[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަރިވެގަތުމުގެ އިޚްތިޔާރު އަނބިމީހާއަށްވެސް ލިބިގެންވެއެވެ.

عن ابن عباس رضي الله عنهما قال: “جَاءَتْ امْرَأَةُ ثَابِتِ بِنْ قَيْسِ بِنْ شَمَّاسٍ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ: يَا رَسُوْلَ اللَّهِ مَا أًنْقِمُ عَلَى ثَابِتٍ فِيْ دِيْنٍ وَلَا خُلُقٍ، إِلَّا أَنِّيْ أَخَافُ الْكُفْرَ، فَقَالَ رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : فَتَرُدِّيْنَ عَلَيْهِ حَدِيْقَتَهُ؟ فَقَالَتْ: نَعَمْ. فَرَدَّتْ عَلَيْهِ، وَأَمَرَهُ فَفَارَقَهَا”. (رواه البخاري في الطلاق باب 12).

 ޙަދީޘުގެ މާނަ

ﷲ ތަޢާލާ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. ޘާބިތު ބިން ޤައިސް ބިން ޝައްމާސްގެ އަނބިމީހާ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ (ޞައްލަﷲ ޢަލައިހިވަސައްލަމަ) އެވެ! ޘާބިތުގެ ދީންވެރިކަމާއި އަޚްލާޤަކަށް، އަހުރެން ދެކޮޅުހަދައި ޢައިބު ނުބުނަމެވެ. ނަމަވެސް ފިރިމީހާގެ ޙައްޤު އަދާނުކުރާމީހުންގެ ތެރެއިންވެދާނެކަމަށް ބިރުވެތިވަމެވެ. ދެންފަހެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ކަނބުލޭގެ އޭނައަށް، އޭނަގެ ދަނޑު އަނބުރާ ރައްދުކުރާނަމުތޯއެވެ؟ އެ އަންހެންމީހާ ދެންނެވިއެވެ. އާދޭހެވެ. އަދި އޭނާ ދަނޑު އަނބުރާ ރައްދުކުރިއެވެ. އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަމުރުކުރެއްވުމުން ޘާބިތު (ރަޟިޔަﷲ ޢަންހު) އެ އަންހެންމިހާ ވަރިކުރިއެވެ.

ތަފްޞީލީ މާނަ

އިސްލާމްދީނުގައި އައިސްފައިވާ ލުއިފަސޭހަތަކަކީ އޭގައި ޙަޔާތުގެ ހުރިހާ ދާއިރާއެއް ޝާމިލުވާއެއްޗެކެވެ. އަޅުކަންތައް ކަމުގައިވިޔަސް އަދި މުޢާމަލާތްތައް ކަމުގައިވިޔަސްމެއެވެ.

މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގި ބަޔާންވެގެންދަނީ ފިރިމީހާއާއެކު ނުއުޅެވޭވަރުގެ، ޝަރުޢުގައި ޤަބޫލުކުރެވޭ ވަރުގެ ޢުޛުރެއް އޮވެއްޖެނަމަ، އެވޭނުގައި ދެމިހުރުމަކީ އަންހެންމީހާއަށް މަޖުބޫރުކަމެއް ނޫންކަމެވެ. ފިރިމީހާއަށް، އެދެމީހުން އެއްބަސްވާ އެއްޗެއް ދިނުމަށްފަހު ވަރިވުމުގެ ފުރުސަތު އަންހެންމީހާއަށް އެފަދަ ޙާލަތެއްގައި އޮތްކަމެވެ. އެއީ އެމީހަކާއެކު، ﷲއަންގަވާފައިވާގޮތުގައި ދުނިޔަވީޙަޔާތް ވޭތުކުރަން ފަސޭހަވާނޭފަދަ ބައިވެރިއަކު، އެދެމީހުންނަށްވެސް ﷲ ތަޢާލާ ދެއްވާތޯއެވެ. މިފަދަ ޙާލަތެއްގައި ވަރިނުކޮށް އެއަންހެންމީހާ ގަދަކަމުން ބެހެއްޓުމުގެ އިޚްތިޔާރެއް ފިރިމީހާއަކަށް ނޯންނާނެއެވެ. އޭނާއަށް އޮތީ ﷲއާއި އެއިލާހުގެ ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ އަންގަވާފައިވާގޮތަށް ޢަމަލުކުރުމެވެ.

“ނަމަވެސް ފިރިމީހާގެ ޙައްޤު އަދާނުކުރާމީހުންގެ ތެރެއިންވެދާނެކަމަށް ބިރުވެތިވަމެވެ.” މިފަދައިން އެކަމަނާ ވިދާޅުވުމުން އެނގިގެންދަނީ، ޘާބިތު ބިން ޤައިސް ރަޟިޔަﷲ ޢަންހުގެ ބުރުސޫރަ ހުތުރުވުމާއެކުވެސް އެކަމަނާ ކެތްކުރެވޭތޯ މަސައްކަތް ކުރެއްވިކަމެވެ. ނަމަވެސް އެކަމަނާ ވަރިއަށް އެދިލެއްވީ، ފިރިމީހާއަށް ހެޔޮކޮށްހިތައި ކިޔަމަންތެރިވުމުގައި ފަރުވާކުޑަކުރެވި، ފިރީންނަށް ނުކިޔަމަންތެރިވާ މީހުންގެތެރެއިން ވެދާނެކަމަށް ބިރުހީވުމުންކަމެވެ.

އެކަމާނާގެ ވާހަކަ އަޑުއެއްސެވުމަށްފަހު، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަނބުލޭގެ އޭނައަށް، އޭނަގެ ދަނޑު އަނބުރާ ރައްދުކުރާނަމުތޯއެވެ؟” އެއީ ޘާބިތު ރަޟިޔަﷲ ޢަންހު ރަނެއްގެ ގޮތުގައި އެކަމަނާއަށް ދެއްވާފައިވާ އެއްޗެކެވެ. ދެން އެކަމަނާ އެ ދަނޑު ރައްދުކުރެއްވުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަމުރަށް ތަބަޢަވެ، ޘާބިތު ރަޟިޔަﷲ ޢަންހު އެކަމަނާ ވަރިކުރިއެވެ.

މިއާއި ޚިލާފަށް، އެއްވެސް މަޤުބޫލު ޢުޛުރެއްނެތި ފިރިމީހާގެ ކިބައިން ވަރިއަށް އެދޭ އަންހެނުންނާ ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. أَيَّمَا امْرَأَةٍ سَأَلَتْ زَوْجَهَا الطَّلَاقَ مِنْ غَيْرِ مَا بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّةِ “އެއްވެސް (މަޤުބޫލު) ޢުޛުރެއްނެތި އޭނާގެ ފިރިމީހާގެ ކިބައިން ވަރިއަށްއެދޭ އަންހެނަކަށް ސުވަރުގޭގެ ވަސްވެސް ޙަރާމްވާހުއްޓެވެ. (އެބަހީ ނުލިބޭހުއްޓެވެ.)”

މި ޙަދީޘުންލިބޭ ބައެއް ފައިދާތައް

1. ފިރިމީހާ، އެކުގައި އުޅެން ބޭނުންވިޔަސް، އަނބިމީހާ ވަރިވާން ބޭނުންވެއްޖެނަމަ ޚުލްޢުކުރުން ހުއްދަވެގެންވާކަން. (ޚުލްޢުވަރިޔަކީ ޙަދީޘްގައިވާ ފަދައިން، އަނބިމީހާ ފިރިމީހާއަށް އެއްޗެއް ދީގެން، ރުޖޫޢަނުކުރެވޭގޮތަށް ވެވޭ ވަރިއެކެވެ. އެދެމީހުން އަލުން ގުޅެން ބޭނުންނަމަ ޖެހޭނީ އާ ކައިވެންޏެއް ކުރާށެވެ.)

2. އަނބިމީހާ ވަރިއަށް އެދިއްޖެހިނދު، ބަދަލެއްގެ ގޮތުގައި އެއްޗެއް ނެގުން ފިރިމީހާއަށް ހުއްދަވާނެކަން.

3. އަނބިމީހާ ނުރުހިގެން (ޚުލްޢު)ވަރިއަށް އެދުމުންވެސް އޭނާ ވަރިނުކޮށް ހިފަހައްޓަން އުޅުމަކީ މުރޫވަތާ ޚިލާފުކަމެއްކަން.

4. އަނބިމީހާ މަޤުބޫލު ޢުޛުރެއް ހުށަހަޅައިފިނަމަ، ވަރިކޮށްދިނުން ފިރިމީހާއަށް މަޖުބޫރުވާނެކަން.