[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 33 “ނަބިއްޔާ صلى الله عليه وسلم ރަސޫލު ކަމައިގެން ފޮނުއްވުން.”

qiyaamai vumuge

މިހާރު މިވަނީ ޤިޔާމަތުގެ ކުދި ޢަލާމާތްތައް ޛިކުރު ކުރުމުގެ ވަޤުތު ޖެހިފައެވެ. އެކަން ވާހުށީ އަންނަނިވި ފަދައިންނެވެ:

1. ނަބިއްޔާ صلى الله عليه وسلم ރަސޫލު ކަމައިގެން ފޮނުއްވުން.

ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޚަބަރު ކުރައްވާފައިވާ ގޮތުގައި، އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުމަކީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ މައްޗަށް ހުރި ދަލީލެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ޤިޔާމަތުގެ ނަބިއްޔާއެވެ.

ސަހްލު [ބިން ސާޢިދާ] رضي الله عنه ގެ އަރިހުން [ރިވާވެގެންވާ] ޙަދީޘްގައި އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ)) މާނައީ: “ތިމަންކަލޭގެފާނާއި ޤިޔާމަތް ފޮނުއްވުނީ މިފަދައިންނެވެ.” އަދި އެކަލޭގެފާނުގެ ދެއިނގިލިފުޅު ސީދާކޮށްލައްވާ އެއަށް އިޝާރާތްކޮށްލެއްވިއެވެ.”[1]

އަދި އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ)) މާނައީ: “ތިމަންކަލޭގެފާނާއި ޤިޔާމަތް ފޮނުއްވުނީ މިފަދައިންނެވެ.” އަދި އެކަލޭގެފާނުގެ ޝަހާދަތް އިނގިލިފުޅާއި މެދު އިނގިލިފުޅު ކައިރިކޮށްލެއްވިއެވެ.”[2]

އަދި އަބޫ ޖުބައިރާ ގެ އަރިހުން ޤައިސް ބިން އަބީ ޙާޒިމް މަރުފޫޢުކޮށް (އެބަހީ: ރަސޫލުﷲ صلى الله عليه وسلم އަށް ނިސްބަތްކުރައްވާ) ރިވާކުރައްވިއެވެ. ((بُعِثْتُ فِيْ نَسَمِ[3] السَّاعَة))[4] މާނައީ: “ތިމަންކަލޭގެފާނު ފޮނުއްވުނީ ޤިޔާމަތުގެ މަޑުމަޑު ވައިރޯޅިއާއެކުއެވެ.” (އެބަހީ: “ތިމަންކަލޭގެފާނު ފޮނުއްވުނީ ޤިޔާމަތުގެ ފުރަތަމަ ޢަލާމާތްތަކާ އެކުއެވެ.)

ފަހެ ޤިޔާމަތުގެ އެންމެ ފުރަތަމަ ޢަލާމާތަކީ ނަބިއްޔުލް މުސްޠަފާ صلى الله عليه وسلم [ރަސޫލު ކަމައިގެން] ފޮނުއްވުމެވެ. އެއީ އެންމެ ފަހުގެ ނަބިއްޔާއެވެ. އެކަލޭގެފާނުގެ ފަހުން އެއްވެސް ނަބިއްޔަކު ނުވެއެވެ. އަދި އެކަލޭގެފާނުގެ ފަހުން ޤިޔާމަތް މެނުވީ ނުވެއެވެ. ޝަހާދަތް އިނގިއްޔާޖެހިގެން މެދު އިނގިލިވާ ފަދައިންނެވެ. އެ ދެއިނގިލީގެ ދެމެދުގައި އިތުރު އިނގިއްޔެއް ނުވެއެވެ. ނުވަތަ އެއް އިނިގިއްޔާއި އަނެއް އިނގިލި ތަފާތުވާ ފަދައިންނެވެ.[5] އަދި ތިރުމިޛީގެ ރިވާޔަތުން އެކަމަށް ދަލީލު ލިއްބައިދެއެވެ: ((بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ -وَأَشَارَ أَبُوْ دَاوُد بِالسَّبَّابَةِ وَالْوُسْطَى- فَمَا فَضْلُ إِحْدَاهُماَ عَلَى الأُخْرَى))[6] މާނައީ: “ތިމަންކަލޭގެފާނާއި ޤިޔާމަތް ފޮނުއްވުނީ މިފަދައިންނެވެ. -އަދި ޝަހާދަތް އިނގިލި ފުޅަށާއި މެދު އިނގިލިފުޅަށް އަބޫދާވޫދު އިޝާރާތް ކޮށްލެއްވިއެވެ.- ފަހެ އެކަތި އަނެކަތީގެ މައްޗަށް ތަފާތެއް ނުކުރައްވައެވެ.” އަދި އިމާމް މުސްލިމްގެ ރިވާޔަތެއްގައި ވެއެވެ. ((قَالَ شُعْبَةُ: وَسَمِعْتُ قَتَادَة يَقُوْلُ فِيْ قِصَصِهِ: كَفَضْل إِحْدَاهُمَا عَلَى الأُخْرَى. فَلاَ أَدْرِيْ أَذْكُرْهُ عَنْ أَنَسٍ أَوْ قَالَهُ قَتَادَة))[7] މާނައީ: “ޝުޢުބާ ވިދާޅުވިއެވެ. ޤަތާދާ އެކަލޭގެފާނުގެ ވާހަކަފުޅުގައި ވިދާޅުވިއަޑު ތިމަންނާ އެހީމެވެ. އެ [ދެއިނގިލީގެ] އެކަތީގެ މައްޗަށް އަނެކައްޗަށް އިތުރުކަން ލިބިގެންވީ ފަދައިންނެވެ. ފަހެ އެވާހަކަ ޛިކުރު ކުރެއްވީ އަނަސްގެފާނުގެ ކިބައިން ކަމެއް ނުވަތަ ޤަތާދާ [އަމިއްލަފުޅަށް] ކަމެއް ތިމަންނާ ނުދެނެހުރީމެވެ.”

ޤުރުޠުބީ -رحمه الله- ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “އެކަމުގެ ފުރަތަމަ [ޢަލާމާތަކީ] ނަބިއްޔާ صلى الله عليه وسلم އެވެ. އެހެނީ އެކަލޭގެފާނަކީ ފަހުޒަމާނުގެ ނަބިއްޔާއެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނާއި ޤިޔާމަތާ ދެމެދު ނަބިއްޔަކު ނުވެއެވެ.”[8]

މާތް ﷲ ވަޙީ ކުރެއްވިއެވެ: ﴿مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ…﴾ (سورة الأحزاب: 40) މާނައީ: “ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމް ކުރެއްވި ކަލޭގެފާނުވެސްމެއެވެ.”

=ނުނިމޭ=

__________________________________________

[1] [ބައްލަވާ:] ((صحيح البخاري))،  كتاب الرفق،  باب قول النبي صلى الله عليه وسلم: ((بعثت أنا والساعة كهاتين))، (11/347-مع الفتح).

[2] [ބައްލަވާ:] ((صحيح مسلم))، كتاب الفتن وأشراط الساعة، باب قرب الساعة، (18/ 89-90-مع شرح النووي).

[3] ((نَسَمِ السَّاعَة)): އިންބުލްއަޘީރު ވިދާޅުވިއެވެ: “މިބަސް ވަނީ “النَّسِيْم” އިންނެވެ. [އެއީ] އެއީ ގަދަވައިގެ އެންމެ ފުރަތަމަ އަންނަ މަޑުމޮޅި ވައިރޯޅިއެވެ. އެބަހީ: ތިމަންކަލޭގެފާނު ފޮނުއްވުނީ ޤިޔާމަތުގެ އެންމެ ފުރަތަމަ ޢަލާމާތްތަކާ އެކުގައެވެ. އަދި އެއީ މަޑުމޮޅިކަމާއެކު އައުމެވެ.  އަދި ބުނެވެއެވެ: އެއީ نَسْمَة ގެ ޖަމްޢެވެ. [ނުވަތަ ގިނަގޮތެވެ.] އެބަހީ: ތިމަންކަލޭގެފާނު ފޮނުއްވުނީ ޤިޔާމަތް ކުޑަތަންވުމުގެ ކުރިން ﷲ ތަޢާލާ ޚަލްޤުކުރައްވާ ފޮނުއްވި ފުރާނަތަކުގެ ތެރެއިންނެވެ. އެކަލޭގެފާނު ވިދާޅުވާފަދައެވެ: ((في آخر النشئ في بني آدم)) (النهاية في غريب الحديث)) (5/49-50) މާނައީ: “އާދަމުގެ ދަރީންގެ ތެރެއިން އެންމެފަހުން ފޮނުއްވޭ މީހުންގެ ތަރެއިންނެވެ.”

[4] رواه الداولابي في ((الكنى)) (1/23)، وابن منذه في ((المعرفة)) (2/234/2).

قال الألباني: ((صحيح)).
والحديث رواه الحاكم في ((الكنى))- كما في ((الفتح الكبير))-، ولم يعزه لغيره.

ބައްލަވާ: ((صحيح الجامع الصغير)) (3/8) (ح 2829)، و ((سلسلة الأحاديث الصحيحة)) (2/468) (ح 808).

[5] ބައްލަވާ: ((التذكرة)) (ص 625-626)، و ((فتح الباري)) (11/349)، و ((تحفة الأحوذي شرح الترمذي)) (6/460).

[6] ((جامع الترمذي)) باب ماجاء في قول النبي صلى الله عليه وسلم: ((بعثت أنا والساعة كهاتين))، (6/459-460)، وقال: ((هذا حديث حسن صحيح)).

[7] ((صحيح مسلم))، كتاب الفتن وأشراط الساعة، باب: قرب الساعة، (18/89-مع شرح النووي).

[8] [ބައްލަވާ:] ((التذكرة في أحوال الموتى وأمور الآخرة)) (ص626).