ޤިޔާމަތް ޤާއިމްވާނޭ ވަޤުތުގެ ޢިލްމު ނަބިއްޔާ صلى الله عليه وسلم އަށް ލިބިގެންވާކަމުގައި ދަޢުވާކުރާމިހާއީ ފަހެ ޖާހިލެކެވެ. އެހެނީ އިސްވެދިޔަ ޤުރުއާނުގެ އާޔަތްތަކާއި ނަބަވީ ޙަދީޘް ބަސްފުޅުތަކުން އެކަމަށް ރައްދު ދީފައި ވެއެވެ.
އިބްނުލް ޤައްޔިމް -رحمه الله- ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ]: “ޤިޔާމަތްވާނޭ ވަޤުތު ރަސޫލުﷲ صلى الله عليه وسلم އަށް އެނގިގެންވާކަމުގައި ބުނެ އަޅުގަނޑުމެންގެ މިޢިލްމުވެރި ޒަމާނުގައި ބައެއް މީހުން ދޮގުހަދައި ދަޢުވާކުރެތެވެ. އެފަދަމީހާ އޭނާއަށް އެނގިގެންނުވާ އެއްޗެއް ގެނެސްގެންފިއެވެ. އޭނާއަށް ބުނެވެއެވެ. ‘ޙަދީޘް ޖިބްރީލްގައި ޙަދީޘްކުރައްވާފައިވާކަން ކަށަވަރެވެ. ((مَا الْمَسْؤُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ))، ފަހެ އޭނާ މި[ޙަދީޘް] އޮންނަންވާތަނުން ބަދަލުކޮށްފިއެވެ. (އެބަހީ ޙަދީޘްގެ މާނަ ފުށުންޖަހައިފިއެވެ.) އަދި ބުނެއެވެ. ތިބާއާއި (އެބަހީ؛ ޖިބްރީލްގެފާނާއި) ތިމަންކަލޭގެފާނަށް އެވަޤުތު އެނގިވަޑައިގަންނަވައެވެ!’
މިއީ އެންމެ ބޮޑުވެގެންވީ ޖާހިލުކަމެކެވެ. އަދި އެންމެ ހުތުރުކަންބޮޑު [މާނަ] ބަދަލުކުރުމެވެ. ނަބިއްޔާ صلى الله عليه وسلم ރަށްފުށު ހިސާބު މީހެއްކަމަށް ހީކޮށްގެން ހުރިމީހަކާ ދިމާއަށް: “ތިމަންކަލޭގެފާނަށާއި އަދި ތިބާއަށް ޤިޔާމަތުގެ ވަޤުތު އެނގޭކަމަށް” ޙަދީޘްފުޅެއް އެކަލޭގެފާނު ނުކުރައްވާނެއެވެ. އެކަލޭގެފާނަކީ މިދީނުގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގިލައްވާނެ ފަރާތެވެ.
އެއީ ހަމަޔަޤީނުންވެސް ޖިބްރީލްގެފާނު ކަމުގައި އެކަލޭގެފާނަށް އެނގިވަޑައިގަންނަވިކަމުގައި މިފަދަ ޖާހިލަކު ދެންވެސް ބުނެފާނެއެވެ. އަދި ރަސޫލާ صلى الله عليه وسلم އީ އެކަލޭގެފާނުގެ ބަސްފުޅުގައި ތެދުވެރި ފަރާތެކެވެ. [ޙަދީޘްކުރެއްވިއެވެ.] ((مَا جَاءَنِيْ فِي صُوْرَةٍ إِلاَّ عَرَفْتُهُ؛ غَيْر هذهِ الصُّوْرَة))[1] [މިބަސްފުޅުގެ މާނައީ: ‘ތިމަންކަލޭގެފާނަށް އެއީ (ޖިބްރީލްގެފާނުކަން) އެނގިވަޑައިނުގަންނަވާ ޞިފައެއްގައި މިނޫނީ ވަޑައިނުގަންނަވައެވެ.’]”
އަދި އެހެން ލަފްޒެއްގައި ވެއެވެ. ((مَا شُبِّهَ عَلَيَّ غَيْر هذِهِ الْمَرَّة)) މާނައީ: “މިފަހަރު ނޫނީ ތިމަންކަލޭގެފާނަށް ޝައްކުވެވަޑައިނުގަންނަވައެވެ.” އަދި އެހެން ލަފްޒެއްގައި ވެއެވެ. ((ردُّوا عَليَّ الأَعْرَابِي، فَذَهَبُوا فَالْتَمِسُوْا، فَلَمْ يَجِدُوْا شَيْئًا)) މާނައީ: ” ތިމަންކަލޭގެފާނުގެ އަރިހަށް އެޢައުރާބީ (އެބަހީ ރަށްފުށުމީހާ) ގެންނާށެވެ. ފަހެ [އަޞްޙާބު ބޭކަލުން] ވަޑައިގެން ހޯދައި ބެއްލެވިއެވެ. އެބޭކަލުންނަށް [އެފަރާތެއްގެ] ހިލަމެއްވެސް ނުވިއެވެ.”
އަދި ދުވަސްގަނޑެއްފަހުން މެނުވީ އެއީ ޖިބްރީލްގެފާނުކަން ނަބިއްޔާ صلى الله عليه وسلم އެނގިވަޑައިނުގަންނަވައެވެ. ޢުމަރުގެފާނު ވިދާޅުވެފައިވާ ފަދައިންނެވެ. [އެބަސްފުޅުގައިވަނީ:] ފަހެ ދިގުމުއްދަތެއްވަންދެން ހުންނެވުމަށްފަހު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((يَاعُمَرُ! أَتَدْرِيْ مَنِ السَّائِلُ؟))[2] [މާނައީ: “އޭޢުމަރުގެފާނެވެ! ސުއާލުކުރިމީހަކީ ކޮންބޭކަލެއްކަން އެނގިވަޑައިގެންފިތޯއެވެ؟”]
ނަމަވެސް މާނަ އޮޅުވާލާ ބަދަލުކުރާމީހާ ބުނެއެވެ: އެއީ ޖިބްރީލްގެފާނުކަން ސުއާލުކުރި ހިނދުގައިވެސް އެކަލޭގެފާނަށް އެނގިވަޑައިގެންނެވިއެވެ. އަދި ދުވަސްގަނޑަކަށްފަހުގައި މެނުވީ އެކަމުގެ ޚަބަރު ޞަޙާބީންނަށް ނުދެއްވައެވެ!
އެއަށްފަހު ޙަދީޘްގައިވާ އެކަލޭގެފާނުގެ [މި]ބަސްފުޅު: ((مَا الْمَسْؤُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ)) ސުއާލުކުރާ އަދި ސުއާލުކުރެވޭ ކޮންމެ ފަރާތަކަށްމެ ޢާންމުވެގެން ވެއެވެ. ފަހެ މިވަގުތާ ބެހޭގޮތުން ސުއާލުކުރާ އަދި ސުއާލުކުރެވޭ ކޮންމެ މީހެއްގެ ކަންކަން ވާހުށީ އެފަދައިންނެވެ.”
އަދި ހަމައެފަދައިން ސުވާލުކުރާ ފަރާތަށް އެކަންކަން އެނގިހުއްޓައި އެކަމުގެ ޢަލާމާތްތަކުގެ ޚަބަރު ދިނުމަކީ އޭގައި އެއްވެސް މާނައެއްހުރި ކަމެއް ނޫނެވެ. އަދި އެހެން އެކަންވީނަމަ އެކަމުގެ ޢަލާމާތްތަކާ ބެހޭގޮތުން ސުއާލު ނުދެންނެވީސްމެއެވެ.
=ނުނިމޭ=
__________________________________________
[1] مسند أحمد: 374 / تحقيق أحمد شاكر، وقال: ((إسناده صحيح))
[2] صحيح مسلم / كتاب الإيمان / إمارات الساعة