[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 1

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ

ނަބަވީ ސުންނަތް އެއްކުރެވި، ރައްކާތެރި ކުރެވުނު ގޮތް

 

މުތަރުޖިމުގެ ބަސް

 

މިފޮތަކީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ ޙަދީޘް ފެކަލްޓީގައި ކިޔަވައިދެވޭ މާއްދާއެއް ކަމުގައިވާ تَدْوِيْنُ السُّنَّةِ ގެ މަންހަޖާ އެއްގޮތަށް د. محمد بن مطر الزهراني – رحمه الله – ލިޔުއްވާފައިވާ ފޮތެއްކަމުގައިވާ (تدوين السنة النبوية نشأته وتطوره من القرن الأول إلى نهاية القرن التاسع الهجري) ގެ ތަރުޖަމާއެވެ.

ޙަދީޘްތައް ރައްކާކުރެވިފައިވާގޮތާއި އަދި ޙަދީޘްތައް އަޅުގަނޑުމެންނާ ހަމައަށް ފޯރާފައިވާ ގޮތުގެ ޞައްޙަކަމާމެދު އިސްލާމްދީނުގެ ޢަދާވާތްތެރިން ޝައްކުތައް އުފައްދަމުން ދާތީވެ މިމައުޟޫޢުގައި ދިވެހި ބަހުން ފޮތެއް އޮތުމަކީ މުހިންމު ކަމެއްގައި ދެކެމެވެ.

ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދޭ ޙާލު، މިމަސައްކަތް ހެޔޮ ގޮތުގައި ނިންމާލުމުގެ ތައުފީޤަށް އެދި ދުޢާކުރަމުން މި ފޮތުގެ ތަރުޖަމާ ފަށަމެވެ.

 *****

باسم الله الرحمن الرحيم

ވާގިއެދި ދަންނަވަނީ އެއިލާހުގެ ޙަޟްރަތުންނެވެ.

 

ޙަމްދުހުރީ އުޑުތަކާއި ބިންހައްދަވާ، އަނދިރިކަމާއި އަލިކަންލެއްވި ﷲ  އަށެވެ. ދެންވެސް ކާފަރުވި މީހުން އެއުރެންގެ ވެރިރަސްކަލާނގެއާއި، އެހެންތަކެއްޗާ ހަމަހަމަކޮށް ޝަރީކުކުރެތެވެ. (އަންޢާމް ސޫރަތުގެ ފުރަތަމަ އާޔަތުގެ މާނަ)

އެއިލާހު ދެއްވާފައިވާ ނިޢުމަތްތަކުގެ ޢަދަދެއް ޢަދަދުކުރާމީހުންނަކަށް ނުކުރެވޭނެއެވެ. އަދި ގަދައަޅާ މަސައްކަތްކުރާ މީހުންނަށްވެސް އެއިލާހަށް އަދާކުރަން ޖެހޭ ޙައްޤު ޝުކުރު އަދާ ނުކުރެވޭނެއެވެ. އަދި ޞިފަކުރާ ބަޔަކަށްވެސް އެއިލާހުގެ މަތިވެރިކަން ބަޔާންކޮށް ނުދެވޭނެއެވެ.

(އެކަލާނގެއީ) އިސްވެދިޔަ މިޘާލަކާނުލާ އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ، އެކަމަކަށް ވަޙީކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ. ދެން އެކަމެއް ވެދެއެވެ. (ބަޤަރާ ސޫރަތުގެ 117ވަނަ އާޔަތުގެ މާނަ)

އެއިލާހު ދެއްވާފައިވާ ދެއްވުންތަކަށްޓަކައި އެއިލާހަށް އަޅު ޙަމްދުކުރަމެވެ. އަދި އެއިލާހު ދެއްވާފައިވާ ނިޢުމަތްތަކަށްވެސް އެއިލާހަށް ޝުކުރުކުރަމެވެ. އަދި ދަތިކަމާއި އުނދަގޫކަމުގައިވެސް އެއިލާހުގެ ޙަޟްރަތުން ވާތްގަށް އެދެމެވެ.

އަދި އެއިލާހު ޤަޟާކޮށް ޤަދަރުކުރައްވާފައިވާ ކަންކަމުގައި އެއިލާހަށް ވަކީލުކުރަމެވެ.

ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި އެއިލާހު ފިޔަވާ އެހެން ރައްބެއް ނުވާކަމުގައި އިޢުތިޤާދުކުރަމެވެ. އެމީހެއްގެ ހެކިބަހާމެދު ޝައްކުނުކުރެވޭ މީހެއްގެ ހެކިބަހުން އެކަމަށް ހެކިވަމެވެ. އަދި އެއިލާހަށް އަޅުކަންކުރުމަށް މަނާވެނުގަންނަ ބަޔަކު އިޢުތިޤާދުކުވާ ފަދައިން އެކަމަށް އިޢުތިޤާދުކުރަމެވެ.

އަދި މުޙައްމަދު صلى الله عليه وسلم އަކީ އެއިލާހުގެ އަމާނާތްތެރި އަޅެއްކަމުގައި އަޅު ހެކިވަމެވެ. އަދި މަތިވެރި ރަސޫލާކަމަށްވެސް މެއެވެ.

އެކަލޭގެފާނުގެ ފުށުން ނަބީކަން ޚަތިމްކުރެއްވިއެވެ. އަދި ބަޔާންވެގެންވާ ޢަރަބި ބަހާއިގެން އެންމެހާ ޚަލްޤުންގެ ގާތަށް އެކަލޭގެފާނު ފޮނުއްވުނެވެ. ފަހެ ރިސާލަތު އެކަލޭގެފާނު ފޯރުކޮށްދެއްވިއެވެ. އަދި ބަސްފުޅު ބަޔާންކޮށްދެއްވިއެވެ. އުންމަތަށް ނަޞީޙަތްތެރިވެލެއްވިއެވެ. އަދި އޮޅުން އަރާފައިވާ ކަންތައްތައް ސާފުކޮށްދެއްވިއެވެ. އަދި ﷲގެ މަގުގައި މުޝްރިކުންނާ ދެކޮޅަށް ޖިހާދުކުރެއްވިއެވެ. އަދި މަރާ ބައްދަލުވެއްޖައުމަށް ދާންދެން އެކަލޭގެފާނުގެ ރައްބަށް އަޅުކަން އަދާކުރެއްވިއެވެ. ފަހެ ރަސޫލުބޭކަލުންގެ ސާހިބާ މުޙައްދަމުގެ ފާނަށް ޞަލަވާތްލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ހެޔޮކަމުންފުރިގެންވީ އަހުލު ބައިތުންނަށްވެސްމެއެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުންގެ ގޮތުގައި ލެއްވުން ބޭކަލުންނަށްވެސް މެއެވެ. އަދި މުއުމިނުންގެ މަންމައިންކަމުގައިވާ އެކަލޭގެފާނުގެ ޠާހިރު އަނބިއަނބިކަނބަލުންނަށްވެސް މެއެވެ. އަދި ޤިޔާމަތާ ހަމައަށް އެބޭކަލުންނާ ތަބާވީ ބަޔަކަށްމެއެވެ.[1]

______________________________________

[1]   މި ފެށުމަކީ ޚަޠީބު[އަލް ބަޣްދާދީ] ގެ ފޮތެއްކަމުގައިވާ ތާރީޚު ބަޣްދާދު، އެފޮތުން ނަގާފައިވާ ޢިބާރާތެކެވެ. (1/3)

 

މިލިޔުމުގެ އެހެނިހެން ބައިތައް