މީސްތަކުންގެ ތުންތުންމަތީ ޙަދީޘްއެއްކަމަށް މަޝްހޫރުވެފައިވާ ބަހަކަށް ޖަވާބުދެއްވުމަށް ފަހު، އަލްއިމާމު ސުޔޫޠީ -رحمه الله- “الحَاوِي” [ކިޔުނު ފޮތުގައި] ވަރަށް އަޖައިބުވާފަދަ ބަސްފުޅެއް ވިދާޅުވެފައިވެއެވެ. [އެވާހަކައަކީ:] ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ފަސްދާނުކޮޅުގައި އެއްހާސްއަހަރު ނޯންނަވާނެއެވެ؟
[އަލްއިމާމު ސުޔޫޠީ] ވިދާޅުވިއެވެ. “އެއީ ހަމަކަށަވަރުންވެސް އެއްވެސް އަޞްލެއްނުވާ ބާޠިލް ވާހަކައެއް ކަމުގައި ތިމަންނާ އެއަށް ޖަވާބުދެމެވެ.”
އަދި އެކަމާބެހޭގޮތުން “الكَشْفُ عَنْ مُجَاوَزَةِ هَذِهِ الأُمَّة الأَلْف” ނަންދެއްވާފައިވާ ލިޔުއްވުމެއް ލިޔުއްވިވާހަކަ ވިދާޅުވެފައި ވެއެވެ. އޭގައި ވިދާޅުވެފައި ވެއެވެ:
ފުރަތަމައީ: އެއްހާސް އަހަރަށްވުރެ ދިގު މުއްދަތެއް މިއުއްމަތަށް ލިބިގެންވާކަމަށް ދަލީކުރާ އަޘަރުތަކެވެ. އަދި އެއަށް އިތުރުވާ އިތުރުވުން ފަސްސަތޭކަ އަހަރަށް ނުފޯރާނެއެވެ. އެހެނީ އެއްބައި ރިވާޔަތްތަކުގައި ދުނިޔޭގެ ޢުމުރަކީ ހަތްހާސް އަހަރު ކަމުގައި ރިވާވެފައި ވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވުނީ ހާސްއަހަރުތަކުގެ ހަވަނައިގެ ފަހުކޮޅުގައިކަން ކަށަވަރެވެ.
އެއަށްފަހު އެކަން އެފަދައިން ނުވާނޭކަމަށް ޙިސާބުތަކެއް ޛިކުރުކުރައްވާފައި ވެއެވެ. ޙަޤީޤަތުގައި އެމުއްދަތު އެއްހާސް ފަސްސަތޭކައަށް ނުވާނެކަމުގައި ވިދާޅުވެފައިވެއެވެ. އަދި އެއަށްފަހު އެކަމަށް އިޢުތިމާދުކުރާ ޙަދީޘްތަކާއި އަޘަރުތައް ޛިކުރު ކުރައްވާފައި ވެއެވެ.
އެގޭތެރޭގައި، ޠަބަރާނީ -رحمه الله- “الكَبِيْر” [ނަންދެވުނު ފޮތުގައި] ޟައްޙާކު ބިން ޒިމްލުލްޖުހަނީ ގެ ކިބައިން ރިވާ ކުރައްވާފައި ވެއެވެ. ވިދާޅުވިއެވެ. ތިމަންނާއަށް ހުވަފެނެއް ފެނުނެވެ. ފަހެ އޭގައި ރަސޫލުﷲ صلى الله عليه وسلم އަށް ތިމަންނާ ވާހަކައެއް ކިޔައިދެއްވީމެވެ. ފަހެ އެވާހަކަ ޛިކުރު ކުރެއްވިއެވެ. އޭގައި ވެއެވެ: އޭ ﷲގެ ރަސޫލާއެވެ. ތިމަންނާއާއި ކަލޭގެފާނު ހަތް ހަރުފަތްވީ މިންބަރެއްގައި ވީމުއެވެ. އަދި ކަލޭގެފާނުވީ އޭގެ އެންމެ މަތީ ހަރުފަތުގައެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((أَمَّا الْمِنْبَرُ الَّذِي رَأَيْتَ فِيهِ سَبْعَ دَرَجَاتٍ، وَأَنَا فِي أَعْلَاهَا دَرَجَةً، فَالدُّنْيَا سَبْعَةُ آلاَفِ سَنَةٍ، وَأَنَا فِي آخِرِهَا أَلْفًا))[1] މާނައީ: “އޭގެ އެންމެ މަތީ ހަރުފަތުގައި ތިމަންކަލޭގެފާނުވާތީ ތިބާއަށް ފެނުނު ހަތް ހަރުފަތްލީ މިންބަރު ދަންނައެވެ! ފަހެ ދުނިޔެއަށްވަނީ ހަތްހާސް އަހަރެވެ. އަދި ތިމަންކަލޭގެފާނުވަނީ އޭގެ އެންމެފަހު ހާސްއަހަރުގައެވެ.”
މިޙަދީޘް ނެރުއްވާފައިވަނީ އަލްއިމާމު ބައިހަޤީ “الدَّلاَئِلُ” [ނަންދެވުނު ފޮތުގައި] ކަމުގައި ސުޔޫޠީ ޛިކުރުކުރައްވާފައި ވެއެވެ. އަދި މިޙަދީޘް[2]ގެ ސަނަދު ޟަޢީފްކަމުގައި ސުހައިލީ ވިދާޅުވެފައިވެއެވެ. އެހެނެއްކަމަކު އިބްނު ޢައްބާސް رضي الله عنهمގެ އަރިހުން މައުޤޫފްކޮށް ޞައްޙަމަގުތަކުން މިޙަދީޘް ރިވާވެފައިވެއެވެ. އަދި މިއަޞްލުގެ [މައްޗަށް ބިނާކޮށް] އަޘަރުތަކުގެ މަގުތަކަށް ބައްލަވައި އަލްއިމާމް ޠަބަރީ ޞައްޙަ ކުރައްވާފައިވަނީއެވެ.
އެއަށްފަހު ނަބިއްޔާ صلى الله عليه وسلم ގެ [މިބަސްފުޅުގެ] މާނަ އަލްއިމާމު ސުޔޫޠީ -رحمه الله- ބަޔާންކޮށްދެއްވާފައި ވެއެވެ: ((وَأَنَا فِي آخِرِهَا أَلْفًا))، މާނައީ: ” ތިމަންކަލޭގެފާނު ވާހުށީ އެންމެ ފަހު ހާހުގައެވެ.” އެބަހީ: އެންމެ މާތް މިއްލަތް މިވަނީ ހަތްވަނަ ހާހުގައެވެ. [އެއީ] އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީ ހަވަނަ ހާހުގެ ފަހުކޮޅުގައި ކަމުގައި މިއަންނަނިވި [ޙަދީޘްއަށް] ބާރުދިނުމަށްޓަކައެވެ. އަދި އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީ ހަތްވަނަ ހާހުގެ ކުރީކޮޅުގައިނަމަ، ބަރާބަރު އެއްހާސް އަހަރު ވުމުން ޤިޔާމަތް ޤާއިމްވުމަށްޓަކައި، ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ، ދައްޖާލުފާޅުވުމާއި ޢީސާގެފާނު ފައިބައިވަޑައިގެންނެވުމާއި އަދި ހުޅަނގުފަރާތުން އިރުއެރުން މީގެ އެތައްސަތޭކަ އަހަރެއް ކުރިން ވެނިމިފައިވާތީ ފެނުނީހެވެ. އެއިން އެއްވެސް އެއްވެސް ކަމެއް ވެފައިވާތީ ފެންނާކަށް ނެތެވެ. ފަހެ ހަތްވަނަ ހާހުގެ ބާކީއޮތްބައި ތިންސަތޭކައަށްވުރެ ގިނަކަމުގައި ދަލީލުލިއްބައިދެއެވެ.
މިއީ އަލްއިމާމު ސުޔޫޠީ -رحمه الله- ގެ [ބަސްފުޅުގެ] ޚުލާޞާއެވެ. އަދި މި[ވާހަކަތައް] ވަނީ ޤުރުއާނާއި ޞައްޙަ ޙަދީޘްތަކަށާ ފުށުއަރާފައެވެ. އެއީ ދުނިޔޭގެ މުއްދަތަކީ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެންވާ ކަމެއް ނޫނެވެ. ފަހެ އަޅުގަނޑުމެންނަށް ދުނިޔޭގެ މުއްދަތު އެނގޭނަމަ ޤިޔާމަތް ޤާއިމްވާނެ ވަޤުތު އެނގޭނެއެވެ. އަދި ހަމަކަށަވަރުން އިސްވެދިޔަ ޤުރުއާނުގެ އާޔަތްތަކާއި ނަބަވީ ޙަދީޘް ބަސްފުޅުތަކުގެ އެނގިގެންދަނީ ޤިޔާމަތް ލައިގަންނާނެވަގުތެއް މާތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެން ނުވާކަމެވެ.
އަދި ހަމައެފަދައިން ޙާލުގެދުލުން އެކަމަށް ރައްދުދޭކަން ކަށަވަރެވެ. ފަހެ އަޅުގަނޑުމެން މިވަނީ ހިޖުރީ ސަނަތުން 15 ވަނަ ޤަރުނުގެ ފެށުމުގައެވެ. ދައްޖާލުފާޅުވެފައެއް ނުވެއެވެ. އަދި ޢީސާ عليه السلام ފައިބައިވަޑައެއްވެސް ނުގަންނަވައެވެ. ސަތޭކައިގެ ކުރީކޮޅު ދައްޖާލު ފާޅުވާނެ ކަމުގައި ވާރިދުވެގެންވާ ކަމުގައި އަލްއިމާމު ސުޔޫޠީ ޛިކުރުކުރައްވާފައިވެއެވެ. އަދި ޢީސާ عليه السلام ފައިބައިވަޑައިގެން އޭނާ ޤަތުލުކުރައްވާނެއެވެ. އެއަށްފަހު ސާޅީސް އަހަރުވަންދެން އެކަލޭގެފާނު ބިމުގައި ދެމިހުންނަވާނެއެވެ. އަދި ހުޅަނގުފަރާތުން އިރު އެރުމަށްފަހު ސަތޭކަވިހި އަހަރު ވަންދެން މީސްތަކުން ދިރިއުޅުނީސްކަން ކަށަވަރެވެ. އަދި ދެ ތާޅަފިލިފުމުގެ ދެމެދުގައި ސާޅިސްއަހަރު ވީހެވެ. ފަހެ މިއީ ހަމަޔަޤީނުންވެސް ސަތޭކަ އަހަރެވެ. އެކަލޭގެފާނުގެ ވާހަކަފުޅުގައިވާގޮތަށް މިހާރު ދައްޖާލު ފާޅުވެއްޖެނަމަ ދުއިސައްތައަހަރު ވާންޖެހޭނެއެވެ. ފަހެ [އެހިނދު] ޤިޔާމަތް ވާހުށީ އެއްހާސް ހަސަތޭކަ އަހަރު ފަހުންނެވެ.
މިހެންކަމުން ދުނިޔޭގެ މުއްދަތު ކަނޑައެޅިގެންވާ ކަމަށް ވާރިދުވެފައިވާ ކޮންމެ ޙަދީޘަކީ ބާޠިލު[ޟަޢީފް] ޙަދީޘްއެއްކަން ބަޔާންވެގެން ދެއެވެ.
=ނުނިމޭ=
__________________________________________
[1] الحاوي للفتاوي
[2] حديث: ((الدُّنْيَا سَبْعَةُ آلاَفِ سَنَةٍ، وَأَنَا فِي آخِرِهَا أَلْفًا))؛ قال الألباني: ((موضوع)) ބައްލަވާ: ضعيف الجامع الصغير: 3013