[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު އަޅާ މީހާގެ ޙުކުމް 4

hukum

 

މީހަކު ސުވާލުކޮއްފާނެއެވެ: ނައްޞުތަކުގައި ބަޔާންވެގެންވާ ނަމާދު ދޫކުރާ މީހާއަކީ ނަމާދުގެ ވާޖިބުކަމާމެދު އިންކާރު ކުރާހާލު ނަމާދު ދޫކުރާމީހާ ކަމުގައި ސިފަކުރުން ހުއްދަވެގެން ވޭހެއްޔެވެ؟

ޖަވާބު: އެގޮތަށް ސިފަކުރުން ހުއްދަވެގެން ނުވެއެވެ. އެހެނީ އެކަމުގައި ދެ ނުރައްކަލެއް އެބަ އޮތެވެ.

ފުރަތަމައީ: ﷲ ތަޢާލާ ޙުކުމް ބާއްވާލެއްވި ނުވަތަ ޙުކުމްގެ ސަބަބެއްކަމުގައި ލެއްވި ޞިފަދޫކޮށްލުން

އެހެނީ ހަމަކަށަވަރުން ﷲ ތަޢާލާ ކުފުރުގެ ޙުކުމް ލައްވާފައިވަނީ ނަމާދު ދޫކުރާމީހާގެ މައްޗަށެވެ. އިންކާރު ކުރާމީހާގެ މައްޗަކަށް ނޫނެވެ. އަދި ދީނުގެ އަޚުވަންތަކަންވެސް ލައްވާފައިވަނީ ނަމާދު ޤާއިމުކުރުމުގެ މައްޗަށެވެ. އޭގެ ވާޖިބުކަމާއިމެދު އިޤުރާރު ވުމުގެ މައްޗަކަށް ނޫނެވެ. فَإِن تَابُوا وَأَقَرُّوا بِوُجُوبِ الصَلاة “ފަހެ، އެއުރެން ތައުބާވެ، ނަމާދުގެ ވާޖިބުކަމާއިމެދު އިޤުރާރުވެއްޖެނަމަ” އެކޭ ﷲ ތަޢާލާ ވަޙީ ނުކުރައްވަތެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް (بَينَ الرَجُلِ وَبَينَ الشِّركَ وَالكُفرِ جَحْدِ وُجُوبِ الصَّلَاة . أَوِالعَهدُ الَّذِي بَينَنَا وَبَينَهُم الإِقرَارُ بِوُجُوبِ الصَّلَاة ، فَمَن جَحَدَ وُجُوبِهَا فَقَدْ كَفَرَ) “މީހަކާއި ޝިރުކާއި އަދި ކުފުރާއި ދެމެދުވަނީ ނަމާދުގެ ވާޖިބުކަމާއިމެދު އިންކާރުކުރުމޭ، ނުވަތަ އަހަރެމެންނާއި އެބައިމީހުންނާއިދެމެދުވާ ޢަހުދަކީ ނަމާދުގެ ވާޖިބުކަމާއިމެދު އިޤުރާރުވުމޭ، ނަމާދުގެ ވާޖިބުކަމާއިމެދު އިންކާރުކޮއްފިމީހަކު ނަމަ ކާފަރުވާނެއެކޭ” ޙަދީޘް ނުކުރައްވައެވެ.

ﷲ ތަޢާލާއާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުގެ މުރާދަކީ މީކަމުގައިވާނަމަ، މިމުރާދުން އެއްކިބާވުމީ ކީރިތި ޤުރުއާނުގައި އައިސްފައިވާ ބަޔާނާއި ޚިލާފުވުމެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ:

﴿وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِكُلِّ شَيْءٍ﴾ ]النحل: 89[

“އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ.”

އަދި ﷲ ތަޢާލާ އެކަލާނގެ ނަބިއްޔާއާއި މުޚާތަބުކޮށް ވަޙީކުރައްވަނީ:

﴿وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ﴾ ]النحل: 44[

“އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ.”

ދެވަނައީ: ޝަރުޢުކުރެއްވި ފަރާތުން ޙުކުމުގެ ޢިއްލަތަކަށް ކަނޑައަޅުއްވާފައިނުވާކަމެއް ޢިއްލަތަކަށް ކަނޑައެޅުން

ފަހެ ހަމަކަށަވަރުން ފަރުޟު ފަސްނަމާދުގެ ވާޖިބުކަމާމެދު ނޭނގުމުގެ (ޖަހުލުގެ) އުޒުރުނެތް މީހަކު ދެކޮޅުހަދައިފިނަމަ އޭނާ ނަމާދުކުރިޔަސް ނުކުރިޔަސް ކާފަރުވާނެއެވެ.

އެހެނީ މީހަކު ފަސްވަގުތުގެ ނަމާދު ފުރިހަމައަށް ކޮށް، އޭގެ ހުރިހާ ޝަރުތުތަކަކާއި ރުކުންތަކަކާއި ވާޖިބުތަކާއި ސުންނަތްތަކާއި ފުރިހަމަ ކުރިކަމުގައިވީނަމަވެސް، ފަރުޟު ފަސްނަމާދުގެ ވާޖިބުކަމާމެދު އުޒުރެއްނެތި އިންކާރުކޮށްފިނަމަ އޭނާ ވާހުށީ ކާފިރުންގެ ތެރެއިންނެވެ. އެއީ ނަމާދު ކުރާހާލުވެސްމެއެވެ.

މިކަމުން ދޭހަކޮށްދެނީ ނައްސުތަކުގައިވާ “ނަމާދު އަޅާމީހާ”އަކީ، އެކަމަށް އިންކާރުކުރުމާއިއެކު އަޅާމީހާކަމަށް ސިފަކުރުމަކީ ޞައްޙަގޮތް ނޫންކަމެވެ. އަދި ހައްޤަކީ ނަމާދު އަޅާ މީހާއަކީ މިއްލަތުންބޭރުވެގެންވާ ކާފަރެއްކަމެވެ. އެއީ އަންނަނިވި ހަދީޘްގައި ޞަރީޙަކޮށް އައިސްފައިވާފަދައިންނެވެ. އިބުން އަބީ ޙާތިމް އެކަލޭގެފާނުގެ ސުނަނުގައި ޢުބާދަތު ބުން ޞާމިތު (ރަޟިޔަﷲ ޢަންހު)ގެ ފަރާތުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނުވިދާޅުވިއެވެ. ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ތިމަންމެނަށް ވަޞިއްޔަތް ކުރެއްވިއެވެ.

 ((“لَا تُشرِكُوا باِللهِ شَيئاً، وَلَا تَتْرُكُوا الصَلَاةَ عَمْداً، فَمَن تَرَكَهَا عَمْداً مُتَعَمِّداً فَقَدْ خَرَجَ مِنَ المِلَّة))

“ﷲ ތަޢާލާއާއި އެއްވެސް އެއްޗެއް ތިޔަބައިމީހުން ޝަރީކުނުކުރާހުށިކަމެވެ. އަދި ނަމާދު ގަސްދުގައި ދޫނުކުރާށެވެ. ފަހެ ގަސްދުގައި ނަމާދު ދޫކޮއްފިމީހާ މިއްލަތުން ބޭރުވެއްޖެއެވެ.”

އަދި މިގޮތަށް ނަމާދު ނުކުރާމީހާއަކީ އެކަމަށް އިންކާރު ކުރުމާއިއެކު ނުކުރާމީހާކަމަށް ބަލާނަމަ ނައްޞުތަކުގައި ހަމައެކަނި ނަމާދުގެވާހަކަ ގެނައުމުގައި ފައިދާއެއް ނުވީހެވެ. އެހެނީ އިންކާރު ކުރުމާއިއެކު ދޫކުރާމީހާ ކާފަރުވާނެކަމަކީ ޒަކާތަށާއި، ރޯދައަށާއި، ޙައްޖަށްވެސް އާއްމު ޙުކުމެކެވެ. އެހެނީ ޖަހުލުގެ (ނޭނގުމުގެ) އުޒުރުނެތި މިއިން އެއްވެސް ކަމެއްގެ ވާޖިބުކަމާއި މެދު އިންކާރުކުރުމާއިއެކު ދޫކުރާމީހާ ކާފަރުވާނެއެވެ.

ހަމައެހެންމެ ނަމާދު ދޫކުރާމީހާ ކާފަރުވާނެކަމާއިމެދު ނައްޞުތަކުން ދަލީލުކުރާފަދައިން، ވިސްނާލައިފިނަމަ ބުއްދިވެސް އެކަމަށް ހެކިދެއެވެ.

ދީނުގެ ތަނބުކަމުގައިވާ، އަދި އެކަމަކަށް ހިތްވަރުދީ ގޮވާލެވިފައިވާ ކޮންމެ ބުއްދިހުރި މުއުމިނެއް ފުރިހަމައަށް އަދާކުރުމަށް އަންގަވާފައިވާ އަދި އެއަދާކުރުމަށް އަވަސްވެގަތުމަށް އަންގަވާފައިވާ ނަމާދު، އެ ނުކޮށް ދޫކޮއްލާ މީހާ ބިރުވެތި ވާންޖެހޭވަރުގެ ވަޢީދުގެބަސް އައިސްފައިވާ ނަމާދު، ނުކޮށް ދޫކޮއްލާ މީހާގައިގައި އީމާންކަން ހުންނާނީ ކިހިނަކުންތޯއެވެ؟ ވީމާ މިހާ އިސްކަމެއް ދެވިފައިވާކަމެއް ދޫކޮއްލާމީހާގައިގައި އީމާންކަމެއް ނުހުންނާނެއެވެ.

އިތުރު ބައިތައް…