بسم الله الرحمن الرحيم
الحمد لله نحمده ونستعينه، ونستغفره ونتوب إليه، ونعوذ بالله من شرور أنفسنا، ومن سيئات أعمالنا، من يهده الله فلا مضل له، ومن يُضلِل فلا هاديَ له، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدًا عبدُ الله ورسولُه صلَّى الله عليه وعلى آله وأصحابه ومن تبِعهم بإحسان إلى يوم الدين.
އެއަށްފަހު ދަންނައެވެ. ހަމަކަށަވަރުން މިއަދު ގިނަ މުސްލިމުންތަކެއްވަނީ ނަމާދާއިމެދު ފަރުވާކުޑަކޮށް ނަމާދު އަޅަންފަށާފައެވެ. އަދި ކިއެއްތަ، ބައެއް މީހުންވަނީ ފަރުވާކުޑަކަމުން ނަމާދުކުރުން އެއްކޮށް ދޫވެސްކޮށްލާފައެވެ.
މިމައްސަލައަކީ ވަރަށް ބޮޑު މައްސަލައަކަށްވުމާއިއެކު އަދި އަދުގެ މުސްލިމުން އިމްތިހާނުކުރެވިފައިވާ މައްސަލައަކަށްވެފައިވުމުން އަދި މިއުއްމަތުގެ އެހާރާއިމިހާރުގެ ޢިލްމުވެރިން އިޚްތިލާފުވެފައިވާ މައްސަލައަކަށްވުމުން، އަޅުގަނޑަށް ފަސޭހަ މިންވަރަކަށް މިކަމާއިމެދު ލިޔުމަށް ލޯބިކުރީމެވެ.
މިލިޔުން ދެ ބަޔަކަށް ޚުލާސާކޮށްލާނަމެވެ.
އެއްވަނަބައި: ނަމާދު އަޅާ މީހާގެ ޙުކުމް
ދެވަނަބައި: ނަމާދު އެޅުމުން ނުވަތަ އެނޫންކަމަކުންވެސް މުރުތައްދުވެއްޖެނަމަ އޭގެ މައްޗަށް ބިނާވެގެންދާނެ ކަންތައްތައް
މިކަމުގައި ހައްޤުގޮތް އަޅަމެންނަށް ދެއްކެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރަމެވެ.
އެއްވަނަބައި
ނަމާދު އަޅާ މީހާގެ ޙުކުމް
މި މައްސަލައަކީ ޢިލްމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން މައްސަލައެކެވެ. އަދި މިކަމުގައި އިހާއިފަހުގެ ޢިލްމުވެރީންވަނީ ދެބަސްވެފައެވެ. އިމާމް އަޙްމަދު ބުން ޙަންބަލް ވިދާޅުވެފައިވެއެވެ: “ނަމާދުއަޅާ މީހާއަކީ މިއްލަތުން ބޭރުވެގެންވާ ކާފިރެކެވެ. (ނަމާދުއަޅާމީހާ) ތައުބާވެ ނަމާދުނުކޮށްފިނަމަ ޤަތުލުކުރެވޭނެއެވެ”.
އަބޫ ޙަނީފާ، މާލިކު އަދި އައްޝާފިޢީ (ރަޙިމަހުމުއްﷲ) ވިދާޅުވަނީ: “(ނަމާދު އަޅާމީހާއަކީ) ފާސިޤެކެވެ. އަދި އޭނާ ކާފިރުނުކުރެވޭނެއެވެ”.
އެއަށްފަހު މިތިން ޢިލްމުވެރީންވެސް އިޚްތިލާފުވެފައިވެއެވެ. ފަހެ މާލިކުގެފާނާއި ޝާފިޢީގެފާނު (ރަޙިމަހުމާﷲ) ވިދާޅުވަނީ: “ހައްދެއްގެ ގޮތުގައި އޭނާ ޤަތުލުކުރެވޭނެއެވެ.” އަދި އަބޫ ޙަނީފާ (ރަޙިމަހުއްﷲ) ވިދާޅުވަނީ: “ތަޢުޒީރުކުރެވޭނެއެވެ. އަދި އޭނާ ޤަތުލުނުކުރެވޭނެއެވެ.”
މިމައްސަލައަކީ ދެބަސްވެފައިވާ މައްސަލައަކަށްވުމާއިއެކު، ވާޖިބުވެގެންވަނީ މިމައްސަލަ ކީރިތި ޤުރުއާނަށާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ރައްދުކުރުމެވެ. އެއީ ﷲ ތަޢާލާގެ މިބަސްފުޅުގައިވާފަދައިންނެވެ.
﴿وَمَا اخْتَلَفْتُمْ فِيهِ مِنْ شَيْءٍ فَحُكْمُهُ… ﴾ [الشورى: 10]
މާނައީ: “އަދި ތިޔަބައިމީހުން އެކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުންވަނީ، اللَّه އަށެވެ.”
އަދި މިވަޙީބަސްފުޅުގައިވާފަދައިންނެވެ.
﴿ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآَخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴾[النساء: 59]
މާނައީ: “ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލު ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ.”
އަދި އެއީ ޚިލާފުވާ ދެމީހުންގެ ތެރެއިން އެކަކުގެ ބަސް އަނެކާގެ ބަހުގެ މައްޗަށް ހުއްޖަތަކަށް ނުވާނެތީއެވެ. އެހެނީ ކޮންމެ މީހަކުވެސް ދެކޭނީ ހައްޤުވަނީ އެމީހަކާއިއެކުގައި ކަމަށެވެ. އަދި އެކަކުގެ ބަސް އަނެކާގެ ބަހަށްވުރެ ޤަބޫލުކުރުން ވަކި އައުލާ ނުވެއެވެ. އެހެންކަމުން އެކަމުގައި ވާޖިބުގެންވަނީ ޚިލާފުވާ ދެމީހުންގެ ދެމެދުގައި ޙުކުމް ކުރާނެ ޙަކަމެއްގެ ގާތަށް ރުޖޫޢަވުމެވެ. އެއީ ﷲ ތަޢާލާގެ ފޮތަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ރުޖޫޢަވުމެވެ.
މިދެބަސްވުން ފޮތަށާއި (ކީރިތި ޤުރުއާނަށާއި) ސުންނަތަށް ރައްދުކޮށްފިނަމަ، އަޅުގަނޑުމެންނަށް ފެންނަނީ ޤުރުއާނާއި ސުންނަތް ނަމާދު އަޅާ މީހާއަކީ މިއްލަތުން ބޭރުވެފައިވާ ކާފަރެއްކަމަށް ދަލީލުކޮށްދޭތަނެވެ.