މީހަކު ސުވާލުކޮއްފާނެއެވެ. ނަމާދު ދޫކުރާ މީހާ ކާފަރުނުވާނޭކަމަށް ބުނާ ޢިލްމުވެރީންގެ ދަލީލުތަކަށް ދޭނޭ ޖަވާބަކީ ކޮބައިހެއްޔެވެ؟
ޖަވާބު: އެދަލީލުތަކުގައި ނަމާދު އަޅާމީހާ ކާފަރު ނުކުރެވޭނެކަމަށް، ނުވަތަ އެއީ މުއުމިނެއްކަމަށް، ނުވަތަ އޭނާ ނަރަކައަށް ނުވަންނާނޭކަމަށް ނުވަތަ އޭނާވާނީ ސުވަރުގޭގައިކަމަށް، ނުވަތަ އެފަދަ ގޮތަކަށް އައިސްފައެއްނުވެއެވެ.
މިދަލީލުތަކަށްބަލައިފި މީހަކަށް ފެންނާނޭފަދައިން މިދަލީލުތައް ފަސް ބަޔަކަށް ބެހިގެންވެއެވެ. މިއިން އެއްވެސް ބައެއް ނަމާދުއަޅާ މީހާ ކާފަރުވާނޭކަމަށް ބުނާ ޢިލްމުވެރީންގެ ދަލީލުތަކާ ތަޢާރުޟެއް (ފުށުއެރުމެއް) ނުވެއެވެ.
ފުރަތަމަ ބައި: ޟަޢީފު (ބަލިކަށި)، ޞަރީޙަނޫން އަދި މައްސަލައަށް ދަލީލެއްނެތް ހަދީޘްތައް
ދެވަނަބައި: މިމައްސަލައަށް ދަލީލުނުކުރާ ނައްޞުތައް
މިސާލަކަށް ބައެއް ބޭކަލުން ﷲ ތަޢާލާގެ މިވަޙީބަސްފުޅު ދަލީލަކަށް ގެންނަވައެވެ.
﴿ إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ﴾ ]النساء: 48[
މާނައީ: “ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެޔަށްވުރެ ކުދި ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ.”
ނަމަވެސް އާޔަތުގައިވާ مَا دُونَ ذَلِكَ ގެ މާނައަކީ އެޔަށްވުރެ (ޝިރުކަށްވުރެ) ދަށްކަންކަމެވެ. ޝިރުކުފިޔަވައި އެނޫންކަންކަމެއް ނޫނެވެ. އެހެނީ ﷲ އާއި އެކަލާނގެ ރަސޫލާ ޚަބަރުކުރެއްވި ކަންކަން ދޮގުކުރާމީހާ ކާފަރުވާނެއެވެ. އަދި އޭނާގެ ފާފަނުފުއްސެވޭހުއްޓެވެ. އެހެނަސް އޭނާގެ މިޢަމަލަކީ ޝިރުކުގެތެރެއިންވާ ޢަމަލެއްނޫނެވެ.
مَا دُونَ ذَلِكَ ގެ މާނައަކީ ޝިރުކުފިޔަވައި އެނޫން ފާފަތައް ކަމުގައި ބުންޏަސް އޭރުންވެސް މިވާނީ އާއްމު ނައްޞަކަށެވެ. ޝިރުކު ނޫނަސް ފާފަ ނުފުއްސަވާނޭ، އަދި ދީނުންބޭރުވާފަދަ ކުފުރުގެ ޢަމަލުތައް މި ނައްޞު ތަޚްޞީޞްކުރާ (ޚާއްސަކުރާނޭ) އެހެން ނައްޞުތަކުން ދަލީލުކޮށްދެއެވެ.
ތިންވަނަބައި: އާއްމު ޞީޣާއިން އައިސްފައިވާ ޙަދީޘްތައް. އެހެން ހަދީޘްތަކުން ތަޚްޞީޞްކޮށް ނަމާދު ދޫކޮއްލާމީހާ ކާފަރުވާނޭކަމަށް ދަލީލުކޮށްދިނުން. މިސާލަކަށް:
މުޢާޒު ބުން ޖަބަލްގެ އަރިހުން ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިކަމަށް ރިވާވެގެން އައިސްފައިވެއެވެ.
((مَا مِنْ عَبْدٍ يَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ إِلَّا حَرَّمَهُ اللَّهُ عَلَى النَّارِ))
“ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް ހެކިވެއްޖެ އަޅަކު، ﷲ ތަޢާލާ ނަރަކަޔަށް ޙަރާމް ނުކުރައްވައެއް ނުވެއެވެ.”
މިއީ މިޙަދީޘްގެ އެއް ލަފްޒުއައިސްފައިވާ އެއްގޮތެވެ. މިފަދަ ޢިބާރާތަކުން އަބޫ ހުރައިރާ، ޢުބާދަތު ބުން ޞާމިތު އަދި ޢިތްބާން ބުން މާލިކު (ރަޟިޔަﷲ ޢަންހުމް)ގެ ކިބައިން އައިސްފައިވެއެވެ.
ހަތަރުވަނަ ބައި: އާއްމުކޮށް ލަފްޒުއައިސްފައިވާ ނަމަވެސް އެޔާއިއެކު ނަމާދު ދޫނުކުރެވޭނެ ގޮތަށް ޤައިދުވެގެން އައިސްފައިވާ ޙަދީޘްތައް
މިސާލަކަށް ޢިތްބާން ބުން މާލިކުގެ އަރިހުން ރިވާވެގެން އައިސްފައިވާ ރަސޫލާ (ޞައްލަﷲ ޢަލައހި ވަސައްލަމަ)ގެ ޙަދީޘްފުޅު:
((فَإِنَّ اللَّهَ حَرَّمَ عَلَى النَّارِ مَنْ قَالَ: لَا إِلَهَ إِلَّا اللَّهُ يَبْتَغِي بِذَلِكَ وَجْهَ اللَّهِ)) رواه البخاري
“ﷲ ތަޢާލާގެ ވަޖުހުފުޅު އަދައިގެން لَا إِلَهَ إِلَّا اللَّهُ ކިޔައިފިމީހެއްގެ މައްޗަށް ހަމަކަށަވަރުން އެކަލާނގެ ނަރަކަ ޙަރާމްކުރެއްވިއެވެ.”
އަދި އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިކަމަށް މުޢާޒު (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވިއެވެ.
((مَا مِنْ أَحَدٍ يَشْهَدُ أَنْ لَا إِلَهَ إِلا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ صِدْقًا مِنْ قَلْبِهِ إِلا حَرَّمَهُ اللَّهُ عَلَى النَّارِ )) رواه البخاري
“ހަމަކަށަވަރުން ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އެހެން އިލާހަކު ނުވާކަމަށާއި އަދި މުޙައްމަދުގެފާނީ އެކަލާނގެ ރަސުލާކަމަށް ހިތުންތެދުކޮއްފި އެކަކުވެސް ﷲ ތަޢާލާ ނަރަކަޔަށް އެމީހަކު ޙަރާމް ނުކުރައްވައެއް ނުވެއެވެ.”
ޝަހާދަތުގެ ދެކަލިމަ ޢިޚްލާޞްތެރިކަމާއިއެކު އަދި ހިތުން ތެދުކުރުމާއިއެކު ކިޔުން އައިސްފައިއޮތުމުން ނަމާދު ދޫކޮއްލުން މަނާކުރެއެވެ. އެހެނީ އިޚްލާސްތެރިކަމާއި ހިތުން ތެދުކުރުމާއިއެކު لَا إِلَهَ إِلَّا اللَّهُ ކިޔައިފިމީހެއްގެ އެ އިޚްލާޞްތެރިކަމާއި ތެދުކުރިތެދުކުރުން އޭނާ ނަމާދުނުކުރުވާ ނުހުންނާނެއެވެ. އެހެނީ ނަމާދަކީ ދީނުގެ ތަނބެވެ. އަދި އެއީ އަޅާއާއި ﷲއާއި ދެމެދު ގުޅުވައިދޭ ގުޅުމެވެ. ފަހެ ﷲ ތަޢާލާގެ ވަޖުހުފުޅު އަދައިގެން ކީމީހަކުނަމަ އެކަމަށްޓަކައި ކުރަންޖެހޭކަމެއް ކުރާނެއެވެ. އަދި އެކަމަކާ ދުރަށް ގެންދާ ކޮންމެ ކަމެއް ދޫކޮއްލާނެއެވެ. ހަމައެފަދައިން ﷲ ފިޔަވައި ހައްޤުވެގެން އަޅުކަންކުރެވޭ އެހެން އިލާހަކުނުވާކަމަށާއި އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހިތުންތެދުކުރުމާއިއެކު ހެކިވެއްޖެމީހާ، އޭނާގެ ހިތުންތެދުކުރި ތެދުކުރުން ﷲއަށް އިޚްލާސްތެރިކަމާއިއެކު ނަމާދުއަދާކުރުމަށް، އަދި އެ ނަމާދުގައި ﷲގެ ރަސޫލާއަށް ތަބާވާން މަޖުބޫރުކުރުވާނެއެވެ. އެހެނީ އެއީ ތެދުހިތުން ކިޔާ ޝަހާދަތަކަށް ލާޒިމްކަންމެވެ.
ފަސްވަނަބައި: ނަމާދުދޫކޮއްލުން އުޒުރުވެރިވާފަދަ ޙާލެއްގައިވާ ބަޔަކާއިބެހޭގޮތުން ގައިދުވެގެން އައިސްފައިވާ ޙަދީޘްތައް
އިބްން މާޖާ ޙުޒައިފަތަ ބުނިލްޔަމާންގެ ފަރާތުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނުވިދާޅުވިއެވެ. ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ.
((يَدْرُسُ الإِسْلاَمُ كَمَا يَدْرُسُ وَشْىُ الثَّوْبِ)) الحديث .
“ހެދުމުގަހުންނަ ކުރެހުންތަކާއި ކުލަތައް ފިލާދާފަދައިން އިސްލާމްދީން ފިލައިގެންދާނެއެވެ.” އަދި މިހަދީޘްގައިވެއެވެ.
((وَتَبْقَى طَوَائِفُ مِنَ النَّاسِ الشَّيْخُ الْكَبِيرُ وَالْعَجُوزُ يَقُولُونَ «أَدْرَكْنَا آبَاءَنَا عَلَى هَذِهِ الْكَلِمَةِ لاَ إِلَهَ إِلاَّ اللَّهُ فَنَحْنُ نَقُولُهَا»))
“އަދި ބަޔަކުމީހުން ތިބޭނެއެވެ. މުސްކުޅި ފިރިހެނުންތަކަކާއި އަންހެނުންތަކަކެވެ. އެބައިމީހުން ބުނާނެއެވެ. އަހަރެމެންގެ ކާބަފައިން މިކަލިމަ لَا إِلَهَ إِلَّا اللَّهُ ކިޔަނިކޮށްދުށީމެވެ. އެހެންކަމުން އަހަރެމެންވެސް ކިޔަނީއެވެ.”
އެވަގުތު ޙުޒައިފާ (ރަޞިޔަﷲ ޢަންހު) އާ ސިލާ ސުވާލުކުރެއްވިއެވެ. “އެބައިމީހުންނަށް لا إله إلا الله މިކަލިމައިން ކުރާނީ ކޮންފައިދާއެއްހެއްޔެވެ؟ އެބައިމީހުންނަށް ނަމާދަކީ ކޯއްޗެއްކަމެއް، ރޯދައެއް، (ހައްޖުގެ) މަނާސިކުތަކެއް، ޒަކާތެއް ނޭންގެއެވެ.” އެވަގުތު ޙުޒައިފާ (ރަޞިޔަﷲ ޢަންހު) އެކަލޭގެފާނަށް ފުރަގަސްދެއްވިއެވެ. ދެން ސިލާ (ރަޙިމަހުﷲ) މިފަދައިން ތިންފަހަރަށް ތަކުރާރުކުރެއްވިއެވެ. ކޮންމެ ފަހަރަކުވެސް އެކަލޭގެފާނަށް ހުޒައިފާ (ރަޟިޔަﷲ ޢަންހު) ފުރަގަސްދެއްވިއެވެ. ތިންވަނަފަހަރު އެކަލޭގެފާނާއިދިމާލަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. “އޭ ސިލާއެވެ! އެކަލިމަ އެބައިމީހުން ނަރަކައިން ސަލާމަތްކުރާނެއެވެ!”. މިހެން ތިންފަހަރަށް ތަކުރާރުކުރެއްވިއެވެ.
ފަހެ ހަމަކަށަވަރުން އެބައިމީހުންނަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ކަންކަން ކުރުމަށް އުޒުރުވެރިވެފައިވާ ބައެކެވެ. އެއީ އެބައިމީހުންނަށް އެކަންކަމާއިބެހޭގޮތުން އެނގުމެއް ނުވާތީއެވެ. އެބައިމީހުން ކުރިކަމަކީ (ޝަހާދަތުގެ ކަލިމަ ކިޔުމަކީ) އެބައިމީހުންނަށް ޢަމަލު ކުރެވެން އޮތް އެންމެ މަތީދަރަޖައެވެ. އެބައިމީހުންގެ ހާލު އެއްގޮތްވެގެންވަނީ އިސްލާމްދީނުގެ ޝަރުޢުތައް ފަރުޟުވުމުގެ ކުރިން މަރުވިމީހުންނާއެވެ. ނުވަތަ އެކަންކަން ކުރުމުގެ ފުރުސަތު ލިބުމުގެ ކުރީން މަރުވި މީހުންނާއެވެ. ޝަހާދަތްކިޔުމާއިއެކު އިތުރު ޢަމަލެއް ކުރުމުގެ ކުރިން މަރުވިމީހެއް ފަދައިންނެވެ. ނުވަތަ ކާފަރު ޤައުމެއްގައިހުރެ އިސްލާމްވެ އިސްލާމްދީނުގެ ޢިލްމެއް ލިބުމުގެ ކުރިން މަރުވިމީހަކާއެވެ.
މިކަމުން އެނގޭއެއްޗަކީ ނަމާދު ނުކުރާމީހާ ކާފަރުނުވާނޭކަމަށް ބުނާމީހުންގެ ދަލީލުތައް، ނަމާދު ނުކުރާމީހާ ކާފަރުވާނޭކަމަށް ބުނާމީހުންގެ ދަލީލުތަކާއި ފުށުނާރާކަމެވެ. އެހެނީ އެމީހުން ގެންނަ ދަލީލުތަކުގެތެރެއިން އެއްބަޔަކީ ޟައީފު އަދި ޞަރީޙަނޫން ޙަދީޘްތަކެވެ. އަނެއްބަޔަކީ އޭގާ މިމައްސަލައަށް ދަލާލަތުކުރުމެއްނެތް ނައްޞުތަކެވެ. ނުވަތަ ނަމާދު ދޫކޮއްލެވެން ނެތްފަދަ ޤައިދަކުން ޤައިދުވެގެން އައިސްފައިވާ ނައްޞުތަކެވެ. ނުވަތަ ނަމާދު ދޫކޮއްލެވޭފަދަ އުޒުރުވެރި ހާލަތެއް އައިސްފައިވާ ދަލީލުތަކެވެ. ނުވަތަ ޢާއްމު ނައްޞުތަކެވެ، ނަމަވެސް އެނައްޞުތަކަކީ ޚާއްސަ ނައްޞަކުން ތަޚްޞީޞްކޮށް ނަމާދު އަޅާމީހާ ކާފަރުވާނެކަމަށް ދަލީލުކޮށްދޭ ނައްޞުތަކެވެ.
ވީމާ ނަމާދު ނުކުރާމީހާ ކާފިރުވާނޭކަން ޞައްޙަ އަދި އެޔާ ފުށުއަރާ ދަލީލެއްނެތް ދަލީލަކުން ބަޔާންވެއްޖެނަމަ ކުފުރުވުމާއި މުރުތައްދުވުމުގެ ސަބަބުން މީހާގެ މައްޗަށް ތަރުތީބުވާ ޙުކުމްތައް ވާޖިބުވާނެއެވެ. އެހެނީ ޙުކުމަކީ އަބަދުވެސް ޢިއްލަތާއިއެކީ އެނބުރޭ އެއްޗަކަށްވާތީއެވެ. ޢިއްލަތް ޤާއިމުވެއްޖެނަމަ ޙުކުމް އަންނާނެއެވެ. ޢިއްލަތް ނެތިއްޖެނަމަ ޙުކުމެއް ނުވާނެއެވެ.