[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ (3)

  • ބުއްދި:

ހިނދުކޮޅަކަށްވެސް ބުއްދި ފިލައިދިއުމަކީ އިންސާނީ މަތިވެރި ފިޠުރަތާ އެކަށީގެންވާ ކަމެއް ނޫނެވެ. އިންސާނުންނާ އެހެނިހެން މަޚްލޫޤުތައް ތަފާތުވެފައި ވަނީވެސް އިންސާނުންނަށް ދެއްވާފައިވާ މަތިވެރި ބުއްދީގެ ސަބަބުންނެވެ. ބުއްދީގެ މަތިވެރިކަމަށް ނުވަތަ ބުއްދި ބޭނުން ކުރާ މީހުންނަށް ޤުރުއާނުގެ އެތަކެއް އާޔަތެއްގައި މާތް ﷲ ވަނީ ސަނާ ވަޙީކުރައްވާފައެވެ.

އެހެންކަމުން، އިސްލާމް ޝަރީޢަތުގައި ބުއްދި ވަނީ ހިމާޔަތް ކުރައްވާފައެވެ. ބުއްދިއަށް ގެއްލުންދޭ ބުއިންތައް ވަނީ މަނާ ކުރައްވާފައެވެ. އެއީ ބާރުގަދަ މަސްތުވާ އެއްޗަކަށް ވިޔަސް އަދި ބާރު ދެރަ އެއްޗަކަށް ވިޔަސް، އެއްހަމައެއްގައި ވަނީ ޙަރާމްކުރައްވާފައެވެ.

ހުރިހާ ނުބައި ކަމެއްގެ މަންމައަކީ ރަލެވެ:

އިންސާނީ މުޖުތަމަޢުތަކުގައި ދިމާވެފައިވާ އެންމެ ބޮޑެތި މުޞީބާތްތައް ދިމާވެފައިވަނީ ރަލުގެ ސަބަބުންނެވެ. ނުވަތަ މަސްތުވާތަކެތީގެ ސަބަބުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމް ބަނގުރާ ސިފަކުރައްވަމުން ޙަދީޘްފުޅު ކުރައްވާފައިވަނީ، ހުރިހާ ނުބައިކަމެއްގެ މަންމައަކީ ރާ ކަމުގައެވެ. ރަލުގެ މަސްތުގައި ކިތައް ޤަތުލުއާންމު ހިންގާފައިވޭތޯއެވެ؟ ކިތައް ވައްކަން ހިންގާފައިވޭތޯއެވެ؟ ގަދަކަމުން ކިތައް ބަދުއަޚްލާޤީ އަމަލު ހިންގާފައިވޭތޯއެވެ؟ ކިތައް ފޭރުން ހިންގާފައިވޭތޯއެވެ؟ މުޖުތަމަޢުގެ އަމަން އަމާންކަން ގެއްލި، ބިރުވެރި ހާލަތަކަށް ވެއްޓިގެން ނުދޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމަންނައަށް ތޫނު އެއްޗަކުން ހަމަލާ ދީފާނެކަމުގެ ބިރު ހީފުޅުނުވޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމަންނަގެ އަންހެން ދަރިފުޅާ ބެހި ގޯނާކޮށްފާނެކަމުގެ ބިރު ހީފުޅުނުވޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމަންނަގެ ގެއަށް ވަދެދާނެކަމުގައި ބިރު ހީފުޅުނުވޭތޯއެވެ؟ މިއީ އަޅުގަނޑުމެންގެ ކުޑަކުޑަ އިސްލާމީ މުޖުތަމަޢުގެ ހާލަތު ވެއްޓިފައި އޮތް ހިސާބެވެ. ރަލާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އެތައް ބަޔަކުވަނީ ހަލާކުގެ ތެރެއަށް ގެނބިގެން ގޮސްފައެވެ. އެބައިމީހުންގެ އުދަނގުލާއި ދުއްތުރާތައް މުޖުތަމަޢުގެ އެހެން އަފުރާދުންނަށް ވަނީ ތަހައްމަލުކުރަން ޖެހިފައެވެ. ރަށުތެރޭގެ އަމާންކަން ވަނީ ގެއްލިފައެވެ.

ވަޟަޢީ ޤާނޫނުތައް ހެދިފައި އެބަހުއްޓެވެ. ނަމަވެސް ނަތީޖާ ނެރޭވޭތޯއެވެ؟ ދެންނެވޭނީ އެފަދަ ނަތީޖާއެއް ނުނެރެވޭ ކަމުގައެވެ.

އެމެރިކާއިން ބަނގުރާ މަނާކުރަން ކުރި ހިތި ތަޖުރިބާ:

ވިހިވަނަ ޤަރުނުގައި އެމެރިކާއިން އެޤައުމުގެ ރައްޔިތުން ބަނގުރަލުގެ ވަބާއިން ސަލާމަތްކުރުމަށް ޤާނޫނީގޮތުން ބަނގުރަލަކީ މަނާ އެއްޗެއްކަމުގައި ކަނޑައަޅަން ނިންމިއެވެ. އެގޮތުން 1930 ވަނަ އަހަރު އެމެރިކާގައި ބަނގުރަލަކީ މަނާ އެއްޗެއްގެ ގޮތުގައި ޤާނޫނީގޮތުން ކަނޑައެޅިގެން ދިޔައެވެ. އެ ޤާނޫނުގެ ދަށުން ރާ ބުއިމަކީ މަނާކަމެއްގެ އިތުރުން، ރާ އުފެއްދުމާއި، ވިއްކުމާއި، ގަތުމަކީވެސް މަނާ ކަމެއްގެ ގޮތުގައި ބަޔާންކުރެވުނެވެ. މި ޤާނޫނު އެޤައުމުގައި ވުޖޫދަށް ގެނެވުނީ، ރަލުގެ ނުރައްކަލާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރެވޭނެ ހުރިހާ ވަސީލަތެއް ބޭނުން ކުރުމަށްފަހުއެވެ. އެގޮތުން، ރަލުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ޞިއްޙީ ޑޮކިއުމަންޓްރީތަކާއި، މަޖައްލާތަކާއި، ޢިލްމީ ދިރާސާތަކާއި  ލީފްލެޓްތައް މުޅި އެމެރިކާގައި ވަނީ ބަހާފައެވެ. ރަލުގެ ނުރައްކާތެރިކަމުގެ މަޢުލޫމާތު އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދެވުނެވެ. މިހުރިހާ ކަމަކަށް 65 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވެފައިވެއެވެ.

ނަމަވެސް ނަތީޖާއަކީ ކޮބައިތޯއެވެ؟ 1930 އިން 1933 އަށް، އެ ޤާނޫނުގެ ދަށުން 200 ވަރަކަށް މީހުންނަށް މަރުގެ ޙުކުމް ތަންފީޒުކުރެވި، ބައި މިލިއަން މީހުން ޖަލަށްލެވި، އެޤާނޫނާ ޚިލާފުވެގެން ކުރެވުނު ޖުރިމާނާގެ ހިސާބު އެތަކެއް މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. ނަމަވެސް އެމެރިކާ ރައްޔިތުން ތިބީ އެ ޤާނޫނަށް ބޯލަބާ ގޮތަކަށް ނޫނެވެ. ބަނގުރަލުގެ ހުރި ނުރައްކާ އެބައިމީހުންނަށް ރަނގަޅަށް އެނގޭ ހާލުގައެވެ. އެކަމަށް ކަނޑައެޅިފައި ހުރި ހަރުކަށި އަދަބުތައް އެނގޭ ހާލުގައެވެ.  މިހުރިހާ ކަމަކަށް ބަލާފައި، އެންމެ ފަހުން ޤާނޫނު ހަދާ މަޖިލީހަށް މަޖުބޫރުވީ އެ ޤާނޫނު އުވާލާށެވެ. އެހެންކަމުން، އެންމެ ދެތިން އަހަރުގެ ހިތި ތަޖުރިބާއަށްފަހު، އެ ޤާނޫނު އެމެރިކާގައި އުވާލެވި، ބަނގުރަލުގެ މުޢާމަލާތު ހިތުހުރި ގޮތަކަށް ކުރުމަށް އަނެއްކާވެސް ހުއްދަ ދެވުނެވެ.

އިސްލާމީ ޝަރީޢަތާއި ވަޟަޢީ ޤާނޫނުގައި ހުރި ބައެއް ފަރަޤު:

އިސްލާމީ ޝަރީޢަތާއި ވަޟަޢީ ޤާނޫނުތަކުގައި ހުރި ތަފާތަކީ ވަޟަޢީ ޤާނޫނަކީ އިންސާނުންގެ އިޚްތިރާމް ލިބޭ އެއްޗެއް ނޫނެވެ. އޭގައި، އެއްވެސް ހައިބަތެއް ނުހުރެއެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތަށް މުސްލިމުން އިޙްތިރާމު ކުރެއެވެ. އޭގައި ހައިބަތު ހުރެއެވެ. އެހެނީ، އެއީ މާތް ﷲ ގެ ޙަޟްރަތުން ބާއްވައިލެއްވުނު ޝަރީޢަތަކަށްވާތީއެވެ. އެފަރާތަކީ ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގަންނަވާ ފަރާތްކަމުގައި ވާތީއެވެ. އެއީ އިންސާނުންގެ ވެރި ރައްބު ކަމުގައި ވާތީއެވެ.

 ވަޙީގެ ޒަމާނުގައި ރާ ބުއިމަކީ ފެންބުއިން ފަދައިން މީހުން ކޮށްއުޅުނު ކަމެކެވެ. ބަނގުރާ ބުއިމަށް އާދަވެފައި ތިބި ޞަޙާބީން ރަލާ ދުރުވީ ވަޙީގެ އެންމެ ކަލިމައެއް ކަންފަތުގައި ޖެހުމާއެކުއެވެ. ((فاجتنبوه)) މިކަލިމައެވެ. (ތިޔަބައިމީހުން އެކަމުން ދުރުވާށެވެ.) މިކަލިމައެވެ. އެއާއެކު އަނގައިގެ ތެރޭގައި ހުރި ރާފޮދުވެސް ބޭރުކޮށްލީއެވެ. ރުނބާތަކުގައި ހުރި ރާވެސް މަގަށް އޮއްސާލީއެވެ. މުޅި މަދީނާގެ މަގުތަކުން ރަލުގެ ސޭލުތައް ދެމިގެން ދިޔައެވެ. އެއީ އިސްލާމީ ޝަރީޢަތުގެ ހައިބަތެވެ. އެއަށް ދެވިފައިވާ ޤަދަރެވެ. އޭގެ މަތިވެރިކަމެވެ. މި މަތިވެރިކަމާއި، އިޙްތިރާމާއި، ހައިބަތަކީ އެއްވެސް ވަޟަޢީ ޤާނޫނަކަށް ލިބޭނޭ ސިފަތަކެއް ނޫނެވެ.

އެހެންކަމުން، އިސްލާމީ ޝަރީޢަތުން ނަތީޖާ ނެރެދައްކާނެއެވެ. އިސްލާމީ ޝަރީޢަތުގައި، ރަލުގެ ވަބާއަށް ހައްލު ގެންނަނީ، އެތިއެތި ކޮޅުން ދީގެނެއް ނޫނެވެ. އަދި ހަމައެހެންމެ، ބާރު ދެރަ އެއްޗެހި ދީގެނެއްވެސް ނޫނެވެ. އިސްލާމީ ޝަރީޢަތުގައި ރަލުގެ ވަބާ ހައްލުކުރަނީ އަޤީދާ ވަރުގަދަ ކޮށްގެންނެވެ. އިންސާނާގެ ވެރި ރައްބާ ގުޅުން ބަދަހިކޮށްގެންނެވެ. އެ އިލާހީ އިންސާނުން އިމްތިޙާނު ކުރައްވާ އިލާހެވެ. އެ އިލާހީ އިންސާނުންނަށް ތައުފީޤު ދެއްވާ އިލާހެވެ. އެކަނލާގެއީ އިންސާނުންނަށް ކެތްތެރިކަން ދެއްވާ އިލާހެވެ. ރަލުގެ ވަބާގައި ޖެހިފައިވާ މީހުން އެވަބާއިން ނެރުމަށް އިލާހީ “ފޮރްގްރާމް” ވަނީ ކުރި ހޯދާފައެވެ. ޞަޙާބީންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށްވެސް މި ޙަޤީޤަތް ދަނީ އަޅުގަނޑުމެންނަށް ފެންނަމުންނެވެ.

  • މުދާ:

އިސްލާމީ ޝަރީޢަތުގައި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އެއްވެސް މީހެއްގެ މުދާ ހުއްދަނެތި އަނެކާ ބޭނުންކުރުން ވަނީ މަނާކުރެވިގެންނެވެ. މުދަލަށް ގެއްލުންދިނުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. އަދި ހަމައެހެންމެ، އަމިއްލަ މުދާ އިސްރާފުކުރުމަކީ ވެސް ޙަރާމްކަމެކެވެ.

މީހުންގެ މުދާ ބާޠިލް ގޮތުގައި ކެއުން ވަނީ ހަރާމްކުރައްވާފައެވެ. ހަމައެފަދައިން، ވައްކަންކުރުމާއި، ފޭރުމާއި، ރިބާކެއުމާއި ޖުވާކުޅުން ވަނީ ޙަރާމްވެގެންނެވެ.

ރިބާއަށް ނަޒަރެއް:

ރިބާއަށް ބަލައިލަމާތޯއެވެ. ރިބާ ވަނީ މާތް ﷲ ޙަރާމް ކުރައްވާފައެވެ. އޭގެ ބަދަލުގައި ވިޔަފާރި ވަނީ ހުއްދަ ކުރައްވާފައެވެ. އިންސާނީ މަސްލަޙަތު ނިޔާކުރާ ގޮތަކީވެސް، ރިބާ އިން ދުރުވުމެވެ. ސަބަބަކީ، ރިބާގެ މުޢާމަލާތް ކުރެވޭ މުޖުމަތަމަޢެއްގެ މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ބޮޑުވެގެން ދިއުމެވެ. މުޖުތަމަޢުގެ މަދު މީސްކޮޅެއްގެ އަތްމައްޗަށް އިޤްތިސާދު ޖަމާވެ، ހުއްޓުމެވެ. އިޤްތިސާދުގެ ހަރަކާތް ކެނޑި ގަނޑުވުމެވެ. މީގެ ދެތިން އަހަރު ކުރިން ހުޅަނގުގެ އިޤްތިސާދު ވެއްޓުނީ، ރިބާގެ މުޢާމަލާތުގެ ސަބަބުން ކަމަށް އިޤްތިސާދީ މުޙައްލިލުން ބުނަމުންދަނީ އެސަބަބާ ހުރެއެވެ. ހުޅަނގުގެ ބައެއް މުޙައްލިލުން ޤަބޫލުކުރާ ގޮތުގައި، އިސްލާމިކް ބޭންކިންގ ދުނިޔޭގައި ނެތްނަމަ، އަރައިނުގަނެވޭ ފަދަ ވަޅުގަނޑަކަށް ދުނިޔޭގެ އިޤްތިސާދު ވެއްޓުނީސްއެވެ. އެހެންކަމުން، އިސްލާމިކް ބޭންކިންގްއަށް އެބައިމީހުން މިސްރާބު ޖަހާފައިވުމީ ހައިރާންވާންޖެހޭ ފަދަ ކަމެއްނޫނެވެ. އިސްލާމީ ޝަރީޢަތުގައިވާ އިޤްތިސާދީ ނިޒާމަކީ އިންސާނިއްޔަތަށް އެންމެ ބޭނުންހިފޭ އަދި އެންމެ މަސްލަހަތު ހުރި ނިޒާމުކަމަށް އިޤްތިސާދީ މާހިރުން ވިދާޅުވާކަމީ ޙަޤީޤަތެކެވެ. އެހެނީ، އިސްލާމީ ޝަރީޢަތަކީ އިންސާނާގެ ވެރިރައްބު އިންސާނާއަށް ދެއްވާފައިވާ ޝަރީޢަތެކެވެ.

އިސްވެ ދެންނެވި ފަދައިން، އިސްލާމީ ޝަރީޢަތުގައި އެހެން މީހެއްގެ މުދާ ނުޙައްޤުން ބޭނުން ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. އަދި އެފަދަ ޖަރީމާތަކަށް ވަނީ ހައްދުތަކަކާއި ޙުކުމްތަކެއް ކަނޑައެޅިފައެވެ. ބައެއް މީހުން ދެކޭގޮތުގައި މިޙުކުމްތަކަކީ ހަރުކަށި ލާއިންސާނީ ޙުކުމްތަކެކެވެ. އެއީ ވިސްނުމުގެ ކޮށިކަމުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ ގަސްތުގައި އިސްލާމީ ޝަރީޢަތުގެ ރީތިކަން ގެއްލުވާލަން ދައްކާ ވާހަކަތަކެއް ކަމަށްވެސް ވެދާނެއެވެ. ޔަޤީންވާ ކަމަކީ އެއީ އެއްވެސް ތާކުންތާކުނުޖެހޭ ޙަޤީޤަތާ މުޅިން ޚިލާފު ދޮގު ތުހުމަތުތަކެއް ކަމެވެ.

އިސްލާމީ ޝަރީޢަތުގައިވާ އަދަބުތަކަށް ކުރެވޭ ފުރައްސާރަ:

ވައްކަމުގެ ޙުކުމަކީ އެންމެ ގިނައިން މިފަދަ މީހުން ޝިކާރައަކަށް ހަދާ ޙުކުމެވެ. ވައްކަމުގެ އަދަބަކީ ލާދީނީ މީހުން ދެކޭ ގޮތުގައި ހަރުކަށި އަދަބެކެވެ. ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ކުރަން ބޭނުން ނުވާ ކަމެކެވެ.

ފުރަތަމަ ޖަވާބަކީ، އެއީ މުއުމިނަކު ބުނެގެންވާނޭ ބަހެއް ނޫނެވެ. އީމާންކަން ނަފީކޮށްލާ ވަރުގެ ބޮޑު ބަހެއް ކަމުންނެވެ.

ދެވަނަ ޖަވާބަކީ ސުވާލެކެވެ. ވަޟަޢީ ޤާނޫނުގެ ދަށުން ނެރެވުނު ނަތީޖާ ކޮބައިތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. ނަތީޖާ ހަމަ ސުމެކެވެ. ވައްކަން ކުރާ މީހުން ހަމަ ވައްކަން ކުރަނީއެވެ. ފޭރޭ މީހުން ހަމަ ފޭރެނީއެވެ. ރިޝްވަތު ހިފާ މީހުން ހަމަ ރިޝްވަތު ހިފަނީއެވެ. ދެވަނަ ފުރުސަތެއް ދިނީމަވެސް، ހަމަ އެކުށްތައް ތަކުރާރު ކުރަނީއެވެ. މުޖުމަތަމަޢުގެ އަމަން އަމާންކަން ގެއްލިއްޖެއެވެ. މުދަލަށް އޮންނަ ޔަޤީންކަން ގެއްލިއްޖެއެވެ.

އަތްކެނޑުމަށް ޙުކުމް ކުރެވެނީ ޝަރުޠުތަކެއް ފުރިހަމަވާނަމައެވެ:

އަތް ކެނޑުމަކީ ބޮޑު ކަމަކަށް ވާއިރު އަތް ކެނޑުމުގެ ޙުކުމާ ހަމައަށް ދެވެނީ ކިހިނެއްކަން ވެސް ބަލައިލަން ޖެހޭނެއެވެ. އަތް ކެނޑޭނީ، ވަގަށް ނެގި މުދަލުގައި ވަކި ނިސާބެއް ހަމަވާ ނަމައެވެ. އަދި ރައްކާތެރި ތަނެއްގައި ބަހައްޓާފައި ހުރިނަމައެވެ. ވެރި މީހާގެ އިހްމާލު އޮވެގެން ނުވާނެއެވެ. މީހަކު ވައްކަން ކުރީ ބަނޑުހައި ހޫނުކަން މުއްތިކުރާނެ އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށް ވަނީނަމަ، އޭނަގެ މައްޗަށް އަތް ކެނޑުމުގެ ޙުކުމެއް ނުކުރާނެއެވެ. އޭނާ ވައްކަން ކުރީ ކީއްވެތޯ ރަނގަޅަށް ބަލައި ތަޙްޤީޤު ކުރެވޭނެއެވެ. އޭނާ ވައްކަން ކުރީ އެހެން ގޮތެއް ނެތިގެން ކަމަށް ސާބިތުވެއްޖެނަމަ، މުޖުތަމަޢުގެ އަފްރާދުން އޭނާއަށް މާލީ އެހީތެރިވުމަށް ގޮވާލެވެނޭއެވެ. ދައުލަތުގެ ބައިތުލް މާލުން އެފަދަ މީހުންނަށް ކޮންމެވެސް މަސައްކަތެއް ފަށައިގަތުމަށް މާލީ އެހީ ދެވޭނެއެވެ. އެއީ އޭނާއަށް ވަޒީފާއެއް ހޯދައި ދިނުން ކަމުގައި ވިޔަސް، ރަނގަޅު ތަޢުލީމެއް އުނގަންނައިދިނުން ކަމުގައިވިޔަސް، ނުވަތަ މާލީގޮތުން އަތެއް ފޯރުކޮށްދިނުން ކަމުގައިވެސް ވެދާނެއެވެ. ބޭނުމަކީ، ވައްކަން ކުރުމުގެ ނުބައި އާދަ މުޖުތަމަޢުން ލުހެލުމެވެ. ވައްކަމާ ދިމާލަންދާން މަޖުބޫރުވި ކުރިވި ހާލަތު ނައްތައިލުމެވެ.

މިފަދަ ފުރިހަމަ ނިޒާމެއް ވަޟަޢީ ޤާނޫނުން ގެނެސްދީފައިވޭތޯއެވެ. އިސްލާމީ ޝަރީޢަތަކީ ކިހައި ފުރިހަމަ ޝަރީޢަތެއްތޯއެވެ. އިސްލާމީ ޝަރީޢަތަކީ އަދަބު ދިނުމަށް އިސްކަންދޭ ޝަރީޢަތެއް ނޫނެވެ. އިސްލާމީ ޝަރީޢަތުން އިސްކަންދެނީ މުޖުތަމަޢުގެ މަސްލަޙަތަށެވެ. ކުށްކުރުން މުލުން ލުހެލުމަށެވެ. ހުރިހާ މަރުހަލާއެއް ފަހަނައަޅައި ގޮސް، އަދަބު ދޭން ޖެހިއްޖެނަމަ، އިސްލާމީ ޝަރީޢަތުން އަދަބު ދޭނެއެވެ. މުޖުތަމަޢަށް އިބުރަތަކަށެވެ. މުޖުތަމަޢުގެ މަސްލަޙަތަށެވެ. އެހެންކަމުން، ވަޟަޢީ ޤާނޫނުތަކުގައިވާ ގޮތާ ޚިލާފަށް އިސްލާމީ ޝަރީޢަތުގައި ބައެއް ހައްދުތައް ޤާއިމުކުރެވެނީ މުޖުތަމަޢުގެ ކުރިމަތީގައެވެ. އިޢްލާނު ކުރެވިގެންނެވެ.

އިންސާނީ ޙައްޤުތަކަށް ނުހައްޤުން އަރައިގަނެވެނީ ވަޟަޢީ ޤާނޫނުތަކުގައެވެ:

ހުޅަނގުގެ އަދި އެހެނިހެން ވަޟަޢީ ޤާނޫނުތަކުގައި ވަނީ މަޒްލޫމަށް (އަނިޔާ ލިބުނު ފަރާތަށް) ވުރެ ބޮޑަށް ޒާލިމަށް (އަނިޔާވެރިޔާއަށް) ޙައްޤުތަކެއް ދެވިފައެވެ. މިކަމުގެ ސަބަބުން ނުބައި ނުލަފާ މުޖުރިމުންނަށް ނިކަމެތި ރައްޔިތުންގެ މުދަލާއި ލެއަކީ މާ ބޮޑު އެއްޗަކަށް ނުވެއެވެ. އެބައިމީހުންނަށް ލިބިގެންދާ މެސެޖަކީ ތިމަންނަ ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް މާދަމާ ސަލާމަތްވާނެ ކަމުގެ މެސެޖެވެ. އެކަމުގެ އިޙްސާސެވެ.

އަތް ކެނޑުމަކީ އިންސާނީ ޙައްޤަކަށް އަރައިގަތުން ކަމަށް ފާހަގަކުރާ މީހުން ވެސް އުޅެއެވެ. އެހެންކަމުން، ވަޟަޢީ ޤާނޫނަކީ އެންމެ އެކަށީގެންވާ ޤާނޫނުކަމަށް މިބައިމީހުން ބުނެ އުޅެތެވެ.

ވަޟަޢީ ޤާނޫނުތަކަށް ބަލާއިރު، މީހެއްގެ މައްޗަށް ކިތަންމެ ބޮޑު ވައްކަމެއްގެ ކުށް ސާބިތުވިކަމުގައި ވިޔަސް، ކޮންމެވެސް މުއްދަތަކަށް އަރުވާލާނީއެވެ. އަހަރު ތަކަކަށެވެ. އާޚިރުގައި، އެ ނަގާލެވެނީ އޭނާގެ މިނިވަންކަމުގެ ޙައްޤެވެ. އަނބި ދަރީންނާ އެކު ދިރިއުޅުމުގެ ހައްޤު ނިގުޅައިގަނެވުނީއެވެ. އޭނާގެ އަނބިދަރީންގެ ޙައްޤު ނިގުޅައިގަނެވުނީއެވެ. އެހެނީ، ފިރިމީހާއާއެކު ވުމުގެ ޙައްޤު އަނބިމީހާގެ ކިބައިން ނިގުޅައިގަނެވުނީއެވެ. ބައްޕައާއެކު ވުމުގެ ޙައްޤު ދަރިންގެ ކިބައިން ނިގުޅައިގަނެވުނީއެވެ. ދިރިހުރުމަށް މަސައްކަތެއް ކުރުމުގެ ޙައްޤު ނިގުޅައިގަނެވުނީއެވެ. އަނބިދަރީންނަށް ހަރަދު ކުރުމުގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުނީއެވެ. އަޅާލާނެ އެހެން ފަރާތެއް ނެތްނަމަ، އޭނަގެ އަނބިދަރިން ބިކަވީއެވެ. ދަރިންތައް ބައްޕަގެ ލޯބިން މަހްރޫމްވީއެވެ. ދަރިންތައް މަގުމަތިވީއެވެ. އަނބިމީހާއަށް ފިރިމީހާގެ ލޯބިން މަހްރޫމް ކޮށްލެވުނީއެވެ. ފަހަރެއްގައި އޭނާގެ އަނބިމީހާ އޭނަ ކައިރިން ވަރި ވެދާނެއެވެ. ނުވަތަ އޭނާގެ އިއްފަތް ވެއްޔާ މޮޑެލާނެއެވެ. އަދި ހަމައެހެންމެ، ޖަލުތަކުގައި އޭނާއާ ދިމާވާ އެހެނިހެން މުޖުރިމުންގެ ސަބަބުން އޭނާގެ ނުބައި ނުލަފާކަން އިންތިހާއަށް ގޮސްދާނެއެވެ. އެބައިމީހުންގެ ކައިރިން އިތުރު ނުބައި ކަންތައްތައް އޭނާ ދަސްކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ޖަލަކީ އިސްލާޙުވުމަށް ދެވޭ މާހައުލަކަށްވުރެން ގޯސް ވުމަށް ދެވޭ މާހައުލަކަށް ވުން އޮންނާނީ ކައިރީގައެވެ. މިހުރީ ހައްތާވެސް އޭނާގެ ކިބައިން ނިގުޅައިގަނެވޭ ޙައްޤުތަކެވެ. ޖިސްމާނީ އަދި މައުނަވީ ގޮތުން އޭނާއަށް ދެވޭ އަނިޔާތަކެވެ.

ނަމަވެސް، އިސްލާމީ ޝަރީޢަތުގައި މިފަދަ އެއްވެސް ގެއްލުމެއް ނުހިމެނެއެވެ. ވައްކަން ކުރުމުގެ ނުބައިކަން ވަނީ އިސްލާމްދީނުގައި ބަޔާންކުރައްވާފައެވެ. އަނެކުންގެ މުދަލާއި، ލެޔާއި، އަބުރަކީ އެންމެ މަތީ ދަރަޖައިގެ ޙުރުމަތް ލިބިގެންވާ އެއްޗެހިކަމުގައި ވަނީ ބަޔާންކުރެވިފައެވެ. ނަމަވެސް މިހުރިހާ ތަޢުލީމެއް ބޮލާލައި ޖަހައިލުމާއެކު، މުޖުތަމަޢުގައި އަމަންކަމާއި ރައްކާތެރިކަން ނަގައިލުމުގެ ޖަރީމާއަކީ ކުޑަ ޖަރީމާއެއް ނޫނެވެ. އެފަދަ ކަމަކަށް އިންސާނުން ޚަލްޤުކުރެއްވި ފަރާތުން ހުއްދައެއް ނުދެއްވަައެވެ.

އެހެންކަމުން، މިފަދަ ޖަރީމާތަކުގެ ރަތް ލައިނު އޭނާ ހުރަސް ކުރުމަކީ އޭނާއަށް ކުރެވޭ ވަރަށް ބޮޑު ޖަރީމާއެކެވެ. އެކަމަށް އޭނާއަށް ޙައްޤު އަދަބު ދެވޭނެއެވެ. އަތްކެނޑުމުގެ ޝަރުޠު ފުރިހަމަވާ ވައްކަމެއް ނަމަ، ޝަރުޢީ ޙުކުމް އޭނާގެ މައްޗަށް ތަންފީޒުކުރެވޭނެއެވެ. އާޚިރުގައި އޭނާ އެނބުރި ދާނީ ގެއަށެވެ. އަނބި ދަރިންގެ ކައިރިއަށެވެ. އެއީ އޭނާއަށް ލިބުނު  ފިލާވަޅެކެވެ. އެފަދަ ނުބައިކަމަކަށް ނޭރުމަށް ޢަޒުމު ކަނޑައަޅަން އޭނާއަށް މަޖުބޫރުވާނެއެވެ. އަދި އެކަމާމެދު ވިސްނުންތަކެއް ވިސްނާނެއެވެ.

އަދި ހަމައެހެންމެ، އޭނާ ފަދަ އެހެން މީހުންނަށް ދެވުނު އިންޒާރެކެވެ. މުޖުތަމަޢުގެ އަފުރާދުންނަށް އެބައިމީހުންގެ މުދަލަށާއި ޙައްޤުތަކަށް އޮންނަ ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރުވެގެންދާނެއެވެ. އަދި ވައްކަން ކުރުން ފަދަ ނުބައި ޖަރީމާތަކަކީ އެ މުޖުތަމަޢެއްގައި ބީރަށްޓެހި ކަންތައްތަކަކަށް ވެގެން ހިނގައިދާނެއެވެ. ހަމައެހެންމެ މަހަތުމާ ގާންދީ ވިދާޅުވާ، ލޮލަކަށް ލޮލެއް ދޭން ޖެހިއްޖެނަމަ، މުޅި ދުނިޔެ އަނދިރިވެދާނޭ ކަމުގެ ފަލްސަފާއަކީ ދޮގެއްކަން ސާބިތުވާނެއެވެ. އެހެނީ، ހުރިހާ އިންސާނުންނަކީ މުޖުރިމުންނެއް ނޫނެވެ. ހުރިހާ އިންސާނުންނަކީ އަނިޔާވެރިންނެއް ނޫނެވެ. ހުރިހާ އިންސާނުންނަކީ ވަގުންނެއްވެސް ނޫނެވެ.

ނިންމުން:

އިންސާނުންގެ މަޞްލަޙަތު މި ޝަރީޢަތުގައި ހިމެނިގެންވާ މިންވަރު މޮޅަށް ދެނެވޮޑިގެންވަނީ ޙިކުމަތްވަންތަ މާތް ﷲ އެވެ. އަޅުގަނޑު މި ލިޔުމުގައި މި ބަޔާންކޮށްލީ، މާތް ﷲ ރަޙްމަތްފުޅުން، އިސްލާމީ ޝަރީޢަތާމެދު އަޅުގަނޑަށް ތަޞައްވަރުވެފައިވާ ބައެއް ކަންތައްތަކުގެ ވާހަކައެވެ. އިސްލާމީ ޝަރީޢަތުގެ މަތިވެރިކަމުގެ ވާހަކައެވެ. އެ ޝަރީޢަތަކީ ހުރިހާ ޒަމާނަކަށް ހުރިހާ ތަނަކަށް ފެތޭ ޝަރީޢަތެއްކަމުގެ ވާހަކައެވެ.

މިލިޔުުމުގެ އެހެނިހެން ބައިތައް