الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ކުޑަކުދިންނާއި ޚާދިމުންނަށް އެމީހުންގެ މައިންބަފައިން ނިދާ ކޮޓަރިއަށް މީހުން އާންމުކޮށް ނިދާ ގަޑިތަކުގައި، ހުއްދަ ނުހޯދާ ވަނުން މަނާކުރަންޖެހޭނެއެވެ. އެވަޤުތުތަކަކީ ފަތިސްނަމާދުގެ ކުރިންނާއި ދުވާލު އަރާމުކުރާ ވަޤުތާ އަދި ޢިޝާ ނަމާދުގެ ފަހެވެ. އެއީ އެބައިމީހުންނަށް ފެންނަން ނުވާ ކަމެއް ފެނިދާނެ ކަމުގެ ބިރަށްޓަކައެވެ. މިވަޤުތުތައް ނޫން ވަޤުތެއްގައި އެބައިމީހުންނަށް ކަމެއް ފެނިއްޖެނަމަ އެބައިމީހުންގެ މައްޗަށް ކުށެއް ނެތެވެ. ސަބަބަކީ އެބައިމީހުންގެ ތެރޭގައި ގޭތެރޭގެ އެއްތަނުން އަނެއްތަނަށް ވަދެ ނިކުމެ އުޅޭ މީހުންވެއެވެ. އަދި އެބައިމީހުން ހުއްޓުވުމަކީ ފަސޭހަކަމަކަށް ނުވެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا لِيَسْتَأْذِنكُمُ الَّذِينَ مَلَكَتْ أَيْمَانُكُمْ وَالَّذِينَ لَمْ يَبْلُغُوا الْحُلُمَ مِنكُمْ ثَلَاثَ مَرَّاتٍ ۚ مِّن قَبْلِ صَلَاةِ الْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ الظَّهِيرَةِ وَمِن بَعْدِ صَلَاةِ الْعِشَاءِ ۚ ثَلَاثُ عَوْرَاتٍ لَّكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌ بَعْدَهُنَّ ۚ طَوَّافُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ ۚ كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمُ الْآيَاتِ ۗوَاللَّـهُ عَلِيمٌ حَكِيمٌ﴾ [سورة النور ٥٨]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނާއި ތިޔަބައިމީހުންކުރެ ބާލިޣުވުމުގެ ޢުމުރާހަމައަށް ނުފޯރާ ކުޑަކުދިންވެސް ތިން ވަޤުތެއްގައި (ކޮޓަރިތަކަށްވަނުމުގެ ކުރިން) ތިޔަބައިމީހުންގެ ކިބައިން އިޛުނަ ލިބިގަންނަހުށިކަމެވެ. އެއީ ފަތިސްނަމާދުގެ ކުރިންނާއި މެންދުރު ވަޤުތު ތިޔަބައިމީހުންގެ ފޭރާން ލުއިކޮށްގެންތިބޭ ވަޤުތުގައްޔާ އަދި ޢިޝާނަމާދުގެ ފަހުންނެވެ. (އެއީ) ތިޔަބައިމީހުން ނިވައިވެތިބޭ ތިން ވަޤުތެކެވެ. އެވަޤުތުތަކަށްފަހު ތިޔަބައިމީހުންގެ މައްޗަކަށްވެސް އަދި އެބައިމީހުންގެ މައްޗަކަށްވެސް (ވަދެނުކުމެ އުޅުމުގައި) ކުށެއް ނެތެވެ. (އެބައިމީހުންނީ) ތިޔަބައިމީހުންގެ އެއްބަޔަކު ތިބޭތަނަކަށް އަނެއްބަޔަކު ވަދެނުކުމެއުޅޭ ބަޔެކެވެ. އެފަދައިން ﷲ ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާންކޮށްދެއްވަތެވެ. އަދި ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމުވަންތަ އިލާހެވެ.”
އެހެން މީހެއްގެ ގެއެއްގެ ތެރެއަށް، އެމީހެއްގެ ހުއްދަނެތި ބެލުމަކީ ޙަރާމްކަމެކެވެ.
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَنِ اطَّلَعَ فِي بَيْتِ قَوْمٍ بِغَيْرِ إِذْنِهِمْ، فَفَقَئُوا عَيْنَهُ، فَلَا دِيَةَ لَهُ، وَلَا قِصَاصَ)) [رواه أحمد ، المسند ٢/٣٨٥ وهو في صحيح الجامع ٦٠٤٦]
މާނައީ: “ބައެއްގެ އިޛުނަ ނެތި އެބައިމީހުންގެ ގޭގެ ތެރެއަށް ބެލުމުން، އެމީހެއްގެ ލޮލުގައި އެއްޗަކުން ޖަހައިގެން ލޮލުގެ ފެނުން ގޮއްސިނަމަ (އެއްލި މީހާގެ ކިބައިން) ދިޔަ ދިނުމެއްވެސް އަދި ޤިޞާޞް ހިފުމެއްވެސް ނުވެއެވެ.”
_________________________
=ނުނިމޭ=