[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ލޯތަކަށްވާ ޙަޤީޤީ ފިނިކަން

ކުޑަ ކުއްޖަކު އެކުއްޖާގެ މަންމަގެ ބަނޑުގައި އޮންނައިރު އޭނާއަށް އެތަނަށްވުރެ ބޮޑު ތަނެއް ހުންނާނެ ކަމަކަށް އޭނާއަށް އިޙުސާސެއް ނުކުރެވިދާނެއެވެ. އޭނާއަށް މިދުނިޔެއާއި މިދުނިޔޭގެ ނިޢުމަތްތައް އެއްގޮތަކަށްވެސް އިޙުސާސެއް ނުކުރެވޭނެއެވެ. ކިތަންމެ ވަރަކަށް މަންމަ ނުވަތަ ބައްޕަ ކިޔައިދިނަސްމެއެވެ.

“ދަރިފުޅާ! ދަރިފުޅު ވަރަށް އަވަހަށް އިން ޝާ ﷲ ތި ދުނިޔެ ދޫކޮށް މިދުނިޔެއަށް އަންނާނެ. އަދި މި ދުނިޔެއަކީ ދަރިފުޅު ތިއުޅެމުންދާ ދުނިޔެއަށްވުރެ އެތައް މިލިއަން ބޮޑު ތަނެއް. މިދުނިޔޭގައި ތަފާތު ބައިވަރު ނިޢުމަތްތައް ދަރިފުޅަށް ފެންނާނެ. މޭވާތައް އެކި ވައްތަރުގެ ދޮންކެޔޮ ފޭރު އަނބު އަންނާރު އޮރެންޖު އަދި މޭބިސްކަދުރުތައް ދަރިފުޅަށް ފެންނާނެ. އަދި ވަރަށް ރީތި ގެތައްވެސް ފެންނާނެ. ކިއްލާތަކާއި ރީތި ގަނޑުވަރުތަކާއި އުސް އިމާރާތްތަކާއި ބޮޑެތި ބިޔަ ފަރުބަދަތަކާއި ހިތްގައިމު ރީތި މަންޒަރުތައް ފެންނާނެ. އަދި ހަމައެހެންމެ އެކިވައްތަރުގެ ބުއިންތައް އަނބު ޖޫސް ކުރުނބާ އަދި މީގެ އިތުރުން މިލްކްޝޭކްތައް ލިބޭނެ.” މަންމަ ބުނާކަހަލައެވެ.

އެކުއްޖާ މަންމަގެ ބަނޑުގެ ތެރޭގައި އޮންނައިރު ކިތަންމެ ވަރަކަށް އެކުއްޖާ އަށް މިދުނިޔޭގެ ވާހަކަތައް ކިޔައިދިނަސް އެކުއްޖާއަށް މި ނިޢުމަތްތައް ލޮލަށް ސިފަ ނުވަނީހެއް ނޭނގޭނެއެވެ. އެހެން ނަމަވެސް އެކުއްޖާ އުފަންވުމުން، މިދުނިޔެއަށް އައުމުން އޭނާގެ ދެލޮލުން ދޮން އަނބުތަކާއި ފޭރާއި އަންނާރު ފަދަ މޭވާތައް ފެނި އަނބު ޖޫހާއި ‘މިލްކުޝޭކްތަކުގެ’ ރަހަ ލިބި، ބޮޑެތި ފަރުބަދަތަކާއި ‘ވޯޓަރ ފޯލް’ ފަދަ ތަންތަން ފެނުމުން ފޮރުވިފައިވާ ދުނިޔޭގެ ރީތިކަން އެކުއްޖާއަށް ތަޞައްވަރު ވެގެންދާނެއެވެ.

ހަމަ މިގޮތަށް އަޅުގަނޑުމެން އެންމެންވެސް މިހާރު މިތިބީ މިދުނިޔޭގެ ބަނޑުގެ ތެރޭގައިކަހަލައެވެ. ކިތަންމެ ވަރަކަށް އަޅުގަނޑުމެން  ސުވަރުގޭގެ ފުރިހަމަ ނިޢުމަތްތަކުގެ ވާހަކަތައް ދެއްކިކަމުގައި ވިޔަސް އަޅުގަނޑުމެންގެ ސިކުނޑިތަކަށް މީގެ ފުރިހަމަ ތަޞައްވަރެއް ނާންނާނެއެވެ. އެހެނެއްކަމަކު ސުވަރުގޭގެ ވާހަކަ ހަނދާނަށް ގެނައުމުން ސުވަރުގެއަށް ދާން އިތުރަށް ބޭނުންވާނެކަން ޔަޤީނެވެ. އަދި ސުވަރުގެ ހޯދުމުގެ އަޒުމު ވަރުގަދަވުމުގެ އެހީއަކަށް މިކަން ވެދެއެވެ. ކޮބާތޯ ސުވަރުގެއަކީ؟

އެސުވަރުގެއަކީ ލޮލަކަށް ފެނިފައި ނުވާ ކަންފަތަކަށް އޭގެ އަޑު އިވިފައި ނުވާ އަދި ހިތަކަށް ތަޞައްވަރުވެސް ނުކުރެވޭވަރުގެ ގޮވެއްޗެކެވެ. ސުވަރުގޭގެ އެންމެ ދަށް އެއްޗަކީވެސް މިދުނިޔެއާއި މިދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ފުރިހަމަ އެއްޗެކެވެ. އެސުވަރުގޭގެ ބިނާގައިވަނީ ރަނާއި ރިއްސެވެ. އެތަނުގެ ދެގަލުގެ ދެމެދުގައި ވަނީ ގޮމަކަސްތޫރިއެވެ. އަދި އެތަނުގެ ވެއްޔަކީ ޒައުފަރާނެވެ. އެތަނުގެ ބައެއްގަސްތަކުގެ ދިގު މިން ކަޑައްތު ކުރުމަށްޓަކައި 100 އަހަރުގެ ދިގުމިނަށް ދަތުރު ކުރަންޖެހެއެވެ.

ސުވަރުގޭގައި ބައިވަރު ދަރަޖަތަކެއްވެއެވެ. އަދި އެއްދަރަޖަ އަނެއް ދަރަޖައާއި އުޑާއި ބިމާއި ދެމެދުގެ ދިގުމިން ހުރެއެވެ. އެންމެ މަތީ ދަރަޖައަކީ ޖަންނަތުލް ފިރުދައުސެވެ. ސުވަރުގޭގައި އެއްވެސް ތަޣައްޔަރުކަމެއް ނުވާ ސާފު ފެނުގެ ކޯރުތައްވެއެވެ. އަދި އެކޯރުތަކުގެ ރަހަ ތަފާތު ނުވާ ކިރުގެ ކޯރުތަކާއި އޭގެން ބޯމީހުންނަށް ބުއިމުގެ ސަބަބުން ލައްޒަތު ލިބެނިވި ރަލުގެ ކޯރުތައްވެސް ހިމެނެއެވެ. އަދި ހަމައެހެންމެ ސާފު މާމުއިގެ ކޯރުތައްވެސް ސުވަރުގޭގައި ވެއެވެ. އަދި އެތާގައި ހުރިހާ ބާވަތެއްގެ ރަހަމީރު މޭވާތައް އަތްފޯރާ ހިސާބުގައި ލިބެންހުރެއެވެ. މިމޭވާތަކަކީ ދުވަހަކުވެސް ހުސްނުވާ، ސުވަރުގޭގެ އަހުލުވެރިންނަށް ބޭނުން ވަގުތެއްގައި ލިބެނިވި ތަކެއްޗެވެ.

ސުވަރުގޭގެ ވާރުތަވެރިންނަށްޓަކައި ކަޅިރަވަ ބޮޑު ބުރުސޫރަ ރީތި ޙޫރުލް ޢީނުން ތިބޭނެއެވެ. އެކަނބަލުންގެ މިސާލަކީ ރައްކާކުރެވިފައިވާ މުތްތަކެއްގެ މިސާލެވެ. އެކަނބަލުންގެ ނަޒަރުތައް ހުއްޓިފައިވާނީ އެކަނބަލުންގެ ފިރިންނަށެވެ. އެކަނބަލުންގެ ގައިގައި އެހެން އެއްވެސް އިންސިއެއް އަދި ޖިންނިއެއްވެސް ބީހިފައެއް ނުވެއެވެ. ސުވަރުގޭގައި މިތާގެ އަހުލުވެރިން ދާއިމީ އުފަލާއި އަރާމުގައި ތާއަބަދު ތިބޭނެއެވެ. އަދި ސުވަރުގޭގައި މީހަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެމީހާގެ ހުރިހާ ކަމެއް ދުނިޔެއާއި އާޚިރަތުގައި މިންވަރުކޮށްދެއްވި ޚާލިޤުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޖްހުފުޅު ދެކުމެވެ.

މިނިޢުމަތްތަކުގެ ވާހަކަތައް ބަޔާން ކުރައްވަމުން މާތް ﷲ ވަޙީ ކުރައްވާފައިވަނީ:

(فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ) [سجدة 17]  

މާނައީ: “ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލުގެ ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެއެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއްކަމުގައެވެ.”

ދުޢާއަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ، އަޅުގަނޑުމެންނަކީ ސުވަރުގޭގެ އަހުލުވެރިންކަމުގައި ލެއްވެވުމެވެ. އާމީން!