ރަސޫލުބޭކަލުންނަކީ : ﷲ ތަޢާލާގެ ޝަރީޢަތް މީސްތަކުންނަށް ފޯރުކޮށްދެއްވުމަށް މީސްތަކުންގެ ގާތަށް ފޮނުއްވުނު ބޭކަލުންނެވެ. އެއީ ޝަރީކަކުރުމަކާ ނުލާ، ހަމައެކަނި ﷲއަށް އަޅުކަންކުރުމަށް ގޮވާލުމަށެވެ. އަދި އެނޫން ފަރާތްތަކަށް އަޅުކަންކުރުމުން ދުރުހެލިވުމަށް ގޮވާލުމަށެވެ.
ރަސޫލުބޭކަލުން ފޮނުއްވުމުގެ ޙިކުމަތް
ﷲ ތަޢާލާ، ރަސޫލުބޭކަލުން ފޮނުއްވީ އަޅުތަކުންގެ މައްޗަށް އޮތް ޙުއްޖަތެއްގެ ގޮތުގައެވެ. އެއީ މީސްތަކުންނަށް ދީން ފޯރުކޮށްކޮށްދެއްވުމަށެވެ. އަދި ކިޔަމަންތެރި އަޅުންނަށް ސުވަރުގޭ އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި އެބައިމީހުންނަށްހުރި މަތިވެރި ޘަވާބުގެ ޚަބަރުދެއްވުމަށެވެ. އަދި އުރެދުންތެރި އަޅުންނަށް ނަރަކައިގެ އިންޛާރުދީ އަދި އެބައިމީހުންނަށް ހުރި ގަދަފަދަ ޢަޛާބުގެ އިންޛާރުވެސް ދެއްވުމަށެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّـهِ حُجَّةٌ بَعْدَ الرُّسُلِ ۚ …﴾ [سورة النساء ١٦٥ ]
މާނައީ: “އުފާވެރިކަމުގެ ޚަބަރުދެއްވާ، އަދި އިންޛާރުކުރައްވާ ރަސޫލުބޭކަލުންތަކެއް ފޮނުއްވީމެވެ. (އެއީ) ރަސޫލުން ފޮނުއްވުމަށްފަހު ﷲ ގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ލިބިގެން ނުވުމަށްޓަކައެވެ… “
އެންމެ ފުރަތަމަ އަދި އެންމެ ފަހުން ފޮނުއްވުނު ރުސޫލުބޭކަލުން
މީސްތަކުންގެ ގާތަށް އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލުބޭކަލަކީ ނޫޙު – عليه السلام – އެވެ. އަދި އެންމެ ފަހުން ފޮނުއްވުނު ރަސޫލުބޭކަލަކީ މުޙައްމަދު صلى الله عليه وسلم އެވެ.
ދަރުސްގެ އިރުޝާދުތައް
* ﷲ ތަޢާލާ ކޮންމެ އުންމަތެއްގެ ގާތަށް ރަސޫލުބޭކަލަކު ފޮނުއްވިއެވެ. އެއީ އަހަރެމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ރިސާލަތުން ނަބީކަން ޚަތިމުކުރައްވާ ނިންމަވާލެއްވުމަށް ދާންދެނެވެ. ފަހެ އެކަލޭގެފާނުވީ ޤިޔާމަތާ ޖެހެންދެން އެންމެހާ އިންސީންނާއި ޖިންނީންގެވެސް ގާތަށް ފޮނުއްވުނު ﷲ ގެ ރަސޫލާކަމުގައެވެ.
* ރަސޫލާ صلى الله عليه وسلم ގެ ރިސާލަތު ހިމެނިފައިވަނީ މުހިންމު ތިން ކަމެއްގެ މައްޗަށެވެ:
1 މީސްތަކުންނަށް އެބައިމީހުންގެ رَبّ މަޢުރިފާކޮށް އުނގަންނައިދީ ، އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް އުނގަންނައިދިނުން.
2 ﷲއަށް އަޅުކަންކުރަންވީ ރަނގަޅުގޮތް ބަޔާންކޮށްދިނުން.
3 މީސްތަކުންކުރާ ޢަމަލުތަކަށް ޤިޔާމަތްދުވަހުން ޖަޒާދެއްވޭނެކަން ބަޔާންކޮށްދިނުން.
ސުވާލުތައް
1 ރަސޫލުބޭކަލުން، އެބޭކަލުންގެ ޤައުމުގެ މީސްތަކުންނަށް ގޮވާލެއްވީ ކޮންކަމަކަށް ހެއްޔެވެ؟
2 އަންނަނިވި ހުސްތަންތަން ފުރާށެވެ:
أ- އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލުބޭކަލަކީ ………………………………………… އެވެ. އަދި އެންމެ ފަހުން ފޮނުއްވުނު ރަސޫލު ބޭކަލަކީ …………………………………….. އެވެ.
ب- ރަސޫލާ صلى الله عليه وسلم ގެ ރިސާލަތު ހިމެނިފައިވަނީ މުހިންމު ކަންތައްތަކެއްގެ މައްޗަށެވެ. އެއީ:
1. …………………………………………………………………………………………………………..
2. …………………………………………………………………………………………………………..
3. …………………………………………………………………………………………………………..
3 މިފިލިވާޅުގައި ހިމެނިފައިވާ އާޔަތުގައި ރަސޫލު ބޭކަލުންގެ ދެ ސިފަފުޅެއް ބަޔާންކުރައްވާފައިވެއެވެ. އެއީ ކޮން ދެ ސިފައެއް ހެއްޔެވެ؟
4 ﷲ އަށް އީމާންނުވާ މީހަކަށް ހުރި ޖަޒާއަކީ ކޮބާ ހެއްޔެވެ؟ އަދި ރަސޫލުބޭކަލުން ތެދުނުކޮށްފިމީހަކަށް ހުރި ޖަޒާއަކީ ކޮބާ ހެއްޔެވެ؟