ކާފަރުކަމުގެ ދެވަނަ ވައްތަރަކީ: އެކަމުން ދީނުން ބޭރުނުވާ ކުޑަ ކާފަރުކަމެވެ. އެއީ ޢަމަލީ ކާފިރުކަމެވެ. އަދި އެއީ ކީރިތި ޤުރްއާނާއި މާތްވެގެންވާ ސުންނަތުގައި ކާފިރުގެ ނަމުން ނަން ކިޔާފައިވާ ފާފަތަކެވެ. އަދި އެކަން ބޮޑު ފާފައިގެ ދަރަޖައަށް ވާސިލުނުވާ ކަންކަމެވެ. އެއީ އަންނަނިވި އާޔަތުގައި އެވާފަދައިން ނިޢުމަތަށް ކާފަރުވުމެވެ. ﷲ ތަޢާލާ ޥަޙީ ކުރައްވާފައިވެއެވެ.
﴿ وَضَرَبَ اللهُ مَثَلًا قَرْيَةً كَانَتْ آَمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللهِ…﴾ [ النحل112]
މާނައީ: “ހަމަޖެހި އަމާންވެގެންވާ ރަށެއްގެ މިސާލު ﷲ ޖައްސަވައެވެ. އެރަށަށް ހުރިހައި ފަރާތަކުން ތަނަވަސްކަމާއި އެކު ރިޒުޤު އައިސް އައިސް ހުރިކަމުގައި ވިއެވެ. ދެންފަހެ ﷲގެ ނިޢުމަތަށް އެރަށް އެބަހީ އެރަށުގެ އަހުލުވެރިން ކާފަރު ވެއްޖެއެވެ…” މިއެވެ.
އެބާވަތުގެ ކާފިރުކަމުގެ އަނެއް މިސާލަކީ މުސްލިމު މީހާއާއި ހަނގުރާމަ ކުރުމުގެ ކާފަރުކަމެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވެފައިވާ އަންނަނިވި ބަސްފުޅުގައިވާފަދަ ކާފިރު ކަމެވެ.
((سِبَابُ الْمُسْلِمِ فُسُوقٌ، وَقِتَالُهُ كُفْرٌ)) [ رواه البخاري ومسلم]
މާނައީ: “މުސްލިމް މީހާއަށް ހުތުރު އެއްޗެހި ގޮވުމީ ފާސިޤު ކަމެކެވެ. އަދި އޭނާއާ ހަނގުރާމަ ކުރުމީ ކާފަރުކަމެވެ.” މިއެވެ.
އަދިވެސް އެކަލޭގެފާނުގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ.
((لاَ تَرْجِعُوا بَعْدِي كُفَّارًا، يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ)) [رواه الشيخان]
މާނައީ: “ތިމަންކަލޭގެފާނަށް ފަހު ކަލޭމެން އެއްބަޔަކު އަނެއްބަޔަކުގެ ބޯކަނޑައި އަލުންވެސް ކާފިރުނުވާ ހުށިކަމެވެ.” މިއެވެ.
އެބާވަތުގެ ކާފިރުކަމުގެ އަނެއް މިސާލަކީ ﷲ ނޫން އެހެން އެއްޗެއް ގަންދީ ހުވާކުރުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((مَنْ حَلَفَ بِغَيْرِ اللهِ كَفَرَ أَو أَشْرَكَ)) [رواه الترمذي وصححه الحاكم]
މާނައީ: “ﷲ ނޫން އެހެން އެއްޗެއް ގަންދީ ހުވާކޮށްފިމީހާ ހަމަކަށަވަރުން ކާފިރުވެއްޖެއެވެ. ނުވަތަ ޝަރީކުކޮށްފިއެވެ.” މިއެވެ.
އަދި ދަންނައެވެ! ބޮޑުފާފައަކަށް އަރައިގަންނަ މީހާއަކީވެސް ﷲ މުއުމިނެއްކަމުގައި ހިމަނުއްވާފައިވާ މީހެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿ يَا أَيُّهَا الَّذِينَ آَمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى﴾ [ البقرة 178]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ތެރެއިން ޤަތުލުވެ މަރުވެގެންދާ މީހުންނާމެދު ޤިޞާޞް [ޔައުނީ މަރަށް މަރުހިފުން] ކަލޭމެންގެ މައްޗަށް ފަރުޟުކުރެވިއްޖެއެވެ.” މިއެވެ.
ފަހެ މީހަކު މެރި މީހާވެސް މުއުމިނުންގެ ލިސްޓުގެ ތެރެއިން ނުނެރުއްވައެވެ. އަދި އޭނާ ލެއްވީ ޤިޞާޞްގެ ވެރިޔާގެ އަޚެއްކަމުގައެވެ. ފަހެ އެކަލާނގެ ވަޙީކުރެއްވިއެވެ.
﴿فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ…﴾ [البقرة:178]
އެބަހީ އެމީހެއްގެ އަޚުގެ ފަރާތުން މަޢާފު ލިބިއްޖެ މީހާ ދަންނައެވެ. ފަހެ އޭނާ ރަނގަޅުގޮތުގައި ތަބާވުން ހުއްޓެވެ. [އެބަހީ: މަރުވިމީހާގެ ވާރުތަވެރިޔާ ރަނގަޅުގޮތުގައި މަރުގެ ދިޔައަށް އެދޭ ހުށިކަމެވެ.] އަދި ޤާތިލުގެ ފަރާތުން އިޙްސާންތެރިކަމާއެކު މަރުގެ ދިޔަ އަދާކުރުން ހުއްޓެވެ.” މިއެވެ.
މިއާޔަތުގައި މިވާ އަޚުގެ މުރާދަކީ ޝައްކެއްވެސް ނެތްގޮތުގައި ދީނުގެ ގޮތުން އަޚުގެ މުރާދެވެ. އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَإِنْ طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا…﴾ [الحجرات 9]
މާނައީ:”މުއުމިނުންކުރެ ދެޖަމާއަތެއްގެ މީހުން ހަނގުރާމަކޮށް ތަޅާފޮޅަންޏާ ފަހެ ކަލޭމެން އެދެމެދު ޞުލްޙަކުރާށެވެ…” މިއެވެ.
މިދެންނެވި އާޔަތް އެތަނުން ފެށިގެން ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ…﴾ [الحجرات 10] މިހާތަނަށް އާޔަތުގެ މާނައީ: “އެންމެހާ މުއުމިނުންނީ އަޚުންނެވެ. ފަހެ ކަލޭމެން ދޭދޭ އަޚުންގެ ދެމެދު ޞުލްޙަކުރާށެވެ…” މިއެވެ.
= ނުނިމޭ =