[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިޔަތުގެ ޙަދީޘްގެ ފައިދާތައް 1

PIC-613-1353862628الحمد لله وكفي، وصلى الله وسلم على نبيه المصطفي، وعلى آله وأصحابه أهل البر والوفا ، أما بعد:

عن أميرِ المؤمنينَ أبي حفصٍ عمرَ بنِ الخطَّابِ رَضِي اللهُ عَنْهُ قالَ: سَمِعْتُ رسولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يقولُ: « إِنَّمَا الأَعْمَالُ بالنِّيَّاتِ وإِنَّمَا لِكُلِّ امْرِئٍ ما نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللهِ وَرَسُولِهِ فَهِجْرَتُهُ إِلى اللهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَو امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ». رواه إماما المحدثين : أبو عبد الله محمد بن إسماعيل بن إبراهيم بن المغيرة بن بَرْدِزْبَه البخاري، وأبو الحسين مسلم بن الحجاج بن مسلم القشيري النيسابوري في صحيحيهما اللذين هما أصح الكتب المصنفة [صحيح البخاري (1) وفي مواضع أخرى ، ومسلم (1907) (155).]

ޙަދީޘްގެ މާނަ: މުއުމިނުންގެ އަމީރު އަބޫ ޙަފްޞް ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަ ﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ސައްލަ ﷲ އަލައިހި ވަސައްލަމަ ހަދީސްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެހީމެވެ. ((ޢަމަލުތައް ނިޔަތުގެ މައްޗަށް މެނުވީ ނުވެއެވެ. އަދި ކޮންމެ އިންސާނަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. ފަހެ ﷲ އާއި އެއިލާހުގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށްޓަކައި ހިޖުރަކޮށްފިމީހާގެ ހިޖުރަ ވާހުށީ، ﷲ އާއި އެކަލާނގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ އަރިހަށެވެ. އަދި ދުނިޔެއަށްޓަކައި، އެލިބުމަށްއެދިގެން، ނުވަތަ އަންހެނަކާއި ކައިވެނި ކުރުމަށްޓަކައި ހިޖުރަކޮށްފިމީހާގެ ހިޖުރަވާހުށީ އެމީހަކު އެކަމަކަށްޓަކައި އެހިޖުރަކުރި ކަމަކަށެވެ.”

މި ޙަދީޘަކީ އިސްލާމްދީނުގެ އަސާސްތަކުގެ ތެރެއިން ވަރަށް މުހިއްމު އަސާސެއް ބަޔާންވެގެންވާ ޙަދީޘެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްވިގެންވީ “ޖަވާމިޢުލް ކަލިމަ”ގެ ތެރެއިން ވާ ޙަދީޘެކެވެ. ޙުކުމްތަކުގެ ބާބުތަކުގެ ތެރެއިން ކޮންމެ ބާބަކަށްވެސް މި ޙަދީޘު ވަދެއެވެ. ގިނަގުނަ ފައިދާތަކެއް ހިމެނޭ ޙަދީޘެކެވެ.

ފައިދާތައް

1- މި ޙަދީޘަކީ އިސްލާމްދީނުގެ އަޞްލުތަކުގެ ތެރެއިން މަތިވެރި އަޞްލެއް ބަޔާންވެގެންވާ ޙަދީޘެކެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްވިގެންވީ ޖަވާމިޢުލް ކަލިމައިގެ ހެއްކަކަށް ފުދޭ ހަދީޘެކެވެ. އަޙްކާމުގެ ބާބުތަކުގެތެރެއިން ކޮންމެ ބާބަކަށް ވަންނަ ޙަދީޘެކެވެ. ގުނާ ޢަދަދުނުކުރެވޭހާ ގިނަގުނަ ފައިދާތައް އެކުލެވިފައިވާ ޙަދީޘެކެވެ.

2- ޤަޞްދަކާ ނުލާ ކުރެވޭ ޢަމަލުތަކަކީ އޭގެ މައްޗަށް ޙުކުމެއް ކުރުން އަދި ޖަޒާއެއް ލިބުން ބިނާވެފައިވާ ޢަމަލުތަކެއް ނޫނެވެ. ޒިންމާވާންޖެހޭ އެއްޗެއް ހަލާކުވުމުން މެނުވީއެވެ.

3- ހުރިހާ އަޅުކަމެއްގައިވެސް ނިޔަތަކީ ޝަރުޠެކެވެ. ނަމާދާއި ޒަކާތާއި ރޯދަ އަދި ޙައްޖުގައިވެސް މެއެވެ. އަދި އެއްއަޞްލެއްގެ އަޅުކަމެއްކުރާއިރު އޭގެ ތަފާތުވައްތަރުތައް ފަރަޤުކުރަނީވެސް ނިޔަތުންނެވެ. މިސާލަކަށް މެންދުރުނަމާދާއި މެންދުރު ނަމާދުގެ ރަވާތިބު ސުންނަތް ފަރަޤު ކުރަނީވެސް ނިޔަތުންނެވެ. އަދި ހަމަ އެހެންމެ ސުންނަތް ރޯދައާއި ޤަޟާ ރޯދަ ވެސް ފަރަޤުކުރަނީ ނިޔަތުންނެވެ. ގަނެވިއްކުމާއި، ހިބަކުރުމާއި، އަޅުންމިނިވަންކުރުންފަދަ ޢަޤްދުތަކުގައިވެސް ނިޔަތަކީ ޝަރުޠެކެވެ.

4- ކައިފިއްޔަތުގައި އެއްގޮތް ޢަމަލުތައް ނިޔަތުން މެނުވީ ފަރަޤު ނުކުރެވޭނެއެވެ.

5- ޞާލިޙު ނިޔަތެއްގެ މައްޗަށް އަދި ފާސިދު ނިޔަތެއްގެ މައްޗަށްވެސް ޢަމަލު ބިނާވެދާނެއެވެ. އޭގެ ޖަޒާވެސް ވަނީ އެބީދައިންނެވެ. ނިޔަތް ފަސާދަވެއްޖެނަމަ ޢަމަލުވެސް ފަސާދަވީއެވެ. މިސާލަކަށް ﷲ ނޫން ފަރާތަކަށް ޢަމަލެއްކުރުމެވެ. ހަމައެކަނި ނިޔަތް އިޞްލާޙްކުރުމަކުން އަދި ނުފުދޭނެއެވެ. އެ ޢަމަލީ ޝަރީޢަތުގައި އައިސްފައިވާ ކަންތައްތަކާ އެއްގޮތަށް ކުރާ ޢަމަލަކަށްވެސް ވާންޖެހޭނެއެވެ.

6- އެއްވެސް މުކައްލަފަކަށް އޭނާ ނިޔަތްގަތް ކަމެއް މެނުވީ ޙާޞިލްނުވާހުއްޓެވެ.

7- ﷲ އަށް ޢަމަލުތައް ޚާލިޞްކުރުމަކީ ވާޖިބެކެވެ.

8- ﷲ ނޫން ފަރާތްތައް އެދިގެން އެއްވެސް ޢަމަލެއްކުރުމަކީ ޙަރާމްކަމެކެވެ.

9- ޝިރުކުގެ ބިންތަކުން އިސްލާމްކަމުގެ ބިންތަކަށް ހިޖުރަކުރުމީ އިސްލާމްދީނުގައި މަޝްރޫޢު ކަމެކެވެ.

10- ހިޖުރަ ކުރުމުގައިވެސް އިޚްލާޞްތެރިވުމަކީ ވާޖިބެކެވެ. އެކަން ކުރަންވާނީ އެކަލޭގެފާނުގެ ޙަޔާތުގައި ނަމަ ﷲ އަށް އަދި އެކަލޭގެފާނަށް ޓަކައެވެ. (އެކަލޭގެފާނަށް ނަޞްރުދިނުމަށްޓަކައެވެ.) އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހު ނަމަ އެކަލޭގެފާނުގެ ދީނާއި އެކަލޭގެފާނުގެ ސުންނަތަށްޓަކައެވެ.

11- މީހަކު ޢަމަލެއްގައި އިޚްލާޞްތެރިވެއްޖެނަމަ، އޭނާއަށް އެކަމުގެ ޖަޒާ ލިބޭނެއެވެ. އެކަމަކު އެއީ އެ ޢަމަލު ޞާލިޙް ޢަމަލަކަށްވުމާއި އަދި ޢަމަލުކުރުމުގައި ހިފަހައްޓަންޖެހޭ ޝަރުޠުތަކަށް ރައްކާތެރިވެއްޖެނަމައެވެ.

12- ހަމައެކަނި ދުނިޔެ އެދިގެން މީހަކު ހެޔޮ ޢަމަލެއް ކުރުމަކީ އެކަމުން އެމީހަކަށް ޖަޒާ ލިބޭނެ ކަމެއް ނޫނެވެ.

 (ނުނިމޭ)
********************************
1- قواعد وفوائد من الأربعين النووية (ناظم سلطان)
2- الفوائد المستنبطة من الأربعين النووية من أمالي فضيلة الشيخ عبد الرحمن بن ناصر البراك حفظه الله على تلميذه عبد المحسن بن عبدالعزيز العسكر – دار التوحيد للنشر – الرياض