ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަން ބޭނުންކަމުގައިވަނީނަމަ : –
4. ޙަލާލު ތަކެތި ފިޔަވައި އެހެން އެއްޗެއް ނުކެއުމަށް ސަމާލުވާށެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. أَيُّهَا النَّاسُ إِنَّ اللهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا وَإِنَّ اللهَ أَمَرَ الْمُؤْمِنِيْنَ بِمَا أَمَرَ بِهِ الْمُرْسَلِيْنَ فَقَالَ { يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ} (المؤمنون: 51 ) وَقَالَ { يَا أَيُّهَا الَّذِينَ آمَنُواْ كُلُواْ مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُواْ لِلّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ} (البقرة: 172 ) ” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ﷲ ތަޢާލާއަކީ ހުރިހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ. އަދި އެއިލާހު ހެޔޮ (ރަނގަޅު) އެއްޗެއް މެނުވީ ޤަބޫލެއްނުކުރައްވަތެވެ. އެއިލާހު މުއުމިނުންނަށްވެސް އަމުރުކުރައްވަވަނީ އެއިލާހުގެ ރަސޫލު ބޭކަލުންނަށް އަމުރު ކުރެއްވެވި ކަންތައްތަކެވެ. (ރަސޫލު ބޭކަލުންނާއި މުޚާޠަބު ކުރައްވަވައި) ވަޙީ ކުރައްވަވާފައިވެއެވެ. ‘ އޭ އެންމެހައި ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ. އަދި ޞާލިހު ޢަމަލު ކުރައްވާށެވެ. ހަމަކަށަވަރުން ތިމަންއިލާހީ، ތިޔަބޭކަލުން ކުރައްވާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.’ އަދި (މުއުމިނުންނާއި މުޚާޠަބު ކުރައްވަވައި) ވަޙީކުރައްވަވާފައިވެއެވެ. ‘ އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ތިމަން އިލާހު ދެއްވަވާފައިވާ ޙަލާލު ރިޒުޤުން ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ.’ ثُمَّ ذَكَرَ الرَّجُلَ يُطِيْلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبُّ يَا رَبُّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِّيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ ؟ އެއަށްފަހު އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. ބޯހޭވި ހިރަފުހުންތަތްތެޅިފައިވާ މީހަކު އޭނާގެ ދެއަށް މައްޗަށް ނެގުމަށްފަހު، އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! ބުނެ ދުޢާ ކުރެތެވެ. ނަމަވެސް އޭނާގެ ކާއެއްޗެއްސަކީ ޙާރާމް އެއްޗިއްސެވެ. އަދި އޭނަ ބޯންގެންގުޅެނީ ޙަރާމް އެއްޗިއްސެވެ. އޭނަ ލާން ގެންގުޅޭ ފޭރާމަކީ ޙަރާމް ގޮތުގައި ހޯދާފައިވާ އެއްޗިއްސެވެ. އަދި އޭނާގެ ޖިސްމު ހެދިބޮޑުވެފައިވަނީ ޙަރާމް އެއްޗެހި ކައިގެންނެވެ. އެފަދަ މީހެއްގެ ދުޢާ އިޖާބަކުރެވޭނީ ކިހިނަކުންހެއްޔެވެ؟ (ޞަޙީހް މުސްލިމް)
ސަޢުދް ބިން އަބީ ވައްޤާޞް ރަޟިޔަﷲ ޢަންހަކީ އެކަލޭގެފާނުގެ ދުޢާ، ﷲތަޢާލާ ވަގުތުން އިޖާބަކުރައްވަވާ ކަމަށް މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލެކެވެ. އެކަލޭގެފާނު ދުޢާއެއް ކުރައްވަވައިފިނަމަ، ލަސްތަކެއްނުވެ އެކަލޭގެފާނުގެ ދުޢާ އިޖާބަވެގެންދެއެވެ. މިކަމުގެ ސިއްރާއި ބެހޭގޮތުން އެކަލޭގެފާނާއި ސުވާލު ވެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. “ކިހިނަކުން ހޯދާފައިވާ އެއްޗެއްތޯ ބެއްލެވުމަށްފަހު މެނުވީ ތިމަންކަލޭގެފާނު އެއްވެސް އެއްޗެއް ފަރިއްނުކުޅުއްވަމެވެ.”
5. ﷲއާއި މެދު ރަނގަޅަށް ވިސްނާށެވެ. ތިމާއާމެދު ކަންތައްވެގެންދާނީ އަބަދުވެސް ރަނގަޅަށް ކަމަށް ވިސްނާށެވެ. ތިމާއަށް ދެރަގޮތެއް އެއިލާހު މެދުވެރި ނުކުރައްވާނެކަން ޔަޤީން ކުރާށެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. اُدْعُوْا اللهَ وَأَنْتُمْ مُوْقِنُوْنَ بِالْإِجَابَةِ، فَإِنَّ اللهَ لَا يَسْتَجِيْبُ دُعَاءً مِنْ قَلْبٍ غَافِلٍ لَاهٍ (حسنه الألباني في صحيح الجامع) ” ތިޔަބައިމީހުންގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވާނެކަމުގެ ޔަޤީންކަމާއެކު ދުޢާކުރާށެވެ. ފަހެ ހަމަކަށަވަރުން ޣާފިލު، ޝައްކުން ފުރިގެންވާ ހިތަކުން ކުރާ ދުޢާ ﷲ އިޖާބަ ނުކުރައްވަވަތެވެ.” ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާ ﷲތަޢާލާ އިޖާބަ ނުކުރައްވަވަންވީ ކީއްވެތޯއެވެ؟ ތިބާއަކީ އެއިލާހުގެ އަމުރަށް ކިޔަމަންވާ، އެއިލާހުގެ ނަބިއްޔާ ނަމޫނާއަކަށްބަލާ، އެއިލާހު އެދީންފިޔަވައި އެހެންދީނެއް އަޅުތަކުންގެ ކިބައިން ޤަބޫލު ނުކުރައްވާނެކަމަށް އަންގަވާފައިވާ އިސްލާމްދީނުގެ އަހުލުވެރިއެކެވެ. ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާ ﷲތަޢާލާ އިޖާބަ ނުކުރައްވަވަންވީ ކީއްވެތޯއެވެ؟ އެއިލާހުވަނީ އެއިލާހުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ރަޙުމަތުން ބޭރު ކުރެވިގެންވާ މަލްޢޫނުގެ ދުޢާވެސް އިޖާބަކުރައްވާފައެވެ. ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ﷲ ތަޢާލާ އިޖާބަ ކުރައްވާނެކަން ޔާޤީންކުރާ ހާލު އެއިލާހަށް ދުޢާ ކުރާށެވެ.