[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 37 “މުދަލާއި ފައިސާ ގިނަވެ، ޞަދަޤާތުގައި ހިފާނެ މީހަކު ނުވުން.”

qiyaamai vumuge

5. މުދަލާއި ފައިސާ ގިނަވެ، ޞަދަޤާތުގައި ހިފާނެ މީހަކު ނުވުން.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((لاَ تَقُومُ السَّاعَةُ حَتَّى يَكْثُرَ فِيكُمُ الْمَالُ، فَيَفِيضَ، حَتَّى يُهِمَّ رَبَّ الْمَالِ مَنْ يَقْبَلُهُ مِنْهُ صَدَقَةً، وَيُدْعَى إِلَيْهِ الرَّجُلُ، فَيَقُولُ: لاَ أَرَبَ لِي فِيهِ))[1] މާނައީ: “ތިޔަބައިމީހުންގެ ތެރޭގައި މުދާ ގިނަވެއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ. ފަހެ [މުދާތައް] ގިނަވެ ބަންޑުންވެދާނެތެވެ. މުދާވެރިޔާ އޭނާގެ މުދަލުން ޞަދަޤާތުގައި ހިފާނޭމީހާކުވޭތޯ އުޅެގެންފުމަށް ދާންދެނެވެ. އަދި އޭނާ މީހަކަށް ގޮވައިގެން ގެނެއެވެ. ފަހެ އެމީހާ ބުނެއެވެ: ތިމަންނާ ތިޔަށް ބޭނުންޖެހިގެން ނުވަމެވެ.”

އަދި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ މޫސާ رضي الله عنه ރިވާކުރައްވާފައި ވެއެވެ. ޙަދީޘްކުރެއްވިއެވެ: ((لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ يَطُوفُ الرَّجُلُ فِيهِ بِالصَّدَقَةِ مِنَ الذَّهَبِ، ثُمَّ لاَ يَجِدُ أَحَدًا يَأْخُذُهَا مِنْهُ))[2] މާނައީ: “ރަނުގެ ޞަދަޤާތާއިގެން ހިނގާ މީހުންވާ ޒަމާނެއް މީސްތަކުންގެ މައްޗަށް އަންނާނެއެވެ. އޭގައި ހިފާނެ އެކަކުވެސް ނުވާނެތެވެ.”

[ނަބިއްޔާ] صلى الله عليه وسلم ޚަބަރު ކުރައްވާފައި ގޮތުގައި ﷲ ތަޢާލާ މިއުންމަތުގެ މީސްތަކުން ތަނަވަސް ކުރައްވާނެކަން ކަށަވަރެވެ. އަދި ބިމުގެ ކަންޒުތައް އެބައިމީހުންނަށްޓަކައި ހުޅުއްވައި ދެއްވާނެތެވެ. އަދި އެކަލޭގެފާނުގެ އުންމަތުގެ މިލްކިއްޔާތު ބިމުގެ އިރާއި ހުޅަނގަށް ފޯރާނެއެވެ. ފަހެ ޘައުބާން رضي الله عنه، ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްގައި ވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ((إِنَّ اللهَ زَوَى[3] لِي الأَرْضَ، فَرَأَيْتُ مَشَارِقَهَا وَمَغَارِبَهَا، وَإِنَّ أُمَّتِي سَيَبْلُغُ مُلْكُهَا مَا زُوِيَ لِي مِنْهَا، وَأُعْطِيتُ الْكَنْزَيْنِ الأَحْمَرَ وَالأَبْيَضَ))[4] މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނަށްޓަކައި، މާތް ﷲ ބިންގަނޑު އެއްކޮށްލެއްވިއެވެ. ފަހެ އެތާނގެ މަޝްރިޤާއި މަޣްރިބް ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ. އަދި ތިމަންލޭގެފާނުގެ އުންމަތުގެ މިލްކިއްޔާތު، ތިމަކަލޭގެފާނަށްޓަކައި އެއްކޮށްލެއްވުނުހާވަރަށް ފޯރާނެއެވެ. އަދި ތިމަންކަލޭގެފާނަށް ރަތާއި ހުދުގެ ދެކަންޒު ދެއްވުނެވެ. [އެބަހީ: ކިސްރާއާއި ޤައިޞަރުގެ ރަނާއި ރިހީގެ ކަންޒުތަކެވެ.]”

އަދިވެސް ޙަދީޘްކުރެއްވިއެވެ: ((وَإِنِّي قَدْ أُعْطِيتُ مَفَاتِيحَ خَزَائِنِ الأَرْضِ، أَوْ مَفَاتِيحَ الأَرْضِ))[5] މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ބިމުގެ ޚަޒާނާތަކުގެ ތަޅުދަނޑިތައް ނުވަތަ ބިމުގެ ތަޅުދަނޑިތައް ދެއްވުނެވެ.”

އަދި ޢަދިއްޔު ބިން ޙާތިމް رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((بَيْنَمَا أَنَا عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذْ أَتَاهُ رَجُلٌ، فَشَكَا إِلَيْهِ الفَاقَةَ، ثُمَّ أَتَاهُ آخَرُ، فَشَكَا إِلَيْهِ قَطْعَ السَّبِيلِ، فَقَالَ: ((يَا عَدِيُّ، هَلْ رَأَيْتَ الحِيرَةَ؟)) قُلْتُ: لَمْ أَرَهَا، وَقَدْ أُنْبِئْتُ عَنْهَا. قَالَ: ((فَإِنْ طَالَتْ بِكَ حَيَاةٌ، لَتَرَيَنَّ الظَّعِينَةَ تَرْتَحِلُ مِنَ الحِيرَةِ حَتَّى تَطُوفَ بِالكَعْبَةِ لاَ تَخَافُ أَحَدًا إِلاَّ اللَّهَ)). قُلْتُ فِيمَا بَيْنِي وَبَيْنَ نَفْسِي: فَأَيْنَ دُعَّارُ طَيِّئٍ الَّذِينَ قَدْ سَعَّرُوا البِلاَدَ؟! ((وَلَئِنْ طَالَتْ بِكَ حَيَاةٌ لَتُفْتَحَنَّ كُنُوزُ كِسْرَى)). قُلْتُ: كِسْرَى بْنِ هُرْمُزَ؟ قَالَ: ((كِسْرَى بْنِ هُرْمُزَ. وَلَئِنْ طَالَتْ بِكَ حَيَاةٌ لَتَرَيَنَّ الرَّجُلَ يُخْرِجُ مِلْءَ كَفِّهِ مِنْ ذَهَبٍ أَوْ فِضَّةٍ، يَطْلُبُ مَنْ يَقْبَلُهُ مِنْهُ؛ فَلاَ يَجِدُ أَحَدًا يَقْبَلُهُ مِنْهُ…)).

قَالَ عَدِيٌّ: فَرَأَيْتُ الظَّعِينَةَ تَرْتَحِلُ مِنَ الحِيرَةِ حَتَّى تَطُوفَ بِالكَعْبَةِ، لاَ تَخَافُ إِلاَّ اللَّهَ، وَكُنْتُ فِيمَنِ افْتَتَحَ كُنُوزَ كِسْرَى بْنِ هُرْمُزَ، وَلَئِنْ طَالَتْ بِكُمْ حَيَاةٌ لَتَرَوُنَّ مَا قَالَ النَّبِيُّ أَبُو القَاسِمِ صَلَّى اللهُ عَلَيْهِ وَسَلَّمَ؛ يُخْرِجُ مِلْءَ كَفِّهِ))[6] މާނައީ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ތިމަންކަލޭގެފާނު ވަނިކޮށް މީހަކު އަތުވެއްޖެއެވެ. ފަހެ ފަޤީރުކަމާއި، ޙާޖަތަށް ޖެހިގެންވާ ކަމުގެ ޝަކުވާ އެކަލޭގެފާނަށް އުފުލައިފިއެވެ. އެއަށްފަހު އެހެން މީހަކު އަތުވެއްޖެއެވެ. ފަހެ [މަގުފޭރޭ މީހުންގެ ސަަބަބުން] ހޭދަތައް ކެނޑުމުގެ ޝަކުވާ އެކަލޭގެފާނަށް އުފުލައިފިއެވެ. ޙަދީޘްކުރެއްވިއެވެ: ‘އޭ ޢަދިއްޔު އެވެ. ކަލޭގެފާނު ޙީރާ ދެކެވަޑައިގަތިންތޯއެވެ؟’ ތިމަންކަލޭގެފާނު ދެންނެވީމެވެ: ތިމަންކަލޭގެފާނު އެތަން ނުދެކެމެވެ. އަދި އެތަނާބެހޭގޮތުން ތިމަންކަލޭގެފާނަށް ކިޔައިދެއްވުނެވެ. ޙަދީޘްކުރެއްވިއެވެ: ‘ފަހެ ކަލޭގެފާނަށް ދިގު ޢުމުރެއް ލިބިއްޖެނަމަ، ﷲ ފިޔަވައި އެހެން ފަރާތަކަށް ބިރުވެތިކަމެއް ނުވާޙާލު، ޙީރާއިން ފުރައިގެން ޖަމަލެއްގެ މަތީގައި އަންނަ އަންހެނަކު ގެފުޅުވަށައި ޠަވާފް ކުރާތަން ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ.’ ތިމަންކަލޭގެފާނު އަމިއްލަ ނަފްސަށްވިދާޅުވީމެވެ: ފަހެ ޤައުމުތަކާ ހަނގުރާމަކޮށްއުޅޭ މަގުފޭރޭ ޠައިއުޤަބީލާގެ މީހުން ކޮބައިބާވައެވެ! [ޙަދީޘް ކުރެއްވަމުން ގެންދެވިއެވެ.] ‘ކަލޭގެފާނަށް ދިގު ޢުމުރެއް ލިބިއްޖެނަމަ ކިސްރާގެ ކަންޒުތައް ހުޅުވާލެވިފައިވާތީ [ފެނިވަޑައިގަންނަވާނެއެވެ.] ވިދާޅުވީމެވެ: ކިސްރާ ބިން ހުރްމުޒް ހެއްޔެވެ؟! ޙަދީޘް ކުރެއްވިއެވެ: ‘ކިސްރާ ބިން ހުރްމުޒް އެވެ. އަދި ކަލޭގެފާނަށް ދިގު ޢުމުރެއް ލިބިއްޖެނަމަ، މީހުން އެބައިމީހުންގެ އަތްފުރާހައި ރަން ނުވަތަ ރިހި ހިފައިގެން ނުކުމެ އޭގައި ހިފާނެ މީހަކަށް އެދި، އޭގައި ހިފާނެ މީހަކު ނުވާތީ ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ.’

ޢަދިއްޔު ވިދާޅުވިއެވެ: ފަހެ ޙީރާއިން ފުރައިގެން ޖަމަލެއްގެ މަތީގައި އަންނަ އަންހެނަކު ﷲ ފިޔަވައި އެއްވެސް ފަރާތަކަށް ބިރުވެތިކަމެއް ނެތި ގެފުޅުވަށައި ޠަވާފްކުރާތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އަދި ކިސްރާ ބިން ހުރުމުޒް ގެ ކަންޒުތައް ހުޅުވައިލެވުނު މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ވީމެވެ. އަދި ތިޔަބައިމީހުންގެ ޢުމުރު ދިގުވެއްޖެނަމަ أَبُو القَاسِم، [އެބަހީ] ނަބިއްޔާ صلى الله عليه وسلم ވިދާޅުވި ކަންކަމުގެ ތެރޭގައި ހިމެނޭ، އަތްފުރޭހައި [ރަން ހިފައިގެން] ނުކުންނަތަން ފެންނާނެކަން ކަށަވަރެވެ.”

=ނުނިމޭ=

__________________________________________

[1] ((صحيح البخاري))، كتاب الفتن، (13/81-82-مع الفتح)، و ((صحيح مسلم))، كتاب الزكاة، باب كل نوع من المعروف صدقة، (7/97- مع شرح النووي).

[2] ((صحيح مسلم))، كتاب الزكاة، باب كل نوع من المعروف صدقة، (7/96- مع شرح النووي).

[3]  (زوي): އެބަހީ އެއްކޮށްލުމެވެ. މާނައީ: ﷲ ތަޢަލާ، އިތުރު އެކަލޭގެފާނު صلى الله عليه وسلم އަށްޓަކައި ބިންގަނޑު އެކަތިގަނޑަކަށް ހެއްދެވިއެވެ. އަދި އެތާނގެ އިރާއި ހުޅަނގު ފެނިއްޖެއުމަށްދާންދެން ކައިރިކޮށްލެއްވިއެވެ.

ބައްލަވާ: ((النهاية في غريب الحديث)) (2/320/321).

[4] ((صحيح مسلم))، كتاب الفتن وأشراط الساعة، (18/13- مع شرح النووي).

[5] ((صحيح مسلم))، كتاب الفضائل، باب حوض نبينا صلى الله عليه وسلم وصفته، (15/57-مع شرح النووي).

[6] ((صحيح البخاري))، كتاب المناقب، باب علامات النبوة في الإسلام، (6/610-611-مع الفتح)، و ((شرح السنة))، كتاب الفتن، باب ما يكون من كثرة المال والفتوح، (15/31-33)، تحقيق شعيب الأرناؤوط.