އަދި ހަމައެފަދައިން ޤިޔާމަތް ކުޑަތަންވެފައި ވަނިކޮށް ޢީސާ عليه السلام ފައިބައިވަޑައިގަތުމީ ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރެއިން ކަމަކަށްވެފައި، އެކަލާގެފާނަށްވެސް ޤިޔާމަތް ވާނެ ވަޤުތެއް އެނގިވަޑައިގެން ނުވެއެވެ. އެއީ އަންނަނިވި ފަދައިންނެވެ.
އަލްއިމާމު އަޙްމަދު، އިބްނު މާޖާ އަދި އަލްޙާކިމް، ޢަބްދުﷲ ބިން މަސްޢޫދު رضي الله عنهގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެކަލޭގެފާނު [ރިވާކުރެއްވިއެވެ]: ޙަދީޘް ކުރެއްވިއެވެ.
((لَقِيتُ لَيْلَةَ أُسْرِيَ بِي إِبْرَاهِيمَ، وَمُوسَى، وَعِيسَى)) قَالَ: ((فَتَذَاكَرُوا أَمْرَ السَّاعَةِ، فَرَدُّوا أَمْرَهُمْ إِلَى إِبْرَاهِيمَ، فَقَالَ: لاَ عِلْمَ لِي بِهَا. فَرَدُّوا الأَمْرَ إِلَى مُوسَى، فَقَالَ: لاَ عِلْمَ لِي بِهَا. فَرَدُّوا الأَمْرَ إِلَى عِيسَى، فَقَالَ: أَمَّا وَجْبَتُهَا؛ فَلاَ يَعْلَمُهَا أَحَدٌ إِلاَّ اللَّهُ ذَلِكَ، وَفِيمَا عَهِدَ إِلَيَّ رَبِّي أَنَّ الدَّجَّالَ خَارِجٌ. قَالَ: وَمَعِي قَضِيبَانِ، فَإِذَا رَآنِي؛ ذَابَ كَمَا يَذُوبُ الرَّصَاصُ. قَالَ: فَيُهْلِكُهُ اللَّهُ))[1]
މާނައީ: “އިސްރާގެ ރޭގައި އިބްރާހިމްގެފާނާއި، މޫސާގެފާނާއި އަދި ޢީސާގެފާނު ތިމަންކަލޭގެފާނާ ބައްދަލުވެ ވަޑައިގެންނެވިއެވެ.”
ޙަދީޘް ކުރެއްވިއެވެ: “‘ޤިޔާމަތުގެ ވަޤުތާ ބެހޭގޮތުން ވާހަކަދެކެވުނެވެ. ‘ ފަހެ އެކަން އިބްރާހީމްގެފާނުގެ އަރިހަށް ގެންދެވުނެވެ. ވިދާޅުވިއެވެ. ‘އެކަމާބެހޭ ޢިލްމެއް ތިމަންކަލޭގެފާނަށް ނުވެއެވެ.’ ފަހެ އެކަން މޫސާގެފާނުގެ އަރިހަށް ގެންދެވުނެވެ. ވިދާޅުވިއެވެ. ‘އެކަމާބެހޭ ޢިލްމެއް ތިމަންކަލޭގެފާނުގެ ނުވެއެވެ.’ ފަހެ އެކަން ޢީސާގެފާނުގެ އަރިހަށް ގެންދެވިއްޖެއެވެ. ވިދާޅުވިއެވެ. ‘އެކަމުގެ ވާހަކަތައް ދަންނައެވެ. މާތް ﷲ ފިޔަވައި އެކަމުގެ ޢިލްމު ލިބިގެންވާ ފަރާތެއް ނުވެއެވެ. އަދި ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް ބަޔާންކޮށްދެވިގެންވާކަން ކަށަވަރީ ދައްޖާލު ނުކުންނާނެކަމެވެ.’ ވިދާޅުވިއެވެ. ‘އަދި ތިމަންކަލޭގެފާނުގެ އަތުގައި ދެދަނޑިގަނޑު ވާނެއެވެ. ފަހެ ތިމަންކަލޭގެފާނު ފެނިއްޖެނަމަ ދެލިފޭދޭހެން ފޭދިގެން ހިނގާދާނެތެވެ.’ ވިދާޅުވިއެވެ. ‘ﷲ އޭނާ ހަލާކުކުރައްވާށިއެވެ.'” މިއެވެ.
ފަހެ އުލުލް ޢަޒްމްގެ މި ރަސޫލު ބޭކަލުންނަށް ވެސް ޤިޔާމަތް ވާނޭ ވަޤުތު އެނގިގެން ނުވެއެވެ.
އަދި ޖާބިރު ބިން ޢަބްދުﷲ رضي الله عنهގެ އަރިހުން އަލްއިމާމު މުސްލިމް ރިވާ ކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
((سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ” تَسْأَلُونِي عَنِ السَّاعَةِ؟ وَإِنَّمَا عِلْمُهَا عِنْدَ اللهِ، وَأُقْسِمُ بِاللهِ مَا عَلَى الأَرْضِ مِنْ نَفْسٍ مَنْفُوسَةٍ يَأْتِي عَلَيْهَا مِائَةُ سَنَةٍ))[2]
މާނައީ: “ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ: ‘ޤިޔާމަތުގެ ވަޤުތާ ބެހޭގޮތުން ތިޔަބައިމީހުން ތިމަންކަލޭގެފާނާ ސުއާލު ދަންނަވަނީ ހެއްޔެވެ؟ އަދި އެކަމުގެ ޢިލްމު ﷲ ތަޢާލާއަށް މެނުވީ ލިބިގެން ނުވެއެވެ. އަދި މާތް ﷲ ގަންދީ ހުވާ ކުރައްވަމެވެ. މިހާރު ބިމުގައި ވިހާފައިވާ އެއްވެސް ނަފްސެއް ސަތޭކަ އަހަރު ތެރޭގައި ނުތިބޭނެއެވެ! [އެބަހީ: ހުރިހާ ޞަޙާބީ ބޭކަލުން އެމުއްދަތުގެ ތެރޭގައި އަވަހާރަ ވާނެއެވެ.'”
ފަހެ ޖިބްރީލްގެފާނު އެކަމާ ސުވާލު ދެންނެވުމަށްފަހު ނަބިއްޔާ صلى الله عليه وسلمއަށް އެކަމުގެ ޢިލްމު ލިބިގެންވާ ކަމުގައިވާ ފުރުޞަތު މިޙަދީޘް މިވަނީ ނަފީކޮށްފައެވެ.
އިބްނު ކަޘީރު -رحمه الله- ވިދާޅުވެފައިވެއެވެ. [އެބަސްފުޅުގެ މާނައީ]:
“ފަހެ ޞަލާމާއި ޞަލާވާތްލެއްވި އުންމިއްޔަ މި ނަބިއްޔާއީ ރަސޫލުންގެ ސާހިބާ އަދި ރަސޫލުކަން ޚަތިމް ކުރެއްވި ރަޙްމަތުގެ ނަބިއްޔާ އަދި ތައުބާގެ ނަބިއްޔާ، އަދި ޖިހާދުކުރައްވާ ނަބިއްޔާ، އަދި އެބޭކަލަކަށް ފަހު ނަބިއްޔަކު ނުވާ ފަރާތް، އަދި އެންމެ ފަހުން ވަޑައިގެންނެވި ނަބިއްޔާ، އަދި އެބޭކަލެއްގެ ފައިންޕުޅުގެ އަރިހަށް މީސްތަކުން އެއްކުރެއްވިގެންވީ ފަރާތެވެ. އަދި ޞަޙީޙުގައި (އެބަހީ: ޞަޙީހުލް ބުޚާރީގައި) އަނަސްގެފާނާއި ސަހްލު ބިން ސަޢްދު -رضي الله عنهما- ގެ އަރިހުން ޘާބިތުވެފައިވާ [އަންނަނިވި] މިޙަދީޘްގައިވާ ފަދައިން ((بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ))[3] [މިބަސްފުޅުގެ މާނައީ: ‘ތިމަންކަލޭގެފާނާއި ޤިޔާމަތް ފޮނުއްވުނީ މިފަދައިންނެވެ.’] އަދި އެކަލޭގެފާނުގެ ޝަހާދަތް އިނގިލިފުޅާއި އެއާޖެހިގެން އިން އިނގިލިފުޅު ކައިރި ކޮށްލެއްވިއެވެ. އަދި މިހުރިހާކަމަކީ ޤިޔާމަތުގެ ވަގުތާ ބެހޭގޮތުން ސުވާލު ކުރެއްވިއްޖެނަމަ، އެކަމުގެ ޢިލްމު ﷲ ތަޢާލާއަށް ރައްދުކުރުމަށް އެކަލޭގެފާނަށް މާތް ﷲ އަމުރު ކުރައްވާފައިވުންކަން ކަށަވަރެވެ. ފަހެ ވަޙީ ކުރައްވާފައިވެއެވެ. ﴿قُلْ إِنَّمَا عِلْمُهَا عِنْدَ اللَّهِ وَلَكِنَّ أَكْثَرَ النَّاسِ لا يَعْلَمُونَ﴾ [سورة الأعراف: 187] [މިއާޔަތުގެ މާނައީ: ‘ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ﷲގެ ޙަޟްރަތުގައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެއެވެ.’]”
=ނުނިމޭ=
__________________________________________
[1] مسند أحمد: 3556، تحقيق أحمد شاكر، وقال: ((إسناده صحيح))
[2] صحيح مسلم / كتاب فضائل الصحابة رضي الله عنهم / ياب بيان معنى قوله صلى الله عليه وسلم: ((على رأس مائة سنة لا يبقى نفس منفوسة))
[3] صحيح البخاري / كتاب الرفق / ياب قول النبي صلى الله عليه وسلم: ((بعثت أنا والساعة كهاتين))