[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 27 “ފަސްވަނަ ބަހުޘް”

qiyaamai vumuge

އަދި ހަދާފައިވާ ޙަދީޘްއެއްކަން އަންގައިދޭ ޢާންމު ޤަވާޢިދުތަކެއް “المَنَارُ المُنِيْف” [ފޮތުގައި] އިބްނުލްޤައްޔިމް -رحمه الله- ޛިކުރު ކުރައްވާފައި ވެއެވެ. ފަހެ ވިދާޅުވިއެވެ.  [އެބަސްފުޅުގެ މާނައީ:] “އޭގެތެރޭގައި ޤުރުއާނުގެ ޞަރީޙަ ނައްޞާއި ޙަދީޘް ފުށުއެރުން ހިމެނެއެވެ. އެއީ މިޘާލަކަށް ދުނިޔޭގެ މިންވަރު ބަޔާންކޮށްދޭ ޙަދީޘްއެވެ. އެއީ ހަތްހާސް އަހަރު ކަމުގައި ބުނެފައި އެ ޙަދީޘްގައިވެކެވެ. އަޅުގަނޑުމެން މިވަނީ ހަތްވަނަ ހާސްއަހަރުގައި ކަމުގައި ވީހިނދު މިއީ އެންމެ ބާޔާންކަންބޮޑު ދޮގެވެ. އެހެނީ އެއީ ތެދެއް ކަމުގައި ވާނަމަ އަޅުގަނޑުމެންގެ މިވަޤުތުންފެށިގެން ޤިޔާމަތާ ހަމައަށް ދުއިސައްތަ ފަންސާސް އެއްއަހަރު ބާކީ އެބައޮތްކަން ކޮންމެ މީހަކަށްވެސް އެނގުނީސްކަން ކަށަވަރެވެ.”

އިބްނުލްޤައްޔިމް ދުނިޔޭގައި ދިރިއުޅުއްވީ ހިޖްރީ ސަނަތުން އަށްވަނަ ޤަރުނުގައެވެ. ފަހެ މިބަސްފުޅު ވިދާޅުވެފައިވެއެވެ. އަދި މިބަސްފުޅަށްފަހު ހަސަތޭކަ ފަންސާސް ދެއަހަރު މިވަނީ ފާއިތުވެފައެވެ. ދުނިޔެ ފަނާވެފައެއް ނުވެއެވެ.

އިބްނުކަޘީރު -رحمه الله- ވިދާޅުވެފައިވެއެވެ. [އެބަސްފުޅުގެ މާނައީ:] “އިސްރާއީލީ [ރިވާޔަތްތަކުގެ] ފޮތްތަކުގައްޔާއި އަހުލު ކިތާބީންގެ ފޮތްތަކުގައި، އިސްވެ ގޮސްފައިވާ އެތައް ހާސް އަދި އެތަކެއް ސަތޭކަ އަހަރެއްގެ ކުރީގެ ވާހަކަތައް ކަނޑައަޅައި ބަޔާންކޮށްފައިވާތީ، އެއީ ކުށެއްކަމުގައާއި އޮޅުމެއް ކަމުގައި ގިނަ ޢިލްމުވެރީންތަކެއް ބަޔާން ކުރައްވާފައި ވެއެވެ. އެބައިމީހުން [އެވާހަކަތައް] އެއީ ޙައްޤުކަމުގައި ބަލައި އޭގައި ޘާބިތުވެ ތިބެތެވެ. އަދި ޙަދީޘްގައި ވާރިދުވެފައި ވެއެވެ. ((الدُّنْيَا جُمُعَةٌ مِنْ جُمَعِ الآخِرَةِ)) [އެބަހީ: “ދުނިޔެއީ އާޚިރަތުގެ ހުކުރު ތަކުގެ ތެރެއިން ހުކުރެކެވެ.”] މީގެ ސަނަދުވެސް ޞައްޙަވެގެން ނުވެއެވެ. އަދި ހަމައެފަދައިން ޤިޔާމަތުގެ ވަޤުތު ކަނޑައަޅައި ރިވާވެވައިވާ އެއްވެސް ވާހަކައަކީ އޭގެ ސަނަދު ޘާބިތުވާންހުރި ރިވާޔަތްތަކެއް ނޫނެވެ.”[1]

އަދި ހަމައެފަދައިން ޤިޔާމަތް ޤާއިމްވާނޭ ވަޤުތެއް އެއްވެސް މީހަކަށް ނޭނގޭނެކަން ކަށަވަރެވެ. އަދި ޤިޔާމަތުގެ ޢަލާމާތްތައް ފާޅުވާނީ ކޮންއިރަކުން ކަމެއްވެސް ނޭނގޭހުއްޓެވެ. މިވެނި އަހަރެއްގައި މިވެނި ކަމެއް ހިނގައި އަދި މިވެނި އަހަރެއްގައި މިވެނި ކަމެއް ވާނޭކަމުގައި ވާރިދުވެފައިވުން ޞައްޙަވެގެން ނުވެއެވެ. ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި ތާރީޚު ޖެހިފައެއް ނުވެއެވެ. އަދި ޢުމަރު ބިން އަލްޚައްޠާބު رضي الله عنه ގެ ޒަމާނުގައި މެނުވީ އެކަން [ފެށިފައި] ނުވެއެވެ. [އެއީ] އެކަލޭގެފާނުގެ އިޖްތިހާދެވެ. އަދި އޭގެ ފެށުން ކަމުގައި ނަބިއްޔާ صلى الله عليه وسلم [މަދީނާއަށް] ހިޖުރަކުރެއްވި ދުވަސް ހެއްދެވިއެވެ.

ޤުރުޠުބީ ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ޤިޔާމަތާއި އަދި އެކަމުގެ ޢަލާމާތްތަކާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ދެއްވާފައިވާ ޚަބަރުތަކާއި އެކަން [ހިނގާނެ] ޒަމާނަކީ މިވެނި އަހަރެކޭ ބުނުމުގައި އެކަން ޤަބޫލުކުރެވޭނެފަދަ ޞައްޙަ މަގަކުން [ރިވާވެފައިވުން] އެއީ ބޭނުންތެރި ކަމެކެވެ. ފަހެ ޤިޔާމަތް ޤާއިމްވާނެ ވަޤުތާއި އަހަރު އަދި މައްސަރު އެއްވެސް މީހަކަށް އެނގިނގެން ނުވެއެވެ. ދަންނައެވެ! އެކަން ވާހުށީ ހުކުރު ދުވަހެއްގެ ފަހު ދަންފަޅީގައެވެ. އަދި އެއީ އެވަޤުތެއްގައި ﷲ ތަޢާލާ، އާދަމް عليه السلام ޚަލްޤުކުރެއްވި ވަޤުތެވެ. އެހެނެއްކަމަކު އެއީ ކަނޑައެޅިގެން ކޮން ހުކުރު ދުވަހެއްކަމެއް އެކަލާނގެއާ އެއްވެސް ބައިވެރިއަކު ނުވާ، ﷲ ތަޢާލާ ފިޔަވައި އެއްވެސް ފަރާތަކަށް ނޭނގޭނެތެވެ. އަދި ހަމައެފަދައިން އެކަމުގެ ޢަލާމާތްތައް ފާޅުވާނެ ޒަމާނެއް އެނގިގެން ނުމެވޭމެއެވެ. وَاللهُ أَعْلَم”[2]

*******

__________________________________________

[1] ބައްލަވާ: ((النهاية / الفتن والملاحم)) (1/15)، تحقيق د. طه زيني.

[2] ބައްލަވާ: ((التذكر في أحوال الموتى وأمور الأخرة)) (ص 628)