފުޅުންވެސް ގޭގައި އުޅޭގޮތް ތަފާތުވެގެންވެއެވެ. މި ފަދަ ޙާލަތްތަކުގައި ހުރެ، އިޛުނަ ނުހޯދައި ގެއަށް ވަނުމުގެ ސަބަބުން އެއަންނަމީހަކަށް މިފަދަ މަންޒަރުތައް ފެނުމަކީ އެ ގެއެއްގެ އަހުލުވެރިން ހިތްހަމަޖެހޭނެކަމެއް ނޫނެވެ. އަދި އެކަން ވެގެންދާނީ އެގޭގެ އަހުލުވެރިންގެ ޢިއްފަތަށާއި، ސިއްރުތަކަށް އަރައިގަނެވޭ އަރައިގަތުމަކަށެވެ. އެބައިމީހުންގެ ގޭގެ ޙުރުމަތް ކަނޑާލެވޭ ކަނޑާލުމަކަށެވެ. އެހެންކަމުން، މިކަންކަމުން މީސްތަކުން ސަލާމަތްކުރެއްވުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ މި އާޔަތްތަކުގައި މިއަންގަވަނީ އިޛުނަ ހޯދުމަށެވެ. އިޛުނަ ނުލިބިއްޖެނަމަ އެ ގެއަކަށް ނުވަދެ އެނބުރި ދިޔުމަށެވެ. އޭގެ ބަދަލުގައި އިޛުނަ ލިބެންދެން ގިނައިރު ވަންދެން އެ ގޭކައިރީ ހުރުމާއި، ގޮވުމާއި، އެނޫން ކަންކަން ކުރުމަކީ އެގޭގެ އަހުލުވެރިންނަށް ކުރެވޭ އުނދަގުލެކެވެ. ފަހަރެއްގައި ވަގުތުގެ ގޮތުން މެހެމާނަކަށް މެހެމާންދާރީ އަދާނުކުރެވޭފަދަ ވަގުތަކަށް އެވަގުތުވާތީވެ، އެހަށް ދިޔުމަށް ބުނަންނުކެރިވެސް ހުރެދާނެއެވެ. އިޛުނަ ހޯދުމަށް އިސްލާމްދީނުގައި އައިސްފައިވަނީ 3 ފަހަރުއެވެ. 3 ފަހަރުންވެސް އިޛުނަ ނުލިބިއްޖެނަމަ އެ ގެއަކަށް ނުވަދެ ޖެހޭނީ ދާށެވެ. މިކަމުގެ ދަލީލުތައް އަދި ފަހުން އަންނަ ހުއްޓެވެ. إن شاء الله.

އަދި އެގެއެއްގެ އަހުލުވެރިން ގެއިންބޭރުގައި ވަނިކޮށް ކުރިއާލައި އިޛުނަ ހޯދައިފައިނުވާޙާލު އެގެއަކަށް ވަނުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އެހެނީ، މީސްމީހުންގެ ގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަނެކެވެ. ފަހަރެއްގައި އެގޭގެ އަހުލުވެރިން އެހެންމީހުންނަށް ފެންނަން ނޭދޭ މުދަލެއް ނުވަތަ އެއްޗެއް އެގޭގައި އޮވެދާނެއެވެ. ނުވަތަ އެގެއިން އެއްޗެއް ގެއްލިއްޖެނަމަ، އެ ގޭގެ އަހުލުވެރިންގެ އިޛުނައާނުލައި ވަންނަމީހާއަށް އެކަމުގެ ތުހުމަތު ކުރެވިދާނެއެވެ. އިސްލާމްދީނުގައި މިފަދަ ރިވެތި އަދަބުތައް ކަނޑައަޅުއްވާފައިވަނީ މިފަދަ ފިތުނަ ފަސާދަތަކުން މީސްތަކުން ދުރުހެލިކުރުމަށްޓަކައެވެ. މީސްތަކުގެ މެދުގައި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށްޓަކައެވެ.

އަދި މީހުން ދިރި ނޫޅޭ ފަޅުގެތަކަށް، ބޭނުމަކަށްޓަކައި ވަންނަންޖެހިއްޖެ ޙާލަތެއްގައި އިޛުނައާނުލައި ވަނުމަކީ މަނާވެގެންވާ ކަމެއް ނޫނެވެ.

ޝަރުޢީ ޙުކުމްތައް:

(1) ސަލާމްގޮވުން ވަނީ އިޛުނަ ހޯދުމަށްފަހުގައިތަ ނޫނީ އިޛުނަ ހޯދުމުގެ ކުރިންތަ؟

އިޛުނަ ހޯދުމަކީ ގޭތެރެއަށް ވަނުމުގެ ހުއްދަ ހޯދުމެވެ. ސަލާމްގޮވުމަކީ އެ ގޭގެ އަހުލުވެރިންނަށް السلام عليكم ނުވަތަ السلام عليكم ورحمة الله وبركاته ބުނުމެވެ. އެހެންކަމުން އިޛުނަ ހޯދުމާއި، ސަލާމްގޮވުމަކީ ފަރަޤުހުރި ދެކަމެކެވެ. އާޔަތުގައި ﷲ ވަނީ މި ދެކަންވެސް ކުރުމަށް އަންގަވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވަނީ ((يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ‌ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا ۚ)) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންގެ އިޛުނަ ހޯދައި ސަލާމްކޮށްފުމަށްދާނދެން ނުވަންނާށެވެ!”

އާޔަތުގެ ބޭރުފުށުން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ ސަލާމްގޮވުމުގެ ކުރިން އިޛުނަ ހޯދަންޖެހޭކަމެވެ. މި ބޭރުފުށުން ދޭހަކޮށްދޭ މާނައާއެއްގޮތަށް ބައެއް ޢިލްމުވެރިން ވިދާޅުވަނީ ސަލާމްގޮވުމުގެ ކުރިން އިޛުނަ ހޯދަންޖެހޭނެކަމަށެވެ. އެހެންނަމަވެސް ފިޤުހު ޢިލްމުވެރިންގެ ތެރެއިން ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ އިޛުނަ ހޯދުމުގެ ކުރިން ސަލާމްގޮވަންޖެހޭނެކަމަށެވެ. އަންނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޞައްޙަވެގެންވާ އަދި އިޚްތިޔާރުކުރެވޭ ގޮތަކީ އިޛުނަ ހޯދުމަށްވުރެ ކުރިން ސަލާމްގޮވުމެވެ. ޙަދީޘްގައިވާ ފަދައިންނެވެ. ((السَّلامُ قَبْلَ الكَلاَمِ)) މާނައީ: “ވާހަކަދެއްކުމުގެކުރިން ވަނީ ސަލާމްގޮވުމެވެ.”” މި ޙަދީޘަކީ އިމާމް އައްތިރުމިޛީ އެކަލޭގެފާނުގެ ސުނަނުގައި ޖާބިރު ބިން ޢަބްދިﷲ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެކެވެ. މި ޙަދީޘާމެދުގައި ވިދާޅުވެފައިވެއެވެ. “މިއީ މުންކަރު ޙަދީޘެކެވެ.” އަދި ސިލްސިލަތުއް ޟަޢީފާގައި ޝެއިޚް އަލްއަލްބާނީ މިއީ މައުޟޫޢު ޙަދީޘެއްކަމުގައި ވިދާޅުވެފައިވެއެވެ. މައުޟޫޢު ޙަދީޘަކީ ރަސޫލާގެ މައްޗަށް ހަދާފައިވާ ދޮގު ޙަދީޘެވެ. ނުވަތަ ދޮގެއްކަމަށް ބުރަވެވޭ ޙަދީޘެވެ. އެހެންނަމަވެސް މި މާނާގައި އެހެން ޙަދީޘްތައް އައިސްފައިވުމުން މި ޙަދީޘްގެ މިޖުމްލަ ޙަސަން ދަރަޖައަށް ފޯރައެވެ. އެގޮތުން އައިސްފައިވެއެވެ. ((لاَ تَأْذَنُوا لِمَنْ لَمْ يَبْدَأُ بِالسَّلاَمِ)) މާނައީ: “ސަލާމްގޮވުމުން ނުފަށާމީހަކަށް ތިޔަބައިމީހުން އިޛުނަ ނުދޭށެވެ.” އަދިވެސް އައިސްފައިވެއެވެ. ((السَّلاَمُ قَبْلَ السُّؤَالِ؛ فَمَنْ بَدَأَكُمْ بِالسُّؤَالِ قَبْلَ السَّلاَمِ فَلاَ تُجِِيْبُوهُ)) މާނައީ: “(ކަމަކަށް) އެދުމުގެކުރިން ވަނީ ސަލާމްގޮވުމެވެ. ފަހެ، ސަލާމްގޮވުމުގެ ކުރިން ތިޔަބައިމީހުންކުރެ ކަމަކަށް އެދޭމީހާއަށް އިޖާބަނުދޭށެވެ.” (ބައްލަވާ: އައްސިލްސިލަތުއް ޞަޙީޙާ: ޙަދީޘް ނަންބަރު: 816 އަދި 817).

އިޛުނަ ހޯދުމުގެ ކުރިން ސަލާމް ގޮވަންޖެހޭނެކަމަށް ޖުމްހޫރު ޢިލްމުވެރިން ނަންގަވަނީ އަންނަނިވި ދަލީލުތަކެވެ.

* އިމާމް އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި، އަދި އިމާމް އަލްބުޚާރީ އަދަބް އަލްމުފްރަދުގައި ގެންނަވާފައިވާ ޙަދީޘެއްގައި ވެއެވެ. ބަނޫ ޢާމިރުގެ މީހަކު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ވަނުމަށް އިޛުނަ ހޯއްދެވިއެވެ. އެމީހާ ބުންޏެވެ. “(أَأَلِجُ؟) ތިމަން ވަންނަންތޯއެވެ؟” ފަހެ، އެހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ ޚާދިމުއަށް ޙަދީޘް ކުރެއްވިއެވެ. “މި މީހާގެ ކައިރިއަށްދާށެވެ! ފަހެ، އެމީހާއަކަށް އިޛުނަ ހޯދާކަށް ނޭނގެއެވެ؟ މިފަދައިން ބުނާށޭ އެމީހާއަށް ބުނާށެވެ. السَّلَامُ عَلَيْكُمْ ތިމަން ވަންނަންތޯއެވެ؟” މި ޙަދީޘަކީ ޞައްޙަ ޙަދީޘެއްކަމުގައި ޝައިޚް އަލްއަލްބާނީ ރަޙިމަހުﷲ ސިލްސިލަތުއް ޞަޙީޙާގައި އަދި ޞަޙީޙު އަދަބް އަލްމުފްރަދުގައި ވިދާޅުވެފައިވެއެވެ. (انظر: السلسلة الصحيحة: رقم الحديث: 1170 و 2712، وصحيح الأدب المفرد: رقم الحديث: 830)

* އަދި ކުރިން ބަޔާންކުރެވުނު ޙަދީޘްތައް ހިމެނެއެވެ. ((لاَ تَأْذَنُوا لِمَنْ لَمْ يَبْدَأُ بِالسَّلاَمِ)) މާނައީ: “ސަލާމްގޮވުމުން ނުފަށާމީހަކަށް ތިޔަބައިމީހުން އިޛުނަ ނުދޭށެވެ.” ((السَّلاَمُ قَبْلَ السُّؤَالِ؛ فَمَنْ بَدَأَكُمْ بِالسُّؤَالِ قَبْلَ السَّلاَمِ فَلاَ تُجِِيْبُوهُ)) މާނައީ: “(ކަމަކަށް) އެދުމުގެކުރިން ވަނީ ސަލާމްގޮވުމެވެ. ފަހެ، ސަލާމްގޮވުމުގެ ކުރިން ތިޔަބައިމީހުންކުރެ ކަމަކަށް އެދޭމީހާއަށް އިޖާބަނުދޭށެވެ.”

* އިބްނު އަބީ ޝައިބާގެ މުޞައްނަފުގައި ގެންނަވާފައިވާ އަޘަރެއްގައިވެއެވެ. ޒައިދު ބުން އަސްލަމް ވިދާޅުވިއެވެ. “އިބްނު ޢުމަރުގެ އަރިހަށް، ތިމަންގެ ބައްޕަ ތިމަން ފޮނުވިއެވެ. ތިމަން ބުނީމެވެ. ވަންނަންތޯއެވެ؟ އެހިނދު އިބްނު ޢުމަރު ވިދާޅުވިއެވެ. ތިފަދައިން ނުބުނާށެވެ! އެހެންނަމަވެސް ބުނާށެވެ. السلام عليكم، ތިބާއަށް ސަލާމުގެ ޖަވާބު ލިބިއްޖެނަމަ ވަންނާށެވެ.” (مصنف ابن أبي شيبة: رقم الحديث: 25675)

އަދި ބައެއް ޢިލްމުވެރިން ދެ ޙާލަތް ތަފާތު ކުރައްވައެވެ. ބައެއް ޙާލަތްތަކުގައި އިޛުނަ ހޯދުމުގެ ކުރިއަށް ސަލާމްގޮވުން އިސްކުރައްވައެވެ. އަދި ބައެއް ޙާލަތްތަކުގައި ސަލާމްގޮވުމުގެ ކުރިއަށް އިޛުނަ ހޯދުން އިސްކުރައްވައެވެ. އެގޮތުން އެ އަންނަމީހާއަށް އެ ގޭގެ އަހުލުވެރިންގެ ތެރެއިން މީހަކު ފެންނަންހުރިނަމަ އެންމެ ފުރަތަމަ ސަލާމްގޮވާނީއެވެ. އޭގެފަހުގައި ވަނުމުގެ އިޛުނަ ހޯދާނީއެވެ. އަދި ގޭގެ އަހުލުވެރިންގެ ތެރެއިން މީހަކު ފެންނަން ނެތްނަމަ ސަލާމްގޮވުމުގެ ކުރިއަށް އިޛުނަ ހޯދުން އިސްކުރާނީއެވެ. މިއީ އަލްމާވަރުދީ ރަޙިމަހުﷲ އިޚްތިޔާރު ކުރައްވާފައިވާގޮތެވެ. އަދި މިއީ ހުރިހާ ދަލީލުތައް ޖަމާކުރެވިފައިވާ ރައުޔެކެވެ.

ވަނުމަށް ހޯދާ އިޛުނަ ހޯދުމުގައި ‘އަހަރެން ވަންނަންތޯއެވެ؟’ ފަދަ ޞަރީޙަބަހެއް ބޭނުންކުރުމަކީ އިޛުނަ ހޯދުމުގެ ޝަރުޠެއް ނޫނެވެ. އެގޮތުން އިޛުނަ ހޯދުމުގެ ގޮތުން ތަކްބީރު، ނުވަތަ ތަސްބީޙަ، ނުވަތަ ތަޙްމީދު ކިޔުން، ނުވަތަ ކަރުކެހިލުންފަދަ  އިޛުނަޔަށް އެދޭކަން ފާޅުވާފަދަ ކަމެއްކުރުމުން އިޛުނައަށް އެދެވުނީކަމުގައި ބެލެވޭނެއެވެ. އަދި ޚާއްޞަކޮށް މިޒަމާނުގައި އިޛުނައަށް އެދުމުގެގޮތުން ޓަކިޖެހުމާއި، ގޭގޭގައި ހަރުކޮށްފައިހުންނަ އަޑުގޮވާ ވަޞީލަތްތަކުންވެސް އިޛުނައަށް އެދުން ފުރިހަމަވާނެއެވެ. والله أعلم. (ނުނިމޭ)

_______________________

މަރުޖިޢު:

(1) روائع البيان تفسير آيات الأحكام: محمد علي الصابوني.

މި ލިޔުމުގެ އިތުރު ބައިތަށް ބެއްލެވުމަށް