[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 22 “ހަތަރުވަނަ ބަހުޘް”

qiyaamai vumuge

ހަތަރުވަނަ ބަޙުޘް

ރަސޫލުﷲ صلّى الله عليه وسلّم ޚަބަރު ކުރައްވާފައިވާ، ޣައިބުގައިވާ މުސްތަޤްބަލުގެ ޚަބަރުތައް.

ހަމަކަށަވަރުން ޤިޔާމަތްވުމާ ހަމައަށް ހިނގާނޭ އެންމެހާ ކަންކަމުގެ ޚަބަރު ނަބިއްޔާ صلى الله عليه وسلم ވަނީ ދެއްވާފައެވެ. އަދި އެއީ ޣައިބުގައިވާ މުސްތަޤްބަލުގެ ޚަބަރުތަކުގެ ތެރެއިން އެކަލޭގެފާނަށް މާތް ﷲ އަންގަވާފައިވާ  ކަންކަމެވެ. މިބާބުގައިހުރި ޙަދީޘްތައް ގިނަގުނަވެގެން ވެއެވެ. މާނައިގެ ގޮތުން މުތަވާތިރު ދަރަޖައަށް މިޙަދީޘްތައް ފޯރާފައިވެއެވެ.

ފަހެ އޭގެތެރޭގައި ޙުޛައިފާ رضي الله عنه ރިވާކުރައްވާ ވިދާޅުވެފައިވާ [މިބަސްފުޅު] ހިމެނެއެވެ:

((لَقَدْ خَطَبَنَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ خُطْبَةً، مَا تَرَكَ فِيهَا شَيْئًا إِلَى قِيَامِ السَّاعَةِ إِلاَّ ذَكَرَهُ؛ عَلِمَهُ مَنْ عَلِمَهُ وَجَهِلَهُ مَنْ جَهِلَهُ، إِنْ كُنْتُ لأَرَى الشَّيْءَ قَدْ نَسِيتُهُ، فَأَعْرِفُهُ مَا يَعْرِفُ الرَّجُلُ الرَّجُلَ إِذَا غَابَ عَنْهُ فَرَآهُ فَعَرَفَهُ))[1]

މާނައީ: “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ތިމަން ބޭކަލުންނާ މުޚާޠަބު ކުރައްވާ ޚުޠުބާއެއް ދެއްވެވިއެވެ. ޤިޔާމަތް ވެއްޖައުމަށް ދާންދެން ހިނގާނެ އެއްވެސްކަމެއް އޭގައި ޛިކުރު ނުކުރައްވާ ދޫނުކުރައްވައެވެ. އެކަން އެނގިއްޖެ މީހަކަށް އެކަން އެނގިއްޖެއެވެ. އަދި ނޭނގުނު މީހަކަށް އެކަން ނޭނގުނެވެ. ތިމަންކަލޭގެފާނަށް ހަނދުމަނެތިފައިވާ އެފަދަ ކަމެއް މެދުވެރިވުމުން އެކަން އެނގެއެވެ. އެއީ ދަންނަ މީހަކު ދުރުތާކަށްގޮސް އައުމުން އޭނާ ފެނުމުން އެއީ އެމީހާކަން އެނގޭފަދައިންނެވެ.”

އަދިވެސް [ޙުޛައިފާ] رضي الله عنه ވިދާޅުވެފައި ވެއެވެ.

((أَخْبَرَنِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِمَا هُوَ كَائِنٌ إِلَى أَنْ تَقُومَ السَّاعَةُ، فَمَا مِنْهُ شَيْءٌ إِلاَّ قَدْ سَأَلْتُهُ، إِلاَّ أَنِّي لَمْ أَسْأَلْهُ: مَا يُخْرِجُ أَهْلَ الْمَدِينَةِ مِنَ الْمَدِينَةِ؟))[2] މާނައީ:

“ޤިޔާމަތް ޤާއިމްވެއްޖައުމަށް ދާންދެން ހިނގާނޭ އެންމެހާ ކަންކަމުގެ ޚަބަރު ރަސޫލުﷲ صلى الله عليه وسلم ތިމަންކަލޭގެފާނަށް ދެއްވިއެވެ. ފަހެ މަދީނާގެ އަހުލުވެރިން މަދީނާއިން ނެރެލެވެނީ ކިހިނެއް ކަމާ ބެހޭގޮތުން ފިޔަވައި އެންމެހާ ކަންތައްތަކާ މެދު އެކަލޭގެފާނާ ތިމަން ސުވާލު ދެންނެވީމެވެ.”

އަދި މިކަމަކީ ޙުޛައިފާ رضي الله عنه އަށް ޚާއްޞަވެގެންވީ ކަމެއް ނުމެނޫންމެއެވެ. ކިއެއްތޯއެވެ! ޤިޔާމަތް ޤާއިމްވެއްޖައުމާ ހަމައަށް ހިނގާނޭ ކަންކަމާއި ހިނގައިނިމިފައިވާ ކަންކަން އަޞްޙާބު ބޭކަލުންނަށް ބަޔާންކޮށްދިނުމަށްޓަކައި އެއްދުވަސް އެއްކޮށް ނަބިއްޔާ صلى الله عليه وسلم ޚުޠުބާ ދެއްވެވިކަން ކަށަވަރެވެ.

ފަހެ އަބޫޒައިދު ޢުމަރު ބިން އަޚްޠަބް އަލް-އަންޞާރީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((صَلَّى بِنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْفَجْرَ، وَصَعِدَ الْمِنْبَرَ، فَخَطَبَنَا حَتَّى حَضَرَتِ الظُّهْرُ، فَنَزَلَ فَصَلَّى، ثُمَّ صَعِدَ الْمِنْبَرَ، فَخَطَبَنَا حَتَّى حَضَرَتِ الْعَصْرُ، ثُمَّ نَزَلَ فَصَلَّى، ثُمَّ صَعِدَ، فَخَطَبَنَا حَتَّى غَرَبَت الشَّمْسُ، فَأَخْبَرَنَا بِمَا هُوَ كَائِنٌ، فَأَعْلَمُنَا أَحْفَظُنَا))[3]

މާނައީ: “ރަސޫލުﷲ صلى الله عليه وسلم ތިމަންމެންބޭކަލުންނާގެން ފަތިސްނަމާދު ކުރެއްވިއެވެ. އަދި މިންބަރަށް އަރައިވަޑައިގެން، މެންދުރުވެއްޖައުމަށް ދާންދެން ތިމަންމެންބޭކަލުންނަށް ޚުޠުބާ ދެއްވެވިއެވެ. ފަހެ [މިންބަރުން] ފައިބައި ވަޑައިގެން ނަމާދު ކުރައްވައި އެއަށްފަހު މިންބަރަށް އަރައިވަޑައިގެންނެވިއެވެ. ޢަޞުރުވެއްޖައުމަށް ދާންދެން ތިމަންމެންބޭކަލުންނަށް ޚުޠުބާ ދެއްވެވިއެވެ. އެއަށްފަހު ފައިބައިވަޑައިގެން ނަމާދު ކުރެއްވިއެވެ. އެއަށްފަހު [މިންބަރަށް] އަރައިވަޑައިގެންނެވިއެވެ. ފަހެ އިރު އޮއްސިއްޖައުމަށް ދާންދެން ތިމަންމެންބޭކަލުންނަށް ޚުޠުބާ ދެއްވައިފިއެވެ. [ޤިޔާމަތާ ހަމައަށް] ހިނގާނޭ ކަންކަމުގެ ޚަބަރު ތިމަންމެން ބޭކަލުންނަށް އެކަލޭގެފާނު ދެއްވިއެވެ. ފަހެ [އެކަންކަން] އެންމެ ރަނގަޅަށް ދަންނަނީ އަޅުގަނޑުމެންގެ ތެރެއިން އެންމެ  ރަނގަޅަށް އެވާހަކަތައް ދަސްވެވަޑައިގެންފައި ތިއްބެވި ބޭކަލުންނެވެ.”

އަދި ޙުޛައިފާ ބުނުލްޔަމާން رضي الله عنه ވިދާޅުވިއެވެ. ((وَاللهِ إِنِّي لأَعْلَمُ النَّاسِ بِكُلِّ فِتْنَةٍ هِيَ كَائِنَةٌ، فِيمَا بَيْنِي وَبَيْنَ السَّاعَةِ، وَمَا بِي إِلاَّ أَنْ يَكُونَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَسَرَّ إِلَيَّ فِي ذَلِكَ شَيْئًا، لَمْ يُحَدِّثْهُ غَيْرِي، وَلَكِنْ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ وَهُوَ يُحَدِّثُ مَجْلِسًا أَنَا فِيهِ عَنِ الْفِتَنِ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ يَعُدُّ الْفِتَنَ: «مِنْهُنَّ ثَلاَثٌ لاَ يَكَدْنَ يَذَرْنَ شَيْئًا، وَمِنْهُنَّ فِتَنٌ كَرِيَاحِ الصَّيْفِ؛ مِنْهَا صِغَارٌ، وَمِنْهَا كِبَارٌ»))

قَالَ حُذَيْفَةُ: ((فَذَهَبَ أُولَئِكَ الرَّهْطُ كُلُّهُمْ غَيْرِي))[4]

މާނައީ: “ﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިމަންނައާއި ޤިޔާމަތާ ދެމެދު ވާނޭހާ ކަމެއް، މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅަށް ދަންނަ ބޭކަލަކީ ތިމަންކަލޭގެފާނެވެ. އެފަދައިން ނުވާނީ ކިހިނަކުންތޯއެވެ. އެކަމުގައި ވަނީ ތިމަން ކަލޭގެފާނަށް ގިނަ ޚަބަރުތަކެއް ދެއްވާފައެވެ. ތިމަންކަލޭގެފާނު ފިޔަވައި އެހެން މީހަކަށް ކިޔައި ނުދެއްވަތެވެ. އެހެނެއްކަމަކު ތިމަންކަލޭގެފާނު އިން މަޖިލީހެއްގައި ޤިޔާމަތާ ބެހޭގޮތުން ޙަދީޘް ބަސްފުޅު ވިދާޅުވިއެވެ. ފަހެ ޤިޔާމަތުގެ ކަންކަން ޢަދަދު ކުރައްވަމުން ޙަދީޘްކުރެއްވިއެވެ. ‘އެކަންކަމުގެ ތެރޭގައި ގާތްގަނޑަކަށް ހަމަ އެކައްޗެއްވެސް ދޫ ނުކުރާނެފަދަ ތިންކަމެއް ވެއެވެ. އަދި އެކަންކަމުގެ ތެރޭގައި ހޫނު މޫސުމުގެ ވައި ފަދަ ފިތުނަތަކެއް ވެއެވެ. އޭގެތެރޭގައި ކުދި އަދި ބޮޑެތި [ކަންކަން] ހިމެނެއެވެ.'”

ޙުޛައިފާ -رضي الله عنه- ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ފިޔަވައި އެހުރިހާ ބޭކަލުން އަވަހާރަވެއްޖެއެވެ.”

ފަހެ މިއީ، ޤިޔާމަތް ޤާއިމްވެއްޖައުމަށް ދާންދެން ހިނގާނޭ އެންމެހާ ކަންކަމުގެ ޚަބަރު ނަބިއްޔާ صلى الله عليه وسلم ކުރައްވާފައިވާކަމުގެ މައްޗަށްހުރި ޞައްޙަ ދަލީލުތަކެވެ.

ޤިޔާމަތުގެ ޢަލާމާތްތަކަކީ ޣައިބުގެ ޚަބަރުތަކުގެ ތެރެއިން ބޮޑު ބައެއްކަމާ މެދު ޝައްކެއް ނެތެވެ. މިހެންކަމުން ޤިޔާމަތުގެ  ޢަލާމާތްތަކާ ބެހޭގޮތުން އައިސްފައިހުރި ޙަދީޘްތައް ގިނަގުނަވެގެން ވެއެވެ. އަދި އެޙަދީޘްތައް ނަޤުލު ކުރައްވާފައިވާ ޞަޙާބީންގެ ގިނަކަމާހުރެ އެކި އެކި ލަފްޒުތަކުން [މިޚަބަރުތައް] ރިވާވެފައި ވެއެވެ.

*******

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ

__________________________________________

[1] صحيح البخاري / كتاب القدر / باب وكان أمر الله قدرا مقدورا، و صحيح مسلم / كتاب الفتن وأشراط الساعة

[2] صحيح مسلم / كتاب الفتن وأشراط الساعة

[3] صحيح مسلم / كتاب الفتن وأشراط الساعة

[4] صحيح مسلم / كتاب الفتن وأشراط الساعة