މިމައްސަލައަކީ ( އެބަހީ: ޝަރުޢީ ބައްޕައެއްނުވާ ދަރިން ސުވަރުގެ ވަންނާނެތޯ؟ ) މިއީ އަޞްޙާބު ބޭކަލުންގެ ޒަމާނުގައިވެސް ބަހުޘް ކުރެވިފައިވާ މައްސަލައެކެވެ. މިކަމާމެދު ބަހުޘްކުރެވެން މެދުވެރިވި މައިގަނޑު ސަބަބަކީ، މިކަމާބެހޭގޮތުން ރިވާޔަތްތަކެއް އައިސްފައިވުމެވެ. ނަމަވެސް މިރިވާޔަތްތަކަށް އެކަށީގެންވާ ޖަވާބު އުއްމަތުގެ ބޮޑެތި ޢިލްމުވެރީން ވަނީ ދެއްވާފައެވެ. މިގޮތުން މިމައްސަލާގައި ފާހަނގަކޮށްލެވޭ އެއްރިވާޔަތަކީ އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން އިމާމް މުސްލިމް ރަޙިމަހު ﷲ އާއި އިމާމް އަބޫދާވޫދު ރަޙިމަހު ﷲ ރިވާކުރައްވާފައިވާ ރިވާޔަތެވެ. އޭގައިވަނީ : أن النبي صلى الله عليه وسلم قال : ” وَلَدُالزِّنَى شَرُّ الثَّلَاثَةِ ” މާނައީ : ” ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ޒިނޭގެ ދަރިއަކީ ތިންމީހުންކުރެ އެންމެ ނުބައި މީހާއެވެ. “ މިޙަދީޘްގެ މަފްހޫމާމެދު ބައެއް އަޞްޙާބުބޭކަލުންނާއި އެކިއެކި ޢިލްމުވެރިން ވިދާޅުވެފައިވާ އެއްޗަކަށް ބަލާލާނަމެވެ.
މިޙަދީޘާއިމެދު ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަ ﷲ ޢަންހުގެ އަރިހުން ވާރިދުވެފައިވެއެވެ. [ ތިން މީހުންކުރެ އެންމެ ނުބައިވެގެންވަނީ ނަހަލާލަށްވިހާ ދަރިނަމަ، އޭނާއަށް ބަލިވެއިން އަންހެނާ ވިހަންދެން ރަޖަމްނުކޮށް ފަސްކުރުމަށް އައިސްފައި ނުވީހެވެ. ] ތިންމީހުންކުރެ އެންމެނުބައި މީހަކީ ނަހަލާލު ދަރިއޭ ޢަބްދުﷲ ބުން ޢުމަރުގެ އަރިހުގައި މީހަކު ބުނެފިނަމަ ވިދާޅުވެއެވެ. [ ތިޔަހެނެއް ނުވާނެއެވެ. ތިން މީހުންކުރެ އެންމެ ރަނގަޅު މީހަކީ އޭނާއެވެ. ] މިމައްސަލަގެ އެންމެ މަޝްހޫރު އަދި ޖުމްހޫރު ޢިލްމުވެރިން ބުރަވެލައްވާ ބަސްފުޅަކީ ސުފްޔާނުއްޘަޥްރީ ރަޙިމަހު ﷲ ގެ ޤަޥްލެވެ. އެއީ [ އެފަދަ ކުއްޖަކު އޭނާގެ މައިންބަފައިން ކުޅަ ޢަމަލު ކޮށްފިނަމަ، ވާނީ ތިންމީހުންކުރެ އެންމެ ނުބައިމީހާ ކަމުގައެވެ. ]
شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެއެވެ. [ ނަޙަލާލު ދަރިއަކުވެސް އީމާންވެ ޞާލިޙު ޢަމަލުކޮށްފިނަމަ ވަންނާނީ ސުވަރުގެއަށެވެ. މިއާޚިލާފަށް އުޅެގެންފިނަމަ، އޭނާއަށްވެސް އެހެން މީހުންނެކޭ އެއްފަދައިން ކުރާކަންތައްތަކުގެ ޖަޒާލިބޭނެއެވެ. ﷲ ޖަޒާ ދެއްވަނީ އަޅުތަކުންގެ ޢަމަލަށެވެ. އެބައިމީހުންގެ ނަސަބަކަށް ނޫނެވެ. އެހެނަސް ޝަރުޢީ ބައްޕައެއްނެތް ދަރިންނާމެދު މިފަދަގޮތަކަށް ވާހަކަ ދެކެވޭ ސަބަބަކީ، ޞައްޙަ ނަސަބަކުން ރަނގަޅުގިތުގައި އައިސްފައިވާ ކުދިން ގިނަފަހަރަށް ރަނގަޅަށް އުޅޭނޭ ކަމުގައި ބެލެވޭތީއެވެ. އަދި ޞައްޙަނޫން ނަޞަބުތަކުން އައިސްފައިވާ ކުދިންގެ ފުށުން ގިނަފަހަރަށް ނުބައި ޢަމަލުތައް ހިނގާތީވެ އެއަށް ބަލައެވެ. ގިނަފަހަރަށް މިގޮތަށް ކަންހިނގާކަމުގައިވިޔަސް އާޚިރަތްދުވަހު ކޮންމެ މީހަކަށްވެސް ޖަޒާ ދެއްވާނީ އެމީހަކު ކުރާ ޢަމަލަކަށެވެ. ﷲ ގެ ޙަޟްރަތުގައި އެންމެ މާތްމީހަކަށްވާނީ އެބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރި މީހާއެވެ. ]
الشيخ محمد ناصر الدين الألباني رحمه الله ވިދާޅުވެފައިވެއެވެ. [ ޢާއްމުމާނަ ދޭހަވާފަދަ ލަފްޒަކުން މި ޙަދީޘް އައިސްފައިވީނަމަވެސް، މީގައިވަނީ ވަކިމީހެއްގެ ވާހަކައެވެ. އިތުރު އެކަލޭގެފާނު މިހެން ޙަދީޘްކުރެއްވީ އެކަލޭގެފާނަށް އުދަނގޫކޮށް އުޅުނު މީހަކާބެހޭ ގޮތުންނެވެ. ނަހަލާލު ދަރިއަކަށްވުމުގެ އިތުރުން، އޭނާވަނީ އިތުރު އެކަލޭގެފާނަށް އުނދަގޫކޮށް ހެދުމުގެ ސަބަބުން ކާފިރަކަށްވެ އޭނާގެ މަންމައާއި އެދަރި އެމީހަކަށްވިހެއި މީހާއާއި ދެމީހުންނަށްވުރެ ނުބައި މީހަކަށް ވެފައެވެ]
– ނުނިމޭ –