ވެލަންޓައިސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަސް، ނުވަތަ ކާފަރުންގެ އެހެނިހެން ޢީދުތައް ފަދައިން ކޮންމެ އަހަރަކުވެސް ފާހަގަ ކުރެވެމުންދާ ލޯބީވެރިންގެ ދުވަސް) 14 ފެބްރުވަރީ( މިވަނީ މިއަހަރުވެސް ކުރިމަތީގައެވެ. މިފަދަ އެހެނިހެން ޢީދުތައް ފަދައިން ދުވަހުގެ ތަހުނިޔާ ކިޔުމުގައި އެތައް ބަޔަކު މިފަހަރުވެސް ބައިވެރިވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެހެން ކަމުން މިދުވަހުގައި ބައިވެރިވެވޭނެ އެއްވެސް ގޮތެއް އޮތްތޯ ބަލާލުން މުހިއްމު ކަމުގައި ދެކެވެ.
ވެލަންޓައިންސް ޑޭ އަކީ ޖާހިލިއްޔަ ރޯމަނުންގެ ޢީދެކެވެ. މިޢީދު ގުޅިފައިވަނީ ވެލަންޓައިންސް ކިޔާ މީހަކަށެވެ. އޭނާ ވަނީ 14 ފެބްރުވަރީ 270(CE) ގައި މަރުގެ ޙުކުމެއް އިއްވާ މަރާލާފައެވެ. މިއަދާ ހަމައަށްވެސް އެތައް ފާޙިޝް ކަންތައްތަކަކާއި އެކު މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.
ކޮންމެއަކަސް މިއީ އިސްލާމުންގެ ޢީދެއް ނޫންކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. މުސްލިމުންނަށް އިސްލާމްދީނުގައި ވަނީ ޢީދުތައް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައެވެ. އެހެނީ ޢީދަކީވެސް ޝަރުޢީ ޙުކުމްތަކެއް އެކުލެވޭ ދީނުގެ ތެރޭގައިވާ ބައެކެވެ. އިސްލާމްދީނަކީ އެންމެހާ ކަންކަން ފުރިހަމައަށް ބަޔާންކޮށްދެއްވާފައިވާ މުޅި އިންސާނިއްޔަތައްވާ ދުސްތޫރެކެވެ.
މާތްﷲ ވަޙީކުރައްވާފައިވަނީ:
(…لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا…) [سورة المائدة 48]
މާނައީ:”…ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ…”
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
(لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَازِعُنَّكَ فِي الْأَمْرِ ۚ وَادْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًى مُّسْتَقِيمٍ) [سورة الحج: ٦٧]
މާނައީ:”ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް شريعة އެއް، އެއުރެން އެއަށް تبع ވުމަށްޓަކައި ލެއްވީމެވެ. ފަހެ، އެއުރެން އެކަންތަކާމެދު ކަލޭގެފާނާ ޖަދަލު ނުކުރާހުށިކަމެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެމަގަށް (މީސްތަކުންނަށް) ކަލޭގެފާނު ގޮވާލައްވާށެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ هداية އެއްގެ މަތީގައިކަން ކަށަވަރެވެ”
ޤިބުލައާއި ނަމާދާއި ރޯދަ ފަދަ ތަކެތީގައި ކާފަރުންނާއި އެއްފަދަވުން އެއީ އެބައިމީހުންގެ މަންޙަޖަށް ތަބާވުން ފަދައިން ، ކާފަރުންގެ ޢީދުތަކުގައި ބައިވެރިވުމަކީވެސް އެބައިމީހުންނާ ތަބާވުމުގެ ތެރެއިންވާ ކަމެކެވެ. މިފަދަ ކަންކަމުގައި ކިތަންމެ ކުޑަކޮށްވިޔަސް ބައިވެރިވުމަކީ ފާފައެކެވެ. ކޮންމެ ބަޔަކަށްވެސް އެބައިމީހުންގެ ޢީދު ދުވަސްތައް ވަނީ ބަޔާންވެގެންނެވެ.
އަލްޙާފިޡް އަލް-ޛަހަބީ ވިދާޅުވެފައިވެއެވެ. “ނަޞާރާއިންނަށް ޢީދެއް ވާކަމުގައިވަނީމަ، އަދި ޔަހޫދީންނަށް ޢީދެއް ވާކަމުގައިވަނީ ނަމަ، އެއީ ހަމައެކަނި އެބައިމީހުންނަށް ވާ ޢީދެކެވެ. އެއްވެސް މުސްލިމަކު އެޢީދުގައި ބައިވެރިވެގެން ނުވާނެއެވެ. އެއްވެސް މުސްލިމަކު އެބައިމީހުންގެ ދީނާއި ޤިބުލައަށް ތަބަޢު ނުވާފަދައިންނެވެ.” منشورة في مجلة الحكمة (4/193)
عَنْ أَنَسٍ رضي الله عنه قَالَ : قَدِمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا ، فَقَالَ : مَا هَذَانِ الْيَوْمَانِ ؟ قَالُوا كُنَّا نَلْعَبُ فِيهِمَا فِي الْجَاهِلِيَّةِ. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (( إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا : يَوْمَ الأَضْحَى ، وَيَوْمَ الْفِطْرِ )) والحديث صححه الألباني في صحيح أبي داود .
އަބޫ ދާޥޫދު ރިވާކުރެއްވިއެވެ.
މާނައީ: “އަނަސް ރަޟިﷲ ޢަންހު ވިދާޅުވިއެވެ:”ރަސޫލާ صلى الله عليه وسلم މަދީނާއަށް ވަޑައިގެންނެވި އިރު، މަދީނާގެ އަހުލުވެރިން ކުޅެ އުފާކުރާ 2 ދުވަހެއް ވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވެވިއެވެ. މިއީ ކޮން ދެދުވަހެއް ތޯއެވެ.؟ އެބެއިކަލުން ވިދާޅުވިއެވެ. ޖާހިލިއްޔަތުގައިވެސް އަހަރުމެން މިދެދުވަހު އުފާ ފާޅުކުރަމުއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވެވިއެވެ. “ތި ދެދުވަހުގެ ބަދަލުގައި ﷲ ވަނީ ތިޔައްވުރެ ރަނގަޅު 2 ދުވަސް ތިޔަބައިމީހުންނަށް ދެއްވާފައެވެ: އެއީ އަޟްޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ.”
މިޙަދީޘް ބަސްފުޅުން އަހަރުމެންނަށް މިވަނީ ކާފަރުންގެ ޢީދާއި ޖާހިލިއްޔަ ޒަމާނުގައި ފާހަގަކުރަމުންދިޔަ ޢީދުތައް އަހަރުމެން ފާހަގަ ކުރުމީ ހުއްދަވެގެންވާ ކަމެއް ނޫންކަން ވަރަށް ސާފުކޮށް ބަޔާންވެފައެވެ.
عن النبي صلى الله عليه وسلم أنه قال : (( من تشبه بقوم فهو منهم ))
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވެވިއެވެ. މާނައީ:”ބަޔަކާއި ވައްތަރުވެގެންފި މީހާވަނީ ފަހެ އެވައްތަރު ވެވުނު ބައެއްގެ ތެރެއިންނެވެ.”
އެހެންކަމުން އަހަރުމެން މުސްލިމުން ކާފަރުންނާއި ދުރުހެލިވަމާތޯއެވެ. އަހަރުމެންނީ ވަކި ޙާއްޞަ ގޮތްތަކެއް ﷲގެ ހަޟްރަތުން އައުމުން އޭގައި ހިފައިގެން ތިބިކަމުގެ ދަޢުވާ ކުރަމުންދާ ބަޔަކީމުއެވެ. އެހެންކަމުން މިކުރެވޭ ދަޢުވާ އަކީ ކަށަވަރު ދަޢުވާއެއް ކަމުގައި ހަދައި މިފަދަ ކަންތައް ތަކުން ދުރުވަމާ ތޯއެވެ. ފެބްރުއަރީ 14 ނުވަތަ ލޯބިވެރިންގެ ދުވަސް ފާހަގަ ކުރާކަށް އަހަރުމެން ކަމެއް ކުރާކަށް ނުޖެހެއެވެ. އެއީ އަހަރުމެންނަށް ވަކި ޙާއްޞަ ދުވަހެއް ނޫނެވެ. ﷲ އެންގެވި ގޮތުގައި އެއިލާހަށް ތަޤުވާވެރިވުމުގައި ފެބަރުއަރީ 14 ވެސް ހޭދަކޮށްލާށެވެ.