ފަސްވަނަ ބަޙުޘް
ޤިޔާމަތްވުމުގެ ޢިލްމު
ކީރިތި ޤުރުއާނުގެ އާޔަތްތާކާއި ނަބަވީ ޙަދީޘް ބަސްފުޅުތަކުން ދަލީލު ލިއްބައިދޭގޮތުން، ޤިޔާމަތުގެ ޢިލްމުވަނީ ޣައިބުގެ ތެރެއިންނެވެ. އެކަމުގެ ޢިލްމު ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ލިބިގެން ނުވެއެވެ. ހަމަކަށަވަރުން ޤިޔާމަތްވުމުގެ ޢިލްމު ވަނީ ﷲ ތަޢާލާ އެކަލާނގެ ޛާތުފުޅަށް ޚާއްޞަ ކުރައްވާފައެވެ. ކުއްތަންވެގެންވާ މަލާއިކަތަކަށް އަދި ރިސާލަތާއިގެން ފޮނުއްވޭ ނަބިއްޔަކަށްވެސް އެކަން އެނގިގެން ނުވެއެވެ. ފަހެ ﷲ ތަޢާލާ ފިޔަވައި އެއްވެސް ފަރާތަކަށް ޤިޔާމަތް ޤާއިމްވާނީ ކޮންއިރަކުންކަމެއް އެނގިގެން ނުމެވޭމެއެވެ.
އަދި ޤިޔާމަތާއި އެދުވަހުގެ ބިރުވެރިކަމުގެ ވާހަކަ ޛިކުރުކުރެއްވުން ނަބިއްޔާ صلى الله عليه وسلم ގިނަކުރައްވައި އުޅުއްވިއެވެ. ޤިޔާމަތް ޤާއިމްވާނޭ ވަޤުތާބެހޭގޮތުން މީސްތަކުން ސުއާލުކޮށް އުޅުނޫއެވެ. ފަހެ އެކަމަކީ މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް އެނގިގެންނުވާ، ޣައިބުގެ [ކަމެއް ކަމުގައި] އެބައިމީހުންނަށް ޚަބަރުދެއްވައެވެ. އަދި ޤިޔާމަތްވުމުގެ ޢިލްމުވަނީ ﷲ ތަޢާލާ، އެކަލާނގެ ޛާތުފުޅަށް ޚާއްޞަ ކުރައްވާފައިވާ ކަމުގައި ބަޔާންކުރައްވާ ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލައްވައެވެ.
އޭގެ ތެރޭގައި ﷲ ތަޢާލާގެ [މި]ވަޙީ ބަސްފުޅު ވެއެވެ:
﴿يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا قُلْ إِنَّمَا عِلْمُهَا عِنْدَ رَبِّي لا يُجَلِّيهَا لِوَقْتِهَا إِلا هُوَ ثَقُلَتْ فِي السَّمَاوَاتِ وَالأرْضِ لا تَأْتِيكُمْ إِلا بَغْتَةً يَسْأَلُونَكَ كَأَنَّكَ حَفِيٌّ عَنْهَا قُلْ إِنَّمَا عِلْمُهَا عِنْدَ اللَّهِ وَلَكِنَّ أَكْثَرَ النَّاسِ لا يَعْلَمُونَ﴾ [سورة الأعراف: 187]
މާނައީ: “ޤިޔާމަތުގެ ވަޤުތާމެދު، އެއުރެން ކަލޭގެފާނާ ސުއާލު ކުރެތެވެ. އެދުވަސް ލައިގަންނާނީ ކޮން އިރަކުންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަމުގެ ވަގުތަށް އެކަން ފާޅުނުކުރައްވާ ހުށްޓެވެ. އުޑުތަކާއި، ބިމުގައި އެކަން ބުރަކަމަކަށް ވެފައިވެއެވެ. ކުއްލިއަކަށްމެނުވީ، އެކަން ތިޔަބައިމީހުންނާ ހަމަޔަކަށް ނާންނަހުށްޓެވެ. (އެކަމާމެދު) ކަލޭގެފާނާ އެއުރެން ސުއާލު ކުރާއިރު، އެކަމުގެ ހުރިހާ ޚަބަރެއް، ކަލޭގެފާނު ދެނެވަޑައިގަންނަވާ ކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ﷲގެ ޙަޟްރަތުގައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.”
ﷲ ތަޢާލާ އެކަލާނގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އަމުރު ކުރައްވާފައިވަނީ ޤިޔާމަތުގެ ޢިލްމުވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައިކަން މީސްތަކުންނަށް ޚަބަރު ދެއްވުމަށެވެ. ފަހެ އެކަމުގެ ޙަޤީޤީ ޢިލްމު ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި އުޑުތަކާއި ބިމުގައިވާ އެއްވެސް ފަރާތަކަށް އެކަން އެނގިގެން ނުވެއެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.
﴿يَسْأَلُكَ النَّاسُ عَنِ السَّاعَةِ قُلْ إِنَّمَا عِلْمُهَا عِنْدَ اللَّهِ وَمَا يُدْرِيكَ لَعَلَّ السَّاعَةَ تَكُونُ قَرِيبًا﴾ [سورة الأحزاب: 63]
މާނައީ: “ޤިޔާމަތްވުމުގެ ވަގުތާމެދު މީސްތަކުން ކަލޭގެފާނާ ސުއާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ ޢިލްމުވާކަން ކަށަވަރީ، ﷲ ގެ ޙަޟްރަތުގައެވެ. އަދި ކަލޭގެފާނަށް އެކަން އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ ޤިޔާމަތް ވުމުގެ ވަޤުތު ވަރަށް ގާތްވެފައިވެސް އޮވެދާނެތެވެ.”
އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
﴿يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا (٤٢) فِيمَ أَنْتَ مِنْ ذِكْرَاهَا (٤٣) إِلَى رَبِّكَ مُنْتَهَاهَا (٤٤)﴾ [سورة النازعات: 42-44]
މާނައީ: “ޤިޔާމަތުގެ ވަޤުތު އަންނާނީ ކޮންއިރަކުންކަމާމެދު އެއުރެން ކަލޭގެފާނާ ސުއާލު ކުރެތެވެ. އެކަން ބަޔާން ކޮށްދެއްވުމަކީ، ކަލޭގެފާނަށް (ކުރެއްވެން) އޮތްކަމެއްތޯއެވެ؟ އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ.”
ފަހެ ޤިޔާމަތުގެ ޢިލްމު ނިމޭ ހިސާބަކީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތެވެ.
މިހެންކަމުން -ޖިބްރީލް [ޙަދީޘްގެ ނަމުން ނަންދެވުނު] ދިގު ޙަދީޘްގައިވާ ފަދައިން- ޤިޔާމަތްވުމުގެ ވަޤުތާ ބެހޭގޮތުން ޖިބްރީލް عليه السلام، ރަސޫލުﷲ صلى الله عليه وسلم އާ ސުވާލު ދެންނެވުމުން، ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވަނީ:
((…مَا الْمَسْؤُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ…))[1]
މާނައީ: “…އެކަމާމެދު ސުވާލުކުރި މީހާއަށްވުރެ، [އެވަޤުތެއްގެ ޚަބަރު] ދެނެހުރުން ބޮޑުކަމުގައި، ސުވާލު ވެވުނުމީހާނުވެއެވެ…”
ފަހެ ޤިޔާމަތް ޤާއިމްވާނޭ ވަޤުތުގެ ޢިލްމު ޖިބްރީލްގެފާނަށް އެނގިގެން ނުވެއެވެ. އަދި ހަމަ އެފަދައިން މުޙައްމަދު صلى الله عليه وسلم އަށްވެސް މެއެވެ.
=ނުނިމޭ=
__________________________________________
[1] صحيح البخاري / كتاب الإيمان / ياب سؤال جبريل النبي صلى الله عليه وسلم عن الإيمان والإسلام والإحسان وعلم الساعة وبيان النبي صلى الله عليه وسلم له